ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (11 ވަނަ ބައި)

ތިޔަބައިމީހުންނަށް މަލާމަތް ކުރާނީ ތިމަންމެންނެވެ. އަދި ތިޔަބައިމީހުންގެ ކަންތަކާ ޢަޖާއިބުވާނީ ވެސް ތިމަންމެންނެވެ. އެއީ ތިޔަބައިމީހުން ކާފިރުކަމާއި ދެކޮޅުވެރިކަންމަތީ ދެމިތިބީތީއެވެ. ނަތީޖާއަކީ ތިޔަބައިމީހުންގެ މައްޗަށް ޢަޒާބު ޙައްޤުވުމެވެ. ނިކަމެތިކަން އެމީހަކަށް ދެނިވި عذاب، އެމީހަކާ ހަމައަށް އަންނަނީ، އަދި ދެމިހުންނަނިވި عذاب، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.
އާޚިރަތުގައި ވެސް މިބައިމީހުންގެ ޠަބީޢާތުގައި އެކުލެވިފައިވާ ނޭއްގާނީކަމާއި ކާފިރުކަން ކުރިއަށް ނެރެއެވެ.

އެމީހުންގެ ގާތަށް ރަސޫލަކު އައިކަމށް ކަނޑައެޅިގެން ދެކޮޅު ހެދިއެވެ. އެއީ ބުޚާރީގައި އަބޫ ސަޢީދުގެ އަރިހުން ރިވާވެގެން އައިސްފައިވާ މިޙަދީޘްގައިވާ ފަދައިންނެވެ.

"يَجِيءُ نُوحٌ وَأُمَّتُهُ، فَيَقُولُ اللَّهُ تَعَالَى، هَلْ بَلَّغْتَ؟ فَيَقُولُ نَعَمْ أَيْ رَبِّ، فَيَقُولُ لِأُمَّتِهِ: هَلْ بَلَّغَكُمْ؟ فَيَقُولُونَ لاَ مَا جَاءَنَا مِنْ نَبِيٍّ، فَيَقُولُ لِنُوحٍ: مَنْ يَشْهَدُ لَكَ؟ فَيَقُولُ: مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأُمَّتُهُ، فَنَشْهَدُ أَنَّهُ قَدْ بَلَّغَ" މާނައީ:"ޤިޔާމަތް ދުވަހުގައި ނޫޙުގެފާނާއި އެކަލޭގެފާނުގެ އުންމަތުގެ މީހުން ގެނެވޭނެއެވެ. މާތް الله ނޫޙުގެފާނާ ސުވާލު ކުރައްވާނެއެވެ. ކަލޭގެފާނު ދަޢުވަތު އިއްވެވިންހެއްޔެވެ؟ ނޫޙުގެފާނު ދަންނަވާނެއެވެ. އާދޭހެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނކޯއެވެ! މާތް الله ނޫޙުގެފާނުގެ އުންމަތާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރައްވާނެއެވެ. އެކަލޭގެފާނު ރިސާލަތު އިއްވެވިހެއްޔެވެ؟ އެމީހުން ދަންނަވާނެތެވެ. އަޅަމެންގެ ގާތަށް (ދީނަށް ގޮވާލާނޭ) ނަބިއްޔަކު ނައާދެއެވެ. މާތް الله ނޫޙުގެފާނާ ސުވާލު ކުރައްވާނެއެވެ. ކަލޭގެފާނު ދަޢްވަތު އިއްވެވިކަމަށް ހެކިދޭނީކާކު ހެއްޔެވެ؟ ނޫޙުގެފާނު ވިދާޅުވާނެއެވެ. مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އެކަލޭގެފާނުގެ އުންމަތުގެ މީހުންނެވެ. އެކަލޭގެފާނު ދަޢްވަތު އިއްވެވިކަމަށް އަހަރެމެން ހެކިވަމެވެ."

ބައެއް ސަލަފުއްޞާލިޙުން ވިދާޅުވެފައިވެއެވެ. މާތް الله ނޫޙުގެފާނުގެ ދުޢާ އިޖާބަ ކުރެއްވުމަށްފަހު، އަންގަވައިފައިވަނީ ނަވުކޮޅު ބެންނެވުމަށް ބޭނުންފުޅާ ގަސް އިންދަވައި ހެއްދެވުމަށެވެ. އެކަލޭގެފާނު ގަސްތައް އިންދަވައިގެން ސަތޭކަ އަހަރު އިންތިޒާރުގައި ހުންނެވިއެވެ. އަދި ނާކޮޅު ބެންނެވުމުގައި ސަތޭކަ އަހަރު ހޭދަކުރެއްވިއެވެ. އަދި ބުނެވުނެވެ. ސާޅީސް އަހަރެވެ."

ނޫޙުގެފާނުގެ ބެންނެވި ނާކޮޅު ގެ ދިގުމިނަކީ 80 މުށެވެ. ފުޅާ މިނުގައި ހުރީ 50 މުށެވެ. އުސްމިނުގައި ހުރީ 30 މުށެވެ. ނާކޮޅު ބަންނަވާފައިވަނީ ތިން ބަޔަށެވެ. ނާކޮޅު ގެ މެދު ބައި ތައްޔާރު ކުރައްވައިފައި ވަނީ އިންސާނުން ދިރިއުޅުމަށްޓަކައެވެ. ނާކޮޅުގެ އެންމެ އަޑިބައިގައި ވާޙްޝީ ޖަނަވާރުތައި އެނޫންވެސް އެފަދަ ތަކެއްޗެވެ. އެންމެ މަތީގައި ދޫނިސޫފާސޫފީގެ ބާވަތްތަކެވެ. މާތް الله ވަޙީ ކުރައްވައިފައިވަނީ ﴿ قَالَ رَبِّ انصُرْنِي بِمَا كَذَّبُونِ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ! ﴿ فَأَوْحَيْنَا إِلَيْهِ أَنِ اصْنَعِ الْفُلْكَ بِأَعْيُنِنَا وَوَحْيِنَا ﴾ ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ!" މާނައަކީ ތިމަންރަސްކަލާނގެ އަމުރުފުޅުގެ ދަށުންނެވެ. އެ ނައުކޮޅު ބަންނަވާނެގޮތް ތިމަން الله ބަޔާންކޮށް ދެއްވާނަމެވެ. ނާކޮޅު ބަންނަވަމުން ގެންދަވާނެ ރަނގަޅުގޮތް ނުވަތަ ފަރުމާ ކުރަމުންވަޑައިގަންނަވަންވީ ގޮތް ބަޔާންކޮށްދެއްވާނަމެވެ. ﴿فَإِذَا جَاءَ أَمْرُنَا وَفَارَ التَّنُّورُ فَاسْلُكْ فِيهَا مِن كُلٍّ زَوْجَيْنِ اثْنَيْنِ وَأَهْلَكَ إِلَّا مَن سَبَقَ عَلَيْهِ الْقَوْلُ مِنْهُمْ وَلَا تُخَاطِبْنِي فِي الَّذِينَ ظَلَمُوا إِنَّهُم مُّغْرَقُونَ﴾ ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمر ފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهل ވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرق ކުރައްވާނޭ މީހުންނެވެ."

ކުރިން ވަނީ އިލާހީ އަމުރު ބަޔާން ކުރައްވައިފައެވެ. އެއީ އެއީ ޠޫފާނުގެ ވަގުތު ޖެހުމުން ކޮންމެ ޖަނަވާރަކުން ވެސް ޖޯޑެއް ނަވަށްލެއްވުމެވެ. ދިރޭ ފުރާނަ ހުރި ކޮންމެ އެއްޗަކުންވެސް އެއީ ކާ ބާވަތެއްކަމުގައި ވެސް އެއިން ވެސް އެއްޗެއް ލެއްވުމުގެ އަމުރެވެ. ނަމަވެސް އެއީ އެކަލާނގެ އަމުރު ފުޅު އެމީހެއްގެ މައްޗަސް އިސްވެގޮސްފައިވާ މީހެއް ފިޔަވައެވެ. ކާފަރަކު ފިޔަވައެވެ. އެމީހުންނަކީ މާތް الله ޢަޒާބު އެމީހެއްގެ މައްޗަށް ޙައްޤުވެގެންވާ މީހެކެވެ. އެއަމުރުފުޅަކަށް ބަދަލެއް އައުމެއް ނުވެއެވެ. ﴿التَّنُّورُ﴾ ގެ މުރާދުގައި ޢިލްމުވެރިން ވިދާޅުވެފައިވަނީ، ބިމުގެ ހުރިހާ ތަނަކުން ފެން އަރައިގެން ދިޔުމެވެ. އަލިފާން އަންދާ އުނދުންވެސް މީގެ އިސްތިސްނާ ވުމެއް ނެތި އެވެ. އިބުނު ޢައްބާސުގެ އަރިހުން ރިވާގެން ވެއެވެ. التَّنُّورُ އަކީ އިންޑިޔާގައި އޮންނަ ފެންގަނޑެކެވެ. އައްޝަޢުބީ ވިދާޅުވަނީ ކޫފާގައިވާ ފެންގަނޑެކެވެ. ޤަތާދާ ވިދާޅުވަނީ ޖަޒީގައިވާ ފެންގަނޑެއް ކަމަށެވެ."
އަލީ ބުނު އަބީ ޠާލިބު ވިދާޅިވެފައިވަނީ التَّنُّورُ ގެ މުރާދަކީ ފަތިސްވުން ކަމުގައެވެ. تنوير އަކީ ފަޖުރެވެ. އަލިކަމާއި ފައުޅުވުމެވެ. މާނައަކީ އެވަގުތު ޖެހުމުން ކޮންމެ ޖިންސަކުން ޖޯޑެއް ނަވަށް ލައްވާށެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *