ވާހަކަ

ރީތި އަންހެނެއްގެ ނުބައި އެދުމުން ސަލާމަތްވި ތާބިޢީ

މާތް ވެގެންވާ ތާބިޢީ އެއްގެ ވާހަކައެކެވެ. ވިސްނައިފި މީހަކަށް ޢިބްރަތުން ފުރިގެންވާ ފިލާވަޅުތަކެއް ލިބިދެނިވި ވާހަކައެކެވެ. މި ވާހަކަ ރިވާކުރަށްވާފައި ވަނީ ޢަބްދުއް ރަޙަމާން އިބްނު ޒައިދު އިބްނު އަސްލަމެވެ. ވާހަކަ ފަށަމާތޯއެވެ. ޢަޠާ އިބްނު ޔަސާރް އަދި ސުލައިމާނު އިބު ޔަސާރު އެދެބޭކަލުންގެ ރަޙުމަތްތެރިން ތަކަކާ އެކު އެއްދުވަހަކު މަދީނާއިން