ސަޢޫދި ޢަރަބިއްޔާގެ ޤަޞީމޭ ކިޔާ ރަށުގެ ފަނޑިޔާރުގެއަށް މީގެކުރިން ދުވަހަކުވެސް ހުށަހެޅިފައިނުވާފަދަ މައްސަލައެއް ހުށަހެޅުނެވެ. އެމައްސަލައަކީ ހަމައެކަނި ޤަޞީމުގެ ފަޑީޔާރުގެއަށް އައު މައްސަލައަކަށްނުވިއެވެ. އެމައްސަލަވެގެންދިޔައީ މުޅި ސަޢޫދި ޢަރަބިއްޔާގެ ޝަރުޢީނިޒާމަށް ހުށަހެޅުނު ވަރަށް އާދަޔާ ޚިލާފު އައު މައްސަލައަކަށެވެ.
މިހާރަކަށްއައިސް ޢާއިލީ ހަމަނުޖެހުން، ގާތްތިމާގެކަމުގެ ގުޅުންކެނޑުން، މިނޫނަސް ޢާއިލާތެގޭގައި ޖެހޭ އެތަކެއް މައްސަލަތަކެއްގެ ހިތާމަވެރި ޚަބަރާއި މީސްތަކުގެ ހިތްތައް ގުޑުވާލާފަދައެތައް މައްސަލައްގެ ވާހަކަ އަޑުއަހައިކިޔައި ދެކެމުއެވެ. އެކަމަކު ރަޙިމުގެ ގުޅުން މިނަމުގައި ފަނޑިޔާރުގެއަށް ހުށަހެޅުނުމައްސަލައަށް ބަލާށެވެ. އަދި މިވާހަކަ ހަޔާތުގެ ޢިބުރަތެއްކަމުގައިހަދައި ތިބާއާއި ތިބާގެ ވަށައިގެންވާ އަވައްޓެރިންނާއި އެނޫން މީހުންގެ ވާހަކަތަކަށް އަލިއަޅުވާލައި ކަމުގެ ޙަޤީގަތްހޯދާލާށެވެ. އެކަމުން ޢިބުރަތެއް ލިބިގެންދާނެއެވެ.
ޙައިޒާނުލް ފަހުދީ އަލްޙަރުބީއަކީ ސަޢޫދީ ޢަރަބިއްޔާގެ ބުރައިދާއޭކިޔާރަށުން 90 ކިލޯމީޓާރ ދުރުގައި އޮންނަ އަވަށެއްކަމުގައިވާ ( އަސިޔާޙު ) ގައި ދިރިއުޅޭޒުވާނެކެވެ. ޤަޞީމުގެ ފަނޑިޔާރުގެއިން އިންވި ޙުކުމް އޭނަޔާ ދެކޮޅަށް އިއްވުމުން ރޮމުންގޮސް އޭނާގެ ތުނބުޅި ކަރުނައިން ތެމުނުއިރުގައި އޭނާ ދެކެން އައި ކޮންމެ މީހަކުވެސް ދިޔައީ ރޮއެފައެވެ. އެއީ އޭނަޔަށް އެކަމުން ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންކަން ކަށަވަރެވެ.
ގިސްލަގިސްލާފައި މިރޮނީ ކޮންފަދަކަމެއް ކުރިމަތި ވެގެންބާވައެވެ؟ ޙައިޒާންގެ ހުރިހާ ދަރިން ފުރަގަސްދީ ދިޔައީބާވައެވެ؟ ވާރުތަ މުދަލުން ވަކިކުރީބާވައެވެ.؟ ނޫނީ ހައިޒާންގެ އަނބިމީހާ ޚުލްޢަ ކުރަން ހުށަހެޅީބާވައެވެ؟ ނޫން، ނޫން އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. ދެންއެހެންވިއްޔާ އެހާވަރަކަށް ހައިޒާން އެރޮނީ ކީއްވެގެންބާވައެވެ. މިވާހަކައަކީ ޚީޔާލީ ވާހަކައެއްނޫނެވެ. މީ މުޅިން ތެދު ޙަޤީޤީ ވާހަކައެކެވެ. މިވާހަކަ ޢާންމުންނަށް ތަފްޞީލްކޮށް ދިނީ ސަޢޫދީ ޢަރަބިއްޔާގެ ދުވަހުނޫހެއްކަމަށްވާ ( އައްރިޔާޟު ) އިންނެވެ.
މަދީނާގެބޮޑެތި ބޮޑެތި މިސްކިއްތަކުގައި އިމާމުން މިވާހަކަ ޚުޠުބާގައިވެސް ކިއެވެ. އެތައްސަތޭކަ ޢަރަބި ވެބްސައިޓް ތަކުގައިވެސް މިވާހަކަ ވަރަށް މަޝްހޫރެވެ. މީސްތަކުގެ ލޯތައް ހުޅުވާލިމިވާހަކަ ކިޔާލާށެވެ.
ޙައިޒާނަކީ އެޢާއިލާގެ އެންމެ ދޮށީދަރިއެވެ. އެކަނި ދިރުއުޅެމުންދާތީ އޭނާގެ ހުރިހާވަގުތެއްހެން ހުސްކޮށްފައިވަނީ އޭނާގެ މަންމައަށް ޚިދުމަތްކުރުމަށެވެ.
ޙައިޒާންގެ މަންމައަކީ ވަރަށްބަލިކަށި މުސްކުޅި ގައިބާރުދެރަވެފައިވާ މީހެކެވެ. މިލްކިއްޔާތުގައި ރަޙުނުކުރުމަށް ބަލައިފިނަމަ ރަހުނުކުރާނޭ އަނގޮޓިއެއްގެ މިންވަރުވެސް ނެތްމީހެކެވެ.
ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށްދަނިކޮށް އެހެން އަވަށެއްގައި ދިރިއުޅޭ ޙައިޒާންގެ ކޮއްކޮ އައިސް މަންމަ،ކޮއްކޮ ކައިރިއަށް ގެންދަން ބޭނުންވާ ވާހަކަބުނެފިއެވެ. މަންމަ އޭނާގެ ކައިރިއަށް ގެންދަންބޭނުންވާ ވާހަކަ ބުނިބުނުން ޙައިޒާންއަކަށް އެއްގޮތަކަށް ކެތެއްނުކުރެވުނެވެ. އަދި ކޮއްކޮއަށް އެކަންއެގޮތަށް ނުކުރެވޭނެ ވާހަކަ ބޭބެ ބުންޏެވެ. އެއީ އަދި އޭނާގެ ކިބައިގައި މަންމަ ބަލާހައި ހިތްވަރާއި ކުޅެދުންތެރިކަން ފުރިހަމައަށް ހުރީމައެވެ.
ދެބެންގެ ދެމެދުގައި މިކަމާއި ދެބަސްވުން އުފެދި މައްސަލަ މާގޯސްވާންފެށުމުން ކޮއްކޮ ނިންމީ މިމައްސަލަ ފަނޑިޔާރުގެއަށް ހުށަހެޅުމަށެވެ. ފަނޑިޔާރުގެއަށް މައްސަލަ ހުށަހެޅި ކުރިޔަށްދާން ފެށުމުންވެސް އެކަކުވެސް ގޮތްދޫކުރާކަށްނެތެވެ. ކޮންމެ މީހަކުވެސް ބޭނުންވީ މަންމަ އެމީހެއްގެ ކައިރީގައި ހުރުމަށެވެ. ފަނޑިޔާރު އެދެމީހުންނަށް ،ގޮތެއްނިންމުމަށް ފުރުޞަތު އެތައްފަހަރަކު ދިނުމުންވެސް ދެމީހުން ތަފާތު ހެކިތަކާއި ދަލީލުތަށް ހުށަހެޅުމަށްފަހުވެސް އެކަމަށް ގޮތެއް ނުނިންމުނެވެ.
ޝަރީއަށް މާބޮޑަށް ދިގުލައިގެންދާންފެށުމުން ޖެހިގެން އަންނަދުވަހު މަންމަ ގޮވައިގެން ފަނޑީޔާރުގެއަށް އައުމަށް ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑީޔާރު މިހެން ނިންމެވީ ދެކުދިންގެ މަންމަޔާ ސުވާލުކޮށް މަންމަ ހިތްއެދެނީ ކޮންގޮތެއްތޯ ބެލުމަށެވެ.
ޖެހިގެންއައި ދުވަހުގެ ޝަރީއަތަށް ދެބެން ޙާޟިރުވީ މަންމަ ގޮވައިގެންނެވެ. މަންމަގެ ސިފަކުރަނީނަމަ ބުނެވޭނީ އެއީ ދުނިޔޭގައި ހުރި ހަމައެކި މަސްފިލާފައިވާ ކަށި ގަނޑެކެވެ. ޖިސްމާނީގޮތުން އެހާވެސް ނިކަމެއްޗެވެ. ދެކުދިންގެ މަންމަ ޙާޟިރުވުމަށް އެންގުމުން ގޮނޑިއެއްގައި ބައިންދައިގެން ގެނައެވެ. ބަރުދަނުގައި 20 ކިލޯވެސް ނުހުންނާނެއެވެ.
ފަނޑިޔާރު އެދެކުދިންގެ މަންމައަށް ސުވާލުކުރިއެވެ. މަންމައަށް ޚިދުމަތްކޮށް ބެލެހެއްޓެމުގެ ޒިންމާ ނެގުމަށް ދެބެންގެ ދެމެދުގައި ދެބަސްވެގެންއުޅޭކަން އެނގޭހެއްޔެވެ؟ ދެދަރިންވެސް ބޭނުންވަނީ އެދަރިން ކައިރީގައި ތިބުމަށެވެ. މިހެން ދިމާވުމުން އެތަނުން ކޮންކުއްޖެއްގެ ކައިރީގަތޯ އުޅެން ލޯބިކުރަނީ ފަނޑިޔާރު އެއްސެވިއެވެ.
މުސްކުޅި އަންހެންމީހާ ޖަވާބުދިނެވެ. "ލައްބަ.. ތިކަން އަޅުގަނޑަށްއިނގޭ ނަމަވެސް ތިތަނުން ވަކިދަރިއެއްގެ ކައިރިއަށްގޮސް އުޅޭން ނިންމަން އެއީ އަޅުގަނޑަށް ވަރަށްދަތިކަމެކެވެ. ޙައިޒާންއަކީ އަޅުގަނޑުގެ އެއް ލޯ ކަމުގައިވަނީނަމަ ހަގު ދަރިފުޅު އެއީ އަޅުގަނޑުގެ އަނެއްލޮލެވެ."
ފަނޑިޔާރު މައްސަލަ ނިންމާލުމަށްޓަކައި ޙާއިޒާންގެ ކޮއްކޮގެ ތަނަވަސްކަމާއި ފުދުންތެރިކަމަށް ބެއްލެވުމަށްފަހު މައްސަލައިގެ ޙުކުމް އިއްވެވީ ކޮއްކޮގެ ފަރާތަށެވެ. އެއީ މަންމަ ބެލެހެއްޓުން ޙަވާލުކުރީ ކޮއްކޮ އާއެވެ.
އާނއެކެވެ. ހުއްޓުމެއް، މެދުކެނޑުމެއްނެތި، ގިސްލަ ގިސްލާފައި ޙާއިޒާން ރޮމުން އެގެންދަނީ މިސަބަބާހުރެއެވެ.
ޙައިޒާންގެ ކަރުނަ ކިހާ އަގުބޮޑުހެއްޔެވެ. އެފަދަ ހިތާމައެއް ލިބެމުން އެދަނީ މަންމައަށް ޚިދުމަތްކުރުމުގެ ފުރުސަތު ނުލިބުމުންނެވެ. ތަނަވަސްކަންނެތުމުން މަންމަ ބެލެހެއްޓުން ޙަވާލުނުކުރީ ކީއްވެހޭ މެދުކެނޑުމެއްނެތި ޙާއިޒާން ދިޔައީ ސުވާލުކުރަމުންނެވެ. މިފަދައިން އެހާމުސްކުޅި މަންމައަކު ބެލުމަށް ބޭނުންވެ އާދޭހުގެ ކަރުނަ ނުހިކި އޮހޮރެމުންއެދަނީ ހިތުގައި އަޅާ އަސަރުގަދަ ވޭނަކުންނެވެ. އެފަދަ ޙާލުގައި މަންމަވީ ހިނދުވެސް އެބުރަ އުފުލުމަށް ފުރުސަތު ނުލިބިގެން އަޅެއެރޮނީ ކީއްވެބާއެވެ. ސަބަބަކީ މައިންބަފައިންނަށް ޚިދުމަތްކުރުމުން ލިބޭ މަތިވެރިކަމުން އުނިވާތީކަން ކަށަވަރެވެ.
މިތަނުގައި ވިސްނަންވީ ހަމައެކަނި ޙާއިޒާނަކަށް ނޫނެވެ. މައިންބަފައިންނަށް ޚިދުމަތްކުރުމުގެ މާތްކަމާއި ފުރިހަމަ ޒިންމާ ދަސްކޮށްދެއްވި މައިންގެ މަތިވެރިކަންމަތިންނެވެ.
އަޅުގަނޑުގެބަސް:
ޙައިޒާނަށް އެއަސަރު ކުރަމުން ދިޔައީ މަންމައަށް ޚިދުމަތްކުރުމަށް ފުރުޞަތު ނުލިބިގެންނެވެ. އެޚިދުމަތަކީ ކިހާ އަގުބޮޑު ޚިދުމަތެއްކަން ދަސްކޮށްދިނީ އެނިކަމެތި މަންމައެވެ.
އަޅުގަނޑުމެންގެ ތެރެއިން މިއަދު ކިތައް މައިންބަފައިން އަޅަލާނެ ދަރިއަކުނެތި ބިކަޙާލުގައި އެބައުޅެހެއްޔެވެ. އެއްފަހަރު ދެކުނުގެ ރަށަކުން އަނެއްފަހަރަކު އުތުރުގެ ރަށަކުން އިވިގެން މިދަނީ މައިން ބަފައިން އުޅޭހިތްދަތިޙާލުގެ ވާހަކައެވެ.
ދަރިންނަށް ތަރުބިއްޔަތު ދިނުމުގައި އަޅުގަނޑުމެން މައިން ބަފައިން މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިއްޖެއެވެ. ނޫނީ ބަލިވެ އެހީތެރިކަން ބޭނުންވާ ހިނދު ޢަޞާބުރި ދިއްކޮށްލާނޭ ދަރިޔަކުވެސް ނުހުންނާނެއެވެ. އަޅުގަނޑުމެންގެ ކޮންމެދަރިޔަކީ އެމުސްކުޅި އަންހެނާގެ ދަރިންފަދަ ދަރިއަކަށް ހެދުމުގެ ޢަޒުމް ކަނޑައަޅާށެވެ.
އަޅުގަނޑުމެންގެ ދަރިންނަށް އެކަން ދަސްކޮށްދެވޭނީ އަޅުގަނޑުމެންގެ ފަރާތުން އެކަން ދައްކުވައިދީގެންނެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތަންވީއެވެ. އެއިރުން ދަރިން އެކަން ވަރަށްފަސޭއިން ދަސްކުރާނެއެވެ.
އަޅުގަނޑުމެން އެންމެންނަށް މިކަމުގެ ތަޢުފީޤު ދެއްވާށި! = އާމީން
( ނިމުނީ )















އާމީން. މިދިވެހިރާއްޖޭގެ ކޮއްމެ މަޔަކީ މިފަދަ މަޔެއްކަމުގައި އަދި ދަރިންނަކީ އެފަދަ ދަރިންކަމުގައި ލައްވާށި! އާމީން ޔާރައްބަލް ޢާލަމީން..
ވވވވ އިބުރަތުން ފުރިގެން ވާ ހާދިސާއެއްތީ ، މިއަދު މުޅި ދުނިޔެ ހޯދަމުން ދަނީ ތިކަހަލަ ސޯލިހު ދަރިއެއް ، މިހާރުެސް މިގައުމުގަ ލާރި ހޯދަން ވެގެން އެދަނީ މުސްކުޅިން ބަލާނެ މަރުކަޒެއް އެޅުމަށް ދުވާލާ ހަތަރުދަމު މެދުނުކެނޑި މަސައްކަތް ކުރަމުން ލާރީގެ ދަހިވެތިކަމުގައި ،އޭ މުސްލިމު އަހުންނޭ ހޭއަރާ އަހަރެމެންގެ މައިންބަފައިން އެތަށް އެއްލާލާ ބައެއް ކަމުގައި ނުވަމާތޯ ، !!!!! އަހަރެމެން ގިއާމަތް ދުވަހުން ﷲ އާ ބައްދަލް ވާންޖެހޭ ދުވަހުން އުފާވެރި މޫނަކާގެން ދާބައެއް ކަމުގައި ވަމާތޯ މާތް ﷲ އަހަރެމެންނަށް ހެޔޮވިސްނުން ދެއްވާށި އާމީން
މާސާﷲ ކަޅުއޮށް ފުންމި ޖެލީ ބުނި ފަދަ އިން މިފަދަ ވާހަކަ ތަކުން އިބްރަތް ލިބި ގަނަމާތޯ…
މާސާﷲ… ވ.އިބްރަތްތެރި.. އެފަދަ ބައްޕައަކާ މަންމައަކާ ބޭބެ އަކާ ދައްތައަކާ ދަރިންތަކަކާއި ރަހްމަތްތެރިން މި ދިވެހި މުޖުތަމައުގައި ގިނަކުރައްވާށި.. އާމީން