ވައްކަމަކީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކަމެކެވެ. ވައްކަމުގެ ސަަބަބުން އޭނާގެ އަގުމީސްތަކުންގެ މެދުގައި ވެއްޓިގެން ދާކަމެކެވެ. ކަނޑައެޅިފައިވާ އެންމެހައި ޝަރުޠުތަކެއް ފުރިހަމަވެ ވައްކަން ކުރާމީހާގެ މައްޗައް ހުކުމް ތަންފީޛު ވެގެން ދާހާލަތުގައި އޭނާގެ އަތްބުރި ކުރެވިގެންދާ ދިޔުމަކީ އޭނާގެ ބާކީ މުޅިޙަޔާތެސް އެކަމާ ދެރަވެ ހިތާމަކޮށް ، ލަދުވެތިވާންޖެހޭ ސަބަބެކެވެ. ވައްކަމަކީ މާތްﷲގެ ރަސޫލާ ލަޢުނަތް ލައްވާފައިވެއެވެ. މުޖުތަމަޢުގެ އެހެން ފަރުދުންގެ ހައްޤުގައިވެސް ކުރަންޖެހޭކަމެކެވެ. މިއަދަބު ތަންފީޛު ކުރުމުގައި މުއްސަންޖެއް ފަގީރެއް ތަފާތުކުރުމެއްނެތި ހުރިހައި އިންސާނުންގެ ހައްޤުގައިވެސް ކުރަންޖެހޭކަމެކެވެ. އަދި ކީރިތިރަސޫލާ ސައްލައްﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި މަޚުޒޫމީ އަންހެނަކު ވައްކަން ކުރުމުން ކީރިތި ރަސޫލާގެ އަރިހުން އުސާމާ ބިން ޒައިދު ޝަފާޢާތް ތެރިވުމަށް އެދުމުން އެކަމާއި އެކަލޭގެ ފާނު ކޯފާ އިސްކުރައްވާފައިވެއެވެ. އެގޮތަށް ދޫދިނުމަކީ ކުރީގެ ޤައުމުތަށްވެސް ހަލާކު ވެގެން ދިޔަ ސަބަބު ތަކުގެ ތެރެއިން ސަބަބެއްކަމުގައި އެކަލޭގެ ފާނު ބަޔާކުރެއްވިއެވެ.
މީގެ 1400 އަހަރުކުރިން އިސްލާމްދީނުގައި މުދާހޭދަކުރުމާއި ، އަދި މުދާބޭނުންކުރުމުގެ އުސޫލުތަކާއި ޤަވާއިދުތަށް ބަޔާންކުރެވިފައިވެއެވެ. ނަމަވެސް އިސްލާމްދީނުގެ ޢަދާވާތްތެރިން އިސްލާމްދީނުގައި ބަޔާންކޮށްފައިވާ މަންހަޖުން ބޭރުން މިއުސޫލުތަށް ބަޔާންކުރުމުގައި އަވަދިނެތި މަސައްކަތްކުރަމުން ދެއެވެ. އަދި އިސްލާމްދީނުގައި ކަނޑައެޅިފައިވާ މަތިވެރި އުސޫލުތަކާއި މެދު ޝައްކު އުފެދޭބީދައިން މުޢާމަލާތް ކުރުމަށް މަޖްބޫރު ކޮށްފައިވަނީ މުދާހޭދަކުރުމާއި އެއިން ފައިދާލިބެނިވި ހުރިހައި ބާރުތަކެއް އެފަރާތްތަކުގެ އަތްމައްޗައް ގެނެއުމަށް ފަހުގައެވެ. އަދި ނުހައްޤުން ހޯދޭކޮންމެ މުދަލަކީ އެއިގެ ސަބަބުން އިންސާނީ ދަރިފަސްކޮށް އެއިގެ ނޭދެވޭ އަސަރުކުރަމުން ދާކަމެކެވެ.
އެއިރުވެސް މިހާރުވެސް އިސްލާމްދީން އަންގަވާފައިވާ ގޮތަށް މުދަލުގެ ކުރެވޭ އެންމެހައި މުޢާމަލާތަކީ ދުނިޔެވީގޮތުންވެސް އިންސާނިއްޔަތަށް އެންމެފައިދާ ހުރި އުސޫލުތަކެއްކަން ފެންނަން ހުރިހަޤީގަތްތަކުން އެނގެއެވެ. ހައްދު ޤާއިމް ކުރުމަކީ މުޖްތަމަޢުގެ ކާމިޔާބާއި ފަލާހަށް އޮތް އެންމެ ރަގަޅުގޮތެވެ.
މަޢުޟޫޢު އިޚްތިޔާރު ކުރިސަބަބު :
އިސްލާމްދީނުގެ އަދާވާތްތެރިންނާއި ، އިސްލާމްދީނުގެ މިހުކުމް ތަންފީޛު ކުރެވުނު ފުރަތަމަ ދުވަރުގައިވެސް އެއީ އިންސާނުންނަށް ދެވޭ ލާއިންސާނީ އަދަބެއް ކަމުގައި ބުނެފައިވެއެވެ. މިހާރު އެފިކުރު އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ދެކެވޭ ގޮތް މަދެއްނޫނެވެ. އެގޮތުން މިލިޔުމުން އެފަދަ މައްސަލަ ހައްލުކުރުމުގައި ބަލަންޖެހޭ ގޮތާއި އަމަލުކުރަންޖެހޭ އުސޫލު ކިޔުންތެރިންނަށް ފަސޭހަވާ ގޮތަކަށް ބުނެދިނުމެވެ. އަދި ވައްކަމާއި ގުޅިގެން އަތްބުރިކުރުމަކީ ވައްކަން ކުރާފަރާތަށް ގިނަގޮތްގޮތުން އޯގާތެރި ވުމުގެ ގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެސަބަބާއި ހުރި މިމަޢުޟޫއު އިޚްތިޔާރު ކުރުމަށް ގަސްދުކުރީމެވެ.
