މިއީ މެދެވެ.
އިސްލާމީ ޢަޤީދާއަކީ ރޫޙާނީ ގަބޫލުކުރުންތަކުގައި ހައްދުފަހަނަ އަޅައިފައިނުވާ އަދި ހަމައެކަނި މާއްދިއްޔަތަށް ނަޒަރުހުއްޓުމުގައި ކަންފަސޭހަ ކޮށްލާފައިނުވާ ހަމައެކަނި ފުރިހަމަ ގަބޫލުކުރުމެވެ. އިސްލާމީ ޢަޤީދާވަނީ، ޠަބީޢަތުގެ ފުރަގަހުގައިވާ އިންސާނީ ޙިއްސުތައް އެކަންކަމަށް ނުފޯރާ ކޮންމެ ކަމެއް ދޮގުކުރާ ކުރުމާ އަދި އެޠަބީޢަތުގެ ކަންކަމަށް ލާއިގު ނޫން ބާރުތައް ނިސްބަތްކުރާ ކުރުމުންކުރެ އެއްވެސް ކޮޅަކަށްނުޖެހި އެ ދެމެދުގައެވެ. ފަހުން މިދެންނެވުނު ވިސްނުމުގައި ވެރިންނާ ރަސްރަސްކަލުންނާ ޖަނަވާރުތަކާއި ގަސްގަހާގެއްސާއި ދިރުންނެތް ތަކެއްޗަށްވެސް އިލާހީ ރޫޙުފުޅާ އިލާހީ ބާރުފުޅާ ގުޅުންހުރި ކަންކަން ނިސްބަތްކުރެވިފައިވެއެވެ. މިމަޒުމޫނުގައި ބަލާލާނީ އުލޫހިއްޔަތު ސާބިތުކުރުމުގައި އިސްލާމީ ޢަޤީދާގެ ފުރިހަމަކަމަށެވެ.
އިސްލާމީ ޢާޤީދާވަނީ ހައްދުފަހަނައަޅައިފައިވާ އެންމެހާ ގަބޫލުކުރުމަކަށް އިންކާރުކޮށްފައެވެ. އަދި ކަލަކުވޮޑިގެން ނުވާކަމަށް ގަބޫލުކުރާ ކުރުމަށް އިންކާރުކޮށްފައެވެ. އަދި އެތަކެއް އިލާހުންތަކެއް ވޮޑިގެންވާކަމަށް ތަންދޮރު ނުފިލާ ޖާހިލުންކުރާ ދަޢުވާއަށްވެސް އިންކާރުކޮށްފައެވެ. މިޢަޤީދާ ސާބިތުކޮށްދެނީ މުޅި ކައުނާ އަދި އެންމެހާއެއްޗަކާ ކަމަކަށް އެންމެ އިލާހެކެވެ.
އެހެން ގަބޫލުކުރުންތަކުގައިވެސް އިލާހީ އެއްކައުވަންތަކަމަށް ދަޢުވާ ކޮށްފައި ވެއެވެ. އާނއެކެވެ. އެއްކައުވަންތަކަމަށް ދަޢުވާކުރަނީ ހަމައެކަނި އިސްލާމީ ޢާޤީދާއެއްނޫނެވެ. ނަމަވެސް އެއްކައުވަންތަކަން ސާބިތު ކުރުމުގައި ފުރިހަމަ މެދު އަދި ތެދު މަގުގައިވަނީ ހަމައެކަނި އިސްލާމީ ޢަޤީދާއެވެ. އިލާހީ ސިފަފުޅުތައް އިސްލާމީ ޢަޤީދާ ކަނޑައަޅައި ބަޔާންކޮށްދެނީ ޢަދުލުވެރި މެދުމިނުގައެވެ. ގްރީކް ނުވަތަ ޔޫނާނީ ފަލްސަފާގައި އެންމެހާ ސިފަފުޅުތަކަކުން ހުސްދުރުވެވޮޑިގެންވާ ކަލެއް ސާބިތުކޮށްދިނުމުގެ ނަތީޖާއަކީ އިލާހީ ރަޙުމަތާ އަޖުރަށް ހިތްތަށް ލޮބުވެތިވުމުގެ ދޮރު އެޢަޤީދާގައި ބަންދުވުމެވެ. އަދި އިލާހީ ކޯފާއާ ޢަޒާބަށް ހިތްތަށް ބިރުވެތިވުމުގެ ދޮރުވެސް އެކަށް ބަންދުވުމެވެ. އަދި އިންސާނާ ޢަމަލުކުރުމުގައި އޭނާގެ ނަފްސު ތެދަށް ތަގަހައްޓާނެ ނަފްސާނީ މިދެ ކައްތިރި ނެތުމެވެ. މިއިން އެއްކައްތިރިއެއް ފޭވިޔަސް އެއަތަކުން އިންސާނާ ހައްދުފަހަނައަޅައެވެ. މިހުސްކަން އިސްލާމީ ޢަޤީދާއަކު ނުވެއެވެ.
ހަމަމިގޮތަށް ބައެއް ޢަޤީދާތަކުގައި ކަލާނގެ ސިފަކުރުމުގައި ހައްދެއްނެތިގެން ގޮސް އުނިކަމާ ފަނާވުމުގެ ތެރޭގައިވާ މި ކައުނުގެ މަޚުލޫޤުންގެ ސިފަތަށް އިލާހީ "ހަށިކޮޅުގައި" ޖައްސައިފައިވާތަން ފެނިލައްވާނެއެވެ. މި އެންމެހާ ދެކޮޅުނުޖެހުމަކުން އިސްލާމީ ޢާޤީދާވަނީ ދުރުކުރެވިފައެވެ. "އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (ސޫރަތުއްޝޫރާ:11) މިއާޔަތުގައި އެވާ "އެއްފަދަ އެއްވެސް އެއްޗެއް ނުވު"މޭ މިއޮތް އޮތުމުގެ މުރާދަކީ އެންމެހާ ހާދިސާއަކާ ތަނަކާ އެއްޗަކާ ހާލަތަކީ ކަލާނގެ މަޚްލޫޤުންކަމުގައިވާއިރު އެއިން އެއްޗަކާ އެތަކެތީގެ ޚާލިޤު އެއްފަދަވެގެންނުވާނުވުމެވެ. އަދި އެކަލާނގެ އެހެން އެއްވެސް ފަރާތަކާ އެއްފަދަކުރުން ނުވަތަ މަޚްލޫޤެއްގެ ސިފައެއް އެކަލާނގެއަށް ނިސްބަތްކުރުން މަނާވުމާއި އެފަދަ އެއްގޮތްކުރުންތަކުން އެކަލާނގެ ހުސްދުރުވެވޮޑިގެންވުމެވެ. "އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކައްޗެއްވެސް ނުވެއެވެ." (ސޫރަތުލްއިޚްލާޞް:04) މިނޫންވެސް ކިތައްމެ އާޔަތެއްގައި ސިފަކުރުމުގައި ކަލާނގެ މަޚްލޫޤުންނާ އެއްފަދަ ނުވަތަ އެއްގޮތް ނުކުރެވޭނެކަން ވަނީ އަންގަވާފައެވެ.
މިއާއެކުމެ އިލާހީ ރަޙުމަތާ އަޖުރަށް ހިތްތައްލަންބުވާލާ އަދި އިލާހީ ކޯފާއާ ޢަޒާބަށް ހިތްތަށް ބިރުވެތިކުރުވާ އީޖާބީ ސަފަފުޅުތައް އިސްލާމީ ޢަޤީދާ ސާބިތުކުރެއެވެ. "ﷲއީ، އެކަލާނގެ މެނުވީ އިލާހަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމްވެވޮޑިގެންވާރަސްކަލާނގެއެވެ. އަވަހާރަފުޅުއައުމެއް އަދި، އަވަހާރަފުޅުލެއްޕެވުމެއް ވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާއި، އަދި، ބިމުގައިވާހާ އެއްޗެއް މިލްކުވެވޮޑިގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޒުނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ. އެއުރެންގެ ކުރިން (އެބަހީ: ޚަލްޤުތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސީ، އުޑުތަކާއި، ބިމުގެ އެންމެހާ ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެއުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ ޙަޟްރަތަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ." (ސޫރަތުލްބަޤަރާ:255) މިއާޔަތުގައި އެކަނިވެސް ސީދާ ގޮތުންނާއި ނުސީދާގޮތުން ސާބިތުކުރެވިފައިވާ އަށާރަ އެތަކެއް ރިވެތި މަތިވެރި އިލާހީ ސިފަފުޅެއް ވެއެވެ.
އިސްލާމީ ޢާޤީދާ ގެ މެދު އަދި ތެދު ކަން ފެންނަނީ އުލޫހިއްޔަތު ސާބިކުރުމުގެ ތެރެއިން އެކަންޏެއްނޫނެވެ. ތިބާ ނަޒަރުހިންގެވި ކޮންމެ ދިމާއަކުން، މިޢަޤީދާގެ ކޮންމެ ދިމާއަކުންނެވެ.
މަޢުލޫމާތު:
1. ޢަބްދުއްރަޙްމާން ބުން ނާޞިރުއްސަޢްދީ. ތައިސީރުލް ކަރީމުއް ރަޙްމާން ފީ ތަފްސީރި ކަލާމިލް މަންނާން. (ބައިރޫތު). އައްރިސާލާ ޕަބްލިޝަރސް (2005)
2. އަޙްމަދު އިބްނު ޙަންބަލް. އަލްޢަޤީދާ. ދިމިޝްޤު. ދާރުޤުތައިބާ (1408.ހ)

















ޚިޔާލު