ވާހަކަ

ދެފަހަރަށް ކަށުނަމާދުކުރުމުގެ ބަރަކާތް ﷲ މިންވަރު ކުރެއްވި ކަމަނާގެ ވާހަކަ

ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، އަލް މަދީނަތުލްމުނައްވަރާގައި އުއްމު މިޙްޖަނެވެ ކިޔުނު މާތް ކަނބަލަލަކު އުޅުއްވިއެވެ. އެކަމަނާވަނީ މަދީނާގެ އަފުރާދުންގެ މެދުގައި ޤަދަރު އުފުލިގެންވާ މައެއްކަމުގައެވެ. އެއީ އެކަމަނާގެ ހިތްޕުޅާއި ނަފްސުގެ ޠާހިރުކަމަށްޓަކައެވެ.

އެއްދުވަހަކު އެކަމަނާއަށް ހިތްޕުޅުން ވިދާޅުވެވުނެވެ. މާތް ﷲ އަހުރެންނަށް ހިދާޔަތު ދައްކަވާ، ޖާހިލުގެ އަނދިރިކަމުން އަހުރެންގެ ހިތް ޠާހިރުކޮށްދެއްވައިފިއެވެ. މިކަމުގެ ރަޙްމަތަށްޓަކައި އެކަލާނގެ ގެކޮޅު އަހުރެން ސާފުކޮށްދޭނަމަވެ. މިއާއެކު ފާއިތުވެގެންދާ ކޮންމެ ދުވަހަކީ އެކަމަނާގެ ދެ އަތްޕުޅުން އެ މާތްވެގެންވާ ﷲ ގެކޮޅު، އާދެ މިސްކިތް ސާފުކުރާ ދުވަހަކަށް ހެދިއެވެ. އެކަމަނާއަށް ކެރި ކުޅަދާނަކަން ލިބިގެންވީ މިންވަރުން، އެ މާތް މަސްޖިދުއް ނަބަވީ ކޮންމެ ދުވަހަކުމެ، ޝަކުވާއެއް، ވަރުބަލިކަމެއް ނެތި ސާފުކޮށް ޠާހިރުކުރަމުން ގެންދިޔައެވެ. އެއީ އެ މިސްކިތްކޮޅެއްގައި އިތުރު ރަސޫލުﷲ ގެފާނު ނަމާދުފުޅު ކުރައްވާ، ޞަޙާބީންނާއި ބައްދަލުކުރައްވާ، ޢިލްމު އުނގަންނަވައިދެއްވާ މަކްތަބެވެ.

އުންމު މިޙްޖަނަކީ މުދަލެއް ނުވަފަ ފައިސާވެރިކަމެއް ނެތް ކަނބަލެއްކަމުގައިވީ ނަމަވެސް، ހިތްޕުޅުގެ މުއްސަނދިކަމުގައި އެކަމަނާވަނީ ފުދި އިތުރުވެގެންވާ މީސްތަކުންގެ ތެރެއިންނެވެ. ﷲއަށްޓަކައި އެ މާތް ގެކޮޅު އެކަމަނާގެ ދެ އަތްޕުޅުން ޠާހިރުކުރާ ކޮންމެ ފަހަރަކު އެކަމަނާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން އިޙްސާސްކުރެވެއެވެ. މިއިން ކޮންމެ ފަހަރަކު، އެކަމަނާގެ ހިތްޕުޅުގެ ޠާހިރުކަން އިހުނަށްވުރެ ބޮޑަށް އިތުރުވެގެން ދެއެވެ.

މިހެން އުޅުއްވުމުގެ ތެރޭގައި އެކަމަނާއަށް ބަލިމަޑުކަމެއް ތަޙައްމަލުކުރައްވަން ޖެހިވަޑައިގަތެވެ. މި ބަލިމަޑުކަން ބޮޑުވެ، އެ މާތް މިސްކިތް ކޮޅަށް ދެވޭނެ ފަދަ އެކަމަނާގެ ހަށިގަނޑުގައި ނެތި، އެކަމަނާ އެނދުމަތިވިއެވެ. އެހެންނަމަވެސް އެކަމަނާގެ ހިތްޕުޅު ދަހިވެތިވެފައިވަނީ އެ ބަލިން އަވަހަށް ފަސޭހަވެ، ރަސޫލުﷲގެފާނުގެ މިސްކިތްކޮޅު ޠާހިރުކުރެވޭނެ ދުވަހަކަށެވެ. އެކަމަނާގެ ޠާހިރު ހިތްޕުޅު ޝައުޤުން ފުރިފައިވީ އެކަލޭގެފާނުގެ އަޑުފުޅު އިވިވަޑައިގަތުމުމަށެވެ. ހިތްޕުޅުގެ އެދުންފުޅު ގަދަވެފައިވަނީ އެކަލޭގެފާނުގެ މާތް އަޑުފުޅު އިވިލައްވާ ހިސާބުގައި ނަމާދުކުރެއްވުމަށެވެ.

މިގޮތުގައި ދެ ދުވަހެއް ފާއިތުވެ ދިއުމާއެކު، ރަސޫލުﷲގެފާނަށް އެކަމަނާ ވަޑައިގެން ނެތްކަމުގެ ފަޅުކަން އިޙްސާސްކުރެއްވުނެވެ. އެއާއެކު އުއްމު މިޙްޖަން ކޮބައިތޯ އެކަމަނާގެ އަވައްޓެރިންކުރެ ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި އެކަލޭގެފާނަށް ދެންނެވުނީ އެކަމަނާ ބަލިމަޑުކަނެއްގައި އުޅުއްވާކަމުގައެވެ.

މިއަޑު އިވިވަޑައިގަތުމާއެކު އެކަލޭގެފާނު މަދިނާގެ ރަށްބޭރުގައި އެކަމަނާ ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށްވުރެ ކުރިން ރަސޫލުﷲގެފާނުން އެކަމަނާއަށް ޒިޔާރަތްކުރައްވާ ޚަބަރާއިގެން އެކަމަނާގެ ގާތަށް އެކަމަނާގެ އަވައްޓެރިން އައެވެ. ބަލި އެނދުގައި އޮތް އުއްމު މިޙްޖަނަށް ނިސްބަތްކޮށް އެބައިމީހުން ބުންޏެވެ. ‘އުއްމު މިޙްޖަނަށް ބާއްޖަވެރިކަމާއި އުފާވެރިކަން ހުއްޓެވެ. ﷲގެ ރަސޫލާ ކަމަނާގެ ޙާލުކޮޅު ބައްލަވާލެއްވުމަށް މި ގެއަށް އެބަ ޒިޔާރަތްކުރައްވައެވެ’. މި ޙަބަރު އެކަމަނާގެ ކަންފަތްޕުޅަށް އެރުމާއެކު، ކުރައްވާނޭ ވަކިކަމެއް އެނގިވަޑައިނުގެން އޮންނެވުނީއެވެ. އެކަމަނާގެ ބަލި ހިތުގެ ހިނގުން ކުއްލިއަކަށް އަވަސްވެ ނިތްކުރިން ދާ އޮހޮރެން ފެށިއެވެ. ކުޑަ ހިނދުކޮޅެއްގެތެރޭގައި މާތް އަޑަކުން ސަލާމް ގޮވާލެވުނެވެ. އެކަމަނާ ސަލާމުގެ ޖަވާބު ދެއްވުމާއެކު އެކަލޭގެފާނުގެ އެތެރެއަށް ވަޑައިގެން ހާލުކޮޅު ބައްލަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތީއެވެ. މިއީ ހިނދުކޮޅެއްގެ ބައްދަލުވުމެއް ނަމަވެސް، އެކަމަނާއަށްޓަކައި އަގުނުކުރެވޭވަރުގެ މާތް ބައްދަލުވުމެކެވެ. އެހެނީ ﷲ ގެ ރަސޫލާ، ޔަތީމުންގެ ބައްޕަ، ބަލިކަށި ނިކަމެތީންގެ ހިމާޔަތްތެރިޔާ، އަދި ޠާހިރުކަމުގެ އިންތިހާގައިވީ މާތް ސާޙިބާ އެކަމާނާއަށް ޒިޔާރަތް ކުރެއްވުމަކީ ކުޑަ ކަމެއް ނޫނެވެ.

މިއަށްފަހު ދޭތެރެ ދޭތެރެއިން އެކަމަނާގެ އަވައްޓެރިން މެދުވެރިކުރައްވާ، އެކަލޭގެފާނު އުއްމު މިޙްޖަނުގެ ހާލުކޮޅާބެހޭގޮތުން އޮޅުން ފިލުއްވަވައެވެ. އަދި އެކަމަނާގެ އަވައްޓެރިންގެ ކުރެ މީހަކަށް ވިދާޅުވިއެވެ. އެކަމަނާ އަވަހާރަވެއްޖެނަމަ، ތިމަންކަލޭގެފާނަށް އެންގުމަކާނުލާ، އެކަމަނާ ވަޅުނުލާށެވެ.

އެއް ރެއެއްގެ އިރާކޮޅުން ދަންވި ފަހުން، އުއްމު މިޙްޖަނާއި އެކަމަނާގެ އަޖަލު ބައްދަލުކޮށްފިއެވެ. އެކަމަނާގެ އަވައްޓެރިން ލަސްވުމެއް ނެތި ކަށުކަމާކެމީގެ ކަންތައްތައް ދިނުގައިވާ ގޮތްމަތީން ފުރިހަމަކުރުމަށް ފަހު. ރަސޫލުﷲގެފާނަށް ދަންނަވާން އެކަލޭގެފާނުގެ ގެކޮޅުގެ ކައިރިއަށް ދިޔައެވެ. އެހެންނަމަވެސް ވަގުތަކީ ދަންވަގުތެއްކަމަށް ވުމާއެއެކު އެކަލޭގެފާނަށް އެފަދަ ތަކުލީފެއް ނުޖެއްސުމުގެ ނިޔަތުގައި ޞަޙާބީން މާތް ޖަމާޢަތުން އެކަލޭގެފާނަށް އެންގެވުމަކާއި ނުލާ އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެވި އެކަމަނާގެ ހަށިކޮޅު ޖަންނަތުލް ބަޤީޢުގައި ފަސްދާނުލެވުނެވެ. އެކަމަނާގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރަން އެންމެ ޞަޙާބީން އެބޭކަލެއްގެ ގެޔަކަށް އެބޭކަލަކު ވަޑައިގެންފިއެވެ.

އާދައިގެ މަތިން ހެނދުނު ހެނދުނާ، އެކަލޭގެފާނު އުއްމު މިޙްޖަނުގެ ހާލުކޮޅާ ބޭހޭގޮތުން އެކަމަނާގެ އަވައްޓެރިނާއި ސުވާލުކުރެވެއެވެ. އެހިނދު އެކަލޭގެފާނަށް ދެއްނެވުނެވެ. ރޭގައި އެކަމަނާ އަވަހާރަވުމާއެކު، ކަށުކަމާކެމީގެ ކަންކަން ފުރިހަމަކުރުމަށް ފަހު، ކަލޭގެފާނު ވިދާޅުވެފައިވާގޮތަށް، ކަލޭގެފާނަށް ދެންނެވުމަށް ޓަކައި ތިމަންބޭކަލުން ކަލޭގެފާނުގެ ގެކޮޅަށް ދިޔައީމެވެ. އެހެންނަމަވެސް ރަންވެފައިހުރުމުންނާއި ކަލޭގެފާނު ނިދިއަވަހާރަފުޅުގައި އޮންނެވުމުން، ކަލޭގެފާނަށް ތަކުލީފު ޖައްސާންކުރެވި، އެކަމަނާގެ މައްޗަށް ކަށުނަމާދު ކޮށް ފަސްދާނުލުމުގެ ޒިންމާ އަޅުގަނޑުމެން ނެގީއެވެ.

އެހިނދު އެކަމަނާގެ ގަބުރުފުޅު އޮތް ނަމަށް އެކަލޭގެފާނާއިގެން ދިއުމަށް އެދިލެއްވިއެވެ. އެހިނދު އަޞްޙާބު ބޭކަލުންގެ އެމާތް ޖަމާޢަތާއި އެކަލޭގެފާނު ޖަންނަތުލް ބަޤީޢަށް ވަޑައިގެން އެކަމަނާގެ މައްޗަށް ދެވަނަ ފަހަރަށް ކަށުނަމާކުރެއްވިއެވެ. މިފަހަރު އިމާމުވެ ނަމާދު ކުރެއްވީ އިތުރު ރަސޫލުﷲގެފާނެވެ.

ނޯޓު: އުއްމު މިޙްޖަނުގެ މައްޗަށް ފިޔަވާ އިތުރު އެއްވެސް ބޭކަލެއްގެ ނުވަތަ ކަނބަލެއްގެ މައްޗަށް ދެ ފަހަރަށް ކަށުނަމާދުކުރެވުނު ކަމަށް އިސްލާމީ ތާރީޚުން ފެންނާކަށެއްނެތެވެ. ނިކަން ވިސްނާބައްލަވާށެވެ. އެދުވަސްވަރު ރަސޫލުﷲގެފާނަށް ފަހު ބިންމަތީގައި ތިބި އެންމެ ހެޔޮ މީސްތަކުންނީ އެމާތް ޞަޙާބީން ކަމުގައި ވީ ހިނދު، އެ މާތް ޖަމާޢަތުން އެކަމަނާގެ މައްޗަށް ކަށުނަމާކޮށް ނިންމުމުން ވެސް، ﷲގެ ރަސޫލާގެ ފަރާތްޕުޅުން އިމާމުވެ ދެވަނަ ފަހަރަށް އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެވުމުގައި ފޮރުވިފައިވާ ޙިކުމަތްތަކެއްވެއެވެ. ފާޅުވެގެންވާ ޙަޤީޤަތަކީ މާތް ﷲ ގެ ދަރުބާރުގައި އެކަމަނާގެ މާތް މަޤާމެވެ. އެކަމަނާގެ ހިތްޕުލުގެ ޠާހިރުކަމެވެ.

މި ތަރުޖަމާގައި މަޢުލޫމާތުގެ ކުށެއްވާނަމަ، އަންގަވާލަދެއްވާށެވެ.

މަސްދަރު: ސެވިލި ޢީސާ / ނަމާޒް ނަމާޒީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