ރިޕޯޓްކޮލަމިސްޓްދީނީ ލިޔުން

ފޮތް ތަޢާރަފު: "ތަފްސީރުއް ސަޢުދީ"

ތަފްސީރު ފޮތްތަކުގެ ތެރެއިން تيسير الكريم الرحمن في تفسير كلام المنان ނުވަތަ މަޝްހޫރު ނަމުންނަމަ ތަފްސީރުއް ސަޢުދީ އަކީ ފަހުގެ ތަފްސީރު ފޮތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފޮތެކެވެ. މިއީ ހިޖުރައިން 1342 ވަނަ އަހަރު ނަޖިދުގެ ބޮޑު ޢިލްމުވެރިއެއް ކަމަށްވާ عبد الرحمن بن ناصر بن سعدي ލިޔުއްވާފައިވާ ވަރަށް ފުރިހަމަ ތަފްސީރު ފޮތެކެވެ.

މިފޮތުގައި މުޅި ޤުރުއާން އެއްކޮށް މިޒަމާނުގެ ފަސޭހަ ބަހުރުވައިން ތަފްސީރުކޮށްފައިވެއެވެ. މިފޮތުގައި ކޮންމެ އާޔަތެއްވެސް އިޖުމާލީކޮށް ތަފްސީރުކޮށްފައިވެއެވެ. އެއަށްފަހު އާޔަތުން ނެގޭ ފައިދާތައް ހިމަނުއްވާފައިވެއެވެ. ޢަޤީދާއާއި ގުޅޭ އާޔަތްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ޞައްޙަ ޢަޤީދާ ބަޔާންކޮށްދީފައިވެއެވެ. ފިޤުހީ ޙުކުމްތައް ބަޔާންކުރައްވާއިރު ވަކި މަޒުހަބަކަށް ތަޢައްޞުބު ވުމެއް ނެތި އެންމެ ޞައްޙަ ރައުޔު ބަޔާންކުރެއްވުމަށް މަސައްކަތް ކުރައްވާފައިވެއެވެ.

ފޮތުގެ މުއައްލިފު:

عبدالرحمن بن ناصر بن سعدي އުފަންވެވަޑައިގަތި ހިޖުރައިން 1307 އަހަރު ސަޢުދީ ޢަރަބިއާގެ ޤަޞީމް ޕުރޮވިންސުގެ ސިޓީއެއްކަމަށްވާ ޢުނައިޒާއަށެވެ. އަވަހާރަވީ ހިޖުރައިން 1376 ވަނަ އަހަރު ހަމަ ޢުނައިޒާގައެވެ. އުމުރުން 4 އަހަރުގައި މަންމާފުޅު އަވަހާރަވިއެވެ. އަދި ހަތްއަހަރުގައި ބައްޕާފުޅު އަވަހާރަވިއެވެ. ބޮޑުފުޅުވީ ޔަތީމު ހާލުކޮޅުގައެވެ. ބައްޕާފުޅު އަވަހާރަވުމުން ޤުރުއާން ހިތުދަސްކުރައްވާ 12 އަހަރުގައި މުޅި ޤުރުއާން އިތުޤާން ކުރެއްވިއެވެ. އެއަށްފަހު ރަށުގައި ތިބި ބޮޑެތި ޢިލްމުވެރިންގެ އަރިހުންނާއި ރަށަށް ވަޑައިގަންނަވާ ބޮޑެތި ޢިލްމުވެރި ބޭކަލުންގެ އަރިހުން ދީނީ ޢިލްމު ޙާޞިލްކުރެއްވިއެވެ. ދީނީ ޢިލްމު ޙާޞިލްކުރެއްވުމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ދީނީ ހުރިހާ ދާއިރާތަކަކުން ޢިލްމު ހާޞިލްކުރެއްވިއެވެ. ޚާއްޞަކޮށް ފިޤުހާއި އުޞޫލް ފިޤްހުގައި عبدالرحمن بن ناصر بن سعدي އަކީ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އުމުރުން 23 އަހަރުގައި ދީނީ ޢިލްމު ކިޔަވައިދޭން ފެއްޓެވިއެވެ. އަދި ހުރިހާ ވަގުތެއްވެސް ޢިލްމު އުނގެނި އުނގަންނައި ދިނުމާއި ފޮތް ލިޔުއްވުމުގައި މަޝްޣޫލުވެވަޑައިގަތެވެ. އެކަލޭގެފާނު ލިޔުއްވި ފޮތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެއްފޮތަކީ "ތަފްސީރުއް ސަޢުދީ" އެވެ. އެކަލޭގެފާނު މިފޮތް ލިޔުއްވަން ފެއްޓެވީ ހިޖުރައިން 1342 ވަނަ އަހަރުއެވެ. އަދި ހިޖުރައިން 1344 ވަނަ އަހަރު މުޅި ޤުރުއާނުގެ ތަފްސީރު އެއްކޮށް ލިޔެ ނިންމަވާ ލެއްވިއެވެ.

މިފޮތް ޚާއްޞަވާ ބައެއް ސަބަބުތައް:

1 - ފޮތުގެ ޢިބާރާތްތައް ފަސޭހަވެފައި ބުނެދެން ބޭނުންވާ އެއްޗެއް ސާފުކޮށް ބަޔާންކޮށްދީފައިވުން.

2 - ކޮންމެހެން އެނގުން ލާޒިމުނޫން ވާހަކަތައް ހިމަނައި ދިގުލައިގެން ނުދާނެހެން މެދުމިންވަރަކަށް މަޢުލޫމާތު އަތުރާލާފައިވުން.

3 - ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ ޚިލާފުތަކުގެ ތެރެއިން ކޮންމެހެން ޛިކުރު ކުރަންޖެހޭ ޚިލާފެއް ނޫނީ ހިމަނުއްވާފައިނެތުން.

4 - ﷲ ތަޢާލާގެ ޞިފަފުޅުތައް ހިމެނޭ އާޔަތްތައް އެއްވެސް ތަޙްރީފުކުރުމެއް ތައުވީލުކުރުމެއް ނެތި ސަލަފުއް ޞާލިޙުންގެ މަންހަޖުގައި ވާގޮތަށް ތަފްސީރުކުރުން.

5 - އާޔަތްތަކުން ޙުކުމްތަކާއި ފައިދާތައް އިސްޠިންބާޠު ކޮށްފައިވާގޮތުގެ ފުރިހަމަކަން، އެގޮތުން ވުޟޫގެ އާޔަތުން 50 ފައިދާ ޛިކުރުކުރައްވާފައިވެއެވެ.

އަދި ص ސޫރަތުގައިވާ ދާވޫދުގެފާނާއި ސުލައިމާނުގެފާނުގެ ވާހަކައިންވެސް އެތައް ފައިދާތަކެއް އިސްޠިންބާތުކޮށްފައިވެއެވެ.

މިފޮތާއި ބެހޭގޮތުން ސަޢުދީ ޢަރަބިއާގައި އުފެދުނު ބޮޑު ފިޤުހު ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް ޢުޘައިމީން ވިދާޅުވިއެވެ. އަހަރެމެންގެ ޝެއިޚް عبدالرحمن بن ناصر السعدي - رحمه الله – ގެ ތަފްސީރު ފޮތްކަމަށްވާ "تيسير الكريم الرحمن في تفسير كلام المنان" އަކީ އެންމެ ރަނގަޅު ތަފްސީރު ފޮތްތަކުގެ ތެރެއިން ފޮތެކެވެ.

މިފޮތް މެސެޖްއޮފް އިސްލާމް ބުކްޝޮޕްއިން ލިބެން ހުންނާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް