ވާހަކަ

ގޮތެއް ނިންމުމުގެކުރިން ކަމުގެޙަޤީގަތް ހޯދާށެވެ.

ސުހާނާ އަކީ ޕްރައިމަރީ ޓީޗަރުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ، ހުޝިޔާރު، ދަރިވަރުންގެ ލޯބި ލިބިފައިވާ ކާމިޔާބު ހުނަރުވެރި ޓީޗަރެކެވެ.

ކިޔަވައިދިނުމަށް ކުލާހަށް ވަނުމަށް ފަހު ފިލާވަޅު ފަށަމުން އެކުލާހުގައިން އެންމެ ތޫނުފިލި އެއްކުއްޖެއް ކަމުގައިވާ އިޒްހާޔާ ސުވާލެއް ކޮށްލިއެވެ. އިޒީ އަތަށް މިސް އާފަލެއްދީފައި އަދި އެހެން އާފަލެއްދީފައި އެނޫންވެސް އިތުރަށް އާފަލެއް ދީފިނަމަ، އެހުރިހައި އާފަލެއް އެއްކޮށްލުމުން އިޒްހާ އަތުގައި މިހާރު ކިތެއް އާފަލު އޮންނާނެ ހެއްޔެވެ؟ އިޒީ އަވަސް އަވަހަށް އިނގިލި ބިންދަމުން ގުނާލާފައި ސުހާ މިސްއަށް ޖަވާބުދިނެވެ. އެއިރުން އޮންނާނީ ހަތަރު އާފަލެވެ.
އެހާ ތަފްޞީލުކޮށް ކިޔައިދިނުމުންވެސް އެސުވާލުގެ ޖަވާބު ނުބައިކޮށް ދިނީތީ މިސް ހުރީ ކުޑަކޮށް މޫޑު ސަކަރާތްވާ ގޮތް ވެފައެވެ. ވާނީވެސް އެހެންތާއެވެ. އެހާފަސޭހަ ސުވާލެއްގެ ޖަވާބު ނުބައިވީމާ ހިތްހަމަވެސް ނުޖެހޭނެތާއެވެ.

އެސުވާލުގެ ޖަވާބު ނުބައިކޮށް އިޒީއަށް ދެވުނީ ފަހަރެއްގައި ސުވާލު ނުވިސްނިގެން ކަމަށް ސުހާ މިސް ހީކުރިއެވެ. އެހެންވުމުން އެސުވާލު ދެވަނަ ފަހަރަށް އިޒީއަށް ކުރުމަށް ވަރަށް ތަފްސީލުކޮށް ސުވާލު ކިޔައިދިނެވެ. "އިޒީ އަތަށް މިސް އާފަލެއްދީފައި އަދި އެހެން އާފަލެއްދީފައި އެނޫންވެސް އިތުރަށް އާފަލެއް ދީފިނަމަ އެހުރިހާ އާފަލެއް އެއްކޮށްލުމުން އިޒްހާ އަތުގައި މިހާރު ކިތެއް އާފަލު އޮންނާނެ ހެއްޔެވެ؟"

ފުރަތަމަ ފަހަރު ޖަވާބުދިނުމުން މިސްގެ މޫނުމަތިން ހިތްހަމަނުޖެހުން އިޒީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިސްގެ މޫނުމަތިން އެހެންނާވެސް ފެންނަ އުފާވެރިކަމާއި މަޖާކަންދެކެން އިޒީވެސް ވަރަށް ބޭނުންވެއެވެ. އެހެންވުމުން މިފަހަރު ސުވާލުގެ ޖަވާބު ރަނގަޅަށް ދިނުމަށް ވަރަށް ސަމާލުކަންދީގެން އިނގިލި ބިންދަމުން ގުނާލާފައި ޖަވާބުދިނެވެ. އެއިރުންވާނީ ހަތަރު އާފަލެވެ.

ފުރަތަމަ ފަހަރަށް މިސްގެ މޫނުމަތިން ރުޅިއައިސްފައި ހުރިކަމުގެ އިޙުސާސް ކުރެވުނެވެ. ނަމަވެސް މިފަހަރު އެޖަވާބު ދިނުމުން މިސްގެ މޫނުމަތިން ރުޅިވެރިކަން ފާޅުކޮށްފެންނަން ހުއްޓެވެ.

