ކޮލަމިސްޓް

ކުޑަކުދިންނާއި ކުށްކުރުން!

ލިޔުނީ: ޝިފްޒާން އަޙުމަދު

ކޮންމެ މުޖުތަމަޢެއްގެވެސް މުސްތަޤުބަލުގެ ރަމްޒަކީ އެމުޖުތަމަޢެއްގެ ކުޑަކުދިންނާއި އެކުދިންގެ އުޅުންތެރިކަމެވެ. މިދެންނެވި ޙަޤީޤަތުގެ އަލީގައި އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ މުސްތަޤުބަލަށް ނަޒަރެއް ހިންގައިލުމުން ގިސްލައި ރޮވޭނެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ކުޑަކުދިން މިވަނީ ކުށްތަކުގެ ޝިކާރައަކަށްވެ، ނިމިފައެވެ. ކުށްތަކުގެ ކަނޑުގައި ފީނަމުންދަނީ އެކުދިންގެ ދިރިއުޅުން އެކަނޑުގެ މުލައްމާ ރާޅުތަކުގެ ތެރެއަށް ދޫކޮށްލަމުންނެވެ.

ފުލުހުންނާއި ޝަރުޢީ ކޯޓުތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިއަދު ކުށްކުރާ އާބާދީގެ ބޮޑު އިންސައްތައެއް ޙިއްސާކުރަމުންދަނީ ކުޑަކުދިންނެވެ. މިކަމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ. އަދި އެކަމަކަށް ޙައްލެއް ބޭނުންވާ ކަމެކެވެ. އެހެންނަމަވެސް އެޙައްލު ހޯދުމުގައި އަޅުގަނޑުމެން ޤައުމުގެ މުއައްސަސާތައް ނުކުޅެދުންތެރިވެފައިވާކަމީ ހިތްދަތިކުރުވަނިވި ޙަޤީޤަތެކެވެ.

މިފަދަ ދަނޑިވަޅެއްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު މަޙުލޫފު، ކުޑަކުދިން ކުށް ކުރުމުގެ ވެށިން ދުރުކުރެއްވުމުގެ މަޤުޞަދުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙެއްވަނީ ހުށަހަޅުއްވާފައެވެ. މިއިޞްލާޙަކީ ކުޑަކުއްޖެއްކަމުގައި ބަލާ ޢުމުރު 18 އަހަރުގެ ބަދަލުގައި 16 އަހަރުކަމުގައި ހަމަޖެއްސެވުމަށް ހުށަހެޅުއްވި އިޞްލާޙެވެ.

ދުސްތޫރީ ނަޒަރަކުން ބަލާއިރު މިއިޞްލާޙު އަދި މިނޫން ގޮތަކަށް ގެނައުމަކީ ކޮންމެހެން މުހިއްމުކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. މިއީ ދުސްތޫރުން ބާރު ލިބިގެން ހެދިފައިވާ ޤާނޫނެކެވެ. އެހެންކަމުން މި ޤާނޫން ފަރުމާކުރުމާއި އެއަށް އިޞްލާޙު ގެނައުމުގައި އެދުސްތޫރުން ލިބިދީފައިވާ ދުސްތޫރީ މަފްހޫމްތަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ.

އެގޮތުން ދިވެހި ޖުމްހޫރިއްޔަގެ ޤާނޫން އަސާސީގެ 10ވަނަ މާއްދާގެ ހ.އާއި ށ.އިން ޔަޤީންކޮށްދޭ ވަރަށް މަތިވެރި ދުސްތޫރީ މަފުހޫމެއް އެބައޮތެވެ. އެއީ ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއްކަން ޔަޤީންކޮށްދޭ ނުވަތަ ބުނެދޭ ދުސްތޫރީ މަފްހޫމެވެ. މިމާއްދާގެ ހ.ގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ. "ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެކެވެ." އަދި އެމާއްދާގެ ށ.ގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ.

