ޢުލޫމުލް ޙަދީޘްގެ ފޮތްތަކުގެ ތެރެއިން "މަންޡޫމަތިލް ބައިޤޫނިއްޔާ" މިފޮތަކީ ޢިލްމުވެރިންނާއި ޝަރުޢީ ޢިލްމު އުނގެނޭ ދަރިވަރުންގެ މެދުގައި މަޝްހޫރު ފޮތެކެވެ.
ޢުލޫމުލް ޙަދީޘަކީ ޙަދީޘެއްގެ ސަނަދާއި މަތުނުގެ ޞައްޙަކަމުގެ ދަރަޖަތަކާއި މެދު ބަޙުޘްކުރާ ޢިލްމެވެ. ޢުލޫމުލް ޙަދިޘުގެ ޢިލްމުގެ ބައިތަކަށް ޢިލްމުވެރިން ފޮތްތައް ލިޔުއްވާފައިވެއެވެ. އެގޮތުން "މަންޡޫމަތިލް ބައިޤޫނިއްޔާ" އަކީ މުޞްޠަލަޙުލް ޙަދީޘަށް ލިޔެވިފައިވާ ކުރުފޮތެކެވެ. މުޞްޠަލަޙުލް ޙަދިޘަކީ ޙަދީޘް ޢިލްމުގައި ޢިލްމުވެރިން ގެންގުޅުއްވި މުޞްޠަލަޙު ބަޔާންކުރާ ޢިލްމެވެ. މިއީ ޅެންބައިތުން ލިޔެވިފައިވާ ފޮތެކެވެ.
މިގޮތުގައިވަނީ 34 ހަތަރު ޅެންބައިތެވެ. ޙަދީޘް ތަކުގެ ވައްތަރުތަކާއި، ޞައްޙަ ޙަދީޘުގެ ޝަރުޠުތަކާއި، ޟަޢީފު ނުވަތަ ބަލިކަށި ޙަދީޘުގެ ވައްތަރުތަކާއި ޙަދީޘް ޢިލްމުގައި ޢިލްމުވެރިން ބޭނުންކުރައްވާ ބައެއް މުޞްޠަލަޙުތައް މިފޮތުގައި ޢަރަބި ޅެން ބައިތުން ލިޔެވިފައިވެއެވެ. އަދި މި ލިޔުމުގައި މިގެނެސްދެނީ "މަންޡޫމަތުލް ބައިޤޫނިއްޔާ" މިފޮތަށް ސަޢުދީ ޢަރަބިއާގައި އުފެދުނު ބޮޑު ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚު އަލްޢުޘައިމީން ލިޔުއްވާފައިވާ ޝަރަޙަ "ޝަރުޙުލް މަންޡޫމަތިލް ބައިޤޫނިއްޔާ" އަށެވެ.
ޅެންބައިތުން ލިޔެވިފައިވާ ފޮތް "މަންޡޫމަތިލް ބައިޤޫނިއްޔާ" އަކީ ކުރުފޮތެއްކަމުން ޙަދީޘްތަކުގެ ވައްތަރުތައް ބަޔާންކުރައްވާފައިވަނީ ވަރަށް ކުރުކޮށެވެ. ބައެއް ޙަދީޘްތަކުގެ ވައްތަރުތައް ބަޔާންކުރައްވަމުން ހަމައެކަނި ޙަދީޘުގެ ތަޢުރީފު އެކަނި ގެނެސްފައިވެއެވެ. މިފޮތުގެ މިޝަރަޙައިގައި މިގޮތަށް ކުރުކޮށް ބަޔާންކޮށްލާފައިވާ ހުރިހާ ބައިތަކެއްވެސް ބޭނުންވާ ވަރަށް ޝަރަޙަކޮށްދީފައިވެއެވެ. އަލްޢުޘައިމީން އަކީ ދީނީ އެތައް ފޮތްތަކެއް ޝަރަޙަ ކުރައްވާފައިވާ ބޮޑު ޢިލްމުވެރިއެކެވެ. އަދި މިޢިލްމުވެރިއާގެ ފޮތްތަކަކީ އާދައިގެ މީހަކަށްވެސް ކިޔާލުމުން ދެނެގަނެވޭހާ ފަސޭހަ ޢިބާރާތްތަކުން ލިޔެވިފައިވާ ފޮތްތަކެއްގޮތަށް މަޝްހޫރުވެފައިވެއެވެ. މި ޝަރަޙައަކީވެސް ކިޔާލަން ވަރަށް ފަސޭހަ ޝަރަޙައެކެވެ.
އަލްޢުޘައިމީން އަކީ ދީނީ އެތައް ފޮތްތަކެއް ޝަރަޙަ ކުރައްވާފައިވާ ބޮޑު ޢިލްމުވެރިއެކެވެ.
"މަންޡޫމަތިލް ބައިޤޫނިއްޔާ" ގެ ޅެން ބައިތުތައް ޝަރަޙަ ކުރެއްވުމުގެ ކުރިން ޙަދީޘް ޢިލްމާއި ގުޅޭ ކުރު މުޤައްދިމާއެއް ލިޔެފައިވެއެވެ. މި މުޤައްދިމާގައި ޙަދިޘް ބެހޭ ދެބައިކަމަށްވާ ޢިލްމުލް ޙަދީޘް އައްރިވާޔާ އަދި ޢިލްމުލް ޙަދީޘް އައްދިރާޔާ އަކީ ކޮބައިކަން މިސާލުތަކާއި އެކު ބުނެދެއްވާފައިވެއެވެ. ފޮތް ޝަރަޙަ ކުރެއްވުމުގައި ކޮންމެ ޅެން ބައިތެއްގައިވެސް ހުރި ކޮންމެ ކަލިމައެއް ވަކިވަކިން މާނަކޮށްފައިވެއެވެ. އަދި ޅެންބައިތުގައިވާ ކަލިމަތަކުގެ ބަހަވީ މާނައާއި ވަރަށް ގިނަ ކަލިމަތަކުގެ އިޢުރާބު ބަޔާންކޮށްފައިވެއެވެ. އަދި ޅެންބައިތުގެ ޖުމްލަ މާނަ ބަޔާންކުރުމަށްފަހު އެއާއި ގުޅޭ މިސާލުތައް ގެންނަވާފައިވެއެވެ. އަދި ޅެންބައިތުގައިވާ އެއްޗެއް ޝަހަޜަ ކުރެއްވުމުގެ އިތުރުން އެ ބަޔަކާއި ގުޅޭ މުހިންމު ފައިދާތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ޙަދީޘް ތަކުގެ 7 ދަރަރަޖަތަކާއި އުފެދިދާނެ ބައެއް ސުވާލުތަކާއި އެސުވާލުތަކުގެ ޖަވާބުތައް ހިމަނާލާފައިވެއެވެ.
އެހެންކަމުން ޝަރުޢީ ޢިލްމު އުނގެން ފަށައިގަންނަ ދަރިވަރުންނަށް އައްޝައިޚު އަލްޢުޘައިމީން ލިޔުއްވާފައިވާ މިވާ "ޝަރުޙުލް މަންޡޫމަތިލް ބައިޤޫނިއްޔާ" މިފޮތުން ފައިދާ ޙާޞިލްކުރެވިދާނެއެވެ.
މިފޮތް މެސެޖް އޮފް އިސްލާމް ބުކްޝޮޕްއިން ލިބެން ހުންނާނެއެވެ.
ޚިޔާލު