ކޮލަމިސްޓް

"ނަމާދު ނުކުރާނަމަ ކާވެންޏަށް ބުރޫ ނާރާނެތަ؟"

ރަނގަޅަށް އިރު އެރިކަމެއް ވެސް އަދި ނޭނގެއެވެ. ކޮފީއެއް ބޯލަން ބޭރު ޖޯލިފަތީގައި އިންދާ ކުއްލިއަކަށް ފޯނު ރިންގުވާންފެށިއެވެ. ރައްޓެއްސެކެވެ. ބޮޑުކަމެއް ވެއްޖެ ކަމަށާއި ދިމާވާން ބޭނުން ކަމަށް ބުންޏެވެ. އަހަރެން ބަދިގެއަށް ގޮސް ކޮފީ ބުއި ޖޯޑު ދޮވެލާފަ، އަންހެނުން ގާތުގައި ގޭގައި ނެތިން ކަމަށް ބުނެލާފަ އެކުވެރިޔާ ކައިރިއަށް ނައްޓާލީމެވެ. ސައިކަލު އެގެއާ އަރާ ހަމަވިއިރު އޭނާ ހުރީ ނިކުމެ މަގުމަތީއެވެ. ބަހެއްވެސް ނުބުނެ ސައިކަލު ފަހަތަށް އެރިއެވެ. އަދި ބީޗަށް ހިނގާށޭ ބުންޏެވެ. ގޮސްފީމެވެ.

އޭނާ ހުރީ ވަރަށް ރުޅި ގަދަވެފައެވެ. "ކަލެއާ ބުނާކަށް މަ އަންހެނުން މަށަށް ދޯކާދީފި. މަގެއަށް އައިއިރު ހެވިފަ އިނީ ފޯނެއްގައި. މަބުނެފިން ކާކުހޭ ގުޅައިގެން؟ ޖަވާބެއް ނުދިން. މަ ސުވާލު ކުރާވަރުން އަވަހަށް ފޯނު ބާއްވައިފި. ފަހުން ބެލިއިރު އޭނައާ އެއްކްލާހެއްގައި އުޅުނު ސޮރެއް. ހުވާ މަ ވަރަށް ރުޅިއައިސްފި."

އަހަރެން ބުނީމެވެ. "ކީއްކުރަންށޯ އޭނަ ގުޅީ؟ އެއެއް ބެލިން؟ ނޫނީ އެމީހުން ކަޑަ ގުޅުމެއް އޮތީތަ؟"

"ނޫން. އެކަމު އެއީ ހިލޭ ފިރިހެނެކޭ. ނުޖެހޭނެ އެހެން ވާހަކަ ދައްކާކަށް. މަށަށް ވެސް ބިޓުން ނުވާނެތީއެއްނޫނޭ މިހެން މިހުންނަނީ. އެކަމު މަ މިހެން ހުއްޓާ ކައިވެނީގެ ގުޅުމަށް ބުރޫ އަރުވާފާޑަށް އޭނަ އުޅެން ޖެހޭތަ؟"

އަހަރެން ކައިރިއަށް ޒާތަކަށް ހިނިވެސް އައެވެ. "ކައިވެނީގެ ގުޅުމަށް ބުރޫދޯ؟ އޯކޭ. އެންމެ ފަހުން ނަމާދެއް ކުރީ ކޮންދުވަހަކު؟"
"ނަމާދޭ؟ ތީ ކޮންވާހަކައެއް؟ ސީދާ އެހެން ނޭނގެ ދުވަސް ބުނާކަށް. އެކަމު ބުނަން. ރޯދައިގެ ފަހުން ވެސް މަކުރިން ދެތިން ނަމާދު."

"އެހެންތަ؟ ނަމާދު ނުކުރާއިރު ކަލޭގެ ކައިވެންޏަށް ބުރޫ ނާރާތަ؟"

އެހިސާބުން ބަސްހުއްޓިއްޖެއެވެ.

ތެދެކެވެ. އެއީ ވިސްނާލާ ކަމެއް ނޫންހެއްޔެވެ؟ ނަމާދު ނުކުރާ ނަމަ ކައިވެނީގެ އަގުމާތްވި ގުޅުމަށް ބުރޫ އަރާފާނެބާއެވެ؟ އުފާވެރި ޒަވާޖީ ޙަޔާތަކަށް ތެދުވެރި ލޯތްބާއި ވަފާތެރިކަމަކީ ކައިވެނީގެ ކާނާއެވެ. އެހެނަސް ދަންނާށެވެ. ފުރާނައިގެ ކާނާ ކަމުގައިވާ ނަމާދު ނުކުރާ ފިރިހެނަކާއެކު ކައިވެނިގެ ދުވަސްތައް ހޭދަކުރަން ވިސްނަންވާނެއެވެ. ނަމާދު ގަސްތުގައި އެޅުމަކީ ކުފުރެކެވެ. ނަމާދަކީ ކާފަރުކަމާއި އީމާންކަމާއި ދެމެދުގެ އިންފާރެއް ކަމަށް ހަދީސްގައިވެއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. (اَلْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاة، فَمَنْ تَرَكَهَا فَقَدْ كَفَرَ) - (رواه الترمذي 89) رواه أحمد. މާނައަކީ: ”ތިމަންނާމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ނަމާދު އަޅައި މީހާ ކާފިރުވެއްޖެކަން ކަށަވަރެވެ.” އަދިވެސް ޙަދީޘްކުރެއްވިއެވެ. (إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّركِ وَالْكُفُرِ تَركَ الصَّلَاة ) - (رواه الترمذي 2621. رواه مسلم.) މާނައަކީ: ”ހަމަކަށަވަރުން އަޅާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވާ އިންފާރަކީ ނަމާދު ދޫކުރުމެވެ.”

އެހެންކަމުން މިއީ އާދައިގެ މައްސަލައެއް ނޫނެވެ. އަނބިމީހާ ފިރިމީހާ އަށް ނަމާދުކުރުމަށް ނަސޭހަތްތެރިވާންޖެހެއެވެ. އަދި ފިރިމީހާ ވެސް އަނބިމީހާއަށް ނަމާދަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވާންޖެހެއެވެ. ލޯތްބާއި އެކުގައެވެ.

ދެމަފިރިންވެސް ނަމާދަށް ރައްކާތެރިވާންޖެހޭނެއެވެ. ކޮންމެ ދުވަހަކުވެސް، ފަރުޟު ފަސް ނަމާދު ބަރާބަރަށް ޤާއިމް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެކެވެ. އެވާޖިބު އަދާކުރުމުގައި ދެމަފިރިންވެސް ސަމާލުކަންދޭންޖެހޭނެއެވެ.

އެއްވެސް ކަމަކަށް ނަހަދާ ނަމާދުއަޅާ ހިތުން ކޫލް ފިރިހެނާއެވެ! ނަމާދުތައް ޚިޔާލެއް ފިކުރެއް ނެތި ދޫކުރަމުންވެސް ތިޔަ އުންމީދުކުރަނީ ލޯބިލޯބި ދަރިންނާއެކު އުފާވެރި ހަޔާތެއް ލިބުމަށްހެއްޔެވެ؟ ތިޔަ އެދޭ އުފާވެރި ޙަޔާތަށް އެދި ފުރަތަމަ ތިބާ ތަޢުބާވެ ދީނުގެ ތަރަހައަށް ވަންނާށެވެ. މިވާހަކަ މިދައްކަނީ އަހަރެންނަށް ތިބާ ސަޖިދައަށް ތިރިނުވެގެން އުނދަގޫވެގެންނެއް ނޫނެވެ. ނުވިތާކަށް ތިބާގެ އާއިލީ މީހަކަށް ނޫނީ އަނތްބަކަށްވެގެނެއްވެސް ނޫނެވެ. ތިބާއަށްވެސް ހެޔޮއެދޭތީއެވެ. މުސްލިމު އަޚަކަށް ވުމަށް އެދޭތީއެވެ. ހެޔޮޢެދޭ އެކުވެރިއެއްގެ ޙައިސިއްޔަތުންނެވެ. ފާއިތުވިތަނެއް އަނބުރާ ނުލިބޭނެއެވެ. ވީއިރު ކުރިއަށް އޮތް ތަނަށް ނަޒަރުދޭށެވެ. ފަހަރުގައި އުމުރުގައި ބާކީ އޮތީ މަހަކަށް ނޫނީ ހަފްތާއަކަށް ވެސް ވެދާނެއެވެ.

އަދިކިއެއްތަ؟ 24 ގަޑިއިރަށްވެސް ވެދާނެއެވެ. ތަޢުބާވާށެވެ. މިއަދު މިވަގުތުން ފެށިގެން އިޙްލާސްތެރި ހިތަކާއެކު ފުރާނައިގެ ކާނާ ފުރާނައަށް ދޭންފަށާށެވެ. ތިޔަ ޖެހޭ ކޫސަނި މައްސަލަތައް ފިލާ އިސާހިތަކު ކައިވެނީގެ ކާނާވެސް އިންޝާ ﷲ ފުރިހަމަވެދާނެތެވެ. ތިބާ ތަރަޙައިން ވަދެ އަނބިމީހާއާއެކު އެ އުފާވެރި މަގުން ހިނގަންފަށާށެވެ. ޙަޤީޤީ އުފާވެރިކަން އިޙްސާސްކޮށްލަން ފަށަމާ ބަހީއެވެ!.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *