އެކަނި އުޅުނު ވަރަށް ޞާލިޙު، އަޅުވެރި މީހެއްގެ ވާހަކައެވެ. އޭނާގެގިނަ ވަޤުތުތައް ހޭދަކުރަނީ ނަމާދުކުރުމާއި ﷲއަށް ޛިކުރުކުރުމުގައެވެ. ދުވާލުގެ ވަޤުތު ރޯދަހިފައެވެ. ދުވަހަކަށްފަހު ދުވަހެއް ދީނީގޮތުން ކުރިއަރަމުންދާއިރު އަބަދުވެސް ހިންހަމަޖެހުމާ އުފާވެރިކަން އޭނާ އިޙްސާސް ކުރަމުން ދެއެވެ. އޭނާގެ ހިތަކަށް ނުބައި ޙިޔާލުތަކެއް ވެރިއެއްނުވެއެވެ. އަދި ނުބައި ޝަހުވަތްތަކެއްވެސް އޭނާގެ ހިތަކަށް ނުއެއްވަދެއެވެ.
އެއްރެއަކު އޭނާއަށް ހުވަފެނެއް ފެނުނެވެ. އެހުވަފެނުގައި އޭނާ ދިރިއުޅޭ އަވަށުގައިވާ ވިޔަފާރިވެރިއަކީ މިއަޅުވެރިޔާއަށްވުރެވެސް ތަޤުވާވެރި ޞާލިޙުމީހެއްކަމުގައި ފެނުނެވެ. އަދި އެމީހާ ގާތަށް ފައިދާ ޙާޞިލްކުރުމަށްޓަކައި ދިއުމަށް ހުވަފެނުގައި އިރުޝާދު ދެވެއެވެ.
ހެނދުނުވުމުން އެހުވަފެނާ މެދު ވިސްނައި، އެވިޔަފާރިވެރިޔާ ހޯދުމަށްޓަކައި އަޅުވެރިޔާ ހިނގައިގަތެވެ. އޭނާއަށް ފެނުނީ ވަރަށް އުފާވެރި މޫނަކާއެކު، ވިޔަފާރިވެރިޔާ، ވިޔަފާރީގެ ކަންކަމުގައި މަޝްޣޫލު ވެފައިވާ ތަނެވެ. ފިހާރައިގެ ކަނެއްގައި އިޝީނދެގެން އިނދެ އަޅުވެރިޔާ، އެވިޔަފާރި ވެރިޔާގެ ޙަރަކާތްތަކަށް ބަލަމުން ގެންދިޔައެވެ. މިވިޔަފާރިވެރިޔާގެ ކިބައިން އަޅުވެރިޔާއަށް މާ ޚާއްސަކަމެއް ފާހަގައެއް ނުވެއެވެ. ނަމާދު ވަޤުތު ޖެހުމުން ފިހާރަ ބަންދުކޮށް ނަމާދަށް ދެއެވެ. އަދި ނަމާދުން އަވަދި ވުމުން އަނެއްކާވެސް ވިޔަފާރީގެ ކަންކަމުގައި އަވަދިނެތި އުޅެއެވެ.
އަޅުވެރިޔާ ފިހާރައިގެ ކަނެއްގައި އިށީނދެގެން އިންތަން ފެނުމުން ވިޔަފާރިވެރިޔާ އޭނާކައިރިއަށް ގޮސް ސަލާމް ގޮވާލުމަށްފަހު ސުވާލުކުރިއެވެ. "ތިބާ އެއްވެސް އެއްޗެއް ބޭނުންވޭތޯއެވެ؟" އަޅުވެރިޔާ ޖަވާބުގައި ބުންޏެވެ. "ނޫނެކެވެ. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ. ނަމަވެސް ތިބާއާ ސުވާލެއް ކޮށްލަން ބޭނުމެވެ." އަދި އެއަށްފަހު ހުވަފެނުގަ ވީގޮތް ވިޔަފާރިވެރިޔާއަށް ކިޔައިދިނެވެ. ދެން ވިޔަފާރިވެރިޔާ ބުންޏެވެ. "އަހަރެން ތިވާގޮތް ކަޔައިދީފާނަމެވެ. ނަމަވެސް އޭގެކުރިން އަހަރެން ބުނާކަމެއް ކުރަންވާނެއެވެ." އަޅުވެރިޔާ ބުންޏެވެ "ތިބާ ބުނިކޮންމެކަމެއްވެސް ކުރަން އަހަރެން މިހުރީ ތައްޔާރަށެވެ."
ވިޔަފާރިވެރިޔާ، އަޅުވެރިޔާއަށް ދިރޭރަހަ އަޅާފައިވާ ވަތުތައްޓެއް ދިނެވެ. އަބި ބުންޏެވެ. "ބައިގަޑިރުތެރޭ މިވަތުތަށިހިފައިގެން ކުރިމަތީގައި މިއޮތް މަގު ނިމޭހިސާބަށް ގޮސްފައި އެނބުރި އަންނާށެވެ. އެނބުރި އަންނައިރު މި ދިރޭރަހަފޮދު ތަށީގައި ހުންނަންވާނެއެވެ." އަޅުވެރިޔާ އަވަހަށް ވަތުތަށި ހިފައިގެން ދުއްވައިގެންފިއެވެ. ބައިގަޑިއިރުތެރޭ އެނބުރި އައުމަށް ޓަކައި އަވަސްވެގަތީއެވެ. ދުއްވައިގަތުމާއެކު ދިރޭރަހަ ފޮދު ނުފޭބީ ކިރިޔާއެވެ. އެއާއެކު މަޑުޖެހިލައި ސަމާލުވުމަށް ފަހު ވަތުތައްޓަށް ބަލައިގެން މަޑުމަޑޫން ވަރަށް ފަރުވާތެރިކަމާއެކު ހިނގަން ފަށައިފިއެވެ. ދެން ހިތަށް އެރިއެވެ. މިހާ މަޑުންހިނގައިގެން ބައިގަޑިއިރުތެރޭ އެނބުރި ވިޔަފާރިވެރިޔާ ގާތަކަށް ނުދެވޭނެއެވެ. މިހެން ހިތައި އަނެއްކާވެސް ހިނގުން ބާރުކޮށްލިއެވެ. މިޙާލެއްގައި މަގުގެ ނިމޭހިސާބަށް ގޮސްފައި އެނބުރިއައިއިރު އަޅުވެރިޔާ ބައިގަޑިއިރުތެރޭ އައެވެ.
އަދި ވިޔަފާރިވެރިޔާއަށް ބުންޏެވެ. "މިހިރީ ތިބާގެ ދިރޭ ރަހަފޮދު އަނބުރައި ގެނެސްފައެވެ. ދެން އަހަންނަށް ހުވަފެނުގެ ތަޢުބީރު ކިޔައިދޭންވީ ނޫންތޯއެވެ." ވިޔަފާރިވެރިޔާ އެ އަޅުވެރިޔާއަށް ބަލާލުމަށްފަހު ސުވާލުކޮށްލިއެވެ. "ތިބާ މަގުގެ ނިމޭހިސާބަށް ގޮސް ތިއައި އައުމުގައި ﷲމަތިން ހަނދާންވީ ކިތަށްފަހަރުތޯއެވެ؟" އަޅުވެރިޔާ ޙައިރާންކަމާއެކު ޖަވާބުގައި ބުންޏެވެ. "އަހަންނަށް ﷲގެ މަތިން ކުޑަކޮށްވެސް ހަނދާންކޮށެއްނުލެވެއެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުރީ އެވަތުތައްޓަށާއި އޭގައިވާ ދިރޭރަހަ ފޮދަށެވެ. އެދިރޭރަހަފޮދު ވެރިދާނެތީ އަހަރެން ހުރީ އެކަމަށް ވަރަށް ފަރުވާތެރިވެގެންނެވެ." ދެން ވިޔަފާރިވެރިޔާ ހަމަޖެހިލާފައި ކިޔައިދިނެވެ "އެކަމަކު އަހަރެން އަބަދުވެސް ﷲ މަތިން ހަނދާންކުރަމެވެ. އަހަރެން މިކުރާ ވިޔަފާރިއަކީ ވަތުތަށްޓަށް އަޅާފައިވާ ދިރޭރަހަ ފޮދެއް ހިފައިގެން ހިނގުންކަހަލަ ކަމެކެވެ. އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، ތެދުވެރިކަމާއެކު މެނުވީ ވިޔަފާރިކުރަން އަންނަމީހުންނާ އަހަރެން ކުރިމައްޗެއް ނުލަމެވެ. އެހެންމީހަކާ ވިޔަފާރީގެ މުޢާމަލާތެއް ކުރާނަމަ، އަބަދުވެސް ﷲ މަތިން ހަނދާންކުރަމެވެ."
އާދެ ވިސްނާލައްވާ! ވިޔަފާރިވެރިންނާއިގެން ބާޒާރުތައް ތޮތްޖެހެމުންދާއިރު، މިފަދަ ދެދުވެރިކަމާއި އިޚްލާޞްތެރިކަމަކާއެކު ވިޔަފާރި ކުރަނީ ކާކުތޯއެވެ؟ ރިޒުޤަކީ ﷲ ދެއްވާ އެއްޗަކަށްވާއިރު، އެރިޒުޤު ހޯދުމަށްޓަކައި މަކަރާއި ޙީލަތް ހެދެނީ ކީއްވެގެންތޯއެވެ؟ ތެދުވެރި އިޚްލާޞްތެރި ވިޔަވާރިވެރިންނަށް އިތުރުކޮށްދެއްވައި ހެޔޮޖަޒަ ދެއްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރުދެއްވައި ﷲ ޞުބުޙާނަހޫ ވަޠަޢާލާ ނޫރުސޫރަތުގައި ވަޙީކުރަށްވާފައި ވެއެވެ. رِجَالٌ لَّا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَن ذِكْرِ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ ﴿٣٧﴾لِيَجْزِيَهُمُ اللَّـهُ أَحْسَنَ مَا عَمِلُوا وَيَزِيدَهُم مِّن فَضْلِهِ ۗ وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٨﴾ ﴿سورة النور37-38﴾
މާނަ: "އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيح ކިޔައި ނަމާދުކޮށް އުޅޭ ފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއް اللَّه ގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائم ކުޅައުމުންނާއި، زكاة ދިނުމުން، އެއުރެން مشغول ކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި، ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިދާ ދުވަހަށް، އެއުރެން ބިރުވެތިވެތެވެ. އެއުރެން عمل ކުޅަ އެންމެހެޔޮގޮތަށް، اللَّه އެއުރެންނަށް ހެޔޮ ޖަޒާ ދެއްވުމަށްޓަކައެވެ. އަދި އެއިލާހު فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. اللَّه، އެއިލާހު އިރާދަކުރައްވާ މީހަކަށް، ވަކި މިންވަރެއްނެތި رزق ދެއްވަތެވެ."















ޚިޔާލު