ރިޕޯޓްކޮލަމިސްޓްދިއިސްލާމް

ޗިސްތި އިލީ ގްރިއާޒްނާ ގޯރަޑް މާލެޔާ؟

ރޫސީވިލާތުގެ ބަހުގައި "ޗިސްތީ" މިބަހުގެ މާނައަކީ ސާފުތާހިރުކަމެވެ. އަދި "ގްރިއާޒްނާ" މިބަހުގެ މާނައަކީ ނުސާފުކަމެވެ. އިންސާނާ އަބަދުވެސް އޭނާ ދިރިއުޅޭ ވެއްޓާމެދު ފިކުރުކޮށް ނަޒަރު ހިންގާ އުޅެއެވެ. އެގޮތުން އަޅުގަނޑުމެންގެ ވެރިރަށް މާލޭގެ ހާލަތަކީ މިއަދު އަޅުގަނޑު އެކަމާ ނުހަނު ބޮޑަށް ކަންބޮޑުވާ ކަމެކެވެ.

އާބާދީގައި ތިން ލައްކަ ވަރަކަށް މީހުން ހިމެނޭ މިކުޑަކުޑަ ގައުމަކީ ދުނިޔޭގެ ނިސްބަތުން ވަރަށް ކުޑަކުޑަ ގައުމެކެވެ. އަދި އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ތަފާތު އެކި ސަބަބުތަކާ ހުރެ ދިރިއުޅެމުން ގެންދަނީ ވެރިރަށް މިކުޑަކުޑަ މާލޭގައެވެ. ދުނިޔޭގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިއަސް ވެރިކަން ކުރާ ރަށަކީ ނުވަތަ ސިޓީ އަކީ ކާރުބާރު ބޮޑު ތަނެކެވެ. ދުއްވާ އެއްޗެހި ގިނަ އަދި މީހުން ގިނަ އަދަދަކަށް އުޅެމުންދާ ތަންތަނެވެ. ނަމަވެސް މާލޭ ސިޓީގެ ކުޑަބޮޑު މިނާއި، މިތަނުގައި މީހުން ދިރިއުޅެމުން އަންނަ އަދަދާއި އަދި ވެހިކަލްތަކުގެ އަދަދަކީ މިއަދު ވިސްނާލަންޖެހޭ ކަމެކެެވެ. މިމައްސަލަ އަކީ ދުވަހުން ދުވަހަށް ބޮޑުވަމުންދާ ސީރިއަސް މައްސަލަ އެކެވެ. ދުނިޔޭގެ ބައެއް ގައުމުތަކަށް ނަޒަރު ހިންގާލާއިރު ވެރިކަންކުރާ ރަށް ތޮއްޖެހި ފުރިބާރުވީމައި ވެރިރަށް ބަދަލުކުރުމަކީ ތާރީޚަށް ނަޒަރު ހިންގާލާއިރު ފެންނަންހުރި ކަންކަމެވެ. ނަމަވެސް ދިވެހި ރާއްޖޭގެ ވެރިރަށް ބަދަލުވުމަކީ ހުވަފެނުންވެސް ފެނުން ދުރުކަމެކެވެ.

އަޅުގަނޑަކީ ދިވެހި ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމުގައި ބެލެވޭ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހަކީމެވެ. މަސައްކަތުގެ ގޮތާއި، ބާވަތުން ދުނިޔޭގެ ތަފާތު ގައުމުތަކުގެ ފަތުރުވެރިންނާއި ދިމާވެ ތަފާތު ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބެއެވެ. ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިޔަކީވެސް ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހްމާންދާރީއަށް އިންތިހާ ދަރަޖައަށް ތައުރީފްކުރާ މީހެކެވެ. އަދި ހަމަ އެހެންމެ މިނާޒުކު ވެއްޓާމެދު ވިސްނާ މީހެކެވެ. ނަމަވެސް މިވެށި އަދި ނަލަނަލަ ރާއްޖޭގެ ވެރިރަށް ސާފުތާހިރުކޮށް ބޭއްވުމަށް ސަމާލުކަން ދެނީ ކިތައް މީހުން ބާވައޭ ހިތަށް އަރަ އެވެ.

މާލޭގެ މަގުތައް މިއަދު މިވަނީ ކުނިބުނިން ތޮއްޖެހިފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. މާލޭގެ މަލަމައްޗާއި ރަށުތެރެވެސް އެއް ހާލެއްގައެވެ. މުޅި މާލެއަށް ނަޒަރު ހިންގާލާއިރު އާންމު ތަންތަނުގައި ކުނިއެޅުމަށް ޚާއްސަ ކުރެވިފައިވާ ތަކެތި އަޅުގަނޑަށް ފެނިފައިވަނީ ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުންނެވެ. އެހެނިހެން ސަރަހައްދުތަކުގައި ކުނިއެޅުމަށް ޚާއްސަކުރެވިފައި ހުންނަ ތަކެތި ކަމާބެހޭ ފަރާތްތަކުން ނުބަހައްޓަނީ ކީއްވެބާވައޭ ހިތާހިތާ ސުވާލުކޮށްލެވޭ ފަހަރު މަދެއް ނޫނެވެ. ކުނީގެ ގޮތުގައި އުކާލެވޭ ކުދި ކޮތަޅު، ފޮށި، ދަޅު އަދި ސިނގިރޭޓް ފިލްޓަރު މަގުމައްޗައް އެއްލާލުމަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. ވާނީވެސް އެހެންތާއެވެ. ކައިރި ހިސާބެއްގައި އެފަދަ ތަކެތި އުކާލެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތެވެ.

މަޝްހޫރު 1 ނަމްބަރު ޖެޓީއާއި މާރުކޭޓާއި ދެމެދު މޫދު އަބަދުވެސް އޮންނަނީ ކުނިބުނިން ޖަރީވެ ހިނިތުންވެލާފަ އެވެ. ޕްލާސްޓިކް ކޮތަޅުން ފެށިގެން ގޮސް ކުނިވެފައިހުންނަ ބޮޑު ކަންނެލީގެ ބޮލެވެ. "1 ސެޕްޓެމްބަރު 2011 ދުވަހުގެ ރޭ ސަތޭކައެއްހާ މީހުން ގޮވައިގެން ހުޅުމާލެއިން މާލެ އައި ފެރީއެއް ލަފަން އުޅުމުގެ ތެރޭގައި ބުރަފަތީގައި ގޯންޏެއް އޮޅި ފެރީން ދަތުރުކުރި ބައެއް ފަސިންޖަރުންނަށާއި މުދަލަށް ގެއްލުންވެއްޖެ." މިއީ ހަވީރު ނޫހުން ގެނެސްދީފައިވާ ހިތާމަވެރި ޚަބަރެކެވެ. ކުނިބުނި އުކާލަން ޖެހޭ ތަންތަން ނޫން އެހެން ތަންތަނަށް ކުނި އުކާލުމުން މިފަދަ ހާދިސާތައް ހިނގުމީ އެކަށީގެންވާ ކަމެކެވެ.

ޚާ....ޚާ.....ޚާ ކިޔާފައި މަގުމައްޗަށް ކުޅުޖެހުމަކީވެސް އަޅުގަނޑުމެންގެ ތެރޭގައި އާންމުކަމެކެވެ. އަދި ދުފާލައިގެން މަގުމައްޗަށް ރަތްކުޅު ޖެހުމަކީވެސް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ކަމެކެވެ. ޚާއްސަ ގޮތެއްގައި ބިދޭސީ "ބޮންދު"މެން މިކަމުގައި ކުރީގައި އުޅޭކަން ފާހަގަ ކުރެވެއެވެ.

އަޅުގަނޑު ހިތުން މިފަދަ ކަންތަކަކީ ކަމާބެހޭ ފަރާތްތަކުން އަދި ފަރުދީ ފެންވަރުގައިވެސް މިއަދު ވިސްނާ، ފިޔަވަޅު އަޅަން ޖެހިފައިވާ ކަމެކެވެ. ނަލަނަލަ ރާއްޖެއޭ ކިޔައިގެން ފާޑުފާޑުގެ އިޝްތިހާރު ހަދައިގެން ރޭޑިޔޯ އާއި ޓީވީން ގެނެސްދޭއިރު ނަލަނަލަ ރާއްޖެ ނަލަކޮށް ބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން ވިސްނަނީ ކިހާވަރަކަށް ބާވައޭ ހިތަށް އަރައެވެ. ފަހަރުގައި ނަލަނަލަ ރާއްޖެއޭ އެފަރާތްތަކުން މާނަކުރަނީ ހަމައެކަނި ރިސޯޓް ހޮޓާ ތަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

31 އޯގަސްޓް 2011 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން މާލެ ނަލަކުރުމުގެ ކެމްޕޭނެއް ފަށަން އުޅޭކަމުގެ ފެހި ސިގްނަލް ވަނީ ދީފައެވެ. މީގެ ކުރިންވެސް ތަފާތު އެކި މުވައްސަސާތަކުން މާލެ ސާފުކުރުމުގެ ޕްރޮގުރާމްތައް ހިންގާފައި ވެއެވެ. މާލޭ ސިޓީ ކައުންސިލްގެ ކެންޕޭން ދެދުވަހުގެ ކެންޕޭނަކަށް ނަހަދާ ދާއިމީ ކެންޕޭނަކަށް ހެދުމަށް ގޮވާލަމެވެ. މިފަދަ ކެންޕޭނެއްގައި މަގުމައްޗާއި މޫދު ކުނިބުނިން ސަލާމަތްކުރުމުގެ ގޮތުން މީހުން ހޭލުންތެރިކުރުން ބުއްދިވެރިކަމެއް ކަމަށް ދެކެމެވެ. ވެރިރަށާއި އަޅުގަނޑުމެންގެ ވެށި ކުނިބުނިން ސަލާމަތްވެ ސާފުތާހިރުކޮށް އޮތުމަކީ އެކަމުގެ ހިތްހަމަޖެހުން އެންމެނަށް ވެސް ލިބޭނެ ކަމެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ވ.ރަގަޅު ލިއުމެއް. ކީޕް އިޓް އަޕް. އޯލްދަ ބެސްޓް.

Your email address will not be published. Required fields are marked *

More in ރިޕޯޓް