ވިޔަފާރި 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަދޭން ފަށައިފި

24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަދޭން ފަށައިފި

24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަދޭން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފިހާރަތަކާއި ހޮޓާ އަދި ރެސްޓޯރެންޓް ތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ އިއްޔެއިން ފެށިގެން އިކޮނޮމިކް މިނިސްޓްރީން ދޭގޮތަށް ހަމަޖައްސައިފި އެވެ.

މިކަމަށްޓަކައި އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ޤަވައިދާއި ސައިހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ޤަވައިދުގެ އިތުރުން ކެންޓީން ހިންގުމުގެ ޤަވައިދަށް އިސްލާހު ގެނެސް އިކޮނޮމިކް މިނިސްޓްރީއިން އިއްޔެވަނީ ގެޒެޓް ކޮށްފައެވެ. އިސްލާހުގައިވާ ގޮތުން އެފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހަޅައި، އެ ޤަވައިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާ އެކު ވަކި ޚާއްސަ ފީއެއް ދެއްކުމުންނެވެ.

އެގޮތުން 24 ގަޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދޭނީ، އެތަނެއް ބޭރުން ބަލާއިރު ބޭރަށް ސާފުކޮށް ފެންނާނެ ގޮތަށް އަލިކޮށްފައި ހުންނަ ތަންތަނަށާއި 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓް ކުރާ ތަންތަނަށެވެ. މީގެ އިތުރުން 24 ގަޑިއިރު ޚިދުމަތް ދޭ ކެފޭ، ރެސްޓޯރަންޓް ހޮޓާތަކުގައި މެންދަމު 1:00 އިން ފަތިހު 4:30 ދެމެދު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.

ޤަވައިދަށް ގެނައި އިސްލާހުތައް ބުނާގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ޝަރުތުތައް ފުރިހަމަވުމާ އެކު، 2،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އެ ހުއްދަ ދޭނީ ކޮންމެ ފަހަރަކު 2 އަހަރުގެ މުއްދަތަށެވެ. އަދި އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެ އެވެ.

24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ ދޫކުރަން އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް ޒަރިއްޔާއިން ރަށްރަށުގައި ކައުންސިލްތަކަށް، ސިޓީތަކުގައި ސިޓީ ކައުންސިލްތަކަށެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެކަމަށް އެދި ހުށަހެޅެ އެވެ.

މިބަދަލާއެކު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުނެގިޔަސް، ފިހާރަތައް ރޭގަނޑު 11 ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ހަމަޖައްސައިފަ އެވެ. އަދި ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.