ވާހަކަ

ޙިޖާބް

މަގުމަތިން ދިޔަ ކުޑަކުޑަ ފިރިހެން ކުއްޖާ އަހަންނާއި ދިމާލަށް އެނބުރި އެނބުރިފައި ބަލަމުން ދިޔައިރު، އެ ކުއްޖާގެ އަތުގައި ހިފަހައްޓައިގެން ހުރި އަންހެން މީހާ ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ. ފަސް އެނބުރި ބަލަމުން ދާ ވަރަކަށް ކުރިއަށް ފިޔަވަޅު އަޅަން އެކުއްޖާއަށް އުނދަގޫވަމުން ދިޔައެވެ. އެއިން ކޮންމެ ހިނދުކޮޅެއްގައި އެ އަންހެން މީހާ އެ ކުއްޖާގެ އަތަށް ދަމައިގަނެއެވެ. އަދި އަހަންނާ ދިމާލަށް ބަލާލުމަށްފަހު ލޯ އަޅާލައެވެ.

އަހަރެން ދިޔައީ އެ މީހުންގެ ފަހަތުން މަޑުމަޑުން ހިނގާލާފައެވެ. އޮފީސް ނިންމާލާފައި ގެއަށެވެ. ޖެހިގެން ހުރި ގޯޅިއަށް އަޅާލި އިރު ދޮރާއްޓެއް ކައިރީ ޒުވާން އަންހެން ކުއްޖަކު، ކުޑަކުއްޖަކު އުރާލައިގެން ހުއްޓެވެ. އޭނާ ހުރީ ކުރު ކުރު ސޯޓެއް ލައިގެންނެވެ. އެ ކުއްޖާ އުރާލައިގެން ހުރި އިރު ބަނޑާއި ދިމާލުން ބޮޑު ބައެއް ހާމައަށް ފެންނަން ހުއްޓެވެ. އެ ތުއްތު ކުއްޖާ ރޮނީއެވެ. ބަލާބެލުމަށް އެއް އަހަރު ފުރިދާނެއެވެ.  އެ ދޮރާއްޓާއި ފަސްވަރަކަށް ފޫޓަށް ކައިރިއަށް ދެވުނު ތަނާ އެ އަންހެން ކުއްޖާ، އުރާލައިގެން ހުރި ތުއްތު ކުއްޖާ އަހަރެން ހުރި ދިމާލަށް އަނބުރާލިއެވެ. އޭރުވެސް އެކުއްޖާގެ ރުއިމެއް ނުހުއްޓެއެވެ.

''އުހު...ބަލާ...އެ އޮށްދަނީ ހަންޑިއެއް..''

އެ ދޮރާށި ފަސްދީ ނުވެސް ދެވެނީސް އެ އަންހެންކުއްޖާ ބުނެލިއަޑު އިވުނެވެ.

''ރޮންޏާ އެ.. އައިސް ކާލަ ފާނެ...''

އަހަރެން އެނބުރި ބަލާލީމެވެ. އެ އަންހެން ކުއްޖާ މިހާރު ހުރީ އަހަރެންނާއި ދިމާލަށް އެނބުރިގެންނެވެ. އެ ތުއްތު ކުއްޖާވެސް ރޮމުން އަހަރެން ހުރި ދިމާލަށް މޫނު އަނބުރައިގެން އިނެވެ. އެ ތުއްތު ކުއްޖާއަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ.

މިއީވެސް އަހަރެންގެ ހަޔާތުން ފާއިތުވި ހިނދުކޮޅެކެވެ. ކޮންމެ މީހަކު އަހަރެންނާއި ދިމާލަށް ބަލަނީ ''ހަންޑި'' އެއްގެ ނަޒަރުންނެވެ. ކީއްވެ ހެއްޔެވެ. އަހަރެންނަކީވެސް އެހެން އިންސާނުން ފަދައިން މާތް ﷲ ހައްދަވާފައިވާ އަޅެކެވެ. ރީތި މީހުންގެ ތެރޭ އަހަރެންވެސް ހިމެނެއެވެ.

އޭރު އަހަރެން ''ހަންޑި'' އަކަށް ނުވީކީއްވެ ހެއްޔެވެ. ގައިމުވެސް އަހަރެންގެ އިސްތަށިގަނޑު ހުންނަނީ ހާވާލާފައެވެ. ތުންފަތުގައި ކުލަ ޖައްސާ، ބޮލުގަވެސް ކުލަޖައްސާފައެވެ. އަޅަނީވެސް ''ނުބައި ޖިންނި''އަޅާ ކަހަލަ ހެދުމެވެ. އެ ދުވަހު އަހަންނާއި ދިމާލަށް އެކަކުވެސް ''ހަންޑިއެކޭ'' ނުބުނެއެވެ.

އޮފީހުން ގެއަށް، އަދި ގެއިން އޮފީހަށް ދާ ކޮންމެ ހިނދުކޮޅަކީ އަހަރެންގެ ދެލޯ ކަރުނުން ތެންމާލާ ހިނދުކޮޅެކެވެ. އެ ބެލުންތަކާއި، ކިޔާ އެއްޗެހިންނެވެ.

''ބްލެކް ވިޑޯ ކައިރީ އަހާލަ ބަލަ...އޭނައަށް އެނގޭނެ ތި ފައިލްތައް...''

އަހަރެންނަށްވެސް އިސްލާމީ ރީތި ނަމެއް ކިޔާފައިވެއެވެ. އެކިޔާ ނަމުން އަހަންނާ މުޚާތަބްކުރަން އަހަރެން ނޭދެއެވެ. ނަމަވެސް އެ ކަމަށްވެސް ބީރު ކަންފަތެއް ދީގެން އިނީމެވެ.

އެއީ އަހަރެންނާއި ތަންކޮޅެއް ދުރުގައި އިން، އަންހެން ކުދިންގެ ތެރެއިން އެކެއްގެ އަޑެވެ.

މި އޮފީހަށް އަހަރެން ވަތް އިރު އަހަންނަކީ އެންމެންނަށްވެސް ވަރަށް މަޤްބޫލު މީހެކެވެ. އެންމެންގެ ދުލުގެ ކުރީގައި އަހަރެންގެ ނަން އޮންނަނީ އަހަރެން އަޅާ ހެދުމާއި، އަރާފަ ހުންނަ ފައިވާނާއި، ހެދުމާއި ގުޅޭގޮތުން އިސްތަށިގަނޑަށް ގެނެސްފަ ހުންނަ ބަދަލުތަކުންނެވެ. ހަމަ އެއާއިއެކު އަތުގަ އަޅާފައިވާ ތަކެއްޗާއި، ފައިގެ އިނގިލިތަކުގައި އަޅާފައި ހުންނަ އަނގޮޓިތަކުންނެވެ. ކަންފަތުގައި ލައްވާ ތަފާތު ކުލަ ކުލައިގެ އެއްޗެހިންނެވެ. ފުންނާބު އުސްފައިވާން ތަކުގައި އަހަރެން ހިނގާފައިދަނީ އާންމުކޮށް އަހަރެން ހިނގާ އުޅުނު ގޮތާ ކިތަންމެ ހާވެސް ތަފާތުކޮށްނެވެ. އެއީ އަހަންނަށް ވަރަށް ރީތިގޮތެކެވެ. ރާއްޖެއިން ބޭރުގެ މޮޑެލުން ކޮޕީ ކުރީ އެމީހުންގެ ހިނގުން އަހަންނަށް ރީތިވީމައެވެ. އެމީހުންހާ އަހަރެން ދޮން ނުވިޔަސް، ރާއްޖެ މީހަކާއި ބަލާފައި ދޮންވެ، އަދި އިސްކޮޅުންވެސް ދިގުވީމައެވެ.

ރާއްޖޭގެ އާދައިގެ އަންހެނަކަށްވުރެ އަހަރެންގެ އިސްކޮޅު ދިގުވުން މިއީވެސް އޮފީހުގައި ތިބި ގިނަ މީހުންނަށް އަހަރެން ރީތިވި ސަބަބެކެވެ.

ސްކޫލުގައިވެސް އަހަރެން ކޮށްއުޅުނު ކަމަކީ ރީތިވުންކަމަށްވުމާއި އެކު، ކިޔެވުމަށް އެހާބޮޑު ޝައުޤުވެރިކަމެއް ނުދެމެވެ. ވަޒީފާ ނުލިބިދާނެކަމާއި މެދު އަހަރެން ބިރެއް ނުގަނެއެވެ.

މި އޮފީހަށް އަހަރެން އެޕްލައި ކުރި އިރު، އަތުގައި ގްރޭޑް ދިހައެއް ނިންމި ސެޓްފިކެޓް ފިޔަވާ މާގިނަ ސެޓްފިކެޓްތަކެއް ނެތެވެ. ނަމަވެސް އަހަރެންގެ މޫނަށް ބެލުމަށްފަހު އަހަރެންނަށް ވަޒީފާ ލިބުނެވެ.

އަދިވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އަހަންނާއި އެކީ އިންޓަރވިއުއަށް އައި، ޒަމާނާ ނުގުޅޭ ގޮތަށް ހެދުން އަޅައިގެން، ބުރުގާ އަޅައިގެން ހުރި ކުއްޖާ ކިތަންމެ މޮޅަސް އޭނާ ފޮނުވާލީ ވަޒީފާ ނުލިބޭނެ ވާހަކަ ބުނެފައެވެ.

އޭނާވެސް ރީއްޗެވެ. އެކަމަކު މޭކަޕެއް ނުކުރެއެވެ. ހަމަ އެކަނި ކަޅު ހެދުމެއް ލައިގެން ހުރިކަމެވެ.

އޮފީސްގަޑި ނިމުމުން ގެއަށް ދާން ނުކުތީމެވެ. ބައެއް މީހުން އޮފީހުން ބޭރުގައި އުޅެފައި ވަންނަނީއެވެ. އެމީހުންނާއި ދިމާލަށް އަހަރެން ބެލީމެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިން މަލާމާތުގެ އަސަރު އަހަންނަށް ފެނުނެވެ. އަދި އެމީހުންގެ ތެރޭގައި ތިބި ފިރިހެން ކުދިން ޚާއްސަކޮށް އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ބެލިކަން އަހަންނަށް ފާހަގަކުރެވުނެވެ.އަދި އެވަރުން ނިމުނީއެއް ނޫނެވެ. ނުކުންނަން އޮތް ހަނި ގޯޅީގެ އެއްފަރާތަކަށް އެމީހުން ޖެހުނީ ''ކުނި އެއްޗެއްގައި'' ނުޖެހެން އުޅޭބައެއް ހެންނެވެ. ހިތުގައި ޖެހިފައި ހުރެ ނުކުތީ މާތް ﷲ އަށް ވަކީލުކުރަމުންނެވެ.

މީގެ ކުރިން އަހަންނާއެކީ ނުނީ އެމީހުންނަށް ބޭރަށްވެސް ނުކުމެވޭކަމަކަށް ނުވެއެވެ.

ކޮންމެ ދުވަހަކީވެސް ލަދުގަންނަން ޖެހޭ އެހާ ހިތްދަތި ދުވަހަކަށް ވީ އަހަރެންގެ ކޮން، ކުށެއް އޮވެގެން ކަމެއް އަހަންނަކަށް ނޭންގެއެވެ.

ހިތްދަތިކަމާއި މަޑުމޮޅިކަމާއިއެކު އަހަރެން ހިނގަމުން ގެއާއި ދިމާލަށް ދިޔައީމެވެ. އާންމުކޮށް އަހަރެން ހިނގާ މަގު ބަންދުކޮށްފައި ހުރުމާއި އެކު ޖެހިގެން އޮތް ގޯޅިން އަޅާލީމެވެ.

ޒުވާން އުމުރު ފުރައިގެ ފިރިހެން ކުދިންތަކެއް ކަންމަތީގައި ތިއްބެވެ. ފުރަތަމަ އެމަގުން ދާންވެސް އަހަރެން ޖެހިލުންވިއެވެ. ނަމަވެސް އަހަރެން އެ ގޯޅި އެޅިތަން އެމީހުންނަށް ފެނުނުކަން ޔަޤީންވާތީ އަނބުރާ ދާން ބޭނުން ނުވީއެވެ.

އަހަރެން ހިނގަމުން ދިޔައީ އެމީހުން ތިބި ފަރާތްނޫން އަނެއް ފަރާތުންނެވެ.

''އޭނނ..ނިންޖާ....ނިންޖާ އެއޮށްދަނީ''

އެކަކު ބާރަށް ހީގެންފައި ބުނެލިއެވެ. އޭގެ ތެރޭގައި އަހަރެން ކުރިން ދަންނަ ބައެއް ކުދިންވެސް ތިއްބެވެ.

''އޭ..އެދެން ބެހޭ ކަހަލަ ގޮލައެއްވެސް ނޫނެއްނު...މުޅި މީހާ އެހެރީ ފޮތިފޭއްޔެއް އޮޅައިގެން...ބަލާލަ..އެ އަންނަ ސަޅި ބިޓެއް...'' އެތަނުން އެއްކުޖަކު ބުނެލިއެވެ.

އަހަރެން ހިތްހަމަ ޖެހުނެވެ. ސަބަބަކީ އެކަކު ނަމަވެސް އަހަންނާއި ދިމާކުރަން ބޭނުން ނުވީމައެވެ. ގޯޅިން އަޅާލަމުން އަހަރެން ފަސް އެނބުރި ބަލާލީމެވެ. އޭރު ތަންކޮޅެއް ފަހަތުން ޖީންސްއަކާއި ހުދު ޓޮޕެއް ލައިގެން ހުރި އަންހެން ކުއްޖަކު އާދެއެވެ.

މާޒީ ހަނދާނަށް އައެވެ.

ގަޔަށް ބާރު ހުދުކުލައިގެ ކުރު ޓޮޕްކޮޅަކާއި އެކު ޖިންސްއެއް ލައިގެން އަހަރެން ބޭރަށް ނުކުތީ  ގެކައިރީ ފިހާރައަށް ދިޔުމަށެވެ. ގެއިން ނުކުތް އިރުވެސް ގޯޅިގަނޑުގައި އެ ހިސާބުގަނޑު ޒުވާނުން އެއްވެފައި ވެއެވެ. އެމީހުންގެ ކަމަކީ އެތަނުން ދާހާ ބަޔަކާއި ބެހި ސަކަރާތްޖެހުމެވެ. އެތަނުގައި އަހަރެންގެ ހިތް އެދޭ ކަހަލަ ކުއްޖެއް ހުރުމާއި އެކު ގިނަ ގިނަ އިން ފިހާރައަށް ދިޔުމަށް އަހަރެން ގެއިން ނުކުންނަމެވެ. އެމީހުންނަށް ފަރި ދެއްކުމަށް އިސްތަށިގަނޑު ނިއުލާޅައިގެން ކިތަންމެ ހޫނު ގަދައަސް އަހަރެން ދަމެވެ. އެމީހުން ދިމާކުރާ ވަރަކަށް އަހަރެންގެ ހިނގުން އަބުއި ކުރަމުންނެވެ.

އެ ދުވަހު އެމީހުންގެ ހިތް ހަމަ ޖައްސަދިނީ ހެދުން ލައިގެން '' ހެދުން ނުލާ'' ހުރި މީހެއް ފަދައިންނެވެ.

ނަމަވެސް މިއަދު އަހަރެންނަށް ހެޔޮވިސްނުން ދެއްވީތީ މާތް ﷲ އަށް ޙަމްދުކުރަމެވެ. އިސްލާމީ ރިވެތި ޙިޖާބަކުން ޙިޖާބުއެޅީމެވެ. އެމީހުން އަހަންނާއި ދިމާކުރިއެވެ. ނަމަވެސް ފަހުން އެއްވެސް މީހަކު އެއްވެސް އެއްޗެކޭ ނުބުނެއެވެ. ސަބަބަކީ އަހަރެންގެ ޙިޖާބް އަހަރެން ރައްކާކޮށްދިނީތީއެވެ. އެމީހުންގެ ނަޒަރުންނެވެ. ނުދަންނަ ފިރިހެނުންގެ ބެލުންތަކުންނެވެ. ނުރައްކާތެރި ދޫތަކުންނެވެ. އެހެން މީހުން މަގުފުރެދުމުން، އަހަރެންނާއި އެމީހުން ސަލާމަތްކޮށްދިނީ، އަހަރެން އެންމެ އިޚްތިރާމްކުރާ އަހަރެންގެ ޙިޖާބެވެ.

މި ދުނިޔެއިން އަހަރެންނާއި އަހަރެންގެ ޙިޖާބަށް ބަދު ބަސްބުނެ، ނަފްރަތުކުރާބަޔަކު ތިއްބަސް އާޚިރަތުގައި އަހަރެން ޖަވާބުދޭންޖެހޭކަން އަހަރެންނަށް ވިސްނުނުކަމީ އަހަރެންގެ ނަސީބެވެ.

....ނިމުނީ...

ގުޅުންހުރި

15 ޚިޔާލު

  1. ވަރަށް އިބުރަތްތެރި ރީތި ވާހަކަ އެއް … ހަމަޔަގީނުންވެސް މާތްﷲ ވޮޑިގެން ވާނީ ކެތްތެރިންނާއެކުގަ

  2. ނަހުލާ ނުވާނެ އެކަށްޗަކަށްވެސް. މަޝާﷲ ވަރަށް ރީތި.

  3. މަޝާﷲ ވަރަށް ރީތި.

  4. މަޝާﷲ….ވަރަށް ރިތި

  5. ވަރަށް ފުރިހަމަ.. މާޝާﷲ

  6. ވ.ރީތި

  7. ޙައްޤުގޮތުގައި ހެދުން އަޅާފާ ހުރުމުން މީހަކު އެއްޗެއް ބުނީމަ ދެރަވާކަށް ނުޖެހޭނެ…. މިދީނަށް އުޅެވޭނީ ބަސް ރައްދުވެގެން.

  8. މާޝާ ﷲ، މާޝާ ﷲ، މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. އެމީހުންނަށް ހަމަ ނުވިސްނެނީ އެވެ. އެމީހުން އެތިބި ގޮތެއްގެ ނުބައިކަން ބޮޑުކަމާއެވެ!

  9. ތިޔަ އުޚްތާއަށް ސާބިތުކަން ދެއްވާށި އާމީން..

  10. (فَالْيَوْمَ الَّذِينَ آمَنُواْ مِنَ الْكُفَّارِ يَضْحَكُونَ) (المطففين : 34 )

  11. މާޝާ ﷲ.. މާޝާﷲ.. މާޝާﷲ ވަރަށް ފުރިހަމަ ވާހަކައެއް.. މިފަދަ ވާހަކަތައް ކުރުވާހަކަ ތަކެއްގެ ސިފައިގައި ފޮތްތަކުގައި ލިޔެގެން ބުކްޝޮޕްތަކުގައި ވިއްކަން ބެހެންޓުން ކިހިނެއްވާނެ، އޭރުން އެހެން ބަޔަކަށް މިކަމުގެ ސަބަބުން ހެޔޮވިސްނުން މިންވަރުކޮށް އެމީހުންނަށް ތެދުމަގު ދައްކަވާފާނެ.. މިލިޔުން ވަރަށް ފުރިހަމަކަން އަދިވެސް އެއްފަހަރު ދަންނަވާލަން.. ޒަމްޢަތު އަޙްމަދު ވަޙީދަށް މާތް ﷲ ހެޔޮޖަޒާ ދެއްވާށި.. އާމީން..

  12. މާޝާﷲ ވ ރީތި. ވ ހިތްވަރު ލިބިއްޖެ

  13. މާޝާ ﷲ… އެކުއްހާފުޅަށް ހެޔޮ ރަޙްމަތް ލައްވާށި….

  14. މާޝާ ﷲ

  15. ވަރަށް ފުރިހަމަ.ވަރަށް އިބްރާތްތެރި.ވ ހިތްވަރު ލިބިއްޖެ.އަޅުގަނޑުގެ ދުޢާއަކި މުސްލިމް އަންހެނުންނަށް ހެޔޮވިސްނުންދެއްވައި ހިދާޔަތުގެ މަގަށް މަގުދައްކަވައި އެކަނބަލުންނަކީ ލަދުވެތި ޢިއްފަތްތެރި ބައެއްކަމުގައި ލެއްވުމެވެ.

Your email address will not be published. Required fields are marked *

More in ވާހަކަ