އިސްލާމީ ޝަރީޢަތުގެ މަޤްސަދުގެ މަފްހޫމު:
އާންމު ވިސްނުމުން ބަލާއިރު ތިމާއަށް އެއީ މަސްލަހަތެއްގެ ގޮތުގައި ޤަބޫލުކުރެވޭކަމެއް އެއީ މަސްލަހަތެއް ނޫންކަމުގައި ވެގެން ހިނގައިދާނެއެވެ.، އިސްލާމީ ޝަރީއަތުގައި މަސްލަހަތެއްގެ ގޮތުގައި ބެލެވޭނީ ޝަރީއަތުން ޝަރީއަތުން ބައްލަވާ މިންގަނޑުގެ ތެރެއިންނެވެ.
އެގޮތުން ތިމާ ހާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާޞިލުވުމުގެ ގޮތުން ބާރުގެބޭނުންކޮށްގެން ނުވަތަ މަޤާމާއި ޖާހަތު ބޭނުންކޮށްގެން ތިމާއަށް ފައިދާ ހުރިކަމެއްކުރި ނަމަވެސް އެފަދަ ކަންތައްތަކަކީ ދުނިޔެވީ ގޮތުންނާއި އުޚްރަވީ ގޮތުންވެސް ގެއްލުން ހުރިކަންތައްތަކެވެ. ހުއްދަ ކަންތައްތަކާއި ހުއްދަ ނޫންކަންތައް ތަކަކީ ކޮބައިކަން އެނގުމަކީ ތިމާގެ ދެދުނިޔެ ކާމީޔާބްވުމަށް މަސައްކަތް ކުރުމަށް މަގުފަހިވެގެންދާ ކަމެކެވެ.
އިސްލާމީ ޝަރީއަތުގައި އައިސްފައިވާ އެންމެހައި ހުކުމްތަކަކީ އިންސާނިއްޔަތުގެ މަސްލަހަތަށްޓަކައި ކަނޑައެޅިފައިވާ ކަންތައް ތަކެވެ. އަދި އެއާއި ނުލައި އެއިންސާނެއްގެ ދިރިއުޅުން ރަގަޅު ދިރިއުޅުމެއްގެ ގޮތުގައި ނުވާނޭކަންތައް ހިމާޔަތް ކުރުމުގެ ގޮތުން ކަނޑއެޅިފައިވާ ކަންތައްތަކެވެ. އެއީ ދީނާއި ، ނަފްސާއި ، މުދަލާއި ، އަބުރު ނުވަތަ ދަރިފަސްކޮޅާއި ، ބުއްދިއެވެ. މިފަސްކަންތަކަށް ގެއްލުންވާ އެންމެހައި ޢަމަލުތަކަށް އިސްލާމީ ޝަރީޢަތުގައި އަދަބު ކަނޑައެޅި އަދި އުޚުރަވީ އަދަބުވެސް ކަނޑައެޅިފައިވާކަން ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވެއެވެ.
މުދަލައް ރައްކާތެރިވުމުގެ މުހިއްމުކަން
އިންސާނާގެ ހަޔާތުގައި މާތްﷲ ދެއްވާފައިވާ މުދަލަށް ރައްކާތެރިވުމުގެ ގޮތުން މާތްﷲ ހުކުމްތައް ކަނޑަ އަޅުއްވާފައިވެއެވެ. މުދަލަކީ މާތްﷲ މާތްކުރައްވާ ހުރުމަތް ތެރިކުރައްވާފައިވާ އެއްޗެކެވެ. އަދި އިސްލާމީ ޝަރީއަތުގައި އެމުދަލެއް ހިމާޔަތް ކުރުމަށް އަންގާފައިވާ މުދާގެންގުޅުމަށްވެސް މާތްﷲ ގޮތްތަކެއް ކަނޑައަޅުއްވާފައިވެއެވެ. އަދި އެމުދާ ނަހަމަގޮތުގައި ބޭނުންކުރާ ނުވަތަ ލިބިގަންނަ ފަރާތާއި މެދު އަމަލުކުރާނެ ގޮތްތަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާ ބަޔާންކުރައްވާފައިވެއެވެ. އެހެނީ އެމުދަލަކީ ޝަރީއަތުގައި އަގުހުރިއެއްޗެކެވެ. ދިރިއުޅުމުގެ ހަޔާތް އާރާސްތު ކުރުމަށް އެންމެ މުހިއްމު އެއްޗެއްގެ ގޮތުގައި މުދާލައްވާފައިވެއެވެ.
އަދި މުދާ ރައްކާތެރިކުރުމަކީ އެއަށް ލިބޭގެއްލުމުން އެމުދާ ސަލާމަތް ކޮށް ބެލެހެއްޓުން އެކަނިނޫނެވެ. އެއިގެ މުރާދަކީ ދުނިޔެ އާރާސްތުކުރުމާއި ، އެއަށް ބޭނުން ޖެހިފައިވާ ފަރާތްތަކުގެ ބޭނުން ފުއްދައި ދިނުންކަމާއި ، އެހެން ފަރާތްތަކުގެ ހައްޤުތައް ވެސް އެމުދަލުން އަދާކުރުމެވެ.
މުދާލިބިފައިވާ ހާލަތުގައި މުދަލަށް ރަށްކާތެރިވުމަށް ކަންތައް ކުރަންވާގޮތް
މުދާ ލިބިގަންނަންޖެހޭ ގޮތް :
މުދާހަލާލުގޮތުގައި ލިބިގަތުމަށް ޓަކައި އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރެއްވުމުގެ ގޮތުން މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވަނީ ﴿ فَإِذَا قُضِيَتِ الصَّلَاةُ فَانتَشِرُوا فِي الْأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ ﴾ . ނަމާދު ޤާއިމުކުރުމަށް ފަހުގައި ހަލާލުގޮތުގައި ރިޒުޤު ލިބިގަތުމަށް މަސައްކަތް ކުރުމަށް އަންގަވާފައިވެއެވެ.
މުދާ ހޭދަކުރުމަށް އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާގޮތް .
މާތްﷲ މުސްލިމު މީހާއަށް ދެއްވާފައިވާ މުދަލުގައި އެހެން މީހުންގެ ހައްޤުތައް ވާކަން އަންގާފައިވެއެވެ. އެގޮތުން އޭނައަށް ދެއްވާމުދަލަކީ އޭނަގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް އަދާކުރުމަށް ވާޖިބު ވެފައިވާ ހާލަތްތަކުގައި ނުވަތަ މުސްތަހައްބުވެފައިވާ ހާލަތުގައި އެދެފަރާތުން ކުރެފަރާތަކަށް އަދާކުރުމަށް ދެއްވާފައިވާ މުދަލެކެވެ. އަދި ދުނިޔެ އާރާސްތުކުރުމުގެ ގޮތުން ހެޔޮކަންތަކަށް ހޭދަކުރަށް ދެއްވާފައިވާ މުދަލެކެވެ.
ޒަކާތުގެ ހުކުމް ބަޔާންކުރުން
ޒަކާތަކީ ވަރަށް މަތިވެރި އަޅުކަމެއްގެ ގޮތުގައި މާތްﷲ ލައްވާފައިވާކަމެކެވެ. އެމުދަލުން ޒަކާތް އަދާކުރުމަކީވެސް މުދާރައްކާތެރި ކުރުން ކަމުގައި މާތްﷲ އަންގަވާފައިވެއެވެ. އެއިގެ ސަބަބުން އެމުދަލުގައި މާތްﷲ ބަރަކާތް ލައްވާ މުޖްތަމަޢުގެ އަފްރާދުންގެ މެދުގައި އުފާފާގަތިކަމާއި ހިތްހަމަޖެހުން ލިބެއެވެ.
ގެއްލުން ހުރިގޮތެއްގައި މުދާ ހޯދުމަށް ހަރާމް ކުރައްވާފައިވުން.
މާތްﷲ ހަރާމް ކުރައްވާފައިވާ އެއްވެސް ގޮތަކަށް ފައިދާ ލިބިގަނެ އެފައިދާއެއް ނުވަތަ އެމުދަލެއް ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި އެއީ ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާ ވިޔަފާރި ނުވަތަ އެހެން މުޢާމަލާތުގެ ތެރެއިން ކަމުގައި ވިޔަސްމެއެވެ. އެހެނީ އިސްލާމްދީން އެއްވެސް ފަރާތަކަށް ގެއްލުން ދިނުމަށް އަދި ގެއްލުން ލިބިގަތުމެއް ނުވާކަން އަންގަވާފައިވެއެވެ. ބާތިލުގޮތުގައި މުދާހޯދުމާއި ، ރިބާ ހާރާމް ކުރައްވާ މާތްﷲ ވަހީކުރައްވާފައިވަނީ ﴿ وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا ﴾ . ވިޔަފާރި ކުރުން ހުއްދަކުރައްވާ ރިބާ ވަނީ ހަރާމް ކުރައްވާފައެވެ.
މުދަލަށް ގެއްލުން ދޭފަރާތަށް އަދަބު ކަނޑައަޅުއްވާފައިވުން:
މީސްތަކުންގެ މުދާ ނުހައްޤުން ފޭރި އަތުލައިގަންނަ ފަރާތަށް އިސްލާމީ ޝަރީޢަތުގައި އުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން ވައްކަން ކުރާ ފަރާތެއްގެ އަތްބުރިކުރުން މާތްﷲ ކީރިތި ޤުރުއާނުގައި އަންގަވާ ވަޙީކުރައްވާފައިވެއެވެ. ﴿ وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ وَاللّهُ عَزِيزٌ حَكِيمٌ ﴾ ވައްކަން ކުރާ ފިރިހެންމީހާ އާއި ވައްކަން ކުރާއަންހެން މީހާގެ އަތް ކެނޑުމަށް އަންގަވާފައި ވުމުގެއިތުރުން މަގުފޭރޭ މީހުންނާއި އެފަދަ އެހެން މީހުންނަށްވެސް އަދަބު ކަނޑައަޅުއްވާފައިވެއެވެ. މާތްﷲވަނީ މުދަލަށް ގެއްލުން ދިނުމާއި ، މުދާ ބޭކާރުގޮތުގައި ހޭދަކުރުމާއި މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމާއި ، މުދާ ހޭދަކުރުމަށް އެންގެވިގޮތާއި ޚިލާފަށް މުދާ ހޭދަކުރުމާއި ، ރައްކާކުރުމަށް އަންގާފައިވާ މިންވަރަށް ވުރެ އިތުރަށް ޝަރީއަތުން އަންގާފައިވާ ގޮތާއި ޚިލާފަށް ރައްކާކުރުމާއި ،އަދި ހޭދަކުރުމަކީ ހަރާމް ކަމެއްކަމުގައި ކަނޑައަޅުއްވާފައިވެއެވެ.
ޢާންމު މުދަލަށް ގެއްލުން ދިނުން ހަރާމްކުރައްވާފައިވުން:
މީސްތަކުންގެ ޢާންމު ފައިދާއަށްޓަކައި ތައްޔާރު ކުރެވިފައިވާ ތަންތަން މިސާލަކަށް ކުޑަކުދިންގެ ޕާރކް ، ފަސޭހަގޮތެއްގައި ހިނގާ ބިނގާ އުޅުމަށް ހާދަފައިވާ މަގުތަކާއި އެނޫންވެސް ޢާންމު ރައްޔިތުން ގެ ފައިދާއަށް ތައްޔާރު ކުރެވިފައިވާ މިފަދަ ތަންތަނެވެ.
އިސްލާމްދީނަކީ އިންސާނީ ކަރާމާތް ގެއްލޭ ފަދަގޮތަށް ވައްކަމުގެ ހައްދު ޤާއިމްކުރާ ދީނެއްނޫންވެ.
ވައްކަން ކުރުން :
ޙައްދު ޤާއިމު ކުރުން ވާޖިބުވާ ވައްކަމުގެ މާނައަކީ، އެހެން މީހެއްގެ މުދަލެއް، އަމިއްލައަށް މިލްކު ކުރުމުގެ ނިޔަތުގައި، ސިއްރު ގޮތެއްގައި، ރައްކާކޮށްފައިވާ ތަނަކުން، ނެގުމެވެ. ޙައްދު ޤާއިމު ކުރެވޭނީ ވައްކަމުގައި މި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވުމުންނެވެ. ހ- އެހެން މީހެއްގެ މުދަލަކަށް ވުން . ށ- އެ މުދަލަކީ އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭ ނުވަތަ އުފުލޭ ، ގެންދެވޭ މުދަލަކަށް ވުން ނ- އެ މުދަލަކީ އަގެއް ހުރި އެއްޗަކަށް ވުން. އިސްލާމީ ޝަރީޢަތުގައި ހުއްދަކުރައްވާފައިވާ މުދަލަކަށްވުން. ރ- ނިޞާބު ހަމަވާވަރުގެ އެއްޗަކަށް ވުން. ބ- ޙައްދު ޤާއިމު ނުކުރެވޭފަދަ އެއްވެސް ޝައްކެއް ނެތުން.
ވައްކަން ކުރާމީހާއަށް ދީނުގައި ކަނޑައެޅިފައިވާ ޙައްދަކީ އަތް ބުރި ކުރުމެވެ. ދަލީލަކީ : وَالسَّارِقُ وَالسَّارِقَةُ فَاقْطَعُواْ أَيْدِيَهُمَا جَزَاء بِمَا كَسَبَا نَكَالاً مِّنَ اللّهِ މާނައަކީ: ''ވައްކަން ކުރާ ފިރިހެނާއާއި ވައްކަން ކުރާ އަންހެނާއާއި ދެ މީހުންގެ އަތްތައް ފަހެ ތިޔަބައި މީހުން ބުރިކުރާށެވެ. އެއީ އެ ދެމީހުން ކުޅަ ކުށަށް ޖަޒާއެއްގެ ގޮތުން މާތް ﷲ ގެ ޙަޟުރަތުން ވާ ޢިބްރަތެއްގެ ގޮތުގައެވެ.''
ޤުރައިޝްވަންހައިގެ ޝަރަފްވެރި އަންހެނަކު ވައްކަން ކުރުމުން، އޭނާގެ މައްޗަށް ޙައްދު ޤާއިމް ކުރަން ފަސްޖެހި، ބަޔަކު މީހުން ކީރިތި ރަސޫލާގެ އަރިއަހުން ޝަފާޢަތަކަށް އެދުނެވެ. މިފަދަ ކަމަކަށް އެދި ދަންނަވަން އެކަކަށްވެސް ނުކެރުމުން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް (ދަރިކުރުން ޙަރާމް ކުރުމުގެ ކުރިން) ދަރިއަކަށް ހައްދަވައިގެން ކުރިން ގެންގުޅުއްވި، އުސާމާ ބިން ޒައިދް ރަސޫލާގެ ޝަފާޢަތަށް އެދި ދެންނެވުމަށް ފޮނުވުނެވެ.
އުސާމާގެފާނު މި އަންހެނާގެ ޙައްދު ޤާއިމް ނުކުށް ދޫކުރެއްވުމަށް، ކީރިތި ރަސޫލާ އަރިހުގައި ދެންނެވުމުން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. وَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا މާނައަކީ: ''ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ހުވާކުރައްވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިއަސް، ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ކަނޑުއްވާ ހުށީމެވެ.''
މަގު ފޭރުން :
މީގެ މާނައަކީ، މީހަކު ނުވަތަ ޖަމާޢަތެއްވެގެން، މީހުން ހިނގައި ނުވަތަ ދަތުރުކޮށް އުޅޭ މަގަކުން ނުވަތަ ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން އެހެން މީހެއްގެ މުދާ ފޭރިގަނެ ނުވަތަ އެ މީހުންގެ ފުރާނައަށް ނުވަތަ އަބުރަށް ގެއްލުން ދީ ހެދުމެވެ. މާތްﷲ ވަހީކުރައްވާފައިވަނީ " إِنَّمَا جَزَاء الَّذِينَ يُحَارِبُونَ اللّهَ وَرَسُولَهُ وَيَسْعَوْنَ فِي الأَرْضِ فَسَاداً أَن يُقَتَّلُواْ أَوْ يُصَلَّبُواْ أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلافٍ أَوْ يُنفَوْاْ مِنَ الأَرْضِ ذَلِكَ لَهُمْ خِزْيٌ فِي الدُّنْيَا وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ " މާނައަކީ: ''މާތް ﷲ އާއި އެކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަ ކޮށް އުޅޭ މިހުންނާއި ފަސާދަ ކުރުމުގެ ގޮތުން ބިމުގައި މަސައްކަތް ކޮށް އުޅޭ މީހުންގެ ޖަޒާއެއްކަން ވާކަން ކަށަވަރީ، އެ ބައި މީހުން ޤަތުލުވެވުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާ ގޮތުގައި އެބައި މީހުންގެ އަތްތަކާއި ފައިތައް ބުރި ކުރުމެވެ. ނުވަތަ ރަށުން އަރުވާލުމެވެ. އެހެނީ އެބައި މީހުންނަށް ދުނިޔޭގައިވެސް ހުރީ ނިކަމެތި ކަމެވެ. އަދި އާޚިރަތުގައި އެބައި މީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ.''
ޚުލާސާ އަކީ މީހެއްގެ މުދަލަކަށް ގެއްލުން ދިނުމުގެ ގޮތުން ވައްކަން ކުރުން ނުވަތަ ފޭރިގަތުމަކީވެސް އިސްލާމްދީން ނަހީ ކުރައްވާފައިވާ ކަމެއްކަމުގައެވެ. އެއިގެ ސަބަބުން މާތްﷲ އެނާއަށް ޢުޤޫބާތެއްގެ ގޮތުގައި ހައްދު ކަނޑައަޅުއްވާފައިވެއެވެ. މީހެއްގެ މުދަލެއް ފޭރިގެންފިނަމަ އެމުދަލުގެ އަހުލުވެރިޔަކަށް އެމުދާ ރައްދުކުރުމާއި ، އަދި މުދަލުގެ ނިސާބް ހަމަވެއްޖެ ހާލަތެއްގައި އޭނާގެ އަތްކެނޑޭނެކަމާއި ، އަދި ތައުބާވެސް ޤަބޫލުވުމުގެ ޝަރުޠަކީވެސް އެމުދާ އެމުދަލުގެ އަހުލުވެރިޔަކަށް ރައްދުކުރުމެވެ.
ވައްކަން ކުރުމުން އަތްކެނޑުމާއި ގުޅޭގޮތުން އުފައްދާފައިވާ ޝައްކުތަށް:
އިންސާނާ އަކީ މާތްކަމާއި މަތިވެރިމީހެއް ކަމުގައިވާއިރު ކުރެވޭ ކުޑަކުށެއްގެ ސަބަބުން އޭނާގެ ދިރިއުޅުން އާރާސްތު ކުރުމަށް ، ލިބިފައިވާ ގުނަވަން އޭނާއާއި ވަކިވެގެން ދިޔުމަކީ އޭނާއަށް ދެވޭ ނިކަމެތި ކަމެއްކަމާއި ، އެނާގެ އަތް ސަލާމަތުން ހުރިނަމަ އޭނާއަށް އެނެގިއެއްޗެއް ރައްދުކޮށް ދެވިދާނެކަމާއި ، އެހެންވުމުން އިސްލާމްދީނަކީ ލާއިންސާނީ އަދަބުދޭ ޝަރީޢަތެއް އެކުލެވިގެންވާ ދީނެކެވެ.
ވައްކަން ކުރުމުން އަތްކެނޑުމާއި ގުޅޭގޮތުން އުފައްދާފައިވާ ޝައްކުތަކުގެ ރައްދު .
ހ). އިސްލާމްދީނަކީ އިސްލާހު ކުރުމަށް ބާރުއަޅާ ދީނެކެވެ. އެހެނީ ވައްކަން ކުރާމީހާއާއި ، އެމުދަލާއި ، ހާލަތާއި މިހުރިހައި ކަމަކަށް ރިޢާޔަތް ކުރުމަށް ފަހުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ގޮތާއި ޚިލާފު އެއްވެސްކަމެއް ހިމެނޭ ހާލަތުގައި އަތްކަނޑާނުލެވޭނެއެވެ. އެގޮތުން މިހުރިހައި ކަމެއްގެ ތެރޭގައި ޝައްކެތް ނެތްމިންވަރަށް ސާބިތުވުންވެސް ހިމެނިގެންވެއެވެ. އޭނާއަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރިމީހެއްކަމުގައި ވުމާއި ، އަމިއްލަ އިޚްތިޔާރުގައި ވައްކަން ކުރިމީހެއްކަމުގައި ވުމާއި ، އޭނަގެ އެއްވެސް ހިއްސާއެއް ނުވާމުދަލަކުން ވައްކަން ކުރުމާއި ، އެމުދަލަކީ މިލްކުކުރުން ހުއްދަކުރައްވާފައިވާ މުދަލަކަށްވުމާއި ، އެމުދަލުގެ ނިސާބް ހަމަވުމާއި ، މިފަދަ ގިނަގުނަ ޝަރުތުތަށް ފުރިހަމަ ވުމުން މެނުވީ ވައްކަން ކުރުމާއި ގުޅިގެން އަތް ކަނޑާ ނުލެވޭނެކަން އިސްލާމީ ޝަރީއަތުގައި ބަޔާން ކުރައްވާފައިވެއެވެ. ޝުބުހާއެއް ، ޝައްކެއް އޮތްހާލަތެއްގައި އެހައްދެއް ޤާއިމް ނުކުރެވޭނެ ކަމުގައި އިސްލާމީ ފިޤުހުގެ ޤާއިދާ ކަމުގައިވާ "الحدود تدرأ بالشبهات" އިން ދަލީލު ލިބެއެވެ.
ށ). އިސްލާމް ދީނަކީ ރަހުމަތުގެ ދީނެވެ. އެއީ މުޅިމުޖްތަމައަށް ލިބެމުން އަންނަ ގެއްލުމާއި ، އަދި ވައްކަން ކުރާފަރާތަށްވެސް އިތުރަށް ރަހުމުކުރުމުގެ ގޮތުން ދެވޭ އަދަބެކެވެ. ހައްދު ޤާއިމްކުރެވޭ އިރުވެސް ވައްކަމުގެ ހައްދު ޤާއިމްކުރެވޭ ފަރާތަށްވެސް އޯގާތެރިކަން ލިބޭގޮތެއްގެ މަތިން ހައްދު ޤައިމްކުރެވެއެވެ. އޭނަގެ ސިއްހީ ހާލަތަށާއި ، އަދި ބަލިވެ އިން އަންހެނެއްނަމަ އެނަގެ ހާލަތަށްވެސް ރިޢާޔަތް ކުރާ ކުރުމަކީވެސް އިސްލާމްދީނަކީ ރަހުމަތާއި އޯގާތެރިކަމުގެ ދީންކަމުގެ ހެއްކެކެވެ.
ނ). ހައްދު ޤާއިމް ނުކޮށް ދޫކުރުމަކީ ކުށް ކުރާމީހާއަށް އުޚުރަވީ ބޮޑުއަދާބެއް ދެވޭނެ ކަމެކެވެ. އަދި މުޖުތަމަޢަށް އިޖްތިމާޢީގޮތުން ލިބޭ ގެއްލުންވެސް ބޮޑުވެގެން ދެއެވެ. ހެހުކުމް ޤާއިމް ނުކޮށް ދޫކުރާ މީހާއަކީ މާތްﷲގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ ފާފަވެރިއެކެވެ.
ރ). ވައްކަން ކުރުމުން ދެވޭ ހައްދަކީ އިންސާނީ ހައްގުގައި ދެވޭ އަނިޔާއެއްނޫން ކަމުގައި ބުނެވޭ ފަރާތްތަކަކީ އެއްވެސް ފަރާތަކަށް އޯގާތެރި ބަޔެއްނޫނެވެ. އެއިގެ ހެއްކަކީ އެޤައުމުތަކުގައި ދެވޭ އެހެނިހެން ލާއިންސާނީ އަދަބެވެ މިސާލަކަށް އެއްވެސް ސަބަބެއް މެދުވެރިވެގެން ކޯޓު ހުކުމަކުން މެރުމަށް އަމުރު ކުރެވޭ ޙާލަތް ތަކުގައި ކަރަންޓްގައި ޖައްސާލައިގެން މަރުގެ އަދަބު ދިނުންފަދަ ކަންކަމެވެ. އެފަދަ އަނިޔާއިން މަރުވާ ހާލަތުގައި ލިބެމުންދާ އަނިޔާގެ ސަބަބުން މަރުވާމީހާގެ ލޮލުން ، ނޭފަތުން ، ކަންފަތުން ލޭއައުމުގެ އިތުރުން ލޯ އެކީ އެކުގައި ހަލާކުވެގެން ބޭރަށް ވެއްޓޭގޮތް ވެފައިވެއެވެ. ، މާތްﷲ އެކަލާނގެ މަޚުލޫޤުން ދެކެ އެންމެ ލޯބިވާ ރަސްކަލާނގެއެވެ. މަންމަ ދަރިފުޅުދެކެ ލޯބިވާ މިންވަރަށް ވުރެ ބޮޑަށް މާތްﷲ އެކަލާނގެ އަޅުންދެކެ ލޯބިވެވޮޑިގެންވެއެވެ.
ބ) އިސްލާމީ ޝަރީއަތަކި އެންމެ މަސްލަހަތު ރަގަޅު އެންމެންގެ ހައްޤައް ރައްކާތެރިވާ ދީނެއްކަމާއި ، އެދީން ފާޅުވި ދުވަސްވަރަކީ އެދުވަސްވަރަށް ޖާހިއްލިޔަ ޒަމާނުގެ ދުވަސްރުގެ ނަންދެވިގެންވާ ދުވަސްވަރަށް ވުރެ ބޮޑަށް ، މިހާރު ވައްކަމުގެ ނިސްބަތް އެއްދުވަހަށް ވުރެ އަނެއްދުވަހަށް އިތުރުވަމުން ދަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބު ނުދެވުމުގެ ސަބަބުންނެވެ.
ޅ). ޒަމާނީ ސްޕައި ކެމެރާތަކާއި ، ވަސީލަތްތަށް ޤާއިމް ވެފައި ހުރިނަމަވެސް ވައްކަމަށް ހައްލެއް އައިސްފައިނުވެއެވެ. ވައްކަމުގެ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދެއެވެ. އަދި ޒަމާނީ ހެކިތަކަކީ ބައެއް ފަހަރު އުފެއްދިދާނެ ހެކިތަކެއް ކަމުގައިވުމާއި ، އެކަށީގެންވާ ހެކިތަކެއް ލިބިފައި ހުރިނަމަވެސް ވައްކަން ކުރާފަރާތަށް ޝަރީޢަތުން ކަނޑައެޅިފައިވާ އަދަބު ނުދެވުމެވެ. ވައްކަމުގެ ހައްދު ޤާއިމް ކުރެވޭ އެންމެހައި ޝަރުޠު ފުރިހަމަވާ އެތަށް ބަޔަކު ދޫކުރެވުމުން ކުރިން ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުރިން ކޮށްފައިވާ ވައްކަމަށްވުރެ ބޮޑު ވައްކަމެއް ކުރުމަށް މަގުފަހިވުމުގެ އިތުރުން އެއިގެ ސަބަބުން މުޖްތަމަޢުގެ ގިނަގުނަ އަފްރާދުންނަށް އެކަމުން ގެއްލުން ލިބެމުން ދެއެވެ.
އެމެރިކާގައި މިފަދަ ކުށްތަށް 2011 ވަނަ އަހަރުގައި 18% ނިސްބަތުން އިތުރުވެފައިވާކަމުގައި ތަފާސް ހިސާބުދައްކައެވެ.[ އަދި ދިވެހިރާއްޖޭގެ 2017 ވަނަ އަހަރުގެ ތަފާސް ހިސާބުދައްކާގޮތުން އޭޕްރީލް މަހުގެ ނިޔަލަށް 1373 ފޭރުމާއި ވައްކަމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ހުށަހެޅިފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ ތަފާސް ހިސާބު ދައްކާގޮތުން 4333 ފޭރުމާއި ވައްކަމުގެ މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގެ 2014 ވަނަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު އެކޯޓަށް ހުށަހެޅިފައިވަނީ މިފަދަ 325 މައްސަލައެވެ. އެއިގެ ތެރެއިން 202 މައްސަލަ ސާބިތުވެފައިވެއެވެ. މިފަދަ ކުށްކުރާ ފަރާތަކަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބު ދެވޭނަމަ އެކަން ތަކުރާރު ކުރުމަށް ލަދުގަތުމާއި ، އަދި ކުށްކުރަން ބޭނުންވެއްޖެ ހާލަތެއްގައި ކުށް ނުވެސް ކުރެވޭނެއެވެ. ކުށަށް ހައްޤު އަދަބު ނުދެވުމުގެ ސަބަބުން ތަކުރާރުކޮށް ކުށްކުރަމުންދަނީ ހަމައެއްބަޔެކެވެ. ފުރަތަމަ ވައްކަމުން އެއްއަތް ، ދެވަނަ ވައްކަމުން އެއްފައި ، ތިންވަނަ ވައްކަމުން ދެވަނަ އަތް ، ހަތަރުވަނަ ވައްކަމުން ދެވަނަ ފައި ބުރިކޮށް ލެވޭނެއެވެ. ވައްކަން ކުރާމީހާގެ ދެއަތާއި ދެފައި ކަނޑާލެވުމުގެ ސަބަބުން އޭނައަށް ވައްކަން ކުރަން ދިޔުމުގެ އެއްވެސް ފުރުސަތެއް ނޮއޮންނާނެއެވެ.
އެމެރިކާގައި 2015 ވަނައަހަރުގައި ވައްކަމުގެ އަދަދު ކުރީ އަހަރުތަކަށްވުރެ 13 އިންސައްތަ އިތުރު ވެފައިވެއެވެ. އިސްލާމީ ޝަރީޢަތް ޤާއިމް ކުރެވިފައިވާ ޤައުމުތަކުގައިވެސް އެތަނެއްގައި އިސްލާމީ ޝަރީޢަތް ތަންފީޛު ނުކުރެވޭނަމަ މުޖުތަމަޢުގެ އެއްވެސް ފަރުދަކަށް ހިތްހަމަޖެހުމެއް ނުލިބޭނެކަން ކަށަވަރެވެ.
ސަޢޫދީ އަރަބިއްޔާގައި ވައްކަން ކުރުމުން އެއިގެ އަތްބުރި ކުރުމަށް ފުރިހަމަވާން ޖެހޭ އެންމެހައި ޝަރުޠު ފުރިހަމަވުމުން އަތްބުރިކުރެވެެއެވެ. 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މުޅިދުނިޔޭގެ 147 ގައުމުގެ ތެރެއިން ސަޢުދީ އަރަބިއްޔާ ވަނީ 36 ވަނައިގައެވެ.
މާތްﷲ ބާވާލެއްވި ޝަރީއަތް ފިޔަވާ އެހެންޝަރީޢަތެއް ޤާއިމުކުރުމަށް މަސައްކަތް ކުރާ މީހުންނަކީ ފާފަވެރިންނެވެ. އެބައިމީހުންނަށް ވާގިވެރިވާ މީހުންނަކީވެސް ފާފަވެރިންނެވެ. ބޮޑުބަދަލަކަށް އެދިގެން ދުނިޔޭގެ މުސްލިމު ޤައުމުތަކަށް ގެނެވުނު ވަޟަޢީ ޤާނޫނުގެ އަސަރު މިއަދު ތާރީޚުން ފެންނަން އެބައޮތެވެ. އެއިގެ ސަބަބުން އެއްޖީލުން އަނެއްޖީލަށް އަނިޔާވެރިކަން ވާރުތަވާނެއެވެ، އަދި ވަމުންދާނެއެވެ. މިއީ އިސްލާމީ ޝަރީޢަތާއި އިސްލާމީ ޢަޤީދާ އާއި ޚިލާފް ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ މާނައީ :” دينއެއްގެ ގޮތުގައި إسلام دين ނޫން دينއެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبولއެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرةގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”
ތިބާފަދަ އިންސާނަކު މަސްލަޙަތު ހިމާޔަތް ކުރުމުގެ ނަމުގައި ނުވަތަ ގިނަމީހުންގެ ނިންމުމެއް ކަމުގައި ކަނޑައަޅައި އިސްލާމީ ޝަރީޢަތުގެ ހަމަތަކާއި ޚިލާފަށް ނިންމާ ނިންމުމަކީ އެއްބަޔަކަށް އެއިން ފައިދާތަކެއް ކުރިކަމުގައިވިޔަސް އަނެއްބައި މީހުންގެ ހައްޤުގައި އިހުމާލުވުމެވެ. ވަޟަޢީ ހުކުމްތަކަކީ މާތްﷲގެ ހަޟުރަތުގައި ޤަބޫލުކުރެވިގެންވާ ޙުކުމްތަކެއް ނޫނެވެ. މާތްﷲ ވަހީކުރައްވާފައިވަނީ إِنِ الْحُكْمُ إِلَّا لِلَّهِ މާނައީ : “اللَّه އަށް މެނުވީ حكم ކުރެއްވުމެއްނެތެވެ.” އެންމެންގެ މަސްލަޙަތު ޤާއިމް ކުރުމާއި ރައްކާތެރިކުރުމަށް ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ކަނޑައެޅިފައިވާ ހުކުމްތައް ތަންފީދުކުރުމަކީ އިންސާނިއްޔަތާއި ޚިލާފުކަމެއްކަމުގެ ނުދެކި ތަންފީޛު ކުރުމަކީ އެޤައުމެއްގެ ކުރިއެރުމެވެ.
ޤުރުއާނާއި ސުންނަތަކީ އިންސާނުންގެ މަސްލަހަތު ރައްކާތެރި ކޮށްދޭ ދެމަސްދަރު :
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ މާނައީ: “ތިޔަބައިމީހުންގެ ތެރެއަށް ބަޔާން ވެގެންވާ ދެއެއްޗެއް ތިމަން ނަބިއްޔާ ދޫކުރީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު، ދުވަހަކުވެސް ތިޔަބައިމިހުން މަގުނުފުރެދޭނެއެވެ. އެއީ ﷲ ތަޢާލާގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ.” ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަކީ މިސްތަކުންން އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބިގަތުމަށް އަދި އިންސާނިއްޔަތަށް ފައިދާ ހުރިއެންމެ ރަގަޅުގޮތް ބަޔާންކުރައްވާ ފޮތްކަމުގައިވާއިރު އިންސާނުންގެ މަސްލަހަތާއި ފުށުއަރާ އެއްވެސްކަމެއް އިސްލާމީ ޝަރީއަތުގައި ނުވާނެއެވެ. އަދި ސުންނަތަކީ ކީރިތި ޤުރުއާނުގެ ޝަރަހައެވެ.
އެންކަމުން ޤުރުއާނުން ވައްކަން ކުރާއިންސާނެއްގެ އަތްކެނޑުމަށް އަންގާފައިވާއިރު ، އެއިގެ އެންމެހައި ޝަރުތުތަށް ސުންނަތުގެ އަލީގައި ބަޔާންވެގެންވާކަމާއި ، ވައްކަން ކުރާމީހެއްގެ އަތް ކެނޑޭނެކަން ސުންނަތުގެ ސަރީހަ ނައްސުން ކީރިތި ރަސޫލާ ބަޔާންކުރައްވާފައިވުމުން ޤުރުއާނާއި ސުންނަތާއި ޚިލާފަށް ކުރެވޭ އެއްވެސް ކަމަކީ އެއިގައި ދުނިޔަވީ އަދި އުޚްރަވީ މަސްލަހަތެއްވެސް އެކުލެވިގެން ނުވާނެކަމެއްކަން ކަށަވަރުވެއެވެ. ކީރިތި ޤުރުއާން ކަށަވަރުކޮށްދޭ ގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ކޮންމެ އަމުރުފުޅަކަށް ތަބަޢަވުމަކީ އަދި އެކަލޭގެފާނު މަނާކުރައްވާ ކޮންމެކަމަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ވާޖިބެކެވެ. މިކަން ބަޔާންކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا"މާނައީ: އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ފަހެ ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުހެލިވާށެވެ." މިކަމާބެހޭގޮތުން އިބްނު ކަޘީރު ވިދާޅުވިއެވެ. " ކީރިތި ރަސޫލާގެ އެންގެވުންތާކާއި ، ނަހީތަކަށް ބޯލެނބުމެވެ. އެކަލޭގެން ފާނު އަންގަވާ ގޮތަކީ އެއީ އެންމެ ރަގަޅުގޮތެވެ. މަނާކުރައްވާ ކަންތައްތަކަކީ ހަރާމް ނުވަތަ ގޯސްކަންތައްތަކެވެ. " ބުއްދީގެ ހަމަތަކަށް ބަލާއިރުވެސް ޒަމާނީ ޓެކްނޮލޮޖީގެ ގޮތުން އުފައްދާފައިވާ އާލާތްތަކުގެ ތެރިން އެއްޗަކަށް މައްސަލައެއް ކުރިމަތިވުމުން އެއިގެ ހައްލު ހޯދުމަށް ބަލަންޖެހޭ ފުރަތަމަ މަސްދަރަކީ އެއުފެއްދި ކުންފުނިން ދީފައިވާ އިރުޝާދެވެ. އެގޮތުން އިންސާނާ އުފެއްދި ޚާލިޤުވަންތަ އިލާހު އަންގަވާފައިވަނީ އިންސާނާގެ އަތް ބުރިކުރުމަށެވެ. އެހެންކަމުން އެންމެ މަސްލަހަތު އޮތްގޮތަކީ އެއީކަމުގައި ޤަބޫލުކުރަންޖެހެއެވެ.

















ޚިޔާލު