ވާހަކަ

އިސްތިޣުފާރު ކުރާށެވެ!

އިމާމް އަލް ޤުރްޠުބީ، އެކަލޭގެފާނުގެ ތަފްޞީރުގައި ޛިކުރު ކުރައްވާފައިވާ ވާހަކައެކެވެ. އިމާމް ޙަސަނުލް ބަޞަރީގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ. "އަހަންނަކީ ވަރަށް ގިނައިން ފާފަ ކުރާ މީހަކީމެވެ. އަހަރެންގެ ފާފަތައް ފުއްސަވައިދެއްވާނޭ ޢަމަލެއްގެ ވާހަކަ ބުނެދީބަލާށެވެ." އެހިނދު ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ. " އިސްތިޣްފާރު ކުރާށެވެ."

އަނެއްކާވެސް މީހަކު އައިސް އިމާމް ޙަސަނުލް ބަޞަރީ ގާތު ދެންނެވިއެވެ. "ވާރޭ ވެހުން މަދުވެ، ބޮޑު ހައިހޫނު ކަމެއް ކުރިމަތިވެއްޖެއެވެ. އެޢަމަލެއްގެ ސަބަބުން ﷲ އަހަރެމެންނަށް ވާރޭ ވެއްސަވާފާނޭ ޢަމަލެއް ވިދާޅުވެދެއްވާށެވެ." މިމީހާ ގާތުވެސް  ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ. " އިސްތިޣްފާރު ކުރާށެވެ."

ތިންވަނަ މީހަކު ޙަސަނުލް ބަސްރީގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. "އަހަރެން އަދާކުރަން ޖެހިފައިވާ ދަރަނި ތައް ވަރަށް ގިނައެވެ. އެ ދަރަނިތައް ދެއްކުމަށްޓަކައި އަހަރެން މިދަނީ މަސައްކަތް ކުރަމުންނެވެ. އަހަރެން މި ދަރަނިތަކުން ސަލާމަތް ކޮށްދެއްވައި، ތަނަވަސް ކޮށްދެއްވުމަށް އެދި ﷲ އަށް ދުޢާ ކޮށްދެއްވާށެވެ." އަނެއްކާވެސް އިމާމް ޙަސަނުލް ބަސްރީ ވިދާޅުވިއެވެ. "އިސްތިޣްފާރު ކުރާށެވެ."

ހަތަރުވަނަ މީހަކު ޙަސަނުލް ބަސްރީގެ އަރިހަށް ވަޑައިގެން އެކަލޭގެފާނަށް ދެންނެވިއެވެ. "ދަރިއަކު ލިބުމަށް އަހަރެން ވަރަށް އުންމީދު ކުރަމެވެ. އަހަންނަށް ޞާލިހު ދަރިން ދެއްވާތޯ ﷲ އަށް ދުޢާ ކޮށްދެއްވާށެވެ." މިމީހާއަށްވެސް ޙަސަނުލް ބަސްރީ ދެއްވީ ހަމަ ކުރީ ގައި ވަޑައިގަތް ތިން މީހުންނަށް ވެސް ދެއްވި ޖަވާބެވެ. " އިސްތިޣްފާރު ކުރާށެވެ."

ފަސްވަނަ މީހަކު ވަޑައިގެން ދެންނެވިއެވެ. "އަހަރެންގެ މޭވާ ބަގީޗާއެއް ވެއެވެ. އެބަގީޗާގައި ގިނައިން މޭވާ އަޅާތޯ ﷲ އަށް ދުޢާ ކޮށްދެއްވާށެވެ. އެއީ އޭގެއިން ލިބޭ ފައިދާ ގިނަ ވުމަށްޓަކައެވެ." ފަސްވަނަ މީހާ ގާތުވެސް ޙަސަނުލް ބަޞަރީ ވިދާޅުވިއެވެ. "އިސްތިޣްފާރު ކުރާށެވެ."

އަނެއްކާވެސް މީހަކު އައިސް ޙަސަނުލް ބަޞަރީ ގާތު ދެންނެވިއެވެ. "އަހަރެންގެ ގެކައިރީގައި ފެނުގެ ކޯރެއް ހެދޭނެ ނަމަ ކޮންފަދަހެއްޔެވެ. އަހަންނަށް ހާދަ ހިތްހަމަޖެހުމެއް ލިބޭނެއެވެ." މިފަހަރުވެސް ޙަސަނުލް ބަޞަރީ ވިދާޅުވީ: "އިސްތިޣްފާރު ކުރާށެވެ."

މިކަންތައް ހިނގިއިރު ޙަސަނުލް ބަޞަރީގެ އަރިހުގައި އިން އެކަލޭގެފާނުގެ ދަރިވަރެއް ކަމަށްވާ އިބްނު ސާބިހް ހިތަށް އެރިއެވެ. "ޝައިޚް ގާތަށް ކަމަކު އަންނަ ކޮންމެ މީހަކަށް އިސްތިޣްފާރު ކުރުމަށް ޝެއިޚް އަންގަވަނީ ކީއްވެބާއެވެ." އެންމެފަހުން އެއީ ކީއްވެތޯ އިބްނު ސާބިހް ޙަސަނުލް ބަޞަރީ އަރިހުން އެއްސެވިއެވެ. ޖަވާބުގައި އިމާމް ޙަސަނުލް ބަޞަރީ ފެއްޓެވީ ޤުރްއާން ކިޔަވާ ވިދާޅުވާށެވެ. އެކަލޭގެފާނު ވިދާލުވިއެވެ. މާތް ﷲ ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ.

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ﴿١٠﴾ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا ﴿١١﴾ وَيُمْدِدْكُم بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا ﴿١٢﴾

މާނަ: "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. (10) (އޭރުން) އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. (11) އަދި މުދާތަކާއި، ދަރިންގެގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައްވެސް ލައްވާނެތެވެ. (12)"

މި ވާހަކަޔާއި ﷲ ސުބުޙާނަހު ވަތަޢާލާގެ މިއާޔަތްތަކުން އެނގި ހާމަވެގެން ދިޔަ ގޮތުގައި، އަޅުގަނޑުމެންގެ އެދުންތަކާއި ދުޢާ ތައް ﷲ ގެ ޙަޟްރަތުން އިޖާބަ ވުމަށްޓަކައި އިސްތިޣްފާރު ކުރުން ގިނަ ކުރަން ޖެހެއެވެ. އެހެނީ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވައިދެއްވާ އިލާހެވެ. އަޅަކު ﷲ ގެ ޙަޟްރަތަށް ކުއްތަންވެ އިޚްލާޞްތެރި ކަމާއެކު ތައުބާވެ އިސްތިޣްފާރު ކޮށްފި ނަމަ އެއިލާހު އޭނާއަށް ތައުބާ ލައްވައި އޭނާގެ ފާފަތައް ފުއްސަވައި ދެއްވައެވެ. އަހަރެމެންނަކީ ދިރިއުޅުމުގައި އިސްތިޣްފާރު ކުރުން މަދު ބައެއް ކަމުގައި ވާނަމަ، މިކަން އާދައަކަށް ހަދަން މަސައްކަތް ކުރަން ޖެހެއެވެ. ހިނގާފަ ނުވަތަ ސައިކަލުގަ އެއްތަނުން އަނެއްތަނަށް ދާއިރު އެވެ. ބޭކާރު ވާހަކަތައް ދެއްކޭހެން ހީވާނަމަ، އެވާހަކައެއް ހުއްޓާލާފަވެސް އިސްތިޣްފާރު ކުރެވިދާނެއެވެ. ފާފައަކަށް އަރައިގަނެވިދާނެހެން ހީވާނަމަވެސް އިސްތިޣްފާރު ކުރާށެވެ. އަދި ކަމެއް ނުކޮށް ހުންނަ ގަޑިތަކުގައިވެސް، ތިމާގެ ދޫ ޛިކުރުގެ މަތީގައި މަޝްއޫލުކޮށް ފައިދާކުރަނިވި ގޮތުގައި ބޭނުން ކުރުމަށްޓަކައި އިސްތިޣްފާރު ކުރުން ގިނަ ކުރާށެވެ. ދުޢާ އަކީ ﷲ، އަޅުގަނޑާއި ތިޔަ އެންމެ އަޚުންނާއި އުޚްތުންގެ ދުޢާތައްވެސް އިޖާބަ ކޮށްދެއްވައި އެންމެންގެ ފާފަތައް ފުއްސަވައިދެއްވުމެވެ. އާމީން.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