ކޮލަމިސްޓްދިއިސްލާމް

ދީނީ ކުދިން ދުނިޔަވީ ތަޢުލީމު އުނގެނުން

މާލޭގައި ބޭއްވި ދަރުސެއް އަޑުއަހަން ގޮސް ތިބި އޯޑިއަންސް - ދިއިސްލާމް ފައިލް ފޮޓޯ

ﷲ އަށް ޙަމްދު ކޮށް އެކަލާނގެ ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަށް ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ.

އިސްލާމް ދީނަކީ ޢިލްމު އުނގެނުމަށް ނުހަނު ބޮޑަށް އަހަންމިއްޔަތު ކަން ދީފައި ވާ ދީނެކެވެ. ނަމަވެސް އިސްލާމްދީން ހަމަ އެކަނި ބާރު އަޅުއްވާފައި ވަނީ ދީނީ ތަޢުލީމު އުނގެނުމަކަށް ނޫނެވެ. ދީނަށް އުޅުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ ވަރަށް އެ އިލްމު އުނގެނުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާ ވާޖިބެކެވެ. ނަމަވެސް ކޮންމެ މީހަކު ދީނީ ގޮތުން މަތީ ތަޢުލީމު ހާސިލް ކުރުމަކީ ވާޖިބެއް ނޫނެވެ.

މިއަދުގެ ދިވެހި އިސްލާމީ މުޖުތަމަޢު އަށް ދީނީ ޢިލްމު ވެރިން ބޭނުންވާ ފަދައިން އެހެން ދުނިޔަވީ ޢިލްމު ވެރިން ވެސް މި ވަނީ ނިހާޔަތަށް ބޭނުން ވެފައެވެ. އިސްލާމީ ވެރިކަމެއް ޤާއިމް ކުރާ ވާހަކަ ދައްކާ އިރު ހުރިހާ މިނިސްޓްރީ އަކަށް ހަމަ ވާ ވަރަށްވެސް ދީނަށް ލޯބި ކުރާމީހުން އެފަދަ ރޮނގު ރޮނގުން މަތީ ތައުލީމު ޙާސިލް ކޮށްފައިވާ ތަނެއް ނުފެނެއެވެ.

މި ޤައުމު އިސްލާޙު ކުރުމަށްޓަކައި ހަމަ އެކަނި އިސްލާމިކް މިނިސްޓްރީ އަށް ދީނީ މީހަކު ވަދެގެން ފަރު ޖެހޭކަށް ނެތެވެ.  އިކޮނޮމިކް މިނިސްޓްރީ އަށްވެސް ދީނަށް ލޯބިކުރާ މީހަކު ވަންނަން އެބަ ޖެހެއެވެ. އެހެން ކަމުން އިޤްތިޞާދީ ދާއިރާއިން ދީނަށް ލޯބި ކުރާމީހުން މަތީ ތަޢުލީމު ޙާސިލް ކުރަން އެބަ ޖެހެއެވެ. ފިޝަރީޒް މިނިސްޓްރީ އަށް ވެސް ދީނަށް ލޯބި ކުރާ މީހަކު ވަންނަން އެބަ ޖެހެއެވެ. އެ ރޮނގުން ވެސް ދީނަށް ލޯބި ކުރާ މީހުން އެބަ މަތީ ތަޢުލީމު ޙާސިލް ކުރަން ޖެހެއެވެ. އަދި ހަމަ އެގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އާ ދެންވެސް ހުރި އެހެން މިނިސްޓްރީ ތަކަށެވެ. އެހެން ކަމުން ދީނަށް ލޯބި ކުރާ ބައެއް ކުދިން ގެންގުޅޭ ހަނި ވިސްނުން ފުޅާކޮށް ދުނިޔަވީ ހުރިހާ ރޮނގު ރޮނގުންވެސް ޒުވާނުން މަތީ ތަޢުލީމު ޙާސިލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދީނަށް ލޯބިކުރާ ޒުވާން ބައެއް ކުދިން ގެންގުޅޭ ހަނި ވިސްނުމަކީ ކޮބައިތޯއެވެ؟ މަތީ ތަޢުލީމު ހާސިލް ކުރަން ޖެހެނީ ހަމަ އެކަނި ދީނީ ރޮނގުންނެވެ. ކިޔަވަން ދާން ޖެހެނީ ހަމަ އެކަނި މަދީނާ އަށެވެ. ނުވަތަ މިސްރަށެވެ. އެމީހުންގެ ދަރިންނަށްވެސް އަމުރު ކުރަނީ އެގޮތަށެވެ. އެފަދަ ތަނަކަށް ކިޔަވަން ދިއުމަށް ފުރުސަތެއް ނުލިބިއްޖެ ނަމަ އިމާމް ކޯހެއް ޤުރްއާން މުދައްރިސް ކޯހެއް ހަދާލައިގެން ފަރު ޖައްސާލުމެވެ. ދީނަށް ލޯބިކުރާ ކުދިންގެ ވިސްނުން މިހެން ގެންގުޅޭ ނަމަ ލާދީނީ ވިސްނުމުގެ މީހުން އެހެން ރޮނގު ރޮނގުން މަތީ ތަޢުލީމު ހާސިލް ކޮއްގެން ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގައި ވަކި ހިއްޕަމުން ދާނެއެވެ. މިއީ މިއަދު އަޅުގަނޑުމެން އެންމެންނަށް ފެންނަމުން ދާ މަންޒަރެކެވެ.

ހަމަ އެކަނި ދީން ކިޔަވައިގެން އައިސް ތަޤުރީރު ކުރިއަކަސް މިކަންކަން ހައްލު ކުރާކަސް ފަސޭހައެއް ނުވާނެއެވެ. ހުރިހާ އަޚުންނާއި އުޚުތުންވެސް މިކަންކަމަށް ފުންކޮށް ވިސްނަން އެބަ ޖެހެއެވެ. ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ ކުރީ ސަފުގައި ދީނަށް ލޯބި ކުރާ މީހުން ތިބި ނަމަ މި ޤައުމު އިސްލާހުކޮށް ރަނގަޅު އިސްލާމީ ވެއްޓެއް މި ޤައުމުގައި ބިނާ ކުރުމަކީ ވަރަށް ފަސޭހަ ކަމެއްކަމުގައި ވެގެން ދާނެއެވެ. ދީނަސް ލޯބި ކުރާ އިންޖިނޭރުންނާއި ޑޮކްޓަރުންނާއި އެކައުންޓެންޓުންނާއި ސައިންޓިސްޓުންނާއި މެކޭނިކުންނާއި މެނޭޖްމެންޓް ދާއިރާގެ މީހުންނާއި އިޤްތިޞާދީ މީހުންނާއި އަދި ވެސް އެހެނިހެން ދާއިރާ ތަކުގެ މީހުން މިޤައުމަށް އެބަ ބޭނުން ވެއެވެ.

މިފަދަ ރޮނގު ރޮނގުން ތަޢުލީމު ޙާސިލް ކުރުމަކީ ދީނަށް ދައުވަތު ދިނުމަށް ވެސް އެޅޭ ހުރަހެއް ނޫނެވެ. އެހެން މީހުންނާ ގިނައިން މުޢާމަލާތުކުރަން ޖެހޭ ފަދަ މަޤާމުތަކުގައި ރިވެތި ސުލޫކާއި މާތް އަޚްލާޤުން ނަމޫނާ ދެއްކުމަކީ ވެސް ވަރަށް ފުރިހަމަ ދައުވަތެކެވެ. އަދި އަނގައިން ކިޔާލާ ބަސް ތަކަކަސް ވުރެ އެފެކްޓިވް އެއްޗެކެވެ.

ދެން އޮތީ އަންހެން ކުދިން ތަޢުލީމު ޙާސިލް ކުރުމުގެ މައްސަލައެވެ. ތަޢުލީމު ޙަސިލް ކުރުމުގަޔާއި ވަޒީފާ އަދާ ކުރުމުގައި ގޮންޖެހުން ތަކެއް ހުރިކަން އެންމެންމެ ޤަބޫލު ކުރެއެވެ. އެހެން ނަމަވެސް ތަޢުލީމީ އަންހެނުން މި ޤައުމަށް އިންތިހާ އަށް ބޭނުންޖެހިފައި ވެއެވެ. ކޮންމެ މީހެއްގެ އަނބިންނާއި އަންހެން ދަރިން ވަޒީފާއަށް ނުވަތަ ތަޢުލީމު ޙާސިލް ކުރަން ނުފޮނުވާ ގޭގައި ބައިތިއްބާ އިރު އަންހެނުން ބަލި ވުމުން ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރަކަށެވެ. އަންހެން ދަރިފުޅަށް ޓިއުޝަން ދިނުމަށް ގެންދަން ބޭނުންވަނީ އަންހެން ޓީޗަރެއް ކައިރިއަށެވެ. އެހެން ކަމުގައި ވާނަމަ އެ އަންހެން ޑަކްޓަރާއި އެ އަންހެން ޓީޗަރު އުފެދިގެން އަންނަނީ ކޮންތަނަކުން ހެއްޔެވެ؟ ކުރިމަތިވާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް މިކަންކަމަށް ފުންކޮށް ވިސްނުމަކީ މިއަދު އަޅުގަނޑުމެން ކޮންމެ މީހަކު ކުރަން ވެއްޖެ ކަމަކެވެ.

އަޅުގަނޑުމެން ދެކޭ ހުވަފެނަކީ ރާއްޖޭގެ ހުރިހާ ދާއިރާ އެއްގެ އިސް ސަފުގައި ދީނަށް ލޯބިކުރާ މީހުން ތިބެ ރާއްޖޭގައި އަމާން އޮމާން ސާފު އިސްލާމީ ވެއްޓެއް ބިނާކޮށް އުފަލުގައި އުޅެ މުޖުތަމަޢުއެއް މިޤައުމުގައި އުފެދުމެވެ.  އަދި ދުނިޔޭގައި ﷲ އެންގެވި ގޮތުގައި މި ޙަޔާތް ހޭދަ ކުރުމަށް ފަހު ދާއިމީ ޙަޔާތް ބާއްޖަވެރި ވެގެން ދިއުމެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ރަނގަޅު ލިޔުމެއް

  2. އާނ އެބަކަމުދޭ، ހާދަ ފައްކާ ލިޔުމެކޭ މީ، މީގަ މިހިރީ ހަމަ ހަގީގަތް، އަދި މިއަށް އިތުރުކޮށްލަންވީ ތަންކޮޅަކީ، މިހާރު ތިބި އުސްފަޑީގައި ތިބި ދީން ނުކިޔެވިޔަސް ދީނަށް ލޯބި ހުންނަ ބައެއް މީހުންނަށް މިއުޅޭ ބައެއް ދީނީ ކުދިން އެއްލާ ވައްކަޅިއާއި، ނުސީދާ ތުހުމަތުތަކުގެ ނުރައްކާތެރިކަމުގެ ވާހަކަ.، މިހާރު ތުނބުޅި ހުއްޓަސް ނެތަސް، ވަރަށް އަޅުވެރި ދީންވެރިން އުޅޭ، ތުނބުޅި ހުންނަ ބައެއް މީހުން ތެރޭ ހަރާންވެގެންވާ ސިނގިރޭޓޫ ބޯ މީހުންނާއި ވަގުން އުޅޭ ފަދައިން.

Your email address will not be published. Required fields are marked *