ކޮލަމިސްޓްދީނީ ލިޔުން

ނަބީބޭކަލުންގެ ވާހަކަ: ނޫޙު ޢަލައިހިއްސަލާމް (9 ވަނަ ބައި)

ޤައުމުގެ މީހުންގެ ތެރެއިން ކާފިރުވީ ބޮޑުން އެނޫޙުގެފާނާ މުޚާޠަބުކޮށް ބުނޫއެވެ.

﴿ مَا نَرَاكَ إِلَّا بَشَرًا مِّثْلَنَا وَمَا نَرَاكَ اتَّبَعَكَ إِلَّا الَّذِينَ هُمْ أَرَاذِلُنَا بَادِيَ الرَّأْيِ وَمَا نَرَىٰ لَكُمْ عَلَيْنَا مِن فَضْلٍ بَلْ نَظُنُّكُمْ كَاذِبِينَ﴾

ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ، كافر ވި ބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން تبع ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ."

އެމީހުން އެންމެ ބޮޑު ޢަޖާއިބަކަށްވީ އިންސާނަކު ރަސޫލަކަށްވުމުންނެވެ. އެކަލޭގެފާނަށް ތަބަޢަވަމުންދާ މީހުންނަކީ ނިކަމެތި ބަލިކަށި މީހުން ކަމުގައި ތުހުމަތު ކުރިއެވެ. އެމީސްމީހުންނަކީ މޮޔަވެފައިވާ ނިކަމެތިންކަމުގައި ބުންޏެވެ. އެމީހުން ބުނެފައިވާ ﴿ بَادِيَ الرَّأْيِ﴾ (އެއުރެން تبع ވީ) މަތިމަތިން ފެންނަ ފެނުމަށެވެ." މާނައަކީ އެ މީހުން ނޫޙުގެފާނުގެ ދީނަށް ގޮވާލެއްވުމުން އެދީނުގެ ޙަޤީޤަތަކީ ކޮބައިކަންވެސް ނުބަލައި، ހަމަ ގޮވާލެއްވުމުން އީމާންވީއެވެ. އަދި ބުނަމުން ދިޔައެވެ. ތި ދަޢުވަތަކީ އަވާ މެންދުރެކެވެ.

ކާފިރުވި މީހުން އީމާންވި މީހުންނާ މުޚާޠަބުކޮށް ބުނަމުންދިޔައީ ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ. މިވާހަކައިގެ ޖަވާބުގައި ނޫޙުގެފާނު ވިދާޅުވިއެވެ. ﴿ قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَآتَانِي رَحْمَةً مِّنْ عِندِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَارِهُونَ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން އަހުރެންނަށް رحمة އެއް ދެއްވައިފިނަމަ، ދެން އެކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވިހިނދު، ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން لازم ކުރެވިދާނެ ހެއްޔެވެ؟"
ނޫޙުގެފާނު ވިދާޅުވިއެވެ. މިކަމުގައި ތިމަންކަލޭގެފާނުގެ އެއްވެސް ޙީލަތެއް މަކަރެއް ނުވެއެވެ. އަދި މިދަޢުވަތު އިއްވުމަކަށް ތިޔަބައިމީހުންގެ ފަރާތުން އެއްވެސް އަގަކަކަށް އަދި ދަރުމައަކަށް ވެސް އެދިވަޑައެއް ނުގަންނަވަމެވެ. ތިމަންކަލޭގެފާނު ދުނިޔެއާއި އާޚިރަތުގައި ވެސް ޘަވާބާއި ދަރުމައަށް އެދެނީ މާތް الله ގެ ޙަޟުރަތުންނެވެ. އެކަލާނގެ ދެއްވާ ދެއްވުންތަކަކީ ތާއަބަދަށް ދެމިގެންދާނެ ތަކެއްޗެވެ. ﴿وَيَا قَوْمِ لَا أَسْأَلُكُمْ عَلَيْهِ مَالًا إِنْ أَجْرِيَ إِلَّا عَلَى اللَّـهِ وَمَا أَنَا بِطَارِدِ الَّذِينَ آمَنُوا إِنَّهُم مُّلَاقُو رَبِّهِمْ وَلَـٰكِنِّي أَرَاكُمْ قَوْمًا تَجْهَلُونَ﴾ އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، اللَّه ގެ حضرة ން ނޫނީ ނުވެއެވެ. އަދި إيمان ވެއްޖެ މީސްތަކުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނީ، جاهل ބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ."

އަދިވެސް ޤައުމުގެ މީހުންނާއި މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. ﴿ وَلَا أَقُولُ لَكُمْ عِندِي خَزَائِنُ اللَّـهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ إِنِّي مَلَكٌ ﴾ އަދި اللَّه ގެ خزانة ތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް غيب އެއްވެސް އެނގިވަޑައެއް ނުގަނެތެވެ. އަދި ތިމަންކަލޭގެފާނީ، ملائكة އެކޭވެސް ވިދާޅެއް ނުވަމެވެ." ތިމަންކަލޭގެފާނަކީ މާތް الله ގެ އަޅެކެވެ. އަދި އެކަލާނގެ ފޮނުއްވި ރަސޫލަކީމެވެ. މާތް الله ގެ ޢިލްމުފުޅުން އެކަލާނގެ ދެއްވި ޢިލްމެއް ނޫނީ ތިމަންކަލޭގެފާނުގެ ކިބަޔަކު ނުވެއެވެ. އަދި މާތް الله އިރާދަފުޅުގެ މައްޗަކަށް ތިމަންކަލޭގެފާނުގެ ބާރެއް ނުވެއެވެ. އަދި މާތް الله ގެ އިރާދަކުރެއްވުމާ ޚިލާފަށް ތިމަންކަލޭގެފާނުގެ ނަފުސަށް ފައިދާއެއް އަދި ގެއްލުމެއް ދެއްވުމުގެ ކުޅަދާނަކަމެއްވެސް ލިބިވަޑައިގެންފައެއް ނުވެއެވެ. ﴿وَلَا أَقُولُ لِلَّذِينَ تَزْدَرِي أَعْيُنُكُمْ ﴾ އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު ވެސް މެއެވެ." މާނައަކީ ނޫޙުގެފާނަށް ތަބަޢަވީ މީހުންނެވެ.﴿لَن يُؤْتِيَهُمُ اللَّـهُ خَيْرًا اللَّـهُ أَعْلَمُ بِمَا فِي أَنفُسِهِمْ إِنِّي إِذًا لَّمِنَ الظَّالِمِينَ﴾ އެއުރެންނަށް، އެއްވެސް ހެވެއް اللَّه ނުދެއްވާނެކަމަކަށްވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، اللَّه އެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ."

ޤިޔާމަތް ދުވަހުގައި އެމީހުންނަށް އެއްވެސް ހެވެއްނެތްކަމަށް ތިމަންކަލޭގެފާނު ހެއްކެތްނުވަމެވެ. އެމީހުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވަނީ މާތް الله އެވެ. އެމީހުން ނަފުސުތަކުގައިވަނީ ހެޔޮކަން ކަމުގައިވާނަމަ ހެޔޮޖަޒާ ދެއްވާނެއެވެ. ނުބައިކަން ކަމުގައިވާނަ ނުބައިޖަޒާ ދެއްވާނެއެވެ.

އަދި އެ ޤައުމުގެ މީހުން އެކަލޭގެފާނާއި މުޚާޠަބުކޮށް ދެންނެވިއެވެ. ﴿ قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ﴾ އެއުރެން ދެންނެވޫއެވެ. ކަލޭގެފާނަށް تبع ވެގެންތިބީ، ދެރަ ނިކަމެތިން ކަމުގައިވާއިރު، ތިމަންމެން ކަލޭގެފާނަށް إيمان ވާނެތޯއެވެ؟ ﴿قَالَ وَمَا عِلْمِي بِمَا كَانُوا يَعْمَلُونَ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އެއުރެން ކޮށްއުޅުނު عمل އާމެދު ތިމަންކަލޭގެފާނަށް އެނގިގެންވަނީ ކޮންއެއްޗެއް ހެއްޔެވެ؟ ﴿ إِنْ حِسَابُهُمْ إِلَّا عَلَىٰ رَبِّي لَوْ تَشْعُرُونَ﴾ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް މެނުވީ، އެއުރެންގެ حساب ބެއްލެވުމެއް ނުވެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭނަމައެވެ. ﴿وَمَا أَنَا بِطَارِدِ الْمُؤْمِنِينَ﴾ އަދި إيمان ވެގެންތިބި މީހުން ފަހައި ދުރަށްލާމީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ﴿ إِنْ أَنَا إِلَّا نَذِيرٌ مُّبِينٌ﴾ بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންކަލޭގެފާނު ނުވަމެވެ."

ނޫޙޫގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ މެދުގައި ޖަދަލުކުރުންތައް ދިގުދެމިގެން ދިޔައެވެ. އެއީ އަންނަނިވި އާޔަތުގައި މާތް الله ވަޙީ ކުރައްވައިފައިވާ ފަދައިންނެވެ. ﴿ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ﴾ ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دين އަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ حال، طوفان (ގެ عذاب) އައިސް އެއުރެންނަށް ޖެހުނެވެ."

ދީނަށް ގޮވާލެއްވުންމަތީ ނުވަސަތޭކަ ފަންސާސް އަހަރު ހުންނެވިއިރުވެސް އެ ޤައުމުގެ މީހުން އެކަލޭގެފާނު ދަޢްވަތަށް ދިނީ ބީރު ކަންފަތެކެވެ. އެކަލޭގޭފާނު ޤައުމުގެ މީހުންނާއި މުޚާޠަބު ކުރައްވައި ވިދާޅުވެފައިވެއެވެ. ތިޔަބައިމީހުން މަގުފުރެއްދެވުމަށް اللَّه އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައި މީހުންނަށް نصيحة ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ نصيحة އަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. ޖީލެއްގެ މީހުން ނެތިދިޔުމުން ދެންނަ ޖީލުގެ މީހުން އީމާންވާނެކަމަށް ނޫޙުގެފާނު އުންމީދު ކުރައްވައެވެ. ނަމަވެސް އެމީހުން އެއްޖީލުގެ މީހުން އަނެއް ޖީލުގެ މީހުންނަށް ވަޞިއްޔަތް ކުރަމުންދިޔާއީ އެކަލޭގެފާނުގެ ބަސް ޤަބޫލު ނުކުރުމަށެވެ. އިދިކޮޅު ހެދުމަށެވެ. ހަނގުރާމަ ކުރުމަށެވެ. ބަފައިން ދަރިންނަށް ކުރާ އެންމެ ފަހުގެ ވަޞިއްޔަތަކީ ނޫޙުގެފާނަށް އީމާން ނުވުމަށް ކުރާ ވަޞިއްޔަތެވެ. ދުނިޔޭގައި ހުންނެވިހައި ދުވަހަކު އެކަލޭގެފާނަށް އީމާންނުވާށޭ ބުނެ ކުރާ ވަޞިއްޔަތެވެ. އެމީހުންގެ ޠަބީޢަތުގައި އިންމާންކަމުގެ ޒައްރެއްގެ މިންވަރު ވެސް އެކުލެވިފައެއް ނެތެވެ. ޙައްޤަށް ތަބަޢަވުމުގެ ސިފަ އެއްގޮތަކަށް ވެސްނެތޭ ދެންނެވިދާނެއެވެ. އެހެން ކަމުން ނޫޙުގެފާނު ވިދާޅުވިއެވެ. ﴿وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا﴾ އަދި އެއުރެން فَاجِرُ، كُفُرُ ވެރިކަން ބޮޑު ދަރިޔަކުމެނުވީ ނުވެސް ވިހާނެތެވެ."

ނޫޙުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނާ މުޚާޠަބުކޮށް ދެންނެވިއެވެ. ﴿قَالُوا يَا نُوحُ قَدْ جَادَلْتَنَا فَأَكْثَرْتَ جِدَالَنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ﴾ އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ وعد ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ! ﴿قَالَ إِنَّمَا يَأْتِيكُم بِهِ اللَّـهُ إِن شَاءَ وَمَا أَنتُم بِمُعْجِزِينَ﴾ އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ." (ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *