ވާހަކަ

ލޯބިވާނަމަ އިތުބާރުކުރާށެވެ.

މަތިންދާ ބޯޓުގައި ދަތުރުކުރުމަކީ އޭނަޔަކަށް އާކަމެއްނޫނެވެ. އަބަދުވެސް، ވިޔަފާރި ދަތުރެއްގައި ނުވަތަ ބައްދަލުވުމަކަށް އެހެންގޮތަކަށް ބުނަނީ ނަމަ އޭނާގެ ގިނަވަގުތު ހޭދަވަނީ މަތިންދާ ބޯޓުގައޭވެސް ބުނެވިދާނެއެވެ.

އޭނާގެ ޙަޔާތުގައި ހިތްހަމަޖެހޭ ދަތުރުތަކެއް ކުރެވިފައި ވީ އިރު، މޫސުން ގޯސްވުމުގެ ސަބަބުން ވަރަށް ހާސްކަން ގެނުވި ދަތުރުތަކުގެ ތަޖުރިބާވެސް ވަނީ ކުރެވިފައެވެ.

މިއަދަކީ އެހެން ހުރިހާ ދުވަހަކާ މުޅިން ތަފާތު ދުވަހެކެވެ. މޫސުން ގޯސްކަމުން ބޯޓު ދަތުރުކޮށްފައިދާއިރު ހީވަނީ ވިލާތަކުގެ ބަދަލުގައި ފަރުބަދަތަކެއްގެ ތެރެއިންދާހެންނެވެ. ބާއްޖަވެރިދަތުރެއް ނިންމާލެވޭނެ ކަމާމެދު ޝައްކުވެސް އޭނާޔަށް ވާންފަށައިފިއެވެ. މޫސުން ގޯސްކަމުން ޕައިލެޓަށް ބޯޓު ކޮންޓްރޯލު ނުކުރެވި ބައެއްފަހަރު އެތައްސަކޭތަ ފޫޓު ތިރިއަށް ވެއްޓިގެންދެއެވެ. ފަސެންޖަރުންނަށް ގެނައި ކާއެތިކޮޅުވެސް ހުރީ އެތައްމިތަނަށް އެޅިފައެވެ. ބޯޓުތެރެއިން މުޅިންވެސް އިވެނީ ކުޑަކުދިންނާއި އަންހެނުންގެ ރޯއަޑެވެ.

މިމަންޒަރުތައް ބެލުމަށް އޭނާގެ ލޯ ނުކުޅެދިގެންވިއެވެ. ހަދާނެ ގޮތްހުސްވެ ޝީޓުގެ އަތްގަނޑުގައި ވީއެންމެ ބާރަކަށް ހިފަހައްޓައިގެން، ޖަހާ ކޮންމެ ލަތްކަކަށް ﷲ އަށް ދުޢާ ކޮށްލަކޮށްލަ އިނެވެ. މަންޒިލަށް ވާޞިލްކޮށްދެއްވުމުގެ ހުރިހާ ބަރެއްވަނީ މާތްﷲ ގެ ޙަޟަރަތުގައެވެ.

އިއްތިފާޤުން މީނާއަށް އިންނަން މިޖެހުނީ ކުޑަކުއްޖެއްގެ ކައިރީގައެވެ. ހައިރާންވި ކަމަކީ މިކުޑަކުއްޖާ އިނީ އެއްވެސް ހާސްކަމެއްނެތި އޭނާގެ އަތުގައިއޮތް ކޮންމެވެސް ކުޅޭއެއްޗެއް ހިފައިގެން ކުޅޭށެވެ.
އެންމެ ފަހުން ބިރުވެރިކަމުން ފުރިގެންވާ މިދަތުރު ނިމުމަކާހަޔަށް އަތުވެއްޖެއެވެ. "އިރާދަކުރެއްވިއްޔާ ކުޑައިރުކޮޅެއްގެ ތެރޭގައި މިބޯޓު އަހަރެމެންގެ މަންޒިލަށް ޖައްސާނެ "ޕައިލެޓް އިޢުލާންކުރިއެވެ.
ބޯޓު ރަންވޭގައި ޖެއްސުމުން އެއްކަލަ މީހާ ކުޑަޖުއްޖާޔާ ސުވާލުކުރިއެވެ. " މިއަދުގެ ދަތުރުގެ ބިރުވެރިކަމުން އެންމެން ހާސްވެ ކަންބޮޑުވެފައި ތިބި އިރު ކޮއްކޮ އެއްވެސް ވަރަކަށް ހާސްވުމެއްނެތި، ބިރުނުގަނެ ކުޅެން އިނީ ކިހިނެއްހެއްޔެވެ؟"

އެކުއްޖާ ޖަވާބު ދިނެވެ. " މި ބޯޓުގެ ޕައިލެޓަކީ އަހަރެންގެ ބައްޕައެވެ.، ރައްކަތެރިކަމާއެކު އަހަރެމެންގެ މަންޒިލަށް ފޯރާނެ ވާހަކަ ކުރިން އަހަރެންގެ ބައްޕަ އަހަރެން ކައިރީގައި ވަނީ ބުނެފައެވެ."

އާދެ! ލޯތްބަކީ އިތުބާރުކުރުމުގެ ދެވަނަ ނަމެވެ.

އެކުޑަކުއްޖާ އެޖަވާބު އެގޮތަށް ދިނީ އެކުއްޖާ، ބައްޕަދެކެވާ ލޯތްބެއްގެ ބޮޑުކަމާއި ބައްޕަޔަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

އެމީހަކުދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ ތިބާ ނިކަމެތިކޮށް އެކަނި ދޫކޮށްނުލާނެކަމަށް އަބަދުވެސް އެމީހަކަށް އިތުބާރުކުރާނަމަ ކިހާރަނގަޅުވާނެހެއްޔެވެ.

ތިބާގެ އަނބިމީހާ ނުވަތަ ފިރިމީހާދެކެ ލޯބިވާ ކަމުގައި ވަނީ ނަމަ ހަމައެފަދައިން އިތުބާރުކުރަންވަނެއެވެ. އެއިރުން ދިރިއުޅުމުގެ އެތަކެއްހާސްކަމަކުން ފިނިކަން ލިބިގެންދާނެއެވެ.

މިދުނިޔޭގައި އަހަރެމެން އެންމެބޮޑަށް އިތުބާރުކޮށް ވަކީލުކުރުން ހައްޤުވެގެންވަނީ ޚާލިޤުވަންތަ ﷲ އަށެވެ. އެހެންވުމުން ﷲ ތަޢާލާ ދެކެ ލޯބިވާކަމުގައި ވަނީ ނަމަ އެކަލާނގެއަށް ވަކީލުކުރުން ޙައްޤުވެގެންވާ ގޮތުގައި ވަކީލުކުރާށެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ވވވވވވވވވވވވވ ރީތި

Your email address will not be published. Required fields are marked *

More in ވާހަކަ