ކޮލަމިސްޓް

"ހާދަ ދިގޭ..ނުކިޔޭނެ.."

އަހަރެންގެ ރައްޓެއްސެއް ކައިރި އަހާލީމެވެ. ކޮބާ؟ މިދިޔަ ހަފްތާ ދިއިސްލާމަށް ލީޔުނު އާޓިކަލް ކިޔާލިންތަ؟ ނިކަން ތަފާތުވާނެ..." ޒާތަކަށް ބޯކަހަމުން އެކުވެރިޔާ ބުނެލިއެވެ. "ނުކިޔޭނެ. ހާދަ ދިގޭ"..

އޭގެ ހަފްތާއެއް ފަހުން އޭނާއާ ވަރަށް ގުޅޭ ދަރުސްއެއް އަހަރެން ފޮނުވާލީމެވެ. އެރޭ ބަލާލިއިރު 'ސީން' ކޮށްފަ އިނުމުން މެސެޖް ކޮށްލީމެވެ.

"ކޮބާ؟ ވަރަށް އަސަރުގަދަ ދޯ ދަރުސް؟." އިރުކޮޅަކުން ރިޕްލައި އައެވެ. "ނޫން. ހުޅުވާލިއަކަސް ނުބަލަން. ނުބެލޭނެ. ހާދަ ދިގޭ.."
ދުވަސްކޮޅެއް ފަހުން ވަރަށް މުހިންމު ދީނީ އީ-ބުކެއް ފެނިގެން އޭނައަށް ފޮނުވާލީމެވެ. ބެލިކަން ޔަޤީންވުމުން އަހާލީމެވެ.

"ކޮބާ؟ އެ ފޮތް ހުޅުވާލިންތަ؟ ވަރަށް ވަރަށް މުހިންމު ފޮތެއް އިނގޭ އެއީ.." ރިޕްލައިގައި އައީ އަހަރެން ހަމަ ހީކުރި ގޮތަށެވެ. "ހުޅުވާލިން. ނުކިޔޭނެ. ހާދަ ދިގޭ..." އަހަރެން މެސެޖްކޮށްލީމެވެ. "ސާބަސް އެހެންވިއްޔާ.." ރައްދުގައި އައި މެސެޖް އެނގޭހެއްޔެވެ؟ "އެންމެންނަކީ ތިހާ ހަމަޖެހިލައިގެން ތިބޭ މީހުންނެއް ނޫނެވެ. ބިޒީކޮށް މިހެން އުޅޭއިރު ތިހެން ވަގުތު ބޭކާރެއް ނުކުރެވޭނެ.."

މައްސަލައެއް ނެތެވެ. 'ވަގުތު ބޭކާރެއް ނުކުރެވޭނެއެވެ.' އެހެން ބުނުމުން އަހަރެންގެ ތަލިން ކުޅުހިކިގެންދިޔައެވެ. ހަޤީޤަތުގައިވެސް އަޖައިބުވިއެވެ. އެންމެ އަވަހަށް ސިނަމާގައި ފިލްމެއް އެޅުވިޔަސް ބަލަންދާއިރު ވަގުތު ބޭކާރެއްނުވެއެވެ. އެއީ 5 މިނެޓެއް ނޫންވިއްޔާއެވެ. ޕަބްޖީއަށް ހުސްވެގެން 12 ގަޑިއިރު ދިޔަޔަސް ވަގުތު ބޭކާރެެއްނުވެއެވެ. ރައްޓެހިންނާއެކު ކޮފީތަކުގައި ގަޑިދެގަޑިއިރުވިޔަސް ވަގުތުބޭކާރެއް ނުވެއެވެ. ގަވާއިދުކޮށް އެބަލާ ސީރީޒްތައް ބަލަން ވަގުތުބޭކާރެއް ނުވެއެވެ. ވަގުތު ބޭކާރުވަނީ ދީނީ އާޓިކަލް، ދަރުސް، ދީނީ ފޮތް ވިޔަސް ދީނާ ގުޅުން ހުރި ކަމެއް ކުރަންވުމުންނެވެ. ނަމާދު ކުރާއިރު އަނެއްކާ ވަގުތު ބޭކާރުވޭ ހިތަށް އަރާބާއެވެ؟ ޤުރުޢާން ކިޔަވަންވެސް އުޒުރަކީ "ހާދަ ދިގޭ..ނުކިޔޭނެ." ބާއެވެ؟ އެކަމަކު މީގަވެސް މޮޅުތަންކޮޅެއް ބުނަންހެއްޔެވެ؟ ދީނީ ލިޔުމެއްވިޔަސް ދައްކަން ބޭނުންނަމަ ވަނާތައް ބޮޑު އަންހެނެއް ހެއްދެވިގޮތަށް ހުރެ ގައިގައި ލިޔެފަ ފޮޓޯއެއް ނަގާފަލާބަލާށެވެ. ކިޔާނެއެވެ. ހިތުދަސްވެސްކޮށްފާނެއެވެ. މީ ހާލަތު ހުރިހިސާބެވެ. އުޒުރަކަށްބުނެެެެެއެވެ. މިޒަމާނުގައި އެންމެންވެސް ބޭނުންވާނީ ވީހާވެސް ކުރުއެއްޗެއް ކިޔާލާށެވެ. ބަލާލާށެވެ. މީ 2020އެވެ.

ދަންނާށެވެ. މީކީ ޒަމާނުގެ މައްސަލައެއްވެސް ނޫނެވެ. ޣާފިލްކަމެއް ނޫނެވެ. އަދި ހަމައެކަނި ޖާހިލުކަމުގެ މައްސަލައެއްވެސް ނޫނެވެ. ތިމާ ހިތްއެދޭ ކަންކަން ކުރުމަށް ވަގުތު އޮވެއެވެ. ވަގުތު ނުލިބެނީ، ވަގުތު ބޭކާރުވަނީ ހަމައެކަނި ދީނީ މިންގަޑަށް ފެތުމުންނެވެ. ދިމާވެގެން މިއުޅޭ މައްސަލައަކީ ފުދޭ މިންވަރަށް އީމާންކަން ނެތުމެވެ. ހިތްތައްވަނީ ގައުބުރިތަކެއް ފަދައިން ހިލަވެ ކުރަކިވެފައެވެ. ހިތްތައް މަޑެއް ނޫނެވެ.

އެހެންކަމުން މި ހަރު، ކުރަކި ހިތްތައް، މަޑުވެ އޮމާންވާނީ ކޮންކަމަކުންތޯއެވެ؟ އެއީ ގިނަގިނައިން މަރުގެ ވާހަކަ، ކަށްވަޅުގެ އަޒާބުގެ ވާހަކަ، އާޚިރަތްދުވަހާއި ޣައިބުގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކައިގެންނެވެ. އެފަދަ ލިޔުންތަކާއި ފޮތްތައް ކިޔައިގެންނެވެ. ދުނިޔޭގެ ޒީނަތަށް މީހާ ލެބި ދީނީ ކޮންމެ ކަމަކުން ރެކޭ ހަތިޔާރަކަށް "ހާދަ ދިގޭ" ހެދިޔަކަސް ތިޔަ ހިލަހިތްތައް މަޑެއް ނުވާނެއެވެ. އެއްފަހަރުވެސް "ހާދަ ދިގޭ..ނުކިޔޭނެ.." ކިޔަން ނުހުރެ ބަލާލަބަލާށެވެ. މި ކިޔާލަބަލާށެވެ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *