85 އަހަރުގެ މުސްކުޅި ބައްޕަ އާއި އޭނާގެ ދަރިފުޅު (45 އަހަރު ) ގޭ ސިޓިންގް ރޫމުގައި އިށީދެލައިގެން ތިއްބައި ކުޑަ ދޮރުކައިރިއަށް ކާޅެއް އައިސް ވަރަށް ބަރާށްގޮވަން ފެށިއެވެ.
ބައްޕަ ހީކުރިއެއްޗެއް ނޭނގެއެވެ. ތެދުވެގެން ދަރިފުޅު ކައިރިއަށްގޮސް ސުވާލު ކުރިއެވެ. "ދަރިފުޅާ އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
ދަރިފުޅު ޖަވާބު ދިނެވެ. "އެއީ ކާޅެކެވެ." ޖަވާބު ލިބުމުން ބައްޕަ ގޮސް އިށީދެއްޖެއެވެ.
ކުޑަ އިރުކޮޅަކަށްފަހު އަނެއްކާ ބައްޕަ ތެދުވެގެން ދަރިފުޅު ކައިރިއަށް އައިސް ދެވަނަ ފަހަރަށް އެހިއެވެ. "ދަރިފުޅާ އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
ދަރިފުޅު ވަރަށް ހައިރާންވެފައި ބައްޕައާ ދިމާލަށް ބަލާލުމަށްފަހު ދެވަނަ ފަހަރަށް ޖަވާބުދިނެވެ. "އެއީ ކާޅެކެވެ."
އަނެއްކާ ކުޑަ އިރުކޮޅަކަށްފަހު، ބައްޕަ ތެދުވެގެން އައިސް ތިންވަނަ ފަހަރު ސުވާލު ކުރިއެވެ. "ދަރިފުޅާ އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
ދަރިފުޅު ހަރުއަޑުން ބުންޏެވެ. "ބައްޕާ އެއީ ކާޅެކެވެ. އެއީ ކާޅެކެވެ."
ކުޑައިރުކޮޅެއްގެ ފަހުން އަނެއްކާވެސް ބައްޕަ ތެދުވެގެން އައިސް ހަތަރުވަނަ ފަހަރަށް ސުވާލު ކުރިއެވެ. "ދަރިފުޅާ އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
ދަރިފުޅުގެ ކެތްތެރިކަން ކޮޅުންލާހިސާބަށްގޮސް، ކުރިއަށްވުރެވެސް އަޑުހަރުކޮށް ( ބާރަށް ) ބައްޕައަށް ޖަވާބުދިނެވެ. "ތިއުޅެނީ ކިހިނެއްވެގެން ހެއްޔެވެ. އެއްސުވާލެއް ތަކުރާރުކޮށް ތިކުރަނީ މިއަދު ބައްޕައަށް އަޑު ނީވެނީ ހެއްޔެވެ. ކިތެއްފަހަރު އަހަރެން މިހާރު ބުނެފިންހެއްޔެވެ. އެއީ ކާޅެކެވެ. ކާޅެކެވެ. އަހަރެން މިވާހަކަ ދައްކަނީ ބައްޕައަށް ނޭނގޭ ބަހަކުންހެއްޔެވެ. މިހާތިލަކޮށް ބުނާއިރުވެސް ތިއުޅެނީ ހަމަ ނޭނގިގެންހެއްޔެވެ؟"
ދަރިފުޅުގެ ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު މިފަހަރު ބައްޕަދިޔައީ ބައްޕަގެ ކޮޓަރިޔާ ދިމާލަށެވެ.
ކުޑައިރުކޮޅެއްގެފަހުން ބޭރަށް އައިއިރު މުށުތެރޭގައި ކަރުދާސްގަނޑެއް އޮތެވެ. ކަރުދާސް ގަނޑަށް ބަލާލާއިރު ހީވަނީ ޑައިރީއަކުން ނައްޓާލައިގެންގެނަ ކަރުދާސް ގަނޑެންހެންނެވެ. އެކަރުދާސްގަނޑު ދަރިފުޅު އަތަށްދެމުން ބައްޕަ ބުންޏެވެ. "މީގައިއޮތީ ކީކޭތޯ ކިޔާލަބަލާށެވެ."
ދަރިފުޅު، އެލިޔުންކޮޅު ކިޔަންފެށިއެވެ. އޭގައި ލިޔެފައިއޮތެވެ. މިއަދުމީ އަހަރެންގެ ދަރިފުޅަށް 3 އަހަރު ވީ ދުވަހެވެ. ދަރިފުޅު ކުޅުމުގައި މަޖާކޮށް ދުވެހަދާތަން ފެނުމުން އަހަރެންގެ ހިތް އުފަލުންފޮޅެއެވެ. އެހެން ކުޅެން ހުއްޓާ ކުއިލިއަކަށް ހަޅޭލަވަމުން އައި ކާޅެއް ދަރިފުޅަށް ފެނިއްޖެއެވެ. ދުވެފައި އަހަރެންގެ ކައިރިއަށް ދަރިފުޅުއައިސް ސުވާލުކުރިއެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟ އެއީ ކާޅެކޭ އަހަރެން ބުނީމެވެ. އެވަރަކުން ނުފުދެނެވެ. ފަހަރެއްގައި އަހަރެން ތަކުރާރުކޮށް ޖަވާދޭ އަޑުއިވޭތީ އުފާވަނީ ކަންނޭގެއެވެ. ހަމަ އިރުއިރުކޮޅުން އައިސް އަހާލައެވެ. އެއީ ކޮން އެއްޗެއްހެއްޔެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ޖަވާބުދެމެވެ. އެއީ ކާޅެކެވެ. ދަރިފުޅު އެސުވާލު އަހަންނާ 23 ފަހަރު ކުރިއެވެ. ސުވާލުކުރި ޢަދަދަށް އަހަރެން ޖަވާބު ވެސް ދިނީމެވެ. އެކުއްޖާގެ މަޢުޞޫމު ކަމަށްޓަކައި އެސުވާލަށް ޖަވާބުދެމުން އެތައް ފަހަރަކު ލޯބިން ބައްދާވެސް ހެދީމެވެ. އެންމެ ފަހުން ސުވާލު ކޮށް ކޮށް ވަރުބަލިވުމުން އައިސް އަހަރެންގެ ކައިރީގައި އިށީދެއެވެ. އެ ދަރިފުޅުފެނުމުން އަހަރެން ލޯބިން މަރުދީ، ޤުރުބާންވަމެވެ.
މާތް ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. މިއީ ބައްޕަ އެދަރިފުޅުދެކެވީ ލޯބީގެ އަސަރެވެ. 23 ފަހަރު އެއް ސުވާލެއް ކުރުމުންވެސް ފޫހިކަމެއްނެތި 23 ފަހަރު ޖަވަބުދިނީއެވެ. ނަމަވެސް ބައްޕަ 4 ފަހަރު އެސުވާލުކުރުމުން ދަރިފުޅުގެ ކެތްކޮޅުންނާ ހަރުއަޑުން އެއްޗިހިކާއެވެ. މައިން ބަފައިންގެ ޤަދަރައި މަތިވެރިކަން ބަޔާންކުރައްވައި މާތް ﷲ އަލްއިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގައި ވަހީކުރެއްވިއެވެ.
وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا (23) އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! ( އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ! ) އަދި އެދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!
ތަރުޖަމާ : ޢަލީ ނަޢީމް















ވަރަށް ޢިބްރަތްތެރި ވާހަކައެއް
ވަރައް އިބްރަތްތެރި ރީތިވާހަކައެއް
ވަރަށް ފުރިހަމަ…ހިތުގެ އެންމެ ފުނަށްވެސް އަސަރު ކުރުވައިފި
ވަރަށް ތެދު ވާހަކައެއްތީ!
ވަރަށް ރީތި، ވަރަށް ވެސް ފުރިހަމަ. . . :)
މާޝާ ﷲ …
އަޅުގަނޑުގެ ލިޔުން ކިޔުއްވުމަށްފަހު ހިތުގެ ޝުޢޫރު ފާޅުކުރެއްވިކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން
މިއީ ވަރައް އިބްރަތްތެރި ވާހަކަ އެއް
ވަރަައް ހަޑި ވާހަކަ އެއް ދޯ
ހަމަ ރަގަޅު ރުޅި އަންނަާ ތި ހަމަ ބެސްޓު:■
ވަރަށް އަގުހުރި ޢިބްރަތްތެރި ވާހަކައެއް…..
ވަރަށް އިބްރަތްތެރި ވާހަކަ އެއް ،
ވަރަށްވެސް ސަޅި ކީޕް އިޓް އަޕް ތިޔައީ ހަމަ ހަގީގަތް. ތިޔަ ބަސް ކޮޅު ފެނިފަ މާޒީގެ ތެރެއައް ގެނބިގެން ގޮސްފި. ވަން ގުރޭޓް ސޮލިއުޓް ފޯޔޫ.
މާޝާ ﷲ … :)
ރޮވިއްޖެ