ރިޕޯޓް

ދީނީ ޚިޔާލު ތަފާތުވުން؟

ވައިކަރަދޫ އަންހެނުން މިސްކިތް | ދިއިސްލާމް ފޮޓޯ: ވަސީމް

"ދީނީ ޚިޔާލު ތަފާތުވުން" މިއީ ވަރަށް އާންމުކޮށް ބޭނުންކުރެވޭ ޖުމްލައަކަށް މިއަދު ވެއްޖެއެވެ. ބައެއްފަހަރު ތިމާ ދީނުގެ އަޅުކަމެއް ނުކޮށް އެކަމުން ރެކުމުގެގޮތުން "ތިއީ ޚިޔާލު ތަފާތުވުން އޮތް މައްސަލައެކޭ" ބުނެލައެވެ. އެނެއްބައި ފަހަރު ތަންތަނުގެ މަސްއޫލުވެރި ފަރާތްތަކުން ރައްޔިތުންނާއި ސީދާގުޅުންހުރި ކަންކަމުގައި ދީނާއި ޚިލާފު ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމުން ރައްޔިތުންގެ ތެރެއިން ބަޔަކު އެކަމާއި ދެކޮޅު ހަދައިފިނަމަ، "ދީނީ ޚިޔާލު ތަފާތުވުމެއްގައި" ބަޔަކު މިޔަނި ކަމެއް ކޮށްފިއޭ ނުވަތަ މިއަނި ގޮތަކަށް އުޅެފިއޭ ކިޔައި ކަމުގެ އަސްލު މައްސަލަ އޮޅުވާލަން މަސައްކަތް ކުރާތަން ފެނެއެވެ.

ޙަޤީޤަތުގައި ދީނީ ޚިޔާލު ތަފާތުވުމަކީ ކޮބައިކަން ގިނަބަޔަކަށް މިވަނީ އޮޅިފައެވެ. ދީނީގޮތުން ޚިޔާލުތަފާތު މައްސަލައެކޭ ބުނެވެނީ ބައެއް މައްސަލަތަކުގައި ޢިލްމުވެރިންގެ މެދުގައި ދެރަޢުޔެއް އޮންނާތީއެވެ. އިސްލާމު ދީނުގައި ކަނޑައެޅިގެން ވަކިޙުކުމެއް ބަޔާން ކުރައްވާފައި ވަނިކޮށް އެޙުކުމަކާއި އެއްކޮޅަށް އަޑުއުފުލުމަކީ ނުވަތަ އެ ޙުކުމަށް ބޯލަބައި އެޙުކުމަކާއި އެއްގޮތަށް އުޅެން މަސައްކަތް ކުރުމަކީ "ދީނީ ޚިޔާލުތަފާތު ވުމެކޭ" ބުނެވޭނީ ކޮންއުސޫލަކުންބާވައެވެ؟ ނުވަތަ ދީނުގައި ވަކިހުކުމެއް ބަޔާންކުރައްވާފައިވާ މައްސަލައެއްގައި ވަކިބަޔަކު ބޯލަބަން ބޭނުން ނުވުމުން އެއީ "ދީނީ ގޮތުން ޚިޔާލު ތަފާތު މައްސަލައަކަށް ވަނީ" ކޮން ހަމައަކުން ބާވައެވެ؟ މިއީ މުސްލިމު ޤައުމެކެވެ.

ކޮންމެއަކަސް ހުޅަނގުގެ ނުރައްކާތެރި ސެކިއުލަރ ފިކުރުގައިޖެހި އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ދީނީ ކަންކަމުގައިވެސް އަޅުގަނޑުމެން ބޭނުންގޮތަކަށް ޙުކުމް ކަޑައެޅިދާނެ ކަމުގައެވެ. ނުވަތަ ޤަބޫލުކުރެވިދާނެ ކަމުގައެވެ. އަދި އެގޮތަށް ތިމާ ޤަބޫލުކުރާ ގޮތާއި އެހެންފަރާތަކުން ޚިލާވެއްޖެނަމަ އެއީ ދީނުގައި ޚިޔާލުތަފާތުވުން އޮތް މައްސަލައެއްކަމަށް ބުނެއެވެ. މިހެންގޮސް ދީނީ ކޮންމެކަމަކީވެސް ޚިޔާލުތަފާތުވުން އޮތް ކަންކަން ކަމުގައި ވަރަށް ގިނަބަޔަކު ޤަބޫލުކުރަން ފަށައިފިއެވެ.

އެހެންނަމަވެސް ހަޤީޤަތަކީ އިސްލާމުދީނުގައި ޚިޔާލުތަފާތު މައްސަލަތައް ވަރަށް މަދުކަމެވެ. މިގޮތަށް ޚިޔާލުތަފާތުވުން ހުރި މައްސަލަތަކުގައިވެސް ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އޮތީކީ އަޅުގަނޑުމެން މިހީކުރާފަދަ ގޮތަކަށް ނޫނެވެ.

ފުންކޮށް ވިސްނަވާށެވެ! ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގެ އަލީގައި އިސްލާމު ދީނުގެ ޢިލްމުވެރިންގެ ވާހަކަފުޅުތަކަށް ނަޒަރު ހިންގާލާއިރު، އިސްލާމީ ޝަރީޢަތުގައި ދިރިއުޅުމުގެ ކަންތައްތައް ބެހެނީ 5 ބަޔަކަށެވެ. އެއީ 1- ވާޖިބް (ކޮންމެހެން ކުރަންޖެހޭ)، 2- މުސްތަޙައްބު (ކޮއްފިނަމަ ޘަވާބު ލިބޭ ނުކުރިޔަސް ޢަޛާބު ނުލިބޭ) 3- މުބާޙު (ކުރުމާއި ނުކުރުން ހަމަހަމަ)، 4- މަކްރޫހް (ނުކޮށް ދޫކޮއްލައިފިނަމަ ޘަވާބުލިބޭ، ކުރިޔަސް ޢަޛާބު ނުލިބޭ ކަންކަމެވެ.)، އަދި 5- ޙަރާމް (ނުކޮށް ދޫކޮއްލައިފިނަމަ ޘަވާބުލިބޭ، ކޮއްފިނަމަ ޢަޛާބުލިބޭ ކަންކަމެވެ.)

މީގެތެރެއިން ވާޖިބާއި މުސްތަޙައްބަކީ ކުރުމަށް ބާރުއަޅާ ރަނގަޅު ކަންތަކެވެ. ތަފާތަކީ ވާޖިބުކަމެއް ކޮންމެހެން ކުރަންޖެހޭކަމެވެ. އަނެއްކޮޅުން މަކްރޫހްއާއި ޙަރާމް ކަމަކީ ނުކުރުމަށް ބާރުއެޅޭ ގޯސްކަންތަކެވެ. ތަފާތަކީ ޙަރާމް ކަމެއްނަމަ ކޮންމެހެން ދުރުހެލި ވާންޖެހޭކަމެވެ.

ވިސްނާލަންޖެހޭ ނުކުތާއަކީ ބައެއް ޢިލްމުވެރިން ވާޖިބޭ ވިދާޅުވާ ކަމެއްގައި އަނެއް ބައެއް ޢިލްމުވެރިން ޙަރާމެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވިއަސް ވިދާޅުވަނީ އެއީ މުސްތަޙައްބު ކަމެއް ކަމެވެ. މާނައަކީ ކޮންމެގޮތެއްވިއަސް އެކަން ކުރުން އެއީ މޮޅުއިތުރުގޮތެވެ.

އަނެއްކޮޅުން، އެއް ޢިލްމުވެރިޔަކު ޙަރާމޭ ވިދާޅުވާ ކަމެއްގައި އަނެއް ޢިލްމުވެރިޔަކު ވާޖިބެކޭ ވިދާޅެއް ނުވާނެއެވެ. ވިދާޅުވިއަސް ވިދާޅުވާނީ މަކުރޫހަ ކަމެއް ކަމުގައެވެ. މާނައަކީ އެއީ ނުކޮށް ދޫކޮށްލާންވީ ގޯސްކަމެކެވެ. ސުވާލު އުފެދެނީ ޙަރާމް ތޯ ނުވަތަ މަކްރޫހްތޯއެވެ. ބާރުއެޅެނީ އެކަން ދޫކޮށްލުމަށެވެ.

ވީމާ މިކަން މިހާ ސާފުކޮށް މިހެން އޮތްއިރު، ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއް އެއީކޮންމެހެން ކުރަންޖެހޭ ވާޖިބު ކަމަކަށް ހަދައިގެން އެކަން ކުރުމަށްފަހު އެއީ ޚިލާފީ މައްސަލައެކޭ ނުވަތަ ދީނީ ޚިޔާލުތަފާތު ވުމެކޭ ނުބުނެވޭނެއެވެ. އަދި ދީނުގައި ވާޖިބް ކުރައްވާފައިވާ ކަމެއް ތިމާމެން ކުރަން ބޭނުން ނުވުމުން ނުކޮށް ދޫކޮށްލުމަށްފަހު، އެއީ ޚިޔާލު ތަފާތު މައްސަލައެކޭ ނުވަތަ ދީނީ ޚިޔާލު ތަފާތުވުމެކޭ ނުބުނެވޭނެއެވެ.

މިސާލަކަށް ލަވަޔާއި މިއުޒިކަށް ބަލާލަމާ ހިނގާށެވެ. ލަވަޔާއި މިއުޒިކަކީ ޙަރާމް އެއްޗެއްކަމުގައި ވަނީ ބަޔާން ކުރައްވާފައެވެ. ލަޔަވާއި މިއުޒިކް ކުޅުމަކީ ވާޖިބެކޭ ނުވަތަ މުސްތަހައްބު ކަމެކޭ ސުންނަތް ޖަމާޢަތުގެ އެއްވެސް ޢިލްމުވެރިޔަކު ވިދާޅެއް ނުވާނެއެވެ. އެހެންކަމުން މަސްއޫލުވެރި ފަރާތަކުންވިއަސް އެފަދަ ޙަރާމްކަމެއް ކުރާނަމަ އެފަދަ ޙަރާމްކަމަކުން ދުރުހެލި ވެވިދާނެއެވެ. އަދި އެފަދަގޮތަކަށް ޙަރާމްކަމަކުން ދުރައްޖެހުމަކީ އެއީ ދީނީ ޚިޔާލުތަފާތު ވުމެކޭ ނުބުނެވޭނެއެވެ. އެއީ ޙަރާމްކަމަކުން ދުރުހެލިވުމަށް މަސައްކަތް ކުރުމެވެ. ވީމާ ކޮންމެކަމަކީ ދީނީ ޚިޔާލު ތަފާތުވުމެކޭ ބުނުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެއީ އޮޅުމެކެވެ. ނުވަތަ އޮޅުވާލުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް