ކޮލަމިސްޓް

މިވެސް ދަޢުވަތެެެކެވެ.

އޭ މަގޭ އަޚާއެވެ. އުޚްތާއެވެ. ފީނުމަށް ލޯބިކުރާ ޒުވާނާ ބުނޭ ނޫންހެއްޔެވެ؟ "ކަނޑު އަޑިއަށް ފީނާ ބަލާވަރަކަށް އެއްގަމަށް ވުރެ މާރީތިކަން އިނގޭނެއެވެ. ބަލާ ފޫހި ނުވެއެވެ." ހަމަ އެބީދައިން އަހަރެންވެސް ބުނަމެވެ. "ދީނުގެ ޢިލްމުގެ ކަނޑަށް ފީނާ ބަލާވަރަކަށް ޣާފިލް ސިކުނޑި އަށް ހަމަވިސްނުން ލިބި، ދީނުގެ ރީތިކަން ފެންނާނެއެވެ. ހޯދާ ބަލާ ފޫހިނުވެއެވެ."

﴿يَرْفَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّـهُ بِمَا تَعْمَلُونَ خَبِيرٌ﴾
(سورة المجادلة ١١)
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާމީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

އަދި އަހަރުމެންގެ ލޮބްވެތި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ» (صحيح مسلم 2699)
މާނައީ: “ޢިލްމެއް (އެބަހީ: ޝަރުޢީ ޢިލްމު) ޙާޞިލުކުރުމުގެ ގޮތުން މަގަކުން ހިނގައިފިމީހާ ދަންނައެވެ. އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ.”

އެކުވެރިންނެވެ. ވީއިރު ދީނީ ޢިލްމުގެ ކަނޑަށް ފީނާށެވެ. އަދި ކެރިހުރެ ދަޢުވަތުގެ މައިދާނުގައި ފައިތިލަ ސާބިތުކުރާށެވެ. އަންނާނެ ތީރެއް އުންޑައެއް ނުބަލާ ފައިތިލަ ބިމަށް ހިފާށެވެ. އަދި ހަނގުރާމަ ހޫނުވެ ހަމަލާތައް ވަރުގަދަވާ ވަގުތު ކަރުއެލި ފަސްޖެހި މައިދާނުން ޕިލަންދުވާ ފިނޑިއަކަށް ނުވައްޗެވެ. މިއީ ނަސޭޙަތެކެވެ.

ވިސްނާށެވެ. ﷲ ގެ ޙަޟްރަތުގައި އެންމެ ހެޔޮ އަދި އެންމެ ރަނގަޅު ޢަމަލުތަކުގެ ތެރޭގައި، އެއިލާހު މަގަށް ދަޢުވަތުދިނުން ހިމެނެއެވެ. އަދި ﷲ ތަޢާލާގެ މީޒާނުގައި އެންމެ ރަނގަޅު ބަސްތަކުގެ ތެރޭގައި ދަޢުވަތުދޭ ދާޢީގެ ބަސްތައް ހިމެނެއެވެ.

އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴾ (سورة فصلت ٣٣)
މާނައީ: “ﷲ ގެ މަގަށް ގޮވާލައި، އަދި ޞާލިޙު ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ މުސްލިމުންގެ  ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ.؟ [އެބަހީ: އެފަދަ މީހަކަށްވުރެ ރަނގަޅުބަސްބުނާ މީހަކު ނުވެއެވެ.]

ދަންނާށެވެ. ﷲ ގެ މަގަށް ދަޢުވަތުދިނުމަކީ ހަމައެކަނި މިންބަރެއްގެ މަތީގައި ވާހަކަ ދެއްކުމެއްނޫނެވެ. ނުވަތަ ހަމައެކަނި ދަރުސެއް ދިނުމެއްވެސްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ ހަމަކަށަވަރުން ދަޢުވަތަކީ ގިނަވައްތަރުތަކެއް އެކުލެވޭކަމެކެވެ. މީހަކު ނަމާދަށް ކަންނެތްވާތަން ފެނުމުން ފަހެ އެކަން އަދާކުރުމަށް އިރުޝާދުދިނުމަކީ ދަޢުވަތެކެވެ. އަދި މައިންބަފައިންނަށް ކަމޭނުހިތާމީހާއަށް އެކަމުގެ އުޤޫބާތް ކިޔާދިނުންވެސްމެއެވެ. އަދި ރަޙިމުގެ ގުޅުން ކަނޑާމީހާއަށް އެކަމުގެ ބުނުންވެސްމެއެވެ. ފަހެ މީހަކާއެކު އެކަނި ހުރެވެސް އޭނާކުރާ ގޯސް ވިޔާނުދާކަމަކަށް އިންކާރުކުރުމަކީވެސް ދަޢުވަތެކެވެ. އަދި ހެޔޮކަންކަމަށް ހުރިމަގުތަކަށް މުދަލުން އެހީވުމަކީވެސްމެއެވެ. އަދި ދަޢުވަތުގެ މަގުތައް ފަސޭހަކޮށްދިނުމަކީވެސް ދަޢުވަތެކެވެ. އެއީ މުދަލުންވިޔަސް ޤަލަމުންވިޔަސް ދުލުންވިޔަސް އެވެ.

ވީމާ ތިބާއަށް ކުޅަދާނަވީ މިންވަރަކުން ބުރަމަސައްކަތްކޮށް، ލިބިފައިވާ ޢިލްމެއް ފަޞާހާތްތެރިކަމާއެކު ފޯރުކޮށްދޭށެވެ. ޙިކްމަތްތެރިކަމާއި މަޑުމައިތިރިކަމާއި ހެޔޮވައުޟާއިއެކު ﷲގެ މަގަށް ދަޢުވަތުދޭށެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [رواه مسلم]
މާނައީ: “ހެޔޮކަމަކަށް މަގުދައްކާމީހަކަށް އެކަންކުރިމީހާއަށް ލިބޭފަދަ އަޖުރެއްވެއެވެ."

ޒަމާން ބަދަލްވެއްޖެއެވެ. މިއަދު އެއްގޮތް ނެތްނަމަ އަނެއްގޮތްވެސް އޮންނާނެއެވެ. އިޖުތިމާޢީ އެކި ވިއުގަތަކެވެ. ފޯނުން ގުޅުމެވެ. މެސެޖުން ވާހަކަ ދެއްކުމެވެ. މިފަދަ އެތައް ގޮތަކުން ސިއްރާ ފާޅުގައި ދަޢުވަތު ދިނުމުގެ މަގު ވަނީ ފުޅާވެ ގޮސްފައެވެ. ވީއިރު އެހެންމީހުންނަށް ދަޢުވަތުދިނުމުގައި ފަސްނުޖެހޭށެވެ. ތިބާގެ ކިބައިގައި ހުރި ލަދުވެތިކަމަކީ ހެޔޮކަންމީސްތަކުންނަށް ފޯރުކޮށްދިނުން މަނާކުރާކަމެއްކަމުގައި ނަހަދައްޗެވެ. ހައްޤަށް ބަސްބުނުމުގައި ސާބިތުވުމަށް ވަޞިއްޔަތްކުރަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *