ރިޕޯޓްކޮލަމިސްޓް

ރަމަޟާން މަސް: މިޔުޒިކާއި ދުރުވާން ރަނުގެ ފުރުސަތެއް!

ރަމަޟާން މަހަކީ ގިނަ ބަޔެއްގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް ގެނުވާ މައްސަރެކެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް އެފަދަ ބަދަލުތައް މުޖުތަމައުން ފެނިގެންދެއެވެ. އެގޮތުން ބައެއް މީހުންގެ ދިރިއުޅުން މުޅިން ބަދަލުވެ ދީނާއި ގާތްވެ ހަޔާތް ބަދަލުކޮށްލައެވެ.

މާތްﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވާ އާޔަތުގެ ތެދުކަން މިދަނީ ފެންނަމުންނެވެ. ރަމަޟާން މަސް އައުމާއި އެކު އަޅުގަނޑުމެންނަށް އަބަދުވެސް އިވިގެން މިދާ އާޔަތާއި މެދު ވިސްނާލާށެވެ. شَهْرُ رَمَضَانَ الَّذِى أُنزِلَ فِيهِ الْقُرْآنُ هُدًى لّلنَّاسِ وَبَيِّنَـٰتٍ مِّنَ الْهُدَىٰ وَالْفُرْقَانِ - البقرة:185. މިއާޔަތުގެ މާނާއަކީ ”ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއްކަމުގައްޔާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ފޮތެއްގެ ގޮތުގައެވެ." މި އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ފަދައިން ރަމަޟާން މަހު ގިނަ ބަޔަކަށް މިމައްސަރުގައި ބާވާލެއްވުނު ޤުރުއާނުން ހިދާޔަތްލިބި ހައްޤާއި ބާތިލު ވަކިވެ އިސްލާހުގެ މަގަށް ރުޖޫޢަވެގެންދެއެވެ.

ކޮވިޑް19 ގެ ސަބަބުން ފުރަބަންދުވެފައިވަނިކޮން ރަމަޟާން މަހާއި ކުރިމަތިލި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ލިބިގެން ދިޔައީ އުފާވެރި ޚަބަރެކެވެ. ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއަކު މިޔުޒިކާއި ދުރުވި ޚަބަރެވެ. ގޭގައި ތިބެ ރަމަޟާން މަސް ހޭދަކުރާ ގިނަ ބަޔަކަށް މިޚަބަރުން އުފާވެރިކަން ގެނެސްދިނެވެ. މިފަދަ ރަމަޟާން މަހެއްގައި މިޔުޒިކާއި ދުރުވެ ދީނާއި ކައިރިވުން ވެގެން ދިޔައީ ގިނަ ބަޔަކު ﷲއަށް ޝުކުރުވެރިވި ކަމެއް ކަމުގައެވެ.

ރަމަޟާން މަހަކީ މިޔުޒިކާއި ދުރުވުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ޝެއިޚް މުޖުތަބާ ހަމީދުވެސް ވިދާޅުވެއެވެ. އެސަަބަބު ބަޔާން ކުރައްވާ ޝެއިޚް މުޖުތަބާ ވިދާޅުވީ "ރޯދަމަހު ފާހިސް ކަންތަކުން ސަލާމަތްވާން އެންމެ ފަސޭހަވާ ސަބަބަކީ ރޯދަ މަހުވަނީ މާތް ﷲ އެމަހުގައި ޖިންނި ޝައިތާނުންގެ ކަސްތޮޅު އަޅުވާފައި. ހަމައެއާއި އެކު މިމަހަކީ އަޅުގަނޑުމެންގެ މުޖްތަމައުގައި ހެޔޮ ކަންތަކަށް އެންމެވެސް އެނބުރި ގަންނަ މަހެއް. މުޅި މުޖުތަމައު މިއޮންނަނީ ހެޔޮ ކަމުގެ ތެރޭގައި. އެހެންވީމާ މިޔުޒިކް ފަދަ ހަރާމް ކަންކަމުން ދުރުހެލިވުމަށް ރޯދަ މަހަކީ ވަރަށް މުހިންމު މަހެއް."ކަމަށެވެ.

މިޔުޒިކު އެއީ ހިތްތަކަށް ހަމަޖެހުން ލިބޭނެ ވަސީލަތެއް ނޫންކަމަށް ޢިލްމުވެރިން އިއްތިފާގުވެއެވެ. އެހެނަސް ބައެއް މީހުން މިޔުޒަކީ ހިތްތަކަށް ހުރި ހަމަޖެހުމެއް ކަމުގަޔާއި ފުރާނާގައި ކާނާގެ ގޮތުގައި ސިފަ ކުރެއެވެ. އެހެނަސް ﷲ ތަޢާލާ ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައަކީ "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (الرعد 28 ވަނަ އާޔަތް)

ހިތްތައް ހަމަޖެހެނީ މިޔުޒިކާއި ލަވައަކުން ނޫންކަން ޤުރުއާނުގައިވެސް އެވަނީއެވެ. އިސްވެ ދެންނެވުނު އާޔަތުގައިވާ ފަދައިން "ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

އިސްލާމް ދީނުގައި މިޔުޒިކްގެ ހުކުމާއި ބެހޭ ގޮތުން ޝައިޚް އަބްދުﷲ ސަޢުދާން ވިދާޅުވީ "ހަތަރު މަޒުހަބުގެ ޢިލްމުވެރިންވެސް މިޔުޒިކަކީ ހުއްދަ އެއްޗެއް ނޫން ކަމަށް ވިދާޅުވެފައިވާ"ކަމަށެވެ.

"މިޔުޒިކު ކުޅޭ މީހަކަށް ކިހިނެތްތޯ ތަޤުވާވެރި ވެވޭނީ. އެހެނީ ތަޤުވާގެ މާނައަކީ ﷲ ސުބްހާނަހޫ ވަތަޢާލާ އަމުރު ކުރެއްވި ހުރިހާ ކަމެއް ކުރުމާއި އެކަލާނގެ ނަހީ ކުރެއްވި ހުރިހާ ކަމަކުން އެއްކިބާވެ އެކަމަށް ބިރުވެތިވާ ހާލު ދުރުހެލިވުން. އެހެންވީމާ މާތްﷲ ހަރާން ކުރައްވާފައިވާ ކަމަކުން ކިހިނެތްތޯ އޭނަގެ ތަޤުވާވެރިކަން އިތުރު ކުރެވޭނީ. އެކަލާނގެ ހަރާމްކުރެއްވާފައިވާ ކަމެއް ކުރުމުން އޭނަގެ ތަޤުވާވެރިކަން އިތުރު ވުމަކީ މުސްތަޙީލު ކަމެއް. ތަޤުވާވެރިކަން އިތުރުކުރަން ބޭނުން ނަމަ މާތްﷲ ހަރާމް ކުރައްވާފައިވާ މިފަދަ ކަންތައްތަކުން ދުރުހެލިވާންޖެހޭނެ." ކަމަށް ޝައިޚް އަބްދުﷲ ސަޢުދާން ވިދާޅުވިއެވެ.

އަދި ޝައިޚް ސަޢުދާން ވަނީ ލުޤުމާން ސޫރަތުގެ 6 ވަނަ އާޔަތަށް އިޝާރާތްކުރައްވާފައެވެ. އެއާޔަތުގެ މާނައަކީ "ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ." ޝައިޚް ސަޢުދާން އިތުރަށް ވިދާޅުވީ މި އާޔަތުގައިވާ "ފައިދާއެއްނެތް ވާހަކަ" އެއީ "މިޔުޒިކް" ކަމަށް ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވާކަމަށެވެ. އެގޮތަށް މިއުންމަތުގެ އެންމެ ބޮޑު ތަފްސީރު ޢިލްމުވެރިޔާ އިބުނު އައްބާސް އަދި ސަހާބިންގެ ތެރެއިން އިބްނު މަސްޢޫދާއި އިބްނު ޢުމަރު ވެސް ވިދާޅުވަނީ އޭގެ މާނައަކީ މިޔުޒިކް ކަމަށް ޝައިޚް ސަޢުދާން ވިދާޅުވިއެވެ.

އެހެންކަމުން ރަމަޟާން މަހަކީ މިޔުޒިކް ފަދަ ނޭދެވޭ ކަންކަމުން ދުރުހެލިވުމަށް އޮތް ރަނުގެ ފުރުސަތެކެވެ. ރަމަޟާން މަހުން ލިބިދޭ އައްޑަނައިން ދީނުގައި ނަހީކުރައްވާފައިވާ މިފަދަ ކަންކަމުން ސަލާމްވުމަށް ހިތްވަރާއި އެކު މަސައްކަތް ކުރާށެވެ. އަދި އެކަންކަމުން ސަލާމަތްވުމަށް ދުޢާ ކުރާށެވެ. ﷲގެ ވަހީ ބަސްފުޅުގައިވާ ފަދައިން "ތިޔަބައިމީހުން މާތްﷲއަށް އިސްތިޣްފާރުކުރާށެވެ! އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ އޯގަންވާންތަ އިލާހެވެ." އަދި ހެޔޮ މަގު ދެއްކެވުމަށް އެދި ދުޢާކުރާށެވެ! ﷲ ތަޢާލާ ދަންނަވާށެވެ! އަދި ހެޔޮމަގަށް މަގު ދެއްކެވީތީ ޝުކުރު ކުރާށެވެ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް