ވާހަކަ

އެމީހުންގެ 'ކަލާނގެ' ސޮލީބައް އެރުވުނު ކަމަށް ހިތުގެއަޑިން އެމީހުނަށް ޤަބޫލުކުރެވޭބާ؟

އެއީ އިނގެރޭސިން އިންޑިޔާގައި ވެރިކަންކުރި ދުވަސްވަރެވެ. ނަސާރާއިން ދިޔައީ އިންޑިޔާގައި ނަސާރާދީން ފެތުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމީހުންގެ ކަޅި އެންމެ ބޮޑަށް އަމާޒުވެފައިވާ ބަޔަކީ މުސްލިމުންނެވެ. އެހެންކަމުން މުސްލިމުން ވާހަކަދައްކަމުންދިޔަ ބަސްކަމުގައިވާ އުރުދޫބަސްވެސް އެމީހުން ދަސްކުރިއެވެ. އަދި ފާޅުގަޔާއި ސިއްރުގައި އެމީހުންގެ ދައުވަތު ފަތުރަން މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން ނަސާރާއިންނާއި އެކުގައި އާންމު ބަހުސްތައް ކުރުމަށް މުސްލިމުންގެ ކިބައިން އެދެމުން ދިޔައެވެ. އެހެންކަމުން އިންޑިޔާގައި ދިރިއުޅެމުންދިޔަ ވަރަށްގިނަ މުސްލިމުންގެ އެދުމުގެމަތިން ދިއްލީގައި އުޅުއްވި މައުލާނާ ޢަބްދުލް އަޒީޒު (މައުލާނާ ސާހިބު) ނަސާރާއިންނާއި ބަހުސެއްކުރަން އެއްބަސްވިއެވެ.

ބަހުސް ކުރުމަށް ދެފަރާތުންވެސް ބޭފުޅަކު ހަމަޖައްސައި ބަހުސްކުރާނެ ދުވަހެއް ކަޑައަޅައިފިއެވެ. ނަސާރާއިންގެ ފަރާތުން އެންގީ މުސްލިމުންގެ ފަރާތުން ފުރަތަމަ ވާހަކަ ދެއްކުމަށެވެ. އެހެންނަމަވެސް މުސްލިމުންގެ ފަރާތުން މައުލާނާ ސާހިބު އެދުނީ ނަސާރާއިންގެ ފަރާތުން ފުރަތަމަ ވާހަކަ ދެއްކުމަށެވެ. އެއީ 2 ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ އެމީހުނަކީ އިންޑިޔާއަށް ބޭރުން އަރައި ތިބި 'މެހެމާނުން' ކަމުގައި ވާތީ, މެހެމާނުންނަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ދެވަނަ ސަބަބަކީ އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންގެ ދީނަކީ އިސްލާމުދީނަށް ވުރެ ކުރިން އުފަންވި އިސްލާމު ދީނަށްވުރެ މުސްކުޅި ދީނަކަށް ވާތީ، ކުރިން އުފަންވި މުސްކުޅިންނަށް އިސްކަން ދިނުމުގެ ގޮތުންނެވެ. ނަސާރާއިންގެ ފަރާތުން އެވާހަކަތައް ގަބޫލުކޮށް ބަހުސްގައި ފުރަތަމަ ވާހަކަ ދައްކާނީ އެމީހުން ކަމުގައި އެއްބަސް ވެއްޖެއެވެ.

ބަހުސް ފެށިއްޖެއެވެ. ފުރަތަމަ ވާހަކަ ދައްކަނީ ނަސާރާއިންގެ ފަރާތުން ޖޯން (އަސްލު ނަމެއް ނޫން) އެވެ. ވަޑައިގެންނެވީ ވަރަށްވެސް ތައްޔާރު ވެގެންނެވެ. ވާހަކަ ފެއްޓެވުމަށް ފަހު ފުރަތަމަވެސް ފެއްޓެވީ މައުލާނާ ސާހިބާއި ސުވާލު ކުރައްވާށެވެ. ޖޯން ސުވާލު ކުރެއްވިއެވެ.
"މައުލާނާ ސާހިބު! ތިޔަބައިމީހުން ރަސޫލެއްކަމަށް ޤަބޫލުކުރާ މުޙަންމަދު (ޞައްލަﷲ އަލައިހި ވަސައްލަމް) މިހާރު ކޮބާތަ؟ ބުނެބަލަ! ކޮންތާކުތަވީ؟" މިގޮތަށް ސުވާލު ކުރުމަށްފަހު، މައުލާނާ ސާހިބުގެ ޖަވާބަކަށް ޖޯން އިންތިޒާރު ކުރެއްވިއެވެ.

އެހެންކަމުން ކުޑައިރުކޮޅަކު ވިސްނާލަން އިންނެވުމަށްފަހު ފަޚުރުވެރި ރާގެއްގައި މައުލާނާ ސާހިބު ޖަވާބު ދިނެވެ. "އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް މިހާރު ހުންނެވީ މާތްﷲގެ ޙަޟުރަތުގައި (ކައިރީގައި) ސުވަރުގޭގައެވެ.

ސުވާލުގެ ޖަވާބު ހަމަ ލިބުމާއެކު، ވިދިގެން ދެވަނަސުވާލެއްވެސް ކުރިއެވެ. "އެންމެ ރަގަނޅެވެ! އެހެންވީއިރު، އެކަލޭގެފާނުގެ ކާފަދަރިކަލުން ޙުސެއިން (ރަޟިއަﷲ އަންހު) ކަރުބޮލާގައި އަނިޔާކުރެވި އަވާހާރަކޮށްލެވުނުއިރު އެކަލޭގެފާނު ހުންނެވީ ކޮންތާކު ހެއްޔެވެ؟"

އަނެއްކާވެސް މައުލާނާ ސާހިބު ކުޑައިރުކޮޅަކު ވިސްނާލަން އިންނެވުމަށްފަހު، ވަރަށް ޔަގީންވެހުންނެވި ބީދައިން ޖަވާބު ދެއްވިއެވެ. "އޭރުވެސް މުޙަންމަދު ޞައްލަﷲ ޢަލައި ވަސައްލަމް ހުންނެވީ ﷲގެ ޙަޟުރަތުގައި (ކައިރީގައި) ސުވަރުގޭގައެވެ."

ޖަވާބު ލިބޭއިރަށް ހަމަ އެއާއި ވިއްދާފައި، ކުރިންސުރެ ރޭވި ތައްޔާރުކުރެވިފައިވާ 3 ވަނަ ސުވާލުވެސް ކުރިއެވެ. ވަރަށް ޔަޤީންކަމާއެކު މަލާމާތުގެ ރާގަކަށެވެ. "އެންމެ ރަގަނޅެވެ! އެންމެ ރަގަނޅެވެ! މައުލާނާ ސާހިބު ތިވިދާޅުވާފަދައިން، މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ހުންނެވީ ﷲގެ ޙަޟުރަތުގައި (ކައިރީގައި) ސުވަރުގޭގައިނަމަ، އެކަލޭގެފާނުގެ ކާފަދަރިކަލުން އެހާ ނިކަމެތިކޮށް އަދި އެހާމެ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެވުނުއިރު، ﷲގެ ޙަޟުރަތުގައި (ކައިރީގައި) ޙުސެއިންގެފާނު އެ އަނިޔާވެރި މަރުން ސަލާމަތް ކޮށްދެއްވުމަށްއެދި ނުދެންނެވީ ކީއްވެ ހެއްޔެވެ؟... 'ތިމަންކަލޭގެފާނުގެ ކާފަދަރިކަލުން ސަލާމަތް ކޮށްދެއްވާށޭ' ނުދެއްވީ ކީވެހެއްޔެވެ؟"

މައުލާނާ ސާހިބު ބަސްހުއްޓުފައިވާ ބީދައިން އިންނެވިއެވެ. ހޯލުތެރެ ވަނީ ހަމަހިމޭންވެފައެވެ. އެންމެންވެސް ތިބީ މައުލާނާ ސާހިބުގެ ޖަވާބުގެ އިންތިޒާރުގައެވެ. ޚާއްސަކޮށް އެތަނަށް އެއްވެތިބި މުސްލިމުން ކަންބޮޑުވެފައިވާޙާލު ތިއްބެވެ. މަލާމާތުގެ ރާގަކަށް އެސުވާލު ތަކުރާރު ކުރެވިއްޖެއެވެ.
އެހެންކަމުން މައުލާނާ ސާހިބު އިރުކޮޅަކު ހަނު ހުންނެވުމަށްފަހު ޖަވާބު ދެއްވިއެވެ. މިފަހަރު ވަރަށް މަޑުމައިތިރި ގޮތަކަށެވެ. "އެކަލޭގެފާނު، ﷲ ޙަޟުރަތުން ޙުސެއިންގެފާނު ސަލާމަތް ކޮށްދެއްވުމަށް އެދުނެވެ. އެކަމަކު..."

ޖޯން ކެއްމަދުވެފައިވަނީ، މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ މާތްﷲގެ ފަރާތުން ރަޙްމަތެއް ވާޤިވެރިކަމެއް ނުވާ ބޭކަލެއްކަމަށް އެއްވެތިބި މީހުންނަށް ސާބިތު ކޮށްދިނުމެވެ. އެހެންކަމުން މައުލާނާސާހިބުގެ ޖަވާބު އެހިސާބައް ދާއިރަށް ޖޯންގެ އަޑަށް އިތުރު ބާރެއް ލެއްވުމަށް ފަހު މައުލާނާ ސާހިބާއި ސުވާލު ކުރެއްވިއެވެ. "އެދުނޭ؟ ކީކޭ ﷲ ވަޙީކުރެއްވީ؟ ޙުސެއިންގެފާނު އެއަނިޔާއިން ސަލާމަތްނުވެ އަވަހާރަވިކަން ނޭނގޭތަ؟"

މައުލާނާ ސާހިބު ވަރަށް ދެރަވެފައި ހިތާމަވެރި ރާގަކަށް ޖަވާބު ކުރިޔަށް ގެންދެވިއެވެ. "އެނގޭ!.... އެކަމަށް އެދުމުން ﷲ ކީރިތި ކުރައްވަން ފެއްޓެވީ!"

ކުއްލިއަކަށް މުޅި ހޯލުތެރެ ހަމަހިމޭން ވެއްޖެއެވެ. މައުލާނާ ސާހިބުގެ 'ތާކުންތާކުނުޖެހޭ' އެޖަވާބާއިމެދު އެންމެން ހައިރާންވެއްޖެއެވެ. ހައިރާންވެފައިވާ ހާލު ޖޯން ސުވާލުކުރިއެވެ. "ކީކޭ؟؟؟؟؟ ﷲ ފެއްޓެވީ ކީރިތި ކުރައްވާށޭ؟"

މައުލާނާ ސާހިބު ވަރަށް ދެރަވެ ހުންނަވައި ޖަވާބު ދެއްވިއެވެ. "އާދެ! ކީރިތި ކުރައްވަން ފެއްޓެވީ... އަދި އެކަލާނގެ މުޙަންމަދުގެފާނަށް ވަޙީކުރެއްވި.... 'އެނގިވަޑައިގަންނަވާތޯއެވެ؟ ޔަހޫދީންގެ އަނިޔާވެރިކަމުގައި ތިމަންރަސްކަލާނގެ އަމިއްލަ 'ދަރިކަލުން' ޢީސާގެފާނު ސޮލީބަށް އެރުވި އަވަހާރަކޮށްލެވުނުއިރުވެސް ތިމަންރަސްކަލާނގެއަކަށް ސަލާމަތެއް ނުކުރެވުނެވެ. ދެން ކަލޭގެފާނުގެ ކާފަދަރިކަލުން ޙުސެއިން ސަލާމަތްކުރައްވާނީ ކިހިނަކުންތޯއެވެ؟'"

ނަސާރާއިން ޤަބޫލުކުތާގޮތުގައި ޢިސާ ޢަލައިހި ސަލާމްއަކީ، އިލާހު ވަންތަކަން ލިބިގެންވާ މާތްﷲގެ ދަރިކަލެކެވެ. އަދި އެބައިމީހުނަކީ އެކަލޭނގެފާނަށް އަޅުކަންކުރާވެސް ބައެކެވެ. އަދި ހަމަ އެއާއިއެކު އަނިޔާވެރި ޔަހޫދީން އެކަލޭގެފާނު ސޮލީބަށް އަރުވައި ނިކަމެތިގޮތެއްގައި އަވަހާރަ ކޮށްލެވުނު ކަމަށްވެސް އެމީހުން ޤަބޫލުކުރެއެވެ.
އެހެންކަމުން ޖޯންއަށް އިތުރަށް ކުރާނެ ސުވާލެއް އެނގިވަޑައެއް ނުގަތެވެ. އަދި ބަސްހުއްޓި އިތުރަށް ދައްކަވާނެ ވާހަކައެއްވެސް ވިސްނި ވަޑައެއްނުގަތެވެ. އެހިސާބުން އެބަހުސްވެސް ހުއްޓާލާފައި އެމީހުން ހިނގައްޖެއެވެ.

ނޯޓް: މިއީ އިންޑިޔާގައި އިނގިރޭސިން ވެރިކަންކުރި ދުވަސްވަރު ހިނގާފައިވާ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގައި މައުލާނާ ސާހިބު ދީފައިވާ ޖަވާބުތަކަކީ، އެބޭފުޅާ ނުވަތަ އެއްވެސް މުސްލިމަކު ޤަބޫލުކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް ދީފައިވާ ޖަވާބުތަކެއް ނޫނެވެ. އެއީ، ބަހުސް ރައްދުކުރެވޭ ފަރާތަށް ވިސްނައިދެވޭނެ އެހެންގޮތެއް ނެތުމުން (ނުވަތަ ފަސޭހަ ގޮތަކުން ވިސްނައިދިނުމަށް ޓަކައި) ދީފައިވާ ޖަވާބު ތަކެކެވެ. ރައްދު ތަކެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