ޒަވާޖީ ހަޔާތެއް ފެށުމާއެކު ކޮންމެ ދެމަފިރިޔަކުވެސް ކުރާނެ އެންމެ ފޮނި އުއްމީދަކީ ދެމަފިރިންގެ ދެދުނިޔޭގެ ބާއްޖަވެރިކަން އެބައެއްގެ ހެޔޮދުއާއި ގުޅިފައިވާ ސޯލިހު ދަރިން ދުނިޔެއަށް އުފަންކުރުންކަން ކަށަވަރެވެ. އަދި ކޮންމެ ދެމަފިރިއެއްގެވެސް ދުނިޔެވީ ހަޔާތުގެ އެންމެ ފޮނި އުއްމީދަކަށް ވެގެންދާނީ، ހެޔޮގޮތުގައި ދުނިޔެ އާރާސްތުކޮށް، ކޮންމެ މަންމަ އަކާއި ބައްޕައެއްގެވެސް ނަން ދިރުވާ ދަމަހައްޓާނެ ސޯލިހު ދަރިންތަކެއް ތަރުބިއްޔަތު ކުރުން ކަމީވެސް އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.
ލ. މާބައިދޫ ހާމިދު ރަޝީދު އާއި ތ.މަޑިފުށި ޝަހީމާ ނަޢީމް އަކީވެސް އިސްވެ ދެންނެވުނު ފޮނި އުއްމީދުގައި ޒަވާޖީ ހަޔާތެއް ވޭތަކުރަމުންއަންނަ ދެމަފިރިންނެވެ. މިގޮތުން ޒަވާޖީ ހަޔާތުގެ ދިގުރާސްތާގައި އުފާވެރި އާއިލާއެއް ބިނާކުރުމަށް ކުރަމުން އައި ފޮނި އުއްމީދުތަކަށް އިތުރު ދިރުމެއް ގެނެސްދިނީ މިދެމަފިރިންގެ ހަޔާތަށް ދެވަނަ ދަރިއަކު ލިބުމުގެ އުފާވެރި ޚަބަރާއި އެކު. 28 އެޕްރިލް 2013 ވެގެން ދިޔައީ މިދެމަފިރިންގެ ހަޔާތަށް އުޖާލާކަން ގެނެސްދިން އުއްމީދުގެ ހުޅުކޮޅު ދެވަނަފަހަރަށް ރޯވެގެން ދިޔަ ދުވަސްކަމުގައެވެ. އެދުވަހަކީ މިދެމަފިންގެ ދެވަނަ ދަރިފުޅު، ލޯބިލޯބި ތުއްތު ޔޫސުފް އާނިސް މިދުނިޔެއަށް ނޭވާލީ ދުވަހެވެ.
އެހެންނަމަވެސް، ހާމިދު ރަޝީދު އާއި ޝަހީމާ ނަޢީމްގެ ދެވަނަ ދަރިފުޅު މިދުނިޔެއަށް އުފަންވުމާއެކު، ދަރިފުޅުގެ މަންމަ އާއި ބައްޕައަށް ލިބިގެން ދިޔައީ ނުހަނު ހިތާމަވެރި ޚަބަރެކެވެ. ދަރިފުޅަކީ ވިހެއުމުގައި އައިބު ކުއްޖަކަށް ވެގެން ދިޔަ ނަމަވެސް، ގުދުރަތުން މިދެމަފިރިންނަށް މިންވަރު ކުރެއްވި މިބޮޑު ނިއުމަތަށް ޝުކުރު ކުރާ ޙާލު، މިދަރިފުޅަށް ޝިފާއެއް ހޯދުމަށް އެވަގުތުންފެށިގެން މިދެމަފިރިން އަޒުމް ކަޑައެޅިއެވެ. އުފަންވިއިރު ދަރިފުޅުގެ ބޭރުފުށުން ވަރަށް ބޮޑެތި އައިބުތަކެއް ފެންނާން ހުރުމާއެކު، އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާދެއްވީ ދަރިފުޅު ވިހެއުމުގައި ހުރި އައިބުތަކާއި ގުޅޭ އިތުރު ތަހުލީލުތައް ކުރުމަށްޓަކާ ވީހާވެސް އަވަސް މުއްދަތެއްގައި ރާއްޖެއިން ބޭރަށް ދިއުމަށެވެ. މިގޮތުން އިންޑިޔާއަށް ގޮސް އިންޑިއާގެ ހޮސްޕިޓަލްތަކުން ކުރެވުނު ތަހުލީލުތަކަށްފަހު ދަރިފުޅު ބެއްލެވި ޚާއްސަޑޮކްޓަރުން ދެއްވާފައިވާ މަޢުލޫމާތުތަކުންނާއި އަދި މިހާތަނަށް ކުރެވިފައިވާ ޑައިގްނޯސަސްތަކުވެސް އެގެން ހުރީ ޔޫސުފް އާނިސް އަކީ އުފެދުނު އިރުވެސް "މަލްޓިޕްލް ކޮންޖިނިޓަލް އެބްނޮމަލިޓީސް" ހުރި ކުއްޖެއްކަމުގައެވެ.
މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޭރުފުށުން ފެންނާން ހުރި ބޮޑެތި އައިބުތަކުގެ އިތުރުން، ލޮލަށް ފެނުމަށް އެހީވާ ނާރުތަކަށާއި ސިކުޑީގެ ބައެއް ހިސާބުތަކުގެ ޕްރެޝަރ މަތިވުމުގެ ސަބަބުން ކުޑަދަރިފުޅަށް ދާއިމީ ގޮތެއިގައި ނަފްސާނީގޮތުން ނޭދެވޭ އަސަރު ކުރުމުގެ އިތުރުން، ދަރިފުޅުގެ ހެދިބޮޑުވުމަށްވެސް މީގެ ނޭދެވޭ އަސަރުކުރުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް ޔޫސުފް އާނިސް ބެލި ޑޮކްޓަރުން ޔަގީންކަންދެއްވާފައިވާ ގޮތުގައި ދަރިފުޅުގެ ޅައުމުރުގައި ކުރެވޭ އޮޕަރޭޝަންތަކުން ވިހެއުމުގައި ހުރި މިއައިބުތައް ފިލުވާލެވި އަދި ވަގުތު ފާއިތުވުމުގެ ކުރިން ކުރެވޭ މިފަދަ ސާޖަރީތަކުން މިކުޑަ ދަރިފުޅުގެ ސިކުޑިއަށްވެސް މިބަލިން ކޮށްފާނެ އުނިކަމަކަމުން ދަރިފުޅު ސަލާމަތްކުރުމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ.
އަދި މިފަދަ ބޮޑު ސާޖަރީއެއް ކުރުމުގެ ކުރިން ކުރަންޖެހޭ އިތުރު ޑައިގްނޯސިސްތަކާއި އަދި ކުރަންޖެހޭ ސާޖަރީއަކީވެސް ވަރަށް ބޮޑު ހޭދައެއް ހިގާނެ ކަމަކަށް ވެފައި، އަދި ޔޫސުފް އާނިސްގެ މައިންބަފައިންނާއި ޢާއިލާއަކީވެސް މިފަދަ ބޮޑު ޚަރަދެއް ކުރުމުގެ މާލީ ތަނަވަސްކަމެއް ލިބިފައިނުވާ ފަރާތްތަކެއްކަމުން، މިލޯބި ލޯބި ކުޑަދަރިފުޅުގެ މުސަތްގުބަލަށްޓަކާ މިދެމަފިރިން މިއަދު އެގެންދަނީ މަދަދުވެރި ފަރާތްޕުޅުތަކުގެ ނިހާއީ އެހީތެރިކަމަށް އެދިއެދިއެވެ. ޔޫސުފް އާނިސްގެ ނުކުޅެދުންތެރިކަމަށް ފަރުވާ ހޯދުމަށްޓަކާ އިންޑިއާއަށް ދަތުރުކޮށް އިންޑިއާގެ އަމްރީތާ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި މަޝްވަރާކުރެވި، ޔޫސުފް އާނިސްގެ ސިކުޑިއަށް ލިބިދާނެ ދާއިމީ އުނިކަމަކުން ސަލާމަތް ކުރުމަށްޓަކާ މިހާރުން މިހާރަށް ކުރަންޖެހޭ ސާޖަރީއަށް ޚަރަދުވާނެކަމަށް މިހާތަނަށް ލަފާކުރެވިފައިވާ ފައިސާގެ ޖުމްލަ އަދަކީ 10500 އެމެރިކާ ޑޮލަރު ކަމުގައިވީ ނަމަވެސް، ބޭރުފުށުން ފެންނާން ހުރި އުނިކަން ފިލުވުމަށްޓަކާ ކުރަންޖެހޭ އިތުރު އޮޕްރޭޝަންތަކަށްވެސް ބޮޑު ހޭދައެއް ކުރަންޖެހޭނަކަމަށް އެހޮސްޕިޓަލުން ވަނީ ލަފާދެއްވާފައެވެ.
އެހެންކަމުން އަޅުގަޑުމެން އެންމެންގެވެސް ލޮލުގެ ނޫރުކަމުގައިވާ ތުއްތު ތުއްތު ދަރިން އުފަލުގައި ދިރިއުޅެމުންދާފަދައިން، ހާމިދު ރަޝީދު އާއި ޝަހީމާ ނަޢީމްގެ މިލޯބި ލޯބި ކުޑަ ދަރުފުޅަށްވެސް މުސްތަގުބަލެއް ހޯދާދިނުމަށްޓަކާ ވެވެން އޮތް މިންވަރަކުން މިދަރުފުޅަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މި ތުއްތު ދަރިފުޅުގެ މަންމަ އާއި ބައްޕަގެ ނިހާއީ އެދުމެކެވެ. ހަމަ މިދަޑިވަޅުގައި ޔޫސުފް އާނިސްގެ ބޭސްފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް އާއިލާގެ ފަރާތުން ކުރަމުން މިދާ މަސައްކަތަށް އެހީވެދެއްވާފައިވާ އެންމެހާ ފަރާތްތަކަށްވެސް ޔޫސުފް އާނިސްގެ އާއިލާގެ ފަރާތުން ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައެވެ.
ތުއްތު ތުއްތު އާނިސް ގެ ބައްޔާއި ބެހޭ ލިޔެކިޔުންތައް ދިއިސްލާމްއަށް ވަނީ ލިބިފައެވެ.
އެކައުންޓް ނަން: AISHATH AZEEMA
އެކައުންޓް ނަންބަރު: 7704276991101
އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އާނިސްގެ ބައްޕަ، ހާމިދު ރަޝީދު، 7724666 އަދި އާނިސްގެ ދައްތަ އަޒީމާގެ ނަންބަރު 7961612

















ތުއްތު އާނިސް އަށް އަވަސް ޝިފާ އެއް ދެއްވާށި.. އަދި ތުއްތު އާނިސްގެ އާއިލާ އަށް މާތްﷲ ކެތްތެރިކަން މިންވަރު ކުރައްވާނދޭވެ… .. . އާމީން!!
އާނިސް އަށް އަވަސް ޝިފާ އެއް ދެއްވާށި… އާމީން!!!