މިމަފްހޫމުގެ ހިޔަލުގައި މިޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙަށް ބަހެއް ދަންނަވަނީނަމަ، ދެންނެވޭނީ މިއިޞްލާޙުވެސް އަދި ކުރިން ގެނެވުނު އިޞްލާޙުވެސް އިސްލާމީ ޝަރީޢަތުގެ ގިއުގަނޑުން ބޭރުނުވާކަމުގައެވެ. އެހެނީ ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި ބާލިޣުވުމުގެ ޢުމުރެއްކަމުގައި 18 އަހަރު ކަނޑައެޅިދާނެއެވެ. އަދި އިމާމް ޝާފިޢީގެ އަރިހުގައި އެއީ 15 އަހަރުކަމުގައިވެއެވެ. ކޮންމެއަކަސް މިއިން ކޮންމެ ރައުޔަކަށް ޢަމަލުކުރިއަސް މިކަމުގައި މައްސަލައެއްނެތެވެ. ބާލިޣުވުމުގައި ވަކި އަހަރެއް ކަނޑައަޅާނެ ދަލީލެއް ޞަރީޙަ ޞައްޙަ ސަނަދަކުން ވާޞިލުވެފައިނެތެވެ. (الموسوعة الكويتية ގެ 8ވަނަ ވޮލިއުމްގެ 162 ބައްލަވާ!)

އެހެންނަމަވެސް ޢުމުރު ހަނގުކުރުމަކީ ބައިނަލް އަޤުވާމީ މިންގަނޑުތަކުން ބެލިނަމަވެސް އެންމެ ރަނގަޅު ކަމެކެވެ. އެހެނީ އެކުވެރި ދައުލަތްތަކުން ކުޑަކުއްޖެއްކަމުގައި ބަލާ މިންގަނޑަކީ 14 އަހަރުން ދަށެވެ. އެހެންކަމުން ބައިނަލް އަޤުވާމީ ގޮތުން ލިބިފައިވާ ތަނަވަސް ފުރުޞަތުގެ ބޭނުން ހިފުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެއީ އަޅުގަނޑުގެ ފުރަތަމަ ނުކުތާއެވެ. ދެވަނަ ނުކުތާއަކީ ހަމައެކަނި މިއިޞްލާޙު ގެނައުމުން ކުޑަކުދިން ކުށްތަކުގެ ތެރެއަށް ވަނުމުގެ މައްސަލަ ޙައްލުވެގެންދޭތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. މިކަންކުރުމަށް ބޭނުންވާ ވަރަށް މުހިއްމު ޤާނޫންތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ހެދިފައިނެތެވެ. އަދި ކަމާގުޅުންހުރި މުއައްސަސާތަކުގައި އެކަށީގެންވާ ހަރުދަނާ ނިޒާމްތަކެއްވެސް ނެތެވެ. އެހެންކަމުން މިފަދަ އިޞްލާޙެއްގެ ސަބަބުން މިކަންކަމަށް ނިމުމެއް ގެނެވިދާނެކަމަށް ޤަބޫލުނުކުރެވެއެވެ.

ޤާނޫނީ އޮނިގަނޑުގައި މިކަމަށް ހުރި ދޮރުތައް ބަންދުކުރުން:

ކުޑަކުދިން ކުށްކުރުމުގެ ތެރެއަށް ވަންނަމުންދަނީ އެކުދިންނަށް ލިބެންވާ އެންމެ ރަނގަޅު ތަރުބިއްޔަތު ލިބިފައި ނެތުމުންކަން ކަށަވަރެވެ. މިސަބަބަށްޓަކައި އެކުދިންނަށް އަދަބު ދިނުމުގެ އިތުރުން އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނެ ގޮތަކަށް ޤާނޫންތައް ބައްޓަންކުރުން މުހިއްމެވެ. އެގޮތުން ޖުވެނައިލް ލޯ ނުވަތަ ކުޑަކުދިންނާ ބެހޭ ޤާނޫނެއް އުފެދެން އެބަޖެހެއެވެ. އެޤާނޫނުގައި ކުށްކުރާ ކުޑަކުދިންނާ މުޢާމަލާތްކުރާނެ ގޮތްތައް ސާފުކޮށް ބަޔާންކުރެވެން ޖެހެއެވެ.

އެގޮތުން ކުޑަކުދިންގެ ތެރެއިންވެސް އެކި ޢުމުރުފުރާގެ ކުދިންނާއި އެކި ކުށްތައް ކުރާ ކުދިންނާމެދުގައި އެކުއްޖަކަށް ޙައްޤުވާ، އެންމެ ރަނގަޅު ގޮތެއްގައި މުޢާމަލާތްކުރެވެން އެބަޖެހެއެވެ. މިސާލަކަށް 15 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަކީ ފުރާވަރުގެ ކުދިންނެވެ. މިޢުމުރަކީ އުގެނުމާއި ހުނަރުތައް ތައްޔާރުކުރުމުގެ ދުވަސްވަރެވެ. އެހެންކަމުން އެކުދިން ކުރި ކުށުގެ ބާވަތުގެ ސަބަބުން އެކުދިން މުޖުތަމަޢާ އެކަހެރިކުރަން ޖެހުނު ނަމަވެސް ތަރުބިއްޔަތާއި ތަޢުލީމު ލިބޭނެ މަގުތައް އެކުދިންނަށް ފަހިކޮށްދެވެންޖެހެއެވެ.

ހަމައެފަދައިން ޖިނާއީ އަދަބު ކުޑަކުއްޖެއްގެ މައްޗަށް ތަންފީޛުކުރުމުގައި ވަކި ޚާއްޞަ އުސްލޫބުތަކެއް ބޭނުންކުރަންޖެހެއެވެ. ކުޑަކުދިންނަށް ޚާއްޞަ ކޯޓުތަކެއް ހުރުމުގެ އިތުރުން، އެކުދިންނާ މުޢާމަލާތްކުރަން ޚާއްޞަ ފުލުހުންގެ ޓީމެއް އޮތުމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ތަޖުރިބާ ކުރެވޭ ކަމެކެވެ. އަދި ހަމައެފަދައިން ކުޑަކުދިންގެ ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމުވައްޒަފުންގެ އުޅުންވެސް ހުންނަންޖެހޭނީ ވަކި ގޮތަކަށެވެ.

މިފަދަ ނިޒާމެއް އަދި ދިވެހިރާއްޖޭގައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އުފެދިފައިނެތެވެ. އެހެންކަމުން ކުށްކުރާ ކުދިންނަށް ކުށްކުރުން ފިޔަވައި ކުރާނެ އިތުރުކަމެއް ދަސްކޮށްނުދެވި، ކުށްކުރުމުގެ މިހާލީގެ ތެރެއަށް ދޫކޮށްލެވެނީއެވެ.

ކުޑަކުދިންނާ ބެހޭ ހަރުދަނާ ޤާނޫނެއް ނެތުމުގެ އިތުރުން ޖަލުތަކާ ބެހޭ ހަރުދަނާ ޤާނޫނެއް ނެތުމަކީވެސް މިއަދު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން ޖަލުތައް ވެފައިވަނީ ކުށްވެރިން އުފައްދާ ކާރުޚާނާ ތަކަކަށެވެ. އެހެންކަމުން އެކަމަށް އިޞްލާޙެއް ގެންނަން މުހިއްމެވެ.

އެކި ބާވަތުގެ ކުށްވެރިންނާއި އެކި ޢުމުރުގެ ކުށްވެރިންނަށް ޚާއްޞަ ޖަލުތައް ތައްޔާރުކުރެވެން އެބަޖެހެއެވެ. އެގޮތުން މެދުފަންތީގެ ކުށްތައްކަމުގައި ބެލެވޭ ކުށްތަކާއި އާދައިގެ ކުށްތަކާއި ބޮޑެތި ކުށްތަކަށް ޚާއްޞަ ޖަލުތައް ދުނިޔޭގެ ޤައުމުތަކުގައި މިއަދު ހެދެއެވެ. މިއިން ކޮންމެ ޖަލެއްގެ ހިންގާ ނިޒާމް އެހެން ޖަލުތަކާ ތަފާތެވެ. މިސާލަކަށް ދަންނަވަނީނަމަ، ކުޑަކުދިންނަށް ޚާއްޞަ ޖަލުގައި، ނުރައްކާތެރި ކުށްތައް ކުރާ ކުދިން ގެންގުޅެން ޖެހޭނީ ވަކިންނެވެ. ވަކި ހިސާބެއްގައެވެ. ތަމްރީނާއި ތަރުބިއްޔަތު ފޯރުކޮށްދެމުން އައިސް، އަޚުލާޤަށް ހެޔޮ ބަދަލުތަކެއް އަންނަނަމަ، އެއަށްވުރެ އާދައިގެ ކުށްތަކެއް ހިންގާފައިވާ ކުށްވެރިންގެ ހޯލަކަށް ލާނީއެވެ. އެއިރުން ރަނގަޅު ވުމަށްފަހު ރަނގަޅު ގޮތުގައި ދެމިހުރުމަށް އެހީވެވޭނެއެވެ.

ޖަލުތައް ހިންގާނެ ވަކި ނިޒާމެއްވެސް އެގެންވާނެއެވެ. ޖަލުތަކުގައި ތިބޭ މީހުންނަށް އެއްތަންވެވޭނެ ގަނޑިއަކާއި، އެއްތަންވެވޭނެ ގޮތެކެވެ. އަދި އެއެއްވުންތައް ވިލަރެސްކުރާނެ ގޮތެވެ. ހިންގޭނެ ޙަރަކާތްތަކާއި ނެރެން ބޭނުންވާ ނަތީޖާތައް ހުންނަންވާނީ ޤަވާޢިދަކުން ނުވަތަ ޤާނޫނަކުން ސާފުކޮށް ބަޔާންކޮށްފައެވެ.

މިގޮތަށް މިކަންކަން ނެތި މިގެނެވޭ އިޞްލާޙުގެ ސަބަބުން ފައިދާއަށްވުރެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމާމެދު ބިރުހީވެއެވެ. މިސާލަކަށް 17 އަހަރުގެ ކުއްޖަކު މާރާމާރީގެ ކަމެއްގައި ދޫނިދޫ ޖަލަށް ލެވޭއިރު، އެތަނުގައި އޭނާއާ އެއްގޮޅިއެއްގައި، ކުޑަކުއްޖަކާ ބަދު އަޚުލާޤީ ގުޅުން ގަދަކަމުން ހިންގި މީހަކާއި، މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި، މީހުން މަރާ މީހަކާއި، ފާޙިޝް ޢަމަލުތައް ހިންގާ މީހަކު ތިބިނަމަ، އެޖަލުން އެކުއްޖާނުކުންނާނީ މިހުރިހާ ކުށްތަކެއް ހިންގުމުގެ ދާއިރާއިން ޑިގްރީ ނަގައިގެނެވެ. އެއިރުން މިކުރެވުނުކަމަކީ އިބުތިދާއީ މަރުޙަލާގައި ހުރި ކުށްވެރިއަކު ޑިގުރީއަކާ ހަމައަށް ގެންދެވެނީއެވެ. މިގޮތް ކަމަކު ނުދާނެ ނޫންތޯއެވެ؟

އެހެންކަމުން މުޅި ޤާނޫނީ ނިޒާމަށް އިޞްލާޙުތައް ގެނެސް، ކުޑަކުދިންނަށް ފުރިހަމަ ޙިމާޔަތް ލިބޭނެ ގޮތެއް ހަނދަން އެބަޖެހެއެވެ. އެކަންކުރުމަށްޓަކައި މިބުނި ޤާނޫންތައް މިދެންނެވި ގޮތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ގޮތަކަށް ހަދައި އަވަހަށް ނެރެދޭން އެބަޖެހެއެވެ. އަދި ޚަރަދުތަކެއް ކުރަން ޖެހުނަސް ރަނގަޅު ފެންވަރުގެ އެކަށީގެންވާ ޖަލުތަކެއް އެކި ފެންވަރުގެ ކުށްވެރިންނާ އެކަށީގެންވާ ގޮތުގައި ބިނާކުރަން އެބަޖެހެއެވެ.

ޒަމާނީ ކުރަންވީ ހަމައެކަނި، ދުސްތޫރެއްނޫނެވެ. މުޅި ނިޒާމެވެ. މުއައްސަސާތަކާއި އެމުއައްސަސާތައް ހިގާގޮތްތަކެވެ. އެއިރުން މާތްﷲގެ އިރާދަފުޅުން ދިވެހި ޤައުމުގެ މުސްތަޤުބަލު އަޅުގަނޑުމެންގެ ހިތްތަކުގެ ފިނިކަންކަމުގައިވާ ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވޭނެއެވެ

މަސްދަރު : ތަރަހަ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *