ދިގުވެގެންވާ ދަތުރެއް ކުރަމުން ދިޔަ ހަތަރު ރަހުމަތްތެރިން ދަތުރުކުރަމުން ގޮސް މަޑު ކުރީ ކޯރެއްގެ އައްސޭރީގައެވެ. ހަތަރު ރަހުމަތްތެރިންނާއި އެކު، ފަސްވަނަ ބައިވެރިޔަކަށްވީ މިބައިމީހުންގެ ކުއްތާއެވެ. މަޑުކުރި ހިސާބުން ދަތުރު ކުރިޔަށް ނުފެއްޓިގެން އުޅެނިކޮށް މިބުނާ ކުއްތާ މަރުވެއްޖެއެވެ. ކުއްތާ މަރުވުމާއެކު މިތަނުން އެކަކު ބުންޏެވެ. "މިކުއްތާ ވަޅުލުމަށްފަހު އެތަން ފާހަގަވާ ގޮތަށް ހަދަމާ ހިނގާށެވެ. އެއިރުން މިހިސާބަށް އާދެވުމާއެކު މިތަން ފާހަގަ ވާނެއެވެ. އަދި ކުއްތާގެ މަތިން ހަނދާން އާވާނެއެވެ." މިހެން ބުނުމަށްފަހު މިބައި މީހުން އެކުއްތާ ވަޅުލައި، ފާހަގަ ވާގޮތަށް މަހާނައިގެ ވެލިތައް އުސްކޮށް ޖަހާލިއެވެ.
އެތައްދުވަހެއްގެ ފަހެވެ. ދަތުރު ކުރަމުން އައި ވިޔަފާރި ގާފިލާއެއްގެ މީހުން މަޑުކޮށްލީ އިރުއޮއްސުމާއެކު އަރާމުކޮށްލުމަށެވެ. އިއްތިފާގުން މިބައިމީހުންނަށް މަޑުކުރެވުނީ އެއްކަލަ ކުއްތާ ވަޅުލާފައިއޮތް ހިސާބުގައެވެ.
ކުރިޔަށްދާން އޮތް މަގުގެ ނުރައްކަތެރި ކަމާމެދު މިބައިމީހުންގެ މެދުގައި ވާހަކަ ދެކެވެންފެށިއެވެ. އެއީ ވައްކަން ކުރާ މީހުންނާއި ފޭރޭ މީހުންގެ ނުރައްކަލެވެ. މިވާހަކައިގައި ތިއްބާ، މިބައިމީހުންނަށް ކުއްލިއަކަށް ފެނުނީ އެތަނުގައި ހުރި ބޮޑު މަހާނައެވެ. މަހާނަ ހުރިތަނުގެ ބޯލާ ކޮޅުގައި ގަހެއް ހުރުމާއި ކައިރީގައި ކޯރެއް އޮތުމުން މިބައި މީހުން ނިންމީ އެވާނީ ކޮންމެވެސް ބޮޑުވެގެންވާ (ޢިލްމުވެރި) މީހެއްގެ މަހާނަ އެއްކަމަށެވެ. އެހެންވުމުން މިބައި މީހުން ނިންމީ ގާފިލާގެ މުދަލުގެ ދިހަބައިކުޅަ އެއްބައި އެޤަބުރަށް ހޭދަކުރުމަށެވެ. އަދި ރައްކަތެރި ކަމާއެކު ފެރޭމީހުންގެ ކިބައިން ސަލާމަތްވެވިއްޖެނަމަ މުދަލުގެ ދިހަބައިކުޅަ އެއްބައި އެޤަބުރަށް ހޭދަކުރާނެ ކަމަށް މިބައިމީހުން ނަދުރުވެސް ބުންޏެވެ.
ވިޔަފާރި ޤާފިލާގެ މުދާތަކަށް ފާރަލަމުންދިޔަ ވަގުންގެ މެދުގައި ކަމަކާއި ދެބަސްވުން އުފެދި މައްސަލަގަނޑެއްގައި އުޅެނިކޮށް އެގާފިލާގެ މީހުން ރައްކާތެރި ކަމާއެކު މިބައިމީހުންގެ އައްދަށުން ސަލާމަތްވެ މަންޒިލަށް ދަތުރުކޮށްފިއެވެ. އަދި މިފަހަރުގެ ވިޔަފަރި ދަތުރުން މިބައި މީހުންނަށްވީ ފައިދާ އިހުނަށްވުރެ ބޮޑެވެ. މިދަތުރުގެ ފައިދާ ވަކިކޮށް އޭގެން ދިހަބައިކުޅަ އެއްބައި ނަގައި އެއްކަލަ ކުއްތާގެ މަހާނައި ގައި ބޮޑުވެގެންވާ ރީތި ޢީމާރާތެއް ކޮށްފިއެވެ. މިހިސާބުން އެމަހާނަމިވީ ޒިޔާރަތަކަށެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިބުނާ ޒިޔާރަތްފުޅުގެ ވާހަކަ ވައިރޯޅިއެއް ފަދައިން އެހިސާބުގެ އާބާދީ ތަކަށް ފެތުރި މަޝްހޫރު ވެއްޖެއެވެ. އަދި ގިނަދުވަހެއްނުވެ މިބުނާ ޒިޔާރަތްފުޅު ހުރި ހިސާބުގައި މީހުން އާބާދުވެ ދިރިއުޅެން ފަށައިފިއެވެ. އަދި މިބައި މީހުންގެ މެދުން ވެރިއަކުވެސް ކަނޑައަޅައިފިއެވެ.
ދުވަސްގަނޑެއްގެ ފަހެވެ. އެއްކަލަ ހަތަރު ރަހުމަތްތެރިން ދަތުރުކުރަމުން އައިސް މަޑުކޮށްލީ އެއްކަލަ ކޯރުގެ އައްސޭރިގައެވެ. އިނގިލީގައި ދައިގަނެ ހަތަރު މީހުންނަށް ބަލަހައައްޓައިގެން ތިބެވުނީ ޙައިރާންކަމާއެކު އެތަނުގައި ދިރިއުޅެމުންދިޔަ އާބާދީ ފެނިފައެވެ. މީކުރިން ދުއްކަމެއްނޫނެވެ. މިސަރަހައްދުގައި މީހުން އާބާދުވީ ގޮތާމެދު މީހުން ވާހަކަދައްކަމުން ކިޔައިދިނިނެވެ. މިތާގައި މީހުން އާބާދުވާން ފެށީ މިސަރަހައްދުގައި އެވާ ވަލީވެރިޔާގެ ޒިޔާރަތުގެ ސަބަބުންނެވެ. އެތަނުގައި ފަސްދާނުލެވިގެން އެވަނީ ވަލީވެރިއެކެވެ. މީއެރަށުގެ މީހުންގެ ވާހަކައެވެ.
މިހިސާބުން މިހަތަރު މީހުންނަށް ލިބުނު ޙައިރާންކަން އިހުނަށް ވުރެ ބޮޑުވިއެވެ. ހިތާ ހިތާ ހަތަރު މީހުން ކިޔައިލިއެވެ. މީއަނެއްކާ އަހަރެމެންގެ އެއްކަލަ ކުއްތާގެ މަހާނަ ނޫންބާވައެވެ. ހަމައެއްކަލަ ގަހެވެ. ހަމަ އެކޯރުގެ އައްސޭރިއެވެ. ހުރިހާ ގޮތަކަށްބެލުމުންވެސް ހަތަރު މީހުންނަށް ނިންމުނީ މީ އެއްކަލަ ކުއްތާގެ މަހާނަ ކަމުގައެވެ. މިވާހަކަ ބައެއްމީހުންނަށް މިހަތަރު މީހުން ކިޔައިދިނެވެ. "މީ ވަލީވެރިއެއް ނުވަތަ ޢިލްމުވެރިއެއްގެ މަހާނައެއް ނޫނެވެ. މީއަހަރެމެން ގެންގުޅު ކުއްތާގެ މަހާނައެވެ." އިސާހިތަކު ޖަންގަލީގައި ފެތުރިގެންގާ އަލިފާންގަނޑެއްފަދައިން މިވާހަކަ މުޅިރަށު ތެރޭގައި ފެތުރިއްޖެއެވެ. އަދި މިހަތަރު މީހުން ދެއްކި ވާހަކައިގެ ސަބަބުން މިހަތަރު މީހުންނަށް ދޭނެ އަދަބަކާމެދު ވާހަކަދެކެވެން ފަށައިފިއެވެ.
މިހަތަރު ރަޙުމަތްތެރިން ބުންޏެވެ. "އެންމެ ރަނގަޅެވެ. އުދެއްޔެއްދޭށެވެ. އަހަރެމެން އެތަން ކޮންނައިރު ކުއްތާގެ ކަށިތައް ނުނެގިއްޖެނަމަ އަހަރެމެން ޤަތުލު ކުރުމާމެދުއެއްވެސް އިޢުތިރާޟެއް ނެތެވެ." އެތަން ކޮނުނު އިރު ނެގުނީ ހަމަ ކުއްތާއެއްގެ ކަށިތަކެވެ. މިހިސާބުން އެމީހުންގެ ވާހަކައިގެ ތެދުކަން ރަށުގެ މީހުންނަށް ޔަޤީން ކުރެވުނެވެ. އަދި މިހަތަރު މީހުންގެ ފުރާނަ ސަލާމަތްވީ މިބައިމީހުންގެ ބަސް ސާބިތުވުމުންނެވެ. ބައެއްފަހަރު އިންސާނުންގެ ޢަޤީދާގެ ޙާލަކީމީއެވެ.
( جوامع الکلم: 437 )
ކިޔުންތެރިން ވިސްނާލާށެވެ!
***************
- ކަމުގެ ޙަޤީޤަތް އެނގި ޔަޤީންނުވާހާލު އެއްވެސް ކަމަކަށް ފިޔަވަޅު ނާޅާށެވެ. ނޫނީ ވާނުވާ ނޭނގި ކައްސާލާފާނެއެވެ.
- އަޅުގަނޑުމެންގެ ތެރެއިން ޒިޔާރަތްތަކަށް ނަދުރު ބުނަނީ ކިތައް މީހުންތޯއެވެ. ނަމަވެސް ނަދުރު ބުނުން ހަމައެކަނި ހުއްދަވެގެން ވަނީ މާތްﷲ ގެ ޒާތުފުޅަށް އެކަންޏެވެ. އަދި ވިސްނާލާށެވެ. ނަދުރުބުނަމުންދާ ޒިޔާރަތްތަކުގައި ވަޅުލެވިފައި ވަނީ ކޮންބޭފުޅެއްކަން ނުވަތަ ކާކުކަން ޞައްޙަގޮތުގައި ކަނޑައަޅައިދޭން ކެރެނީ ކާކަށްތޯއެވެ. ހަމަޔަޤީނުންވެސް މިހުރިހާ ކަމަކީވެސް ޚުރާފާތު ތަކެކެވެ. އެފަދަ ތަންތަނަށް އަޅުކަންކުރުމާއި ނަދުރު ބުނުން ހުއްޓާލަމާ ހިނގާށެވެ. މާތްﷲގެ ޙަޟުރަތަށް މޫނު އަނބުރާލާށެވެ. ރައްކާތެރިކަން އޮތީ އެއިރުންވެ.
( ނިމުނީ )
ކުޑަރަދީފު:
- ޒިޔާރަތް: ނަބީނާއި ރަސޫލު ބޭކަލުންނައި ވަލީވެރިންނާއި ރަސްރަސްކަލުންގެ ބިސްތާނަ.
- ބިސްތާނަ: މަހާނަ ވަށައިގެން ރާނައިފައި ހުންނަ ފާރާއި އޭގެ އެތެރެ.
- ގަބުރު: މަރުވެފައިވާ މީހާ
ނޯޓް: ބަސްތަކުގެ މާނަލިޔެފައި ވަނީ ދިވެހިބަސްފޮތް 2006 ން ނެވެ.















ވަރަށް ޢިބްރަތްތެރި ވާހަކައެއް. މިދިވެހި ރާއްޖޭގައިވެސް މިފަދަ އެތައް ޒިޔާރަތެއް ހުންނަނެކަމަށް ބެލެވޭ! ތ. އަތޮޅު ކަނޑޫދޫގައި ހުރިި ޒިޔާރަތެއް ފެނިފައި އަޅުގަނޑު ޢަޖާއިބުވެ އަންތަރީސްވި! އެ ޒިޔާރަތުގެ ދޮރެއްނެތް. ހުންނަނީ ދެކޮޅުގައި ކިޑިކީ ދެދޮރު. ކިރިޔާ އެތެރެ ބަލާލެވޭވަރުވަނީ. އެވެސް 7 ފަރުދާ ކަޝްފުކޮށްފައި. އެއީ ހަމަސީދާ ބޮޑުު ޝިރުކު ކުރެވޭތަނެއްކަމުގައި އަޅުގަނޑުދެކެނީ. ހެޔޮނުވާނެ އެފަދަ ތަންތަން ބަހައްޓާކަށް. އެކަމަކު ކީއްކުރާނީ އާސާރީ ނުވަތަ ޤަދީމީ ތަންތަނުގެ ނަމުގައި އެފަދަ ތަންތަން ދަމަހައްޓަން ރާއްޖޭގައިވެސް މަސައްކަތް ކުރަނީ. ހިތާމަހުރި. އެރަށުގެ ގިނަމީހުން އެތަނަށް ވަރަށްބޮޑަށް އިޙުތިރާމު ކުރާކަމުގައި ފެނުނު. ޔާ ﷲ އެފަދަ ނުބައިކަންކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން
މޫސާ އިބުރާހީމް ތިވިދާޅުވީ ވަރަށްބޮޑުތެދެއް މިހާރުވެސް ދިވެހިރާއްޖޭގައި އެފަދަ ތަންތަން މަދެއްނޫން އެހެންވީއިރު މިކަމަށް ދިވެހިން ހޭލުންތެރިކުރުވުމަށް ދީނީ ޢީލްމުވެރިން މަސައްކުރެއްވުމަކީ ވަރަށްމުހިންމު ކަމެއްކަމުގައި އަޅުގަނޑުދެކެވެ. މިވާހަކަ ކިޔުންތެރިންނާ ހަމަޔަށް ގެނައުމުގެ އެންމެބޮޑު މަޤުޞަދަކީވެސް މިކަމަށް މީހުންހޭލުންތެރިކުރުވުމެވެ.
މޫސާ ތީމާކަ އިހުގައި ކަނޑޫދޫ މީހުން ކޮއްއުޅުނު މޮޔަ ކަމެއް..މަށަށް 18އަހަރު މަ ނުދެކެން އެކަހަލަ މަންޒަރެއް..ބަޓް މީހުން ކިޔާ އެހެން…ކަންތައްތަކުގެ ހަގީގަތް ބަލާފަ ވާހަކަދައްކަން އާދަކުރުން މުހިންމު..ފަހަރުގަ ވެދޭނެ ތީ ތެދަކަށް..ބަޓް އެއީ ކުރިންކަން ފާހަގަ ކޮއްލުން މުހިންމު ކަމައް ދެކެން
އަސްލުވެސް ނަދުރު ބުނުމަކީ ރނގަޅުކަމެއްނޫން
ވަރަށް ޢިބްރަތްތެރި ވާހަކައެއް.
ތ.އަތޮޅު ވަންދޫން އަޅުގަނޑު ދުށިން ތިގޮތަށްހުރި ޒިޔާރަތެއް…..