ރާއްޖޭގައި އިސްލާމިކް ބޭންކިން އަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކްން ބުނެފި އެވެ.
މިކަމާ ބެހޭގޮތުން އެ ބޭންކުގެ މާކެޓިން ހެޑް މުހައްމަދު ޝަފާއު ހަސަން ވިދާޅުވެފައިވަނީ ބޭންކުގެ ވިޔަފާރި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށާއި ބޭންކުގެ ކަސްޓަމަރުންގެ އަދަދު، 2011 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރުގެ ތެރޭގައި 200 ޕަސެންޓްގެ އިތުރުވެފައިވާ ކަމަށެވެ.
ޝަފާއު އިތުރަށް ވިދާޅުވީ އެ ބޭންކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ހައުސިން ފެސިލިޓީގެ ހިދުމަތަށް ކަސްޓަމަރުން ދޭ ތަރުހީބު ވަރަށް ބޮޑު ކަމަށާއި މި އަހަރު އެކަމަށް ކަނޑައެޅި ބަޖެޓަށް ވުރެ ވެސް ގިނައިން އެ ހިދުމަތަށް ކަސްޓަމަރުން އެދި ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ރީޓެއިލް ފައިނޭންސިން، ނުވަތަ ކޮންޒިއުމާ ފައިނޭންސިންގެ ހިދުމަތް ވެސް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ކަމަށް ވެސް ޝަފާއު ވިދާޅުވިއެވެ.
އިސްލާމިކް ބޭންކުގެ ބްރާންޗެއް މި އަހަރުގެ ތެރޭގައި އައްޑޫގައި ހުޅުވުމަށް އެ ބޭންކުން މަސައްކަތް ކުރަމުން އަންނައިރު އެ ބޭންކުން ދާދިފަހުން ވަނީ ކ. މާފުށީގައި ޕީއޯއެސް މެޝިން ބަހައްޓާ އޭގެން ފައިސާ ނެގުމާއި ވިޔަފާރި ކުރާނެ އިންތިޒާމް ހަމަޖައްސައިފަ އެވެ.

















advertisment
ޚިޔާލު