ވާހަކަ

ވާހަކަ: އަހަންނަކީވެސް ބޭނުންތެރި މީހެކެވެ.

އަހަރެމްގެ ކުށަކީ އަހަރެންގެ ނުކުޅެދުންތެރިކަންހެއްޔެވެ؟ މަންމަ އާއި ބައްޕަގެ ލޯބިން މަހްރޫމް ކުރަންޖެހޭނެހެއްޔެވެ؟ ހުރިހައި މަހްލޫގެއް ހައްދަވާ އިލާހް އަހަރެންވެސް މިފަދަ ހާލެއްގައި ދުނިޔެއަށް ފޮނުންވީ އިމްތިހާނަކަށް ނޫންހެއްޔެވެ؟ ނަމަވެސް އަހަރެން ބުރައަކަށް ވެގެން އަބަދު ޝަކުވާ ކުރަނީ އަދި ދުވަހެއް އަންނާނެކަން ނޭގޭތީހެއްޔެވެ؟

އަހަރެން ދުނިޔެއަށްއުފަންވީ ނުހިގޭ ބަލިކަށިކުއްޖެއް ގޮތުގައެވެ. ދެފައިގައި ވާގިނެތީއެވެ. އަބަދު  އިންނަންޖެހެނީ ވީލްޗެއާރގައެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރަން ޖެހެނީ އޭގައެވެ. އަހަރެންގެ އުމުރުގެ ކުދިން ސްކޫލަށް ދާތަން ބަލަން ބެލްކަނީގައި އިންނަމެވެ. ކިޔަވަން އަަހަރެންވެސް ދާހިތްވެއެވެ. އެގިފައިވާ ގޮތުން ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ މަދަރުސާތަށް މިރާއްޖޭގައިވެސް ހުރެއެވެ. އަހަރެންގެ ހިތަށް އެރިއެވެ. ބައްޕަގެ އަރިހުގައި މިވާހަކަ ނަންގަންނަންވީއެވެ. ފަހަރުގައި އެފަދަ ފުރުސަތެއް އަހަންނަށްވެސް ހޯދައިދީފާނެއެވެ. ފޫހިވެފައި އިންނަންޖެހޭ ވަގުތުތައް ގައިމުވެސް މަދުވާނެއެވެ.

” އީޝާ..ކޮންވާހަކައެއް ތިދައްކަނީ..އީޝާ ސުކޫލަކަށް ގޮސްގެން ވާނި ކޮންފައިދާއެއް..މީހުން ކިޔަވަނީ ވަޒީފާ ހޯދަން..އިޝާ އަށް ވަޒީފާ ދޭނި ކާކު؟” އަހަރެންގެ ސުވާލަށް ބައްޕަ ދެއްވިޖަވާބަކީ މީއެވެ.

” އީޝާ އަށް ކިޔަވައިދިނުންވާނި ބޭކާރު..މިހާރުވެސް ކުރަންޖެހޭ ހަރަދު ބޮލުގެ  އިސްތައްޓަށްވުރެ ގިނަ…އަދި ތިކަމަށް ކިހިނެއް ހަރަދުކުރާނި؟…”  ބައްޕަ ޖެހިލުމެއްނެތި ބުނެލާ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތް ކުދިކުދިވަމުން ދެއެވެ. އަހަރެންނަކީ ބޭކާރު މީހެއްހެއްޔެވެ؟ އަހަރެން ހަދާންނައްތާލަން ބޭނުންވާ ނުކުޅެދުންތެރިކަން އަހަރެންގެ ފަސްފަަހަތުން ދުވަނީއެވެ. މަންމަމެން އަހަންނަށް ހިތްވަރުދިނުމުގެ ބަދަލްގައި ހިތުގައި އާވަމުންދާ ހުޅުކޮޅު ފައިންއަރާ ނިއްވާލަނީއެވެ.

އާދުވަހެކެވެ. ދޮންބެ ގެންގުޅޭ ކުރަހާފޮތެއް ނަގައިގެން ބެލްކަނީގައި އަހަރެން ކުރަހަން އިނީމެވެ. ގުދުރަތުން ލިބިފައިވާ އެހުނަރަކީ އަހަރެންގެ ފޫހިފިލުވައިދޭ ރަހްމަތްތެރިއަކަށް ވަނީވެފައެވެ. ދެވަނަ ފަންގިފިލާގައި އިދެގެން މާލެ ބަލާލާއިރު ކިތަންމެހައިވެސް ޗާލެވެ. ރީތި އުސްއިމާރާތްތަކެވެ. އަހަރެން ފުރަތަމަވެސް ކުރަހަންފެށީ ކުރިމަތިން ފެންނަހުރި އިމާރާތެވެ. ކުއްލިއަކަށް އަހަރެންގެ އަތުން ފޮތްދަމައިގެންފިއެވެ.

” މަންމާ..ބަލަ މި އީޝާގަނޑު މަ ކުރަހާފޮތް ހުސްކުރަނީ..” ދޮންބެ ކުރަހާފޮތް ގަޔާ ބޮނޑިކޮއްލަމުން މަންމައަށް ގޮވައިލިއެވެ.

“ސޮރީ ދޮންބޭ..މަންމައަށް ނުގޮވާ..މަންމަ ރުޅިއަންނާނެ..” މަންމަގެ ގޮތްއެގޭތީ އަހަރެންބުނީމެވެ.

” ކޮންވާހަކައެއް ދައްކާކަށް..މީހުންގެ އެއްޗެހީގައި އަތްލަން ޖެހޭތަ..އޭ..” މަންމަ އަހަރެންގެ ކަންފަތުގައި ހިފައި އަނބުރާލަމުން ބުނެލިއެވެ.

” މީ ހާދަ ސުންޕާ ކުއްޖެކޭ..އުދަގުލެއް ފެންމަތިނުވާ ދުވަހެއް ނުދާނެ..ދިނީމަ ކައިގެން މަޑުންއިންނަންވީނުން އުދަގޫ ނުކޮއް..” މަންމަގެ ރުޅިވެތި ކޮންމެ ޖުމްލައަކުން ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. މަންމަ ދޮންބެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ. ކަންފަތުން ނަގާދިލައިން އަހަންނަށް ކަންފަތުގައި ފިރުމައިލެވުނެެވެ. އަހަރެންމީ ބޭކާރު މީހެެކެވެ.  އަގެއް ނެތެވެ.

އޭގެ ހަފްތާއެއް ފަހުން އަހަރެންމެ މާމަ މާލެއައެވެ. ރީތި ހަދިޔާތަށްވެސް ގެނެސްދިނެވެ. މާމަ ދިރިއުޅެނީ ލަންކާގައެވެ. އަހަރަކު އެއްފަހަރު މާލެ އަހަރެމެން ދެކިލުމަށް އަންނާނެއެވެ. މާމަ އަހަރެންދެކެ ލޯބިވާފަދައިން އަހަރެންވެސް ލޯބިވަމެވެ.

” އީޝާ ނެދޭތަ ސްކޫލަކަށް؟”  ދޮންބެ ސުކޫލަށް ގެންދަން ތައްޔާރުކުރަން ހުއްޓައި މަންމަކައިރީ މާމައަހައިލިވެ.

” ހޫން..ކީއްކުރަން ދަނީ..ދިޔަޔަސް ނުވާނެ ފައިދާއެއް”’ މަންމަގެ ވިސްނުންހުންނަނީ އެހެންނެވެ.

” ނޫނޭ..ފައިދާ ވާނެ..މައިންބަފައިންގެ ޒިންމާއެކޭ ދަރިންނަށް ކިޔަވައިދިނުމަކީ…ހާއްސައެހީއަށް ބޭނުންވާ މަދަރުސާތައް ހުންނަނީ ކަމަކު އޭނުން..” މާމަ ރައްދުޖަވާބުދިނެވެ. މާމަގެ ޖުމްލަތަކުން މަރުވެފައިވާ ހިތަށް ދިރުމެއްލިބުނެވެ.

” ގޭގަ ހުރެދާނެ އޭނުން..އަންހެންކުދިންނަކަށް ކިޔެވުމެއް މުހިއްމެއް ނުވާނެ..” ބައްޕަ ގެއަށް ވަންނަމުން ބުނެލިއެެވެ. އަހަރެން ދެރަވިއެވެ. މާމައަށް އެކަން އިހްސާސްވިއެވެ.

” އީޝާ ފޮނުވާ މަށާއެކު ލަންކާއަށް..މަ ކިޔަވައިދީފާނަމޭ..” މާމަ އެހެންބުނެލުމުން އިތުރު ޖަވާބެއްނުދީ ބައްޕަ ކޮޓަރިއަށް ވަނެވެ. އަހަރެން ދެރަވެފައި އިނުމުން މާމަ ކައިރިއަށް އައިސް ބުނެެލިއެވެ.

“ދަރިފުޅާ ދެރަނުވޭ..މާތްﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ..” އަހަރެން އިތުރު ޖަވާބެއް ނުދީ ބޯޖަހައިލީމެވެ

އެރޭ އަހަރެން ވެފައި ހުރި ދެރައިން ނުކަމެވެ. ރޯން ކޮޓަރީގައި އޮއްވައި މާމަ އައެވެ.

” ބައްޕަ އެއްބަސްވެއްޖެ..މާމަ އާއި އެކު ދަރިފުޅު ފޮނުވަން..ލަންކާގެ ސުކޫލްތަކުން ކިޔޭވޭނެ މާ ރަނގަޅަށް..” މާމަގެ ވާހަކަތަކުން އަހަރެން ހީކުރީ އެއީ ހިތްހަމަޖައްސަން ކިޔާއެއްޗެއް ކަމަށެވެ.ނަމަވެސް މަންމަ އައިސް  ދަބަހަށް އެއްޗެހި އަޅަންފެށުމުން އަހަންނަށް ޔަގީންވިއެވެ. އަހަރެންގެ ލޮލުން ފުރަތަމަ ފަހަރަށް އުފަލުން ކަރުނަ އައެވެ.

ޖެހިގެން އައިދުވަހު މާމައާއި އެކު ލަންކާއަށް ދިޔުމަށް ފުރީމެވެ. ކިޔަވަން ދެވޭތީ ކިތައްމެ އުފަލުން ހުރިނަމަވެސް މަންމަމެން ކުޑަމިނުން ފުރުވަން ނައީތީ ޝަކުވާކުރެވެމުން ދިޔައެވެ. މަންމަމެންގެ ބިޒީ ޝެޑިއުލްގައި އަހަންނަށްޓަކައި އެންމެ މިނެޓެއްނެތީހެއްޔެވެ؟ ލަންކާއިން ކާފައާއި ބޮޑުދޮންބެ އަހަންނަށް ވަރަށް ހޫނު މަރުހަބާއެއްކިއެވެ. މާމަމެން ކައިރީ ދުވަސްތައް ހޭދަކުރަމުން ދިޔައީ އުފަލާ އަރާމުގައެވެ. ބަނޑުއަޅައިވިހޭ  މައިމީހާގެ ފަރާތުން ނުލިބުން ލޯބިލިބުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކަމާއި އެކުއެވެ. ހާއްސަ ކުލާހުގައި ކިޔަވައިދޭ މިސްއަކީ ވަރަށް ހިތްހެޔޮމީހެކެވެ. އަހަންނަށް ވަރަށް ހާއްސަކޮށް އަޅާލައެވެ. އަހަރެން ސުކޫލަށް ދަނީވެސް އަދި ގެއަށް އަންނަނީވެސް ކާފައާއި އެކު ކާރުގައެވެ. ސުކޫލް ނިމިގެން ކޮންމެ  ދުވަހަކުވެސް އާރޓްކިޔަވައިދޭ ހާއްސަތނަކަށް އަހަރެންދަމެވެ. އެއީ ކުރެހުމުގެ ފަންނަކީ އަހަރެން ކުރާހިތްވާ ކަމެކެވެ.

އޯލެވެލް ހަދައި ނިމުމުން އަދިވެސް ކިޔަވަން އަހަރެން ބޭނުންވިއެވެ. އާރކިޗެކްޗާރ ދާއިރާއިން ކުރިއަށް ދިޔުމަށް އިތުރު ކޯހެއް ހެދުމަށް ބޭނުންވިއެވެ. ދެފައި ސަލާމަތުން ނެތަސް އަހަންނަކީވެސް ބޭނުންތެރިމީހެއްކަން މާމަ އަބަދުވެސް ހަދާންކޮއްދެއެވެ. މާމަގެ ހިތްވަރު ދިނުމުގެ ބަސްތަކުން އަހަންނަށް ހިތްވަރުލިބެއެވެ. ކަންކަމާ ކުރިމަތިލާން ކެރެއެވެ. އޭގެ ނަތީޖާއަކަށް ވީ ކޯހުން އެންމެ މޮޅުދަރިވަރަކަށް އަހަރެން ހޮވުމެވެ. ޓީވީ އިން ލައިވްކޮއްދެއްކި އީވެންޓެއްގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކުރުންއޮތެވެ. ދުނިޔޭގެ ލޮލުގައި އަހަރެން އަޅައިގަތެވެ. މަސައްކަތް ލިބެންފެށިއެވެ. އަހަރެން މަޝްހޫރުވީ އެވެ.

ލަންކާއަށް ބަދަލްވިފަހުން ފުރަތަމަ ފަހަރަށް މަންމަ އަހަންނަށް ގުޅީއެދުވަހުއެވެ. ޓީވީދެއްްކި ޕްރޮގްރާމް ބަލައިގެން އަހަންނަކީވެސް ބޭނުންތެރި ކުއްޖެއްކަން އިހްސާސްވީ ކަންނޭގެއެވެ. ކުރިން އަހަންނަކީ ބޭކާރު މީހެކެވެ.

” ދަރިފުޅާ..މަންމައަށް މަޢާފްކުރޭ..މަންމަމެނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން…” މަންމަގެ ރުއިމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމުން ހަމްދަރުދީވިއެވެ. މަންމަގެ ލޯތްބަށް ފެންބޮވައިގެންފާ އަހަރެންގެ ހިތަށް ބަޔާންނުކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރުވިއެވެ. މީ ރަނުގެ ފުރުސަތެކެވެ. މަންމަގެ ލޯތްބަށް ފުރަގަސްދޭންވީ ސަބަބެއް ނެތެވެ.އަހަރެން މަންމައަށް މަޢާފްދިނީމެވެ. މަންމަ އެދުނީ މަންމަގެ ކައިރިއަށް އައުމަށެވެ.

މަންމަމެން ކައިރިއަށް ދެވޭތީ އަހަރެންހުރީ އުފަލުންނެވެ. އަހަރެންބަލާ ލަންކާއަށް ބައްޕައައެވެ. މާލެ ދިޔައީ ބައްޕައާއި އެކުއެވެ. ބައްޕަގެ އެހީތެރިކަން އަހަންނަށް ލިބުނެވެ. ކުޑަހިދުކޮޅަކަށްވެސް ބައްޕަ އަހަރެންގެ އަތަކުން ދޫކޮށެއްނުލައެވެ. އުފާވެފައި އިނަސް ފުނިޖެހިފައިވާ ޝަކުވާތަށް ހިތަށް އުދަގޫކުރަމުން ދިޔައެވެ. އަހަރެންދެކެ ލޯބިވާން އެގުނީ މިއަދުހެއްޔެވެ؟ އަހަރެންގެ ފަރާތުން ފައިދާއެއް ވާނެކަން އެގޭތީހެއްޔެވެ.؟

އެއާޕޯރޓަށް ބަލައި މަންމަ އާއި ދޮންބެ އައިސް ތިއްބެވެ. އެމީހުން މޫނުމަތިން އުފާވެރިކަން ފެނުމުން އަހަރެންގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވިއެވެ. އަހަރެންގެ އާއިލާގެ ފަރާތުން ބޭނުންވި ލޯބިމިއަދުލިބެއެވެ. މިލޯބި އަހަންނަށް ހޯދައިދިނީ އަހަރެންގެ މާމައެވެ. ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭގެއެވެ. އަހަރެން ކޮންމެ ނަމާދަކަށް  ފަހުވެސް މާމައަށް ހެޔޮގޮތްތައް މެދުވެރިކުރައްވާތޯ ދުޢާކުރަމެވެ.(ނިމުނީ)

މިއީ ވާހަކަ.ކޮމް އިން ނަކަލު ކޮށްފައިވާ ވާހަކައެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