މިހެން މިކަންދިމާވުމުން ދެގޮތަކަށް ސުހާ މިސް ވިސްނިއެވެ. އެއްގޮތަކީ ސުހާ މިސްއަކީ ދަރިވަރުންނަށް ފިލާވަޅުން ދޭންޖެހޭ ފުރިހަމަ މެސެޖު ފޯރުކޮށްނުދެވޭ ނާޤާބިލު ޓީޗަރަކަށް ވުމެވެ. ނޫނީ އެކުއްޖާއަކީ ނުވިސްނޭ ގަބު ކުއްޖަކަށްވުމެވެ. އިރުގަނޑަކު ވިސްނަންއިނދެފައި ދަރިވަރުންނަށް ވަރަށްކަމުދާ ކޮންމެވެސް އެހެން މޭވައެއް ބޭނުންކޮށްގެން އެސުވާލުކޮށްލުމަށް މިސް ނިންމިއެވެ. ހަމަ އިޒްހާއަށް މިސް ސުވާލުކުރިއެވެ. "އިޒީ އަތަށް މިސް ސްޓޯބެރީއެއް ދީފައި އަދި އެހެން ސްޓޯބެރީއެއް ދީފައި އެނޫންވެސް އިތުރަށް ސްޓޯބެރީއެއް ދީފިނަމަ އެހުރިހާ ސްޓޯބެރީއެއް އެއްކޮށްލުމުން އިޒްހާ އަތުގައި މިހާރު އޮންނާނީ ކިތެއް ސްޓޯބެރީ ހެއްޔެވެ؟" އަނެއްކާވެސް އިޒީ ވަރަށް ހަމަޖެހިލާފައި އެގޮތަށް ގުނާލުމަށްފަހު ޖަވާބުދިނެވެ. އެއިރުން އޮންނާނީ ތިން ސްޓޯބެރީއެވެ. އިޒީގެ ޖަވާބު ލިބުމާއެކު ސުހާ މިސްއުފަލުން ފޮޅުނެވެ. އަދި މިސްގެ މަސައްކަތް ބޭކާރު ނޫންކަން ޔަޤީންވުމުން މިސްއަށް ލިބުނު ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ. އެސުވާލުގެ ޖަވާބު ރަނގަޅަށް ދިނުމުން ކުރިން ކުރި ސުވާލު އަލުންކުރުމަށް މިސް ނިންމިއެވެ. ސްޓޯބެރީގެ ސުވާލަށް ޖަވާބު ރަނގަޅުކުރުމުން އެކަމަށް ތަރުހީބުދެމުން މިސް އަނެއްކާ އާފަލުގެ ސުވާލު ކޮށްލިއެވެ. "އިޒީ އަތަށް މިސް އާފަލެއްދީފައި އަދި އެހެން އާފަލެއްދީފައި އެނޫންވެސް އިތުރަށް އާފަލެއް ދީފިނަމަ އެހުރިހާ އާފަލެއް އެއްކޮށްލުމުން އިޒްހާ އަތުގައި މިހާރު ކިތެއް އާފަލު އޮންނާނެ ހެއްޔެވެ؟"

އިޒީއަށް ލިބެމުންދިޔަ ތަރުހީބާއި ހިތްވަރުގެ ސަބަބުން ވަރަށް ޖޯޝާއެކު މިފަހަރުވެސް ޖަވާބުދިނެވެ. އެއިރުން އިޒީ އަތުގައި އޮންނާނީ ހަތަރު އާފަލެވެ. މިސްއަށް ރުޅި ކޮންޓްރޯލްނުވެ ހަރުއަޑުން ބުނެވުނެވެ. ހަތަރު އާފަލަށް ވާނީ ކިހިނަކުން ހެއްހެވެ؟ އިޒީ ވަރަށް މަޑުމަޑުން ބުނެލިއެވެ. މިސްއެވެ. މިއަދު އަޅުގަނޑު ސްކޫލަށް އައި އިރު އަޅުގަނޑުގެ މަންމަ އާފަލެއްދިނެވެ. އެއާފަލު މިއޮތީ ދަބަސް ތެރޭގައެވެ. މިއާފަލުއޮއްވާ މިސް ތިން އާފަލު ދޭކަމަށްވެއްޖިއްޔާ ހުރިހާ އާފަލެއް އެއްކޮށްލުމުން އަޅުގަނޑުގެ އަތުގައި ހަތަރު އާފަލު އޮންނާނެ ނޫންހެއްޔެވެ.

މި ކުރު ވާހަކަގައިވެސް ވިސްނާލުން މުހިންމު، ފޮރުވިފައިވާ ދެތިން ޙިކުމަތެއްއެބައޮތެވެ.
***********************************************
އެއްވެސް ކަމެއްގެ ފެންނަން ހުރި ކަންތައްތަކާއި އެކަމެއްގެ ފުރަގަހުގައި ވާ ޙަޤީޤަތް ރަނގަޅަށް ނޭނގޭހައި ހިނދަކު އެކަމަށް ވަކިގޮތެއް ނިންމާކަށް ނުވާނެއެވެ.

