ރާއްޖޭގެ ޚަބަރުއެހީ!

ދަތި ޙާލުގައި އުޅުއްވާ ފަރާތްތަކަށް އެހީތެރިވުމަށް “ޚާލިޞް ހިތަކުން” ޕްރޮގްރާމް ލޯންޗުކޮށްފި

މިދުވަސްވަރު އެކިއެކި ސަބަބުތަކާއި ހުރެ ދަތި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް “ޚާލިޞް ހިތަކުން” މިނަމުގައި ޕްރޮގްރާމެއް ލޯންޗުކުރެވިއްޖެއެވެ.

ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ ފަރާތްތަކަށް އެހީތެރިވުމުގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމްޢިއްޔާއެއް ކަމަށްވާ މާރސީއިން އިންތިޒާމު ކުރައްވައިގެން ކުރިއަށް ގެންދެވޭ މިޕޮރޮގްރާމަކީ ކޮރޯނާގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާއި ހުރެ ދަތި ޙާލުގައި އުޅުއްވަން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މާރސީ ޖަމްޢިއްޔާއިން ވިދާޅުވާ ގޮތުގައި އިއްޔެ ލޯންޗުކުރެވުނު މިޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިހިގާ ރަމަޟާން މަހުގެ ފަހު ދުވަހާއި (23 މެއި އާއި) ޖެހެންދެންނެވެ.

“ޚާލިޞް ހިތަކުން” މިޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރުފިޔާ އިންނަމަ ފައިސާ ފޮނުއްވާނީ 7770000048136 މިއެކައުންޓަށެވެ. އަދި ޑޮލަރުންނަމަ އެހީތެރިކަން ފޯރުކޮށްދެއްވާނީ 7770000048137 މިއެކައުންޓު ނަންބަރަށެވެ. އަދި މިޕްރޮގްރާމުގެ ޛަރީޢާއިން މާލީ އެހީތެރިކަމަށް އެދިލައްވަން ބޭނުފުޅުވާ ފަރާތްތަކުން ނަންނޯޓު ކުރެއްވުމަށްވެސް މިހާރުވަނީ ފުރުޞަތު ހުޅުވާލެވިފައެވެ. މިގޮތުން އެހީތެރިކަމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައިވާ ފޯރމު ފުރުއްވުމަށްފަހު ފޮނުއްވުމުން އެބޭފުޅުންގެ ފޯރމްތައް ވެރިފައި ކުރެއްވުމަށްފަހު އެއްމެ ބޮޑަސް އެހީތެރިކަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް މިޖަމްޢިއްޔާއިން މަޢުލޫމާތު ދެއްވައެވެ.

މިރަމަޟާންމަހު މާރސީ ޖަމްޢިއްޔާއިން ވަނީ ކާމިޔާބުކަމާއިއެކު “ހަދިޔާވަށި” މިނަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޕްރޮގްރާމެއް ހިންގަވާފައެވެ. އަދި މިޕްރޮގްރާމުގެ ދަށުން 35 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށް މާރސީ ޖަމްޢިއްޔާއިން ޚަބަރުދެއްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *