ރާއްޖޭގެ ޚަބަރުއެހީ!

"ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް" އަށް ދިވެހިންގެ ފަރާތުން ބޮޑު އެހީއެއް

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފަށް ދިވެހިންގެ ފަރާތުން އެތަކެއް ބަޔަކަށް އެހީވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ މި ހަރަކާތައް ބޮޑު ތަރްޙީބެއް މި އަހަރު ލިބިފައިވާއިރު، މި އަހަރުގެ މި ކެމްޕޭނަށް މިހާތަނަށް ޖުމްލަ 827,171.18 ރުފިޔާ ލިބިފައިވެއެވެ. އައިއޭސީއިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް 19 ރޯގާގެ ބަލިމަޑުކަމުގެ ހައްސާސް ދަނޑިވަޅުގައިވެސް އެތައް ދިވެހިނެއް މި ކެމްޕޭނަށް އެހީވެފައިވެއެވެ.

އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ލޯތްބާއެކު 2020 ކެމްޕޭނުގެ އެހީ ފޯރުކޮށްދިނުމުގެ ކަންކަން މިހާތަނަށް 3 ސަރަހައްދެއްގައި ކުރިޔަށް ގެންގޮސްފައިވެއެވެ. އެގޮތުން، އެހީގެ ތަކެތި ބަހާފައިވާ ސަރަހައްދުތަކަކީ ޔުގެންޑާ، ފަލަސްތީންގެ ގާޒާއާއި ތުރުކީގެ ބޯޑަރު ސަރަހައްދުގައި ދިރިއުޅެމުންދާ ސީރިޔާ ރެފިއުޖީންނަށެވެ. ޔުގެންޑާގެ 100 އާއިލާއަކަށް މުޅި ރަމަޟާން މަހަށް ފުދޭވަރަށް ކާބޯތަކެތީގެ ޕެކޭޖަކާއި ހައިޖީން ޕެކޭޖެއް ދެވިފައިވާކަމަށް އައިއޭސީއިން ހާމަކުރެއެވެ. މީގެއިތުރުން، ތުރުކީ ބޯޑަރު ސަރަހައްދުގައި ތިބި ސިރިޔާ ރެފިއުޖީންގެ ތެރެއިން 100 އާއިލާއަކަށް މުޅި ރަމަޟާން މަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖް ސަދަޤާތް ކޮށްފައިވެއެވެ. އައިއޭސީއިން އިތުރަށް މަޢުލޫމާތުދޭގޮތުގައި ގާޒާގެ ރައްޔިތުންގެ ތެރެއިން 100 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖްތައް ސަދަޤާތް ކޮށްފައިވެއެވެ. ޔުގެންޑާ، ފަލަސްތީން ސީރިޔާގެ އިތުރުން ރޮހިންޔާ ރެފިއުޖީންނަށާއި، ނޭޕަލް އަދި ޔަމަންގެ ނިކަމެތި އާއިލާތަކަށްވެސް މި ކެމްޕޭންގެ ތެރެއިން އެހީވުމަށް ހަމަޖެހިފައިވެއެވެ.

އައިއޭސީ އިން މަޢުލޫމާތު ދޭގޮތުގައި މި ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި އަހަރުގެ ކެމްޕޭން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާގެ ބަލިމަޑު ކަމަށް ޙާއްސަ ކޮށްގެން ކަމަށްވާތީ އައިއޭސީއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ޕެކޭޖުގެ ތެރޭގައި ޙާއްސަ ހައިޖީން ޕެކެއް ހިމަނާފައިވާނެއެވެ. އައިއޭސީއިން މަޢުލޫމާތުދޭ ގޮތުގައި ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފަވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އަންނަނީ ލޮތްބާއެކު 2020 ކެމްޕޭނުގެ ޑިސްޓްރިބިއުޝަންތަކުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރަމުންނެވެ. އައިއޭސީގެ އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ.

ލޯތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން، އައިއެޗްއެޗް ހިއުމަނިޓޭރިއަން ރިލީފް ފައުންޑޭޝަނާއި ގުޅިގެން ތުރުކީ ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ސީރިޔާ ރެފިއުޖީންނަށާއި، އައިއޭސީގެ އިސްނެގުމުގެ ދަށުން ހިންގާ އަލޫކާ ސްކޫލްގެ ދަރިވަރުންނާއި އިތުރު ފަރާތްތަކަށް މަސްދަޅު ހަދިޔާ ކުރުމުގެ ކެމްޕޭނެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.