ތިމާގެ އަމިއްލަ ރައުޔާއި ވިސްނުން ވަކިގޮތަކަށް ކަނޑައެޅުމުގެ ކުރިން އަނެކާކެ ވިސްނުމާއި ރައުޔު އަޑުއަހައި ބަލައިގަނެ ހަޖަމުކުރެވޭފަދަ މީހަކަށް ތިބާވާށެވެ.

އަނެކާކެ ވާހަކަތައް ފުރިހަމަޔަށް އަޑުއެހުމަށްފަހު ގޮތެއްނިންމުމުން އެކަމެއް ނިންމުމުގައި ގޯސްކޮށް ކަމެއްނިންމުމަށް ފުރުޞަތު ކުޑަވެގެންދާނެއެވެ. ކަންކަން ނިންމުމުގައި އެހެންމީހުގެ ޚިޔާލުހޯދައި އެވާހަކަތައް ބަލައިގަންނަ ނަމަ ޖާދުލެއްފަދައިން ކުރިމަތިވާ މައްސަލަތައް ޙައްލުވެގެންދާނެއެވެ. ޚާއްޞަގޮތެއްގައި މިހާރުގެ ޒުވާނުންނާއި ގުޅުން ހުރި ކަމެއްގައި ނަމަ ގޮތެއްނިންމުމުގެ ކުރިން އެމީހުންގެ ޚީޔާލު ހޯދަން ވާނެއެވެ. ނޫނީ ކަންކަމުގައި އެމީހުން ދެކޮޅުވެރި ވެދާނެ އެވެ.

މަތީގައި ބަޔާންކުރި ވާހަކާގައި އެކުއްޖާ އެއްގޮތެއްގައި ދެމިހުރުމުން އެކަން ހޯދުމަށް ތިން އާފަލު ހަތަރު އާފަލަށް ބަދަލުވަނީ ކިހިނެއްވެގެންހޭ؟ މިސް ސުވާލުކުރި ނަމަ ހަމައެވަގުތުން އެމައްސަލަ ހައްލުވާނެއެވެ. ވަކިކަމެއްގައި މީހެއްގެ ނިންމުން ވަކިގޮތަކަށް ހުރުމުން އެކަމެއްގެ ސަބަބަ ހޯދުމަށް ތިބާ ސުވާލުކޮށްފިނަމަ ތިބާ ކުރިޔަށްދާން ބޭނުންނާ ކަމެއްގައި މާބޮޑަށްވެސް ފަސޭހަވެގެންދާނެއެވެ. އޭގެ އިތުރުން އަނެކާ އެހެރީ ގޯސްގޮތްމަތީގައިކަމަށް ތިބާ ނިންމާއިރު ތިބާ ތިހިރީ ރަނގަޅުގޮތް މަތީގައިތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. ފަހަރެއްގައި ތިބާވެސް ގޯސްގޮތްމަތީގައި ހުރެދާނެއެވެ.

މިވާހަކައިން މިހާރުގެ ސިޔާސީ މަސްރަހާމެދު ވިސްނާލުން ވަރަށް މުހިންމެވެ. ކޮންމެމީހަކުވެސް އިނގިލި ދިއްކުރަނީ އަނެކާއާދިމާލަށެވެ. ގޯސްކުރަނީ އަނެކާއެވެ. ތިމާ ވަރުގެ މީހެއްނެތެވެ. މިއީ އެއްގޮތަކަށްވެސް ރަނގަޅުވިސްނުމެއްނޫނެވެ. އަނެކާގެ ވިސްނުން ތިބާގެ ވިސްނުމާ ތަފާތުވެއްޖެނަމަ އޭނާ ގޯސްކުރުމުގެ ބަދަލުގައި އެގޮތަށް ވިސްނަނީ ކީއްވެތޯ ހަމަހިނމޭންކަމާއެކު ސުވާލުކޮށް ޖަވާދު ހޯދާށެވެ. ހުރިހާ ކަމެއްގައި ރަނގަޅު މީހަކީ ހަމަޔަޤީނުންވެސް ތިބާކަމުގައި ނުވާނެއެވެ. ތިބާއަށްވެސް ގޯސްހެދޭފަހަރު އަންނާނެއެވެ. ވީމާ ހުރިހާ ކަމެއްގެ ޙަޤީގަތްހޯދަށް ލޯބިކުރާށެވެ. ނޫނީ ތިންއާފަލު ހަތަރު އާފަލަށް ބަދަލުވިގޮތް ތިބާއަކަށްވެސް ނޭނގޭނެއެވެ.
( ނިމުނީ )

ގުޅުންހުރި

1 ޚިޔާލު

  1. Alhamdulillah ya ALLAH
    Maasha ALLAH warah ibraitheri jazakALLAH khayr
    Maai ALLAH ge basfulhu Quran ga wahee basfulhuwey
    Ba eh hee aki faafa eh kamah

Your email address will not be published. Required fields are marked *

More in ވާހަކަ