ޓީވީބަލަން އިން ފަރީޝާ ފުއްމައިގެންކަހަލަ ގޮތަކަށް ތެދުވިއެވެ. ގެ ކައިރީ ފުލުހުން ހަރަކާތްތެރިވަމުންދާކަން އޭނާއަށް އެނގުނެވެ. ވަގުވަގަށް ބޮޑުދޮރު ހުޅުވާ ބަލާލިއިރު އެގޯޅިތެރޭ މީހުން ކުރިއާ ޚިލާފަށް ހަރަކާތްތެރިވާތަން ފެންނަމުން ދިޔައެވެ. ބޭރަށް ހުރި ކުޑަދޮރުތައް އަވަސް އަވަހަށް ލައްޕާލިއެވެ. ސިޑިން މައްޗަށް އަރަމުން ދިޔައީ ސިޑިމަތީ ހިންޏެއް އޮތް ނަމަވެސް އެ، މަރުނުވާހާ މަޑުންނެވެ.
ކޮޓަރިއަށް ވަދެވުމާއިއެކު ދޮރު ލައްޕާލިއެވެ. ކޮޓަރީގެ އެއްކަނެއްގައި ބަހައްޓާފައިވާ ބޮޑު އަލަމާރިއާއި ދިމާލަށް ގޮސް އަލަމާރިކައިރީ އިށީނެވެ. ވަގަކު ފިލާ އިންނަހެން އެއްފަރާތަކަށް ޖެހިގެންނެވެ.
''އޭނަ ދިޔަ އިރު ދޮރުތައް ނުލައްޕާ އެ ދިޔައީ'' ފަރީދު ބުނި އަޑު އިވުނެވެ.
ފަރީޝާއަށް ވަށައިގެން ހޯދާލެވުނެވެ.
''ޓީވީވެސް ހުޅުވާފަ ހުރީ، މަ އައި އިރު'' އަނެއްކާވެސް ފަރީދުގެ އަޑެވެ.
''ބޮކިވެސް ނު ނިއްވާ....''
''ބޮޑު ދޮރު ތަޅުވެސް ނުލާ....''
''އިހަކަށްދުވަހު އައި އިރު ބޮޑު ދޮރު ހުޅުވާފަ...މިދެން ކިހާ ބޮޑުވެއްޖެ ކަމެއް..''
''ފަރީޝާ...ފައިޒަން ކައިރީ ބުނޭ ރޭގަނޑު ހަތެއް ޖަހާއިރު ކަންޏާ ދެން އެގާރަ ޖަހާއިރު ކާނެކަމެއް ނެތޭ....މަވެސް ހަތެއް ޖަހާއިރު އައިސް ބޮނީ ސައި...އެވެސް ހާދަ ޚަރަދެކޭ..ހަތެއްޖަހާއިރު ކައިފަ.. އަނެއްކާ އެގާރަ ޖަހާއިރު ކައިފަ ދެންނޭންގެ. މަގޭ ބޯ ހަލާކުވާވަރުވޭ''
އެއީ ފަރީދު އެކި ދުވަސްމަތިން ފަރީޝާއާއި ކޮށްފަވާ ޝަކުވާތަކެވެ. ފަރީޝާގެ ކޮއްކޮ ފައިޒަން އާއި ބެހޭ ގޮތުންނެވެ.
ފައިޒަން ކިޔަވަން މާލެ ބަދަލުވީ މިދިޔަ އަހަރުއެވެ. އޭރުއްސުރެ އުޅެމުންދިޔައީ ފަރީޝާއާއި އެކީގައެވެ. އެގޭގައި އެހާ ގިނަ ބަޔަކު ނޫޅޭތީއާއިވެސް އެކީގައެވެ.
ފައިޒަންއާއި މެދު ފަރީދު ހިތްހަމަ ނުޖެހެންވީ އެއްވެސް ސަބަބެއް ފަރީޝާއަށް ވިސްނާ ވިސްނާ ނޭންގުނެވެ. ފައިޒަން އަކީ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ. ކަމަކާ ހިތްހަމަ ނުޖެހި ހުރި ކަމުގައި ވިޔަސް ދުވަހަކުވެސް ބާރަށް އެއްޗެއް ނުބުނާނެއެވެ.
އެހެން ނަމަވެސް ފަރީދުގެ އެ ޝަކުވާތަކަށް ނިމުމެއް ނައެވެ.
އެ ޝަކުވާތައް ފަރީޝާގެ ސިކުނޑީގައި އަބަދު ގުގުމާލަ ގުގުމާލަ ހުންނަނީ އެހެންވެގެންނެވެ.
ފަރީދުގެ އަޑު ގަދަވަމުން ދިޔައެވެ. އެކި ދުވަސްމަތިން ކޮށްފައިވާ އެ ޝަކުވާތައް، އެއްފަހަރާ އެ ކޮޓަރީތެރެއަށް އޮހެމުންދިޔަހެން ފަރީޝާއަށް ހީވާން ފެށިއެވެ.
ބޮލުގައި ދެއަތުން ހިފާ ބާރަށް ހަޅޭއްލަވައިގަތެވެ.
''އަނ.. އަހަންނާ ހެދި ފައިޒަން މަރުވީ...އަހަރެންގެ އިހުމާލުން...'' ފަރީޝާއަށް އަޑުން އަޑުނަގާ ރޮވެން ފެށިއެވެ.
''އަހަރެން ކީއްކުރާނީ... ފަރީދު ހިތްހަމަ ނުޖެހެންޏާ އަހަރެން ކިހިނެއް ފައިޒަން ގޮވައިގެން އުޅޭނީ...''
ޕޮލިހުން އައިސް ފަރީޝާ ޕޮލިސް ސްޓޭޝަނަށް ގެންދިޔައެވެ.
''އަބަދުވެސް ގޭތެރޭގައި އޮންނަނީ ޒުވާބު..ކުޑަ އިރުއްސުރެވެސް ޒުވާބު ކުރާ އަޑު އިވެނީ..އަނެއްކާ އަހަރެން ދިރިއުޅުމެއް ފެށިފަހުންވެސް ހަމަ އެފަދަ. ފިރިމީހާއަށް އަހަރެންގެ ކޮއްކޮ ކަމަކު ނުދޭ. އެ ކީއްވެ ކަމެއް އޭނަ ނުބުނޭ.. އޭނަ ރުޅިއަންނަކަން އަހަންނަށް އިނގެނީ...
އެ ހުރިހާ ޒުވާބެއް ކުރާ އިރުވެސް ފައިޒަން ނުބުނޭ އެއްވެސް އެއްޗެއް... ފަހުން ފަހުން އައިސް ގެއަށް އައުންވެސް ލަސްވޭ.. އެކަމާ އަހަރެން ވަރަށް ކަންބޮޑުވޭ... ގުޅަންވެސް ގުޅަން.. އޭނަ ބުނާނެ މި އަންނަނީއޭ... އެކަމު އޭނަ އަންނަ އިރެއް ނޭންގެ އަހަންނަކަށް... ފަރީދު އަހަރެން ކޮޓަރިން ބޭރަށް ދިޔަކަ ނުދޭނެ... އަހަންނަކަށް ނެތް އަހަރެންގެ ފިރިމީހާއާ ވަކިވެވޭކަށްވެސް... އަނެއްކޮޅުން އަހަރެންގެ ކޮއްކޮ...'' ރޮމުން ރޮމުން ފަރީޝާ އެހުރިހާ ވާހަކަތަކެއް ކިޔާދެމުން ދިޔައެވެ.
''އޭނަ އަކީ ވަރަށް ބަސްއަހާ ކުއްޖެއް... އޭނަ މަރާލަން ޖެހޭ ސަބަބެއް ނޭންގެ...އެކަމަކު އަހަރެންނަށް އެނގެނީ އޭނަ މަރުވީ އަހަރެންގެ އިހުމާލުންކަން..'' ފަރީޝާއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭންގެއެވެ.
''ފަރީޝާ....'' ފަރީދު ފަރީޝާގެ މޫނުގައި ޖެހިއެވެ.
''ކީކޭ ތި ކިޔަނީ...ކޮން މޮޔައެއް ތި ގޮވަނީ...'' ފަރީދު ހުރީ ދެލޯ ބޮޑުވެފައެވެ.
''ފައިޒަން'' ފަރީޝާއަށް ބުނެވުނީ އެހާވަރަށެވެ. ފަރީދު ފަރީޝާގައިގައި ހިފާ ތަޅުވާލިއެވެ.
''ފައިޒަން އެހެރީނުންތަ...''
ފަރީދުއާއި އެކީ ސިޑިން ތިރިއަށްފައިބަމުން ދިޔައިރު ފަރީޝާގެ ހިތް ތެޅެމުންދިޔައެވެ. ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ.
'' މަރުވެފައިވާ އެކުއްޖާގެ ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފަވާކަމަށް ފުލުހުން ބުނޭ.....'' ޓީވީން ދައްކަމުން ދިޔައީ ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮތް ކުޑަ ކުއްޖެއްގެ ޚަބަރެވެ. އޭރު ގަޑިން ދިހައެއް ޖެހީއެވެ.
ފަރީޝާ އަށް އެ ޚަބަރު ނުވައެއް ނުޖަހަނީސް ލިބިއްޖެއެވެ. އެ ކުއްޖާ މަރާލާފައިވާ ޕާކަކީ އެގެކައިރި ޕާކަކަށްވާތީއެވެ.
އެ ޚަބަރު ލިބުމާއި އެކު ފައިޒަންއާއި މެދު އެގޭތެރޭގައި ކަންތައްތައް ކުރެވެމުންދާގޮތް ފަރީޝާއަށް ސިފަވީއެވެ. އެފަދަ ކަމެއް އޭނާގެ ކޮއްކޮއަކަށް އަދި އެއްވެސް މީހަކަށް ވާން އޭނާ ބޭނުން ނުވީއެވެ.
ފަރީޝާއަށް ގަބޫލުކުރެވުނީ ރަގަޅަށެވެ. އެކަމުގައި ފަރީޝާވެސް އިހުމާލު އެބަ އޮތެވެ. ނަމަވެސް ވަގުތު ފާއިތު ނުވަނީސް އެކަން ވިސްނުނުކަން ކިތަންމެ ހާވެސް ރަގަޅެވެ.
...
ނިމުނީ















ވަޓް. އިސް ދިސް އަ ސްޓޯރީ؟؟ އައި ޑިޑެންޓް ގެޓް އެނީތިން….
ލިޔުން ތެރިޔާ ބުނަން ބޭނުން ވާވާހަކަ ކިޔުންތެރިން ނާއި ހިސާބަށް ނުގެނެވޭކަން ފާހަގަކޮށްލަން
މީގަ ވާނުވާއެއް ނޭނގެ…….
ވ ސައުގު ވެރިކަން ދަމައިގަން ފުރަތަމަ……ނިމުން އިރު….އުމްމީދު ކުރި ވަރެއް ނުވޭ
ފީކަޅާ
ބުނަން އުޅުނުގޮތަކަށް ނެތް ކިޔާދެވިފައެއް….އަދި ޕްރެކްޓިސް ކޮށްލަނިކޮށް ރަގަޅުވެދާނެ
ރަނގަލު
އަހަންނަށް ނަގަިގަނެވިއްޖެ ލިޔުންތެރިޔާ ބުނަަން އެ އުޅުނު ވާހަކަ….. ވަރަށް ރީތި… އެކަމް ނިންމުން އަދި މިއަށް ވުރެ ރީތިކޮށް، ދޭހަވާ ގޮތަށް ނިމްމިދާނެ… ދެން ފަހަރަކުން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރަން..
ކަޑަ
ފަރީޝާގެ ފިރިމީހާ އޭނާގެ ކޮއްކޮދެކެ ރުޅިއަންނަ ސަބަބެއްނޭންގެ..؟ އަދި ކިޔުންތެރިންނަށް ދޭން ބޭނުންވި މެސެޖަކީ ކޮބާކަމެއް ނޭންގުނު. އެހެން ވާހަކަތަކާ ބަލާފަ މިވާހަކަ ކަމަކު ނުދޭ!!!
ފުދޭ