ރާއްޖޭގެ ޚަބަރުއެހީ!

ކުޑަކުޑަ ޚަރަދަކުން ޔަތީމު ކުއްޖަކަށް ކިޔަވައިދިނުމުގެ ފުރުސަތު!

ފާއިތުވެގެންދިޔަ 9 އަހަރުގެ ތެރޭގައި ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގެ ތެރޭގައިތަޢުލީމުގެ އަސާސީ ޙިދުމަތުން މަޙްރޫމްވެފައި ތިބި އެތައް ހާސް ކުދިންނެއް ސީރިއާގައި ދިރިއުޅެމުންދެއެވެ. މިފަދަ ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގްސަދުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ އިސްނެގުމުގެ ދަށުން ދިވެހި ރައްޔިތުންގެ އެހީތެރިކަމާއިއެކު އަލޫކާ ނަމަކަށް ކިޔާ ސްކޫލެއް ސީރިއާގެ އިދްލީބުގައި ވަނީ ހުޅުވާފައިވެއެވެ.

އެކި އުމުރުފުރާގެ ކުދިންނަށް ތަޢުލީމް ފޯރުކޮށްދޭ މި ބިންގާގައިމިވަގުތުވެސް 249 ދަރިވަރެއްގެ ކިޔެވުން ވަނީ ސީދާ ދިވެހި ރައްޔިތުންގެ ފަރާތުން ސްޕޮންސަރުކޮށްފައެވެ. 2019 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު ރަސްމީކޮށް ކިޔަވައިދޭން ފެށި އަލޫކާ ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންގެ ތެރޭގައި ޔަތީމުކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ފަގީރު ހާލަތުގައި ދިރިއުޅެމުންދާ ދަރިވަރުން ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ސީރިއާގެ އިޑްލިބްގައި ދިވެހި ރައްޔިތުންގެ ފަރާތުން ހިންގާ އަލޫކާ ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ސްޕޮންސާރޝިޕް ދިނުމުގެ ފުރުސަތު އިތުރަށް ހުޅުވާލާފައިވެއެވެ.އެގޮތުން މި ސްޕޮންސާރޝިޕް ޕްރޮގްރާމްގެ ދަށުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަލޫކާ ސްކޫލުގައި ކިޔަވަމުންދާ ކުއްޖެއްގެ ކިޔެވުމުގެ ޙަރަދު ސްޕޮންސާކުރެވިދާނެއެވެ.

އައިއޭސީއިން ހުޅުވާލާ މި ފުރުސަތުގެ ދަށުން، މަހަކު 700 ރުފިޔާއަށް އެއް ކުއްޖެއްގެ ކިޔެވުން ސްޕޮންސާރ ކުރެވޭނެއެވެ. މީގެއިތުރުން، މި ސްކޫލްގެ ދަރިވަރެއް ސްޕޮންސާރ ކުރާ ފަރާތަށް އެ ކުއްޖާގެ ކޮންމެ މަހެއްގެ ކިޔެވުން ކުރިޔަށްދާ ގޮތުގެ އަޕްޑޭޓާއި، ތަފްސީލު ވީޑިއޯ އަދި ފޮޓޯގެ ޒަރިއްޔާއިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

އަލޫކާ ސްކޫލުގައި ހިސާބު، އިނގިރޭސީ، ޕީ.އީ، ޕީ.އޭ، އަރަބި އަދި ޤުރުއާން މައްދާ އަންނަނީ ކިޔަވައިދެމުންނެވެ. މީގެއިތުރުން މި ސްކޫލުގައި މިވަގުތު ގްރޭޑް 1 އިން ފެށިގެން ގްރޭޑް 6 އަކާއި ހަމަޔަށް ދަރިވަރުން އަންނަނީ ތަޢުލީމް ހާސިލް ކުރަމުންނެވެ. އަލޫކާ ސްކޫލުގައި 7 ކްލާސް ރޫމް ހިމެނޭއިރު، ކުދިން ނަމާދު ކުރާނެ ކޮޓަރިއެއްވެސް ވަނީ ހަދާފައެވެ. ހަމައެހެންމެ، ކުދިންނަށް ކުޅެލަން ނިކުމެވޭ ގޮތަށް ކޮމްޕައުންޑެއްވެސް ހުރެއެވެ. އަލޫކާ ސްކޫލުގެ މަސައްކަތް ކުރަމުންދާ ގަޑިތަކަކީ ހެދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރު 14:00 އިން 16:00 އަށެވެ.

އަލޫކާ ސްކޫލްގެ އިތުރުން މަޢުލޫމާތު އަދި ކުދިން ސްޕޮންސާރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް 7322112 ގުޅުއްވޭނެއެވެ. މީގެއިތުރުން އަލޫކާ ސްކޫލާއި ބެހޭ މަޢުލޫމާތު އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/މެދުވެރިކޮށް ލިބިގެންދާނެއެވެ. މީގެއިތުރުން، އަލޫކާ ސްކޫލުގެ ޙާއްސަ ފޭސްބުކް ޕޭޖެއް އިންނައިރު، އެ ޕޭޖް މެދުވެރިކޮށް މިވަގުތު އެ ސްކޫލުގައި ތަޢުލީމް ހޯދަމުންދާ ދަރިވަރުންގެ އަޕްޑޭޓް ލިބިގެންދާނެއެވެ. މީގެއިތުރުން، އަލޫކާ ސްކޫލްގެ ފޭސްބުކް ޕޭޖް ފޮލާރ ކުރެއްވުމުން މި ހުރިހާ މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

ދިވެހި ރައްޔިތުން ސްޕޮންސަރ ކޮށްދީފައިވާ ދަރިވަރުންނަށް ނިމިދިޔަ ރަމަޟާން މަހު ވަނީ ހާޢްސަ ކާބޯތަކެތީގެ ޕެކޭޖް ފޯރުކޮށްދީފައެވެ. މީގެއިތުރުން، މި ސްކޫލުގެ ދަރިވަރުންނަށް ޢީދު ހަދިޔާގެ ގޮތުގައި އައު ހެދުން ފޯރުކޮށްދީފަވެއެވެ. މި ހުރިހާ ހަރަކާތެއްގެ ފޮޓޯ އައިއޭސީގެ ފަރާތުން ވަނީ މި ކުދިން ސްޕޮންސަރ ކޮށްދީފައިވާ ވަކިވަކި ޑޮނަރުންނަށް ހިއްސާކޮށްފައެވެ.

އައިއޭސީއިން މި މަސައްކަތް ފަށާފައިވަނީ ސީރިއާގައި ތިބި ނިކަމެތި ކުދިންނަށް ތަޢުލީމު ލިބުމުގެ ހަޢްޤު ހޯދައިދިނުމަށެވެ. މީގެއިތުރުން ސީރިއާގެ ހާލަތު ރަނގަޅުވެގެންދާ ދުވަހަކުން އެ ޤައުމު ބިނާކޮށް އާރާސްތުކުރާނެ ޖީލެއް އުފެއްދުމަށެވެ. މި ސްކޫލް ހިންގުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސްޕޮންސާރ ލިބިފައިވީ ނަމަވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިފައިވާނީ ދިވެހި ރައްޔިތުންގެ ފަރާތުންނެވެ.

އައިއޭސީއިން ހުޅުވާލާ މި ފުރުސަތުގެ ދަށުން، ދިވެހި ކޮންމެ ރައްޔިތަކަވެސް މި ސްކޫލުގެ ދަރިވަރެއް އަމިއްލަ ދަރިއަކަށް ހަރަދުކުރާ ފަދައިން މަހުން މަހަށް ސްކޫލް ފީ ދައްކައިދީ އެ ކުދިންގެ ކިޔެވުމުގެ ޙަރަދު ބެލެހެއްޓިދާނެއެވެ. އައިއޭސީއިން ހާމަކުރާގޮތުގައި، ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އަލޫކާ ސްކޫލްގެ ދަރިވަރުންނާއި ބެހޭ އިތުރު މަޢުލޫމާތާއި އެކުދިންނާއި ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ސްޕޮންސާރ ކުރާ ފަރާތަކައް ލިބިގެން ދާނެއެވެ. އެގޮތުން އެ ކުދިން ސްކޫލުގެ ޤުރުޢާން މުބާރާތެއް ނުވަތަ ކޮންސަޓެއްގައި ބައިވެރިވެއްޖެ ނަމަ އެ ކަމުގެ ތަފްސީލާއި އަދި ޢީދު ފަދަ ދުވަސްތަކުގައި އެ ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.