އަޅުގަނޑަކީ މޫނު ބުރުގާ އަޅައިގެން އުޅޭ އުމުރުން 24އަހަރުގެ ދިވެހި އަންހެން ކުއްޖަކީމެވެ. އަޅުގަނޑު މި ވާހަކަ މި ހިއްސާ ކޮއްލަނީ ތިޔަ އެންމެހާ ލޮބުވެތި އަޙުންނާއި އުޙްތުންނަށް ޢިބްތަކަށްޓަކައެވެ. އަދި ﷲއާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެންގެވި ގޮތާއި ޙިލާފަށް މޫނު ބުރުގާއަށް ނުވަތަ މޫނު ބުރުގާ އަޅާ އުޙުތުންނަށް މަލާމާތް ކުރާ ފަރާތްތަކަށް ފިލާވަޅެއް ދިނުމަށެވެ. އަޅުގަނޑު މޫނު ބުރުގާ އެޅީ ކީއްވެކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ އެވެ؟ މިއުޅެނީ އެވާހަކަ ކިޔައިދޭށެވެ.
އަޅުގަނޑުގެ އުމުރުން 12އަހަރުގައި ޖިންނީއެއްގެ އުނދަގުލާ ކުރިމަތި ވިއެވެ. އެކަމުގެ ސަބަބުން އަޅުގަނޑު ވަރަށް ބޮޑަށް ބަލިވިއެވެ. ހިކި ގެން ގޮސް މީހާގެ ސިފަ ގެއްލުނެވެ. އެކަމުގެ ތެރޭގައި ނޭވާޔަށް އުނދަގޫވާން ފެށިއެވެ. ޓާރމެއް ނިމިގެންދާއިރު 15 ނުވަތަ އެއަށްވުރެ ގިނަވާނީ ސްކޫލަށް ނުދެވޭ ދުވަހެވެ. މަންމަޔާއި ބައްޕަ އަޅުގަނޑު ޑޮކްޓަރަށް ދެއްކުމަށް ފަރުވާ ކުޑައެއް ނުކުރެއެވެ. އެއި ކެތްތެރި ޞާލިހް މަންމައަކާއި ބައްޕައެކެވެ. ގަވައިދުން ޑޮކްޓަރަށް ދައްކާތާ ގާތްގަނޑަކަށް 2އަހަރު ވީއިރުވެސް ކުޑަވެސް ލުޔެއް ނުލިބެއެވެ. އޮއްޓަރު ކުރެއްވި އެއްޗެއް މަދު ފަހަރަކު ނޫނީ ނުކެވެއެވެ. ވަރުބަލިވާތީއާއި މޭގައި ރިއްސާލެއް ގަދަކަމުން ގިނަ ވަގުތު އޮންނަން ޖެހެނީ އެނދުމަތީގައެވެ. ހުން އަންނައިރަށް ފިޓް ޖެހެއެވެ. ނޭވާޔަށް އުނދގޫވާން ފެށުމުން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި އޮކްސިޖަން ގުޅަންނުޖެހޭ މަހެއް މަދުވާނެއެވެ. ވިއްސާރަ މޫސުން އައިސްފިނަމަ ލޯބިވާ މަންމަ އާއި ބައްޕަ ނިދި ފިޔެއް ނުޖަހާ އަޅުގަނޑު ކައިރީ ހެލާ ދަމަށް ތިބެއެވެ. ޚާއްސަކޮށް ލޯބިވާ މަންމައެވެ. ކީއްވެކަން އެނގި ލައްވާތޯއެވެ؟ އަޅުގަނޑު ނޭވާ ޔަށް އުނދަގޫވާތީ އޮށޯންނާނެ ގޮތެއް އިށީންނާނެ ގޮތެއް ނޭނގޭގިގެން ނުނިދާ އުޅޭތީއެވެ. ދުވަސްތަށް ފާއިތުވަމުން މަސްތައް އަހަރު ތަކަށް ބަދަލުވަމުން ދެއެވެ. އޭރުވެސް ބުރުގާ އަޅަމެވެ. ލަނީ ގަޔަށް ދޫ ހެދުމެވެ.
އުމުރުން 17އަހަރު ވީއިރުވެސް ބައްޔައް ކުޑަވެސް ލުޔެއް ނުލިބެއެވެ. ދިވެހި ބޭހާއި ޑޮކްޓަރީބޭސް ކުރެވުނު އަދަދުވެސް ނޭނގެއެވެ. މިހެން އުޅުމުގެތެރޭގައި ވަރަށް ބޮޑަށް އުނދަގޫވި ދުވަހެއްގައި އަޅުގަނޑަށް ބުނެވުނެވެ. މަންމައާއި ބައްޕަ ދެން އަޅުގަނޑަށް ފަރުވާ ކުރަން މަސައްކަތް ނުކުރާށެވެ. އަޅުގަނޑު ދެން ރަނގަޅެއް ނުވާނެއެވެ. އެވަގުތު އަޅުގަނޑުގެ ލޯބިވާ ބައްޕަ ބުނުއްވީ ކީކޭކަން އެނގިލައްވާ ތޯއެވެ؟ ބައްޕަ ބުނުއްވި އެވެ. ''ދަރިފުޅާ، މާތް ﷲގެ ރަޙްމަތްފުޅުން އުއްމީދު ކަނޑާލާކަށް ނުވާނެ، މިއީ ދަރިފުޅަށާ މަންމައާއި ބައްޕައަށް ކުރިމަތި ކުރައްވާ ވަރަށް ބޮޑު އިމްތިހާނެއް، ކެތްތެރިވެ ﷲގެ ކިބަފުޅަށް ދުއާކުރޭ، އަދި ވަގުތު ނުޖެހެނީ، ކޮންމެ ކަމަކަށްވެސް ވަގުތެއްވޭ، އެކަމެއްގެ ވަގުތު އައިސް ޖެހުމުން އެކަމެއްވާކަށް ލަހެއް ފަހެއް ނުވާނެ'' އަދި އެއަށް ފަހު އައްޔޫބް އަލައިހިއްސަލާމް އަށް މާތްﷲ ކުރިމަތި ކުރެއްވި އިމްތިހާނުގެ ވާހަކަވެސް ބައްޕަ ކިޔައިދެއްވިއެވެ. އެދުވަހަށްފަހު އަޅުގަނޑަށް އިތުރު ހިއްވަރެއް ލިބުނެވެ. އެކަމަކު ބައްޔަށް ޝިފާއެއް ނުލިބި ގިނަ ދުވަސް ވާން ފެށުމުން ކިޔެވުން ކުރިޔަށް ނުގެންދެވިގެން އުމުރުން 17އަހަރުގައި ގްރޭޑް8 އިން ސްކޫލުން ވަކިވީމެވެ. ކައިވެނި ކުރުމަކީ ވަރަށް ގިނަ ބައްޔަށްވާ ޝިފާއެކޭ ބުނާތީ އަޑު އަހަމެވެ. ނަމަވެސް ޤަބޫލެއް ނުކުރަމެވެ. އެކަމަކު އުމުރުން 20އަހަރު ވީއިރު ކައިވެންޏަކާ ދޭތެރޭ ވިސްނެންފެށިއެވެ. އަދި އޯގާތެރި ހެޔޮލަފާ ފިރިޔަކު ދެއްވުން އެދި މެދު ކެނޑުމެއްނެތި މާތްﷲގެ ހަޟުރަތުގައި ދުއާ ކުރާތާ 3މަސް ނުވަނީސް މާތް ރަސްކަލާނގެ މި ނިކަމެތި އަޅުގެ ދުއާ އިޖާބަ ކުރައްވައިފިއެވެ. އަލްހަމްދުލިއްލާހިއެވެ. ކައިވެންޏަށްފަހު ފިރިމީހާވެސް އަޅުގަނޑަށް ފަރުވާއެއް ލިބޭތޯ އެތަށް ހޭދައެއް ކުރިއެވެ. ނަމަވެސް ކުޑަވެސް ކުރި އެރުމެއް ނުލިބެއެވެ. ﷲއިރާދަ ކުރެއްވީތީ ފިރިމީހާ ވަރަށް ރަނގަޅެވެ. ވަރަށް އޯގާތެރިއެވެ. އެފަދަ މާތް ފިރިޔަކު މިކަހަލަ ބަލި މީހަކަށް ދެއްވި ކަމަށްޓަކައި މާތްﷲގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް ﷲގެ އަމުރުފުޅާ އެއްގޮތަށް އަޅުގަނޑުގެ ލޯބިވާ ބައްޕަވެސް މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔައި ނިމުމެއްނުވާ ހަޔާތަށް ދަތުރުފަށައިފި އެވެ. އަޅުގަނޑުގެ އުމުރުން 22އަހަރުގައެވެ. އެލޮބުވެތި ޞާލިހް ބައްޕަގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. މިލިބުނު ހިތާމައިގައި ކުރިޔައްވުރެ އަޅުގަނޑުގެ ބަލި ބޮޑުވި އެވެ. ކުރިއަށްވުރެ ހަށިގަނޑު ނިކަމެތި ވިއެވެ. އޭގެ 3މަސް ފަހުން އަޅުގަނޑު ވަރަށް ބޮޑަށް ރޯގާޖެހި ނޭވާޔަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ ވިދާޅުވީ ދާއިމީކޮށް ގިނަ ވަގުތު މާސްކު އަޅައިގެން އުޅުމަށެވެ. ނިދުމަށާއި ފެންވެރުމަށް ނޫނީ މާސްކު ނުނެގުމަށެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. މިއީ އަދި މިބަލީގެ ޝިފާއެއް ނޫނެވެ . އަދި މިކަމުގައި ރަނގަޅު ގޮތެއް ދައްކަވާތޯ ދުއާ ކުރަމުން ގެއަށް އައިސް ވަރަށް ވިސްނީމެވެ. ކުއްލިޔަކަށް ހަނދާންވީ އަޅުގަނޑުގެ ލޯބިވާ ބައްޕަ އެއްފަހަރަކު ހަދިޔާއަކަށް އަޅުގަނޑަށް ގެނެސްދެއްވި އައްޝައިޙް އުސްމާން އަބްދުﷲ ލިޔުއްވާފައިވާ ''ޢަވްރަ ނިވާކުރުމާއި ޒީނަތްތެރިވުން'' މިފޮތުގެ މަތިންނެވެ. ވަރަށް މަސައްކަތުން އެފޮތް ހޯދަނިކޮށް ފެނިގެން ކިޔާލުމުން މޫނު ބުރުގާއެޅުމަކީ އަންހެނާއަށް ރައްކާތެރި ކަން ލިއްބައިދޭ ކަމެއް ކަމާއި އަޅުގަނޑުގެ ބަލީގެ ފަރުވާ ހޯދުމަށާއި ހިލޭ ފިރިހެނުންގެ އުނދަގުލުން ސަލާމަތް ވުމަށްއޮތް އެންމެ ރަނގަޅު މަގަކީ މޫނު ބުރުގާ އެޅުންކަން ވިސްނިއްޖެއެވެ. ހަމަ އެވަގުތު ފިރިމީހާއަށްގުޅާ ވީއެންމެ އަވަހަކަށް މޫނު ބުރުގާ އަޅަން ބޭނުންވާ ކަމަށް ބުނުމުން ފރިމީހާ އެކަމަށް ވަރަށްއުފާ ކޮށް ހަފްތާއެއްގެ ތެރޭގައި އަޅުގަނޑުގެ އެދުން ﷲގެ ހެޔޮ ރަޙްމަތްފުޅާއިއެކު ފުރިހަމަ ކޮއްދީފިއެވެ. މޫނު ބުރުގާ އެޅީ ފަހުން މިޔަދާއި ހަމަޔަށް 1އަހަރާއި 11މަސް ވޭތިވެގެން ހިނގައްޖެއެވެ. ނޭވާޔަށް އުނދަގޫވުމުގެ އެއްވެސް އަސަރެއް އަޅުގަނޑަކަށް ނުކުރެއެވެ. މަޑުމަޑުން ހަށިގަނޑު ރަނގަޅުވާން ފަށައިފިއެވެ. އިންޝާﷲ. އަލްހަމްދުލިއްލާހި. ﷲއަކްބަޜް، ނިކަން ވިސްނަވާށެވެ. 10 އަހަރަކީ ކުރު މުއްދަތެއްތޯއެވެ؟ އުމުރުން 12 އަހަރުން 22އަހަރު ވަންދެން {ޖުމްލަ 10އަހަރު} ވަންދެން ކުރި އެއްވެސް ފަރުވާ އަކުން ޝިފާ ނުލިބި 10އަހަރުވީ ބައްޔަށް ޝިފާ ލިބުނީ ކޮން ޑޮކްޓަރެއް ދިން ކޮން ބޭހެއް ކައިގެން ނުވަތަ ކޮން ފަރުވާއެއް ކޮއްގެން ހެއްޔެވެ؟ ނުވަތަ ކޮން ދިވެހި ބޭސް ވެރިޔަކު އެޅި ކޮން ފިލާގަނޑަކުން ހެއްޔެވެ؟
އާދެ! ޝައްކެއްވެސް ނެތެވެ. އެއީ މާތްﷲ ހަތް އުޑުގެމަތިން ބާވައިލެއްވި ކީރިތި ޤުރުއާނުގަ އާއި އެކަލާނގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އެންގެވި ގޮތަށް އަޅުގަނޑު ހިޖާބްވެ ފަރުދާ ވުމުންނެވެ. ނޫރު ސޫރަތުގެ 33ވަނަ އާޔަތާއި އަލް އަޙްޒާބް ސޫރަތުގެ 59ވަނަ އާޔަތުގެ މާނައަށް ވިސްނަވާނެވެ. ތެދެކެވެ. އަލް އިސްރާ ސޫރަތުގެ82ވަނަ އާޔަތުގައިވާ ފަދައިން ކީރިތި ޤުރުއާނަކީ މުއުމިނުންނަށް ޝިފާއެކެވެ. އެޤުރުއާނުގައިވާ ގޮތަށް އަމަލުކުރާ މީހުނަށް ޝިފާއެއް ވެއެވެ. ހިޖާބަކީވެސް އަޅުގަނޑަށް ޝިފާއެކެވެ.ރައްކަލެކެވެ. އެސްފީނާއިންވެސް ސަލާމަތް ވެވޭ ކަމެކެވެ. މީގެކުރިން މަޖުބޫރީ ހާލަތްތަކުގައި އެކަނި ގެއިން ބޭރަށް ދާއިރު ބައެއްފަހަރު ފިރެހެނުންގެ އުނދަގޫ އަޅުގަނޑަށް ވަރަށްބޮޑަށް ކުރިމަތިވެއެވެ. އެކަމުގެ ސބބުން ނަފްސާނީގޮތުންވެސް އެތަށް ގެއްލުމެއް ލިބުނެވެ. ނަމަވެސް މޫނު ބުރުގާ އެޅިފަހުން އަޅުގަނޑަށް ދަންނަ މީހުނާއި ނުދަންނަ މީހުން އިޙްތިރާމްކުރެއެވެ. ބައެއްފަހަރު ރޭގަނޑުގެ އަނދިރީގެ ތެރޭގައިވެސް އެކަނިމާ އެކަނި މަޖުބޫރީ ހާލަތްތަކުގައި ބޭރަށް ނިކުންނަންޖެހެއެވެ. ނަމަވެސް މިވީހާތަށްދުވަހުވެސް ފިރިހެނެއްގެ އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހެއެވެ. އިންޝާﷲ. އަޅުގަނޑު ފެންނައިރަށް އިސް ދަށަށްޖަހާ ބެލުން ތިރިކުރެއެވެ. މޫނު ބުރުގާއަކީ އެ އަޅާ އަންހެނުންގެ ބެލުން ތިރިވުމުގެ އިތުރަށް ހިލޭ ފިރިހެނުންގެ ބެލުން ތިރިކުރުމަށްވެސް ވެދެވޭ އެހީއެކެވެ. ގިނަ ފިރިހެނުން އަޅުގަނޑު މަގުމަތިން ހިނގާފަ ދާއިރު މަޑު ކޮށްލާ ތަން ދެއެވެ.
މިހުރިހާ ވާހަކައަކީ ހަދައިގެން ދައްކާ ވާހަކައެއް ނޫން ކަން މާތްﷲދެނެވޮޑިގެންވާނެއެވެ. އަދި އަޅުގަނޑުގެ ބަލިހާލު ދަންނަ އެންމެންވެސް ޤަބޫލްކުރާނެއެވެ. ވިސްނަވާށެވެ. މިއީ ހަމަ ހަޤީޤަތެވެ. މަގުމަތިން ދައިރު ހިލޭ ހިރިހެނުންގެ އުނދަގޫތަކާ ކުރިމަތިވާ ލޮބުވެތި އުޚްތުންނަށް ދަންނަވަމެވެ. އެކަމުގެ ހައްލު ވަރަށް ފަސޭހައިން ހޯދިދާނެއެވެ. އެއި ފިރިހެނުންގެ ބެލުން އެންމެ ބޮޑަށް އަމާޒުވާ ތިޔަކަނބަލުންގެ މޫނުތަށް ހިލޭ ފިރިހެނުންނަށް ނިވާކޮށް ފޮރުވާށެވެ. މޫނަކީ އެންމެ ބޮޑު ފިތުނައެވެ. ތިޔަ ކަނބަލުންގެ މޫނު ތަކަށް ކަތިނަޒަރުން ބަލައިގެން ނަމަވެސް ހިތަށް ހަމަޖެހުމާއި އުފާ ހޯދަނީ ބޭރަށް ނިކުންނަ ކޮންމެފަހަރަކު ކިތަށް ކިތަށް ފިރިހެނުންކަން އެނގިލައްވާތޯއެވެ؟ ލޮބުވެތި އަޚުންނަށް ދަންނަވަމެވެ. ތިޔަ އަޚުންގެ ލޯބިވާ އަނބިކަނބަލުންނަށް ހިލޭ ފިރިހެނުން ބަލައިގެން އެމީހުންގެ ހިތަށް އަރާމާއި އުފާ ހޯދަން ތިޔައިގެތެރެއިން އެންމެ އަޚަކުގެވެސް ހިތް ރުހޭނެތޯއެވެ؟ ޖަވާބަކީ ނޫނެކޭ ކަމަށްވާނަމަ ދަންނަވާލަން ބޭނުންވަނީ އެކަނބަލުން ފޮރުވާ ނިވާކުރާށެވެ. އެކަނބަލުންނަކީ ތިޔަ އަޚުންގެ އަތްތަކުގައިވާ ވަރަށްބޮޑު އަމާނާތެކެވެ. އަދިއެހާމެ އަގު ބޮޑު ކަނޑުގެ އަޑީގައިވާ އިތާމުތްތަކެއްފަދަ ބައެކެވެ. އަދި އެއަށްވުރެވެސް އަގުބޮޑު ބައެކެވެ. އަގު ބޮޑެތި އެއްޗިއްސަކީ އެހާ ފަސޭހައިން ކޮންމެ ކޮންމެ މީހަކަށް ފެންނާނެ، އަތްލެވޭނެ އެއްޗިއްސެއްނޫނެވެ. މިއީ ދޮގެއްތޯއެވެ؟
ވަރަށްގިނަ މީހުން އަޅުގަނޑުގާތު އަހައެވެ. މޫނު ބުރުގާ އެޅީމަ ހޫނެއް ނުވޭހެއްޔެވެ؟ އުނދަގުލެއް ނުވޭހެއްޔެވެ؟ މިއީ ތިޔައިގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ހިތަށް އަރާނެ ސުވާލެއްކަން އަޅުގަނޑަށް ޔަގީންވާތީ ޖަވާބުގައި ދަންނަވަމެވެ. ވަކި މޫނު ބުރުގާ އަޅާތީ އެއްވެސް ވަރަކަށް ހޫނެއް ނުވެއެވެ. ވަރަށް އަރާމް މަޑުމަޑު ފިނިކަމެއް އިހްސާސް ކުރެވެއެވެ. އަދި ކީތްތޯއެވެ. އޭގެ ކުރިން މާބޮޑަށް ހޫނުވާކަން އިހްސާސްކުރެވެއެވެ. އަދި އެއަށްވުރެ ނަރަކައިގެ ހޫނު މާ ގަދައެވެ. އެއީ ހިލޭ ފިރިހެނުން އަޅުގަނޑަށް ބަލާކަށް އަޅުގަނޑެއް ނުރުހެމެވެ. އެމީހުންގެ ކަތި ނަޒަރުތަކުން އަޅުގަނޑުގެ ހިތް ނުތަނަވަސްވެ ހާސްވެ ކަން ބޮޑުވާތީ މޫނު ބުރުގާ އެޅުމުގެ ކުރިން މާބޮޑަށް ހޫނުވާ ކަމުގެ އިޙްސާސްކުރެވެއެވެ. މިއީ ކިހާވަރެއްގެ ތެދެއްކަން އިޙްލާސްތެރިކަމާއެކު މޫނު ބުރުގާ އަޅާ އުޚްތުންނަށް އެނގިލައްވާނެއެވެ. އަޅުގަނޑުގެ ވާހަކަ މާ ދިގު ކުރާކަށް ނެތީމެވެ. އަޅުގަނޑުގެ ދުޢާ އަކީ މިހަޤީޤީ ލިޔުމުން ތިޔައެންމެހާ ލޮބުވެތި އަޚުންނާ އުޚތުންނަށް އިބްރަތަކާއި ފައިދާއެއް ލިބުމެވެ. ނިންމާލުމުގެ ކުރިން މިލިޔުން ކިޔުއްވާ އެންމެހާ ބޭފުޅުންގެ ފަރާތުން އިޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް އެބައޮތެވެ. އެއީ މިލިޔުން ކިޔުއްވުމަށްފަހު އަޅުގަނޑަށާއި އަޅުގަނޑުގެ މަންމައަށާއި ބައްޕައަށް ފާފަ ފުއްސެވުމަށާއި ދެދުނިޔޭގެ ޘާބިތުކަން ދެއްވުން އެދި ހިތުންނަމަވެސް އެންމެ ފަހަރަކު ނަމަވެސް ދުއާ ކޮށްދެއްވުމެވެ. އަޅުގަނޑާއި ތިޔަ އެންމެ ބޫފުޅުންނަށް ހެޔޮ ރަޙްމަތާއި ފާފަ ފުއްސެވުންއެދި ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމުން ނިންމާލަމެވެ. އަލްހަމްދުލިއްލާހި.















ްެްަﷲ ތިޔަ އުޚްތަށް ސާބިތުކަންދެއްވާށެވެ. އާމީން..އަދި ތިޔަ އުޚްތުގެ މައިންބަފައިންނަށް ހެޔޮރަޙްމަތް ލައްވާދޭވެ..އާމީން..
ވަރަށް ބޮޑުތެދު ވާހަކައެއް. މިޤައުމަށް ބޭނުންވަނީ ތިޔަކަހަލަ ހެޔޮ ވިސްނޭ އުޚުތުން، އަދި ހެޔޮ ލަފާ ސާލިހް މައިން ބަފައިން، އަދި ހެޔޮ ވިސްނޭ އޯގާތެރި ފިރިން. މާތްﷲ ތިޔަަ އުޚުތާއަށާއި ތިޔަ އުޚުތާގެ ލޮބުވެތި މަންމަ އަށާއި ލޮބުވެތި ބައްޕައަށް އަދި ލޮބުވެތި ފިރިމީހާއަށް ހެޔޮ ރަހްމަތް ލައްވާ ފާފަ ފުއްސަވާނދޭވެ، އާމީން.
މާޝާﷲ ވަރަށް ފުރިހަމަ ލިޔުމެއް، އުޚުތާއަށާއި އުޚުތާގެ މައިންބަފައިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި، އާމީން، އަދި އުޚްތާގެ ފަރާތުން މިދުނިޔެއަށް އުފަންވާ ދަރިންނަކީވެސް އުޚްތާފަދަ ހެޔޮލަފާ ދަރިންކަމުގައި ލައްވާށި، އަދި އުޚްތާގެ ފިރިމީހާއަށްވެސް ރަޙުމަތް ލެއްވުންއެދި ދުޢާ ކުރަން، މިދީބުގައި ދިރިއުޅޭ ސައްތައިން ސައްތަ މުސްލިމު ދައުވާކުރާ ހުރިހާ އުޚްތުންނަަކީވެސް މިފަދަ ބައެއް ކަމުގައި ލައްވައި އެއުޚްތުންނަށް ހެޔޮވިސްނުން ދެއްވާށި، އާމީން..!!
އުޙްތާގެ މިވާހަކަ ކިޔައިދިނުމުން ނޭގޭ އެތަށް ބައިވަރު ވާހަކަ ތަކެއް އެގިގެން ހިގައްޖެ! އަލްހަމްދްލިއްލާހި. އިންޝާﷲ.. އަޅުގަނޑަކީވެސް ﷲ ސުބްހާނަހޫ ވަތަޢާލާގެ އާޔަތް ތަކަށް ކިޔަމަން ވާނެ އަޅަކަށް ވާނަން…
ﷲ ތިޔަ އުޚްތަށް ސާބިތުކަންދެއްވާށެވެ. އާމީން..އަދި ތިޔަ އުޚްތުގެ މައިންބަފައިންނަށް ހެޔޮރަޙްމަތް ލައްވާދޭވެ..އާމީން..
ތިޔަ ލޮބުވެތި އުޚްތާ އާއި ތިބާގެ މަންމަ އާއި ބައްޕަ އަދި ފިރިކަލުން މާތްﷲ ޞާލިޙް އަޅުތަކުން ރައްކާތެރި ކުރައްވާ ފަދައިން ރައްކާތެރި ކުރައްވާށި! އާމީން
އާމީން؛
މައި ނިގާބް… މައި ޕްރައިޑް…. އުޙްތާ ތިޔަ ހާމަކޮއްލީ ހަމަ ވަރަށް ބޮޑު ތެދެއް
ވަރަށްބޮޑު ތެދެއް! ހިޖާބަކީ އެހެންމީހުންގެ ކިބައިން އިޙްތިރާމް އާއި ނިވާކަން ލިބޭއެއްޗެއް. ޢަޅުގަނޑު އަދި މޫނުނެއް ނިވާނުކުރިކަމަކު ޖިލްބާބަށް ބަދަލުކޮށް “ބޮޑު” ބުރުގާއަޅަނީ. އަޅުގަނޑުވެސް ފާހަގަކުރެވުނު “ނަލަ” ބުރުގާ އަޅާ އަދި ގަޔަށްބާރުއެއްޗެއްހިލާކުދިންނަށްވުރެ އަޅުގަނޑަށް މީހުން އިޚްތިރާމްކުރާކަން. މަގުމަތިން ތަންވެސް ލިބޭ، ފިރިހެނުން ފޮށިއެއްނަހަދާ، ބަހުގައި ދަތުރުކުރާއިރުވެސް، ހިލޭފިރިހެނަކު، ހަމައެކަނި ހުސްގޮނޑިއިނާ އަޅުގަނޑުކައިރީގަކަމަށްވިއަސް ނުއިށެނދެ ހުންނާނީކޮޅަށް. މީހުންނާ މުއާމަލާތްކުރާއި ބަހުރުވަވެސް ރީތިވެފަ ހަޑިހުތުރުބަސް އަޅުގަނޑަށް އިވޭހިސާބު ވަރަށްނުބުނާނެ. އޮފީހުގައިވެސް އޮޅިގެންވެސް އަތެއްނުލާނެ އަދި އަންނަމެހެމާނުން ސަލާކުރަން އަތްވެސް ދިއްނުކުރާނެ. ﷲ އިރާދަކުރެއްވިއްޔާ މި ލިޔުންކިޔާފައި ވަރަށް މޫނުނިވާކުރާހިއްވެޖެ. މާތް ﷲ އަޅުގަނޑަށް މިމަގު ފަސޭހަކޮށްދެއްވާންދޭވެ. އާމީން!
ސުބްހާނައްލޯހި އުހްތަގެ މައިންބަފައިންނައްނރަހްމަތްލައްވާސި އާމީން އަރައް ހިތައް އަސަރު ކުރުވި އިބްރަތުންފުރިގެންވީ ވާހަކައެއް
އާމީން///
ވަރަށް އިބްރަތްތެރި ލިޔުމެއް… އުޚްތުގެ މައިންބައިންނަށާއި އުޚްތަށް ހެޔޮރަޙްމަތް ލައްވާށި. އާމީން. ތިއުޙްތާދޭތެރޭގެ ވަރަށް ފުންލޯބެއް އުފުދިއްޖެ. އިންޝާﷲ ތިއުޚްތާ ބައްދަލުވާނެ މަގު ދައްކަވާށި
އިންޝާ ﷲ!!
މާތް ﷲ ތިޔަ އުޚްތާ އަށާއި ތިޔަ އުޚްތާގެ މައިންބަފައިންނަށް ސުވަރުގޭގެ ދާއިމީ ނިޢުމތް މިންވަރު ކުރައްވާށި!!!!!!!!!!!!!! އާމީން
މާތް ﷲ ތިޔަ އުޚްތާއަށާއި ތިޔަ އުޚްތާގެ މައިންބަފައިންނަށާއި ތިޔަ އުޚްތާގެ ލޯބިވާ ފިރިމީހާއަށް ސުވަރުގޭގެ ދާއިމީ ނިޢުމތް މިންވަރު ކުރައްވާށި!!!!!!!!!!!!!! އާމީން
އަލްޙަމްދުލިއްލާހި… ތިޔަ އުޚްތާއަށާއި ތިޔަ އުޚްތާގެ މައިންބަފައިންނަށް، މާތްﷲ ފާފަފުއްސަވާ ރަޙްމަތް ލައްވާށި! އަދި ތިޔަ އުޚްތާއަށް މާތްﷲ ދެއްވި މި ފުރިހަމަ ނިޢުމަތްތަކުގެ މަތިން އަބަދުވެސް ހަނދުމަކޮށް އެކަލާނގެއަށް ޙަމްދުކޮށް އެކަލާނގެ މަގުގައި އަބަދުވެސް ސާބިތުވެ ހުންނާށެވެ….
އާމީން
ތިބާ އަށް ސާބިތުކަން ދެއްވައި ތިބާގެ މައިން ބަފައިންނަށް ރަހުމަތް ލައްވާންދޭވެ
އަޅުގަނޑަށާއި ފިރިމީހާ އަދި މަންމަ އަށާއި ބައްޕައަށް ހެޔޮދުއާކޮށް ދެއްވައި އަޅުގަނޑުގެ ލިޔުމަށް ކޮމެންޓް ކޮށްދެއްވި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ވ ބޮޑަށް ޝުކުރިއްޔާ، ޖަޒާއަކަﷲ ޚައިރަ، އަައިޝްގެ ނަމުގައި ކޮމެންޓް ކުރައްވާފައިވާ އުޚްތާއަށް ބައްދަލުވާނެ މަގު ﷲދައްކަވާށި އިންޝާﷲ، އެންމެހާ ފާހިޝް ކަންކަމުން ރައްކާތެރިވެތިބުމަށާއި ﷲދެއްވި ގިނަގުނަ އަދަދު ނުކުރެވޭނެ ނިޢުމަތްތަކުގެމަތިން އަބަދުވެސް ހަނދުމަކޮށް އެކަލާނގެއަށް ޝުކުރުކުރުން މަތީ ދެމި ތިބުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަމެވެ. މާތްﷲ އަޅަމެން އެންމެނަށް ފާފަ ފުއްސަވައި ހެޔޮކަންތައްތައްކުރުންމަތީ ދެމިތިބުމުގެ ޘާބިތުކަން ދެއްވާށި. އާމީން.
ަްެއާމީން
އާމީން.. !
ތިޔަ އުޙްތާގެ މައިންބަފައިންނަށް މާތް ﷲ ރަހުމަތް ލައްވާށިއެވެ. އާމީން.!!!!!!!!!!!!!!!
ﷲ ތިޔަ އުޚްތާއަށް ސާބިތުކަންދެއްވާށި. އަދި ތިޔަ އުޚުތާއަށާއި އުޚްތާގެ މައިންބަފައިންނަށް ހެޔޮރަޙްމަތް ލައްވާދޭވާ ފާފަ ފުއްސަވާނދޭވެ! .އާމީން..
މިލިޔުން ކިޔާނިމުނުއިރުވެސް ތިޔަ އުޚުތާއަށް ކުރިމަތިވެފައިވާ ޖިންނި ނުވަތަ ސިޙުރު ނުވަތަ އެސްފިނާގެ އެއްވެސް ކަމެއްގެވާހަކަ ހިމަނާފެއެއް ނުވެއެވެ. މުޅި ލިޔުން ބިނާވެގެންވަނީ ފަރުދާ ކުރުމުގެ މައްޗަށެވެ. ފަރުދާކުރުމަކީ ކޮންމެހެން ކުރައްވަން ޖެހޭ ކަމެކެވެ. ފަރުދާ ކުރެއްވުމަކުން ޖިންނީގެ އުނދަގޫ ނުވަތަ ސިޙުރުގެ އުނދަގޫ ޖެހިފައިވާ މީހެއްގެ ކިބައިން އެކަމުގެ ފަރުވާ ނުދެނީސް އެކަން ކެނޑިގެން ދިޔުމަކީ ވުންދުރު ކަމެކެވެ. ތިބާއަށް ތިޔަގޮތުގައި ހުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ﷲއަށް ދަންނަވަން. އާމީން.