އަހަންނަކީ ޢުމުރުން 22 އަހަރުގެ ޒުވާން އަންހެންކުއްޖެއް. މީގެ ކުރިންވެސް، ނަމާދު ކުރުމާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުކުރުމާއި، މީސްތަކުންނާއި ރިވެތިބަހުން މުޢާމަލާތް ކުރުމުގައި އަހަންނަކީ ދީންވެރިޔަކީމު. ނަމަެސް އަހަންނަކީ ޢުމުރުން 15 އަހަރުއްސުރެ ފިރިހެންކުދިންނާއެކު ގުޅުން ބާއްވަމުން އައި މީހެއް. އެއީ ވަރަށް ދެރަކަމެއްކަން އަހަރެން މިޙާރު ޤާބޫލު ކުރަން. އެއީ އަހަރެންގެ ޙަޔާތުން ބޭކާރުވެގެން ދިޔަ ދުވަސްތަކެއް. އޭރު އަހަރެންގެ ޙާލަތަކީ، އެއްޒުވާން ފިރިހެންކުއްޖެއްގެ އަތްދަށުން އަނެއް ޒުވާން ފިރިހެންކުއްޖެއްގެ އަތްދަށް ދިއުން. އެމީހުން އަހަރެން ގެންނުޅެނީ، އެމީހުންގެ އަތުތެރޭގައިވާ ކުޅޭ ކުޅޭ އެއްޗެއް ފަދައިން ކުޅެލަކުޅެލާ. ﷲގެ ރަޙްމަތުން، މިއަދާ ހަމައަށް އަދި އަހަރެންގެ ހަށިގަނޑުގެ ޝަރަފު ސަލާމަތުން އޮތް ނަމަވެސް، ނަފްސުގެ ޝަރަފު ވަނީ ވެއްޔާއި މޮޑެވިފަ. އަހަރެން މިފަދަ ޙާލެއްގައި ޒުވާން ޖިންސުއްލަޠީފުންގެ އަތްދަނޑިމަތިން އަތްގޮށިތެރެއިން އަހަރެންގެ ޢުމުރުން 20 އަހަރު ހޭދަކުރިން. މިހުރިހާ ފިރިހެނުންގެ ކިބައިންވެސް އެއްކަހަލަ ހިތި ތަޖުރިބާ ތަކެއް ކުރެވި، މާޔޫސް ވީލެއްބޮޑުކަމުން، ކުރީގައި އުޅުނުފަދައިން ފިރިހެންކުދިންނާއި ވާހަކަދައްކައި ނޫޅުމަށް އަހަރެން ޢަޒުމް ކަނޑައެޅިން. އެމީހުންގެ އެދުމަކީ ހިންހަމަޖައްސާލައި ވަޤުތުކޮޅެއް ހޭދަކޮށްލުން. ކައިވެނީގެ ގޮތުން ގުޅުމެއް ނޫން. އަހަރެންގެ ހިތާހިތާ އެދުވަހު ބުނެލިން. "ލޯބިވެ ފިރިހެންކުދިންނާ ގާތްގުޅުން ބޭއްވުމަށް ދެން ބުނާނީ ނޫނެކޭ".
އެއްދުވަހަކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއެކު ބޭރަށް ދިޔައިން. އަހަންނަކީ ބުރުގާއަޅައި ނިވާވެގެން އުޅޭ މީހެއް ނޫން. އަހަރެންގެ އެކުވެރިޔާއަކީވެސް ބުރުގާއަޅައި ނިވާވެގެން އުޅޭ މީހެއް ނޫން. ކޮންމެއަކަސް އަހަރެމެން ދެމީހުން ކާރުގައި ދުއްވާފައި ދިޔަ ދިއުމުގައި އަހަރެން ބުނެލިން. "އޭ މިވެނި ލަވައެއް އަޑުއެހިންތަ. އެއީ ހާދަހާވާ ރިވެރި ލަވައެކޭ ދޯ!" އޭނާ ޖަވާބުގައި ބުނެލި. "އަހަރެން ލަވައެއް އަޑެއްނާހަން." އަހަރެން އަހާލިން "އެއީ ކީއްވެ؟" އޭނާ ޖަވާބުގައި ބުނެލި "ލަވަޔާއި މިޔުޒިކަކީ ޙަރާމް ކަންތައް ތަކެއް". އަހަންނަށް މާ ކުރީއްސުރެވެސް އެނގޭ އެއީ ޙަރާމް ކަންތައްތައް ކަން. އެހެންވެ ބަސްހުއްޓި އަނގަމަޑޫންލައިގެން ހުރިން.
ގެއަށް ދިއުމަށްފަހު ހުރިހާ ލަވަ ސީޑީތަކެއް އުކާލައިފިން. އަހަރެން ހިތާހިތާ ބުނެލިން. "މިޔުޒިކާއި ލަވައަކީ ޙަރާމް ތަކެތިކަން އަހަންނަށް އެނގޭޢިރު، އެތަކެތި މިއަޑުއަހަނީ ކީއްވެ؟" އަހަރެންގެ އެކުވެރިޔާއަކީ ހަމަގައިމުވެސް އަހަންނަށްވުރެ ރަނގަޅުކަން ބޮޑުމީހެއްނޫން. އަހަރެން ހިތާހިތާ ބުނެލިން. " ލަވަޔާއި މިޔުޒިކަކީ ޙަރާމްތަކެއްޗަށް ވީއިރު، މިއަދަށްފަހު ލަވަޔާއި މިޔުޒިކަށް ބުނެލަންއޮތީ ނޫނެކޭ. އެކަމަށްޓަކާ އަހަރެންގެ އެކުވެރިޔާއަށް ޝުކުރުކުރިން. އޭގެފަހުން، ގެއެިން ނުކުމެ މަގުމަތީގައި ގިނައިން އުޅޫން މަދުކޮށް ހަމަ ކޮންމެހެން ނުކުންނަން ޖެހިގެންނޫނީ ބޭރަށް ނުދިއުމަށް ނިއްމައިފިން. މިގޮތުގައި ރަމަޟާންމަސް އަންނަންދެން އަހަރެން ދެމިހުރިން. ރަމަޟާން މަސްއައުމާއެކު ޢާދަޔާ ޚީލާފު އުފާވެރިކަމެއް އަހަންނަށް ވެރިވި. އެއީ ރަމްޟާންމަހާ ހަމައަށް އަހަރެންވެ ވެރި ރައްބު އަހަރެން ދުނިޔޭގައި ލެހެއްޓެވީތީ. މިމަހުގައި ﷲ އަށް އަޅޫކަން އަދާކުރުމަށް އެދެވޭތީ. އެހެނަސް ރަމަޟާން މަސް އައިސް މިސްކިތަށް ތަރާވީސް ނަމާދަށް ދިއުމުގައްޔާއި. ޤުރްއާން ކިޔަވައި އުޅުމުގައްޔާއި، މަގުމައްޗަށް ނިކުމެ އުޅުމުގައި ޢާދަޔާ ޚިލާފު ހިއްދަތިކަމަކާއި ހާސްކަމެއް އިޙްސާސް ކުރެވޭ. ތަރާވީސް ނަމާދުގައި އަހަންނަށް ވަރަށް އަސަރުކޮށް ރޮވޭގޮތްވެސްވޭ. އަހަރެންގެ އެކުވެރިޔާ އެކަމާ ސުވާލުކުރުމުން އަހަރެންގެ ޖަވާބަކަށްވީ "އަހަރެންގެ މިހިތާމަޔާއި ހާސްކަމުގެ ސަބަބެއް ނޭނގޭ". މިފަދަ ޙާލެއްގައި ރަމަޟާން މަހުގެ ފުރަތަމަ ދެހަފްތާ ވެއަތުވެގެން ހިނގައްޖެ. އޭގެ ފަހުން އެއްރެޔަކު. އެ ރެއަކީ ވިއްސާރަ ރެއެއް. އަހަންނާއި އެކުވެރިޔާ ދިޔައީ ތަރާވީޙް ނަމާދަށް. އެކަމަކު މިސްކިތު އެތެރެން ޖާގަ ނުލިބިގެން އަހަރެމެން ސަފުހެދީ މިސްކިތުން ބޭރުގައި ހަދާފައިވާ އަންހެނުންގެ ސަފުތަކުގައި. އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދޭ. ވިތުރީގެ ފަހު ރަކުޢަތުގައި އިމާމް ވަރަށް އަސަރުގަދަ ގޮތަކަށް ދުޢާ ކުރަމުން ދިޔަ. ހިމަފޮދު ވާރޭގައި މަޑުމަޑުން ތެމެމުންދާ ޙާލު ރުއިމުގެ އަޑާއި ގިސްލުމުގެ އަޑުން މުޅި ޖަމާޢަތް ހަލަބޮލިވެފައިވޭ. އަހަރެންގެ ވެސް ކޯތާފތުގެމަތިން އޮހޮރެމުން ދިޔަ ކަރުނަތައް ވާރޭފެނާ އެކުވެގެން ފައިބަމުންދޭ. އިމާމްގެ ދުޢާގައި މުސްލިމުން ޒުވާނުން އިޞްލާޙު ކޮށްދެއްވުމަށާއި، މުސްލިމު އަންހެނުން ޢިއްފަތްތެރި ވުމަށާއި، އެކަނބަލުންގެ ހިތް ތަކުގައި ނިވާވެ ފަރުދާވުމަށް ލޯބި ޖެއްސެވުމަށް ދުޢާކުރީ ނުހަނު އަސަރާއެކު. ނަމާދު ނިމުމުން އަހަރެންގެ އެކުވެރިޔާއާ ދިމާލަށް އެނބުރިލާފައި އަހަރެން ބުނިން. އަހަރެން ވަރަށް އަވަހަށް ބުރުގާ އަޅާނަން އިން ޝާ ﷲ. އަހަރެންވެސް އެކީގައި ބުރުގާ އަޅައި ނިވާ ޥާނަން. އެއަށްފަހު ޖެހިގެން އައި ދުވަހު އަހަންނާއި އަހަރެންގެ އެކުވެރިޔާ ބުރުގާއަޅައި ނިވާވެ، މުޅީން އެހެންބަޔަކަށް ވެއްޖައިމު. ދީނީ ދަރރސްތަކާއި ވަޢުޘްތަކާއި ނަސޭހަތް ތައް އަޑުއަހަން ފަށައިފިން. އެއީ ދީންވެރިކަމާއި އީމާންކަން އަހަރެންގެ ނާރުތަކުގައި ހިނގާލޭ ފަދައިން އަހަރެންގެ ހަށިގަނޑުގައި ހިނގަ ހިނގައި ހުރުމަށް. މިއީ އަހަރެންގެ ތަޢޫބާގެ ވާހަކަ. އަހަރެންގެ ދުޢާއަކީ މިތައުބާގެ މަތީގައި ދެމިހުރެވޭނެ ގޮތް ލެއްވުން.
ލޮބުވެތި އަޚުންނާއި އުޚްތުންނޭ. މިވާހަކައިން ޢިބްރަތް ޚާސިލުކޮށް އިޞްލާޙުވާން މަސައްކަތް ކުރަށްވާ. ތިބާ އިޞްލާޙުވުމަށް އެތައް ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް، އެކަމަށް ތިމާ އިސްނަގައި އަމިއްލައަށް އިޞްލާޙުވާން އުޅެގެން މެނުވީ އެކަން ކާމިޔާބު ނުވެދާނެ.















ޚިޔާލު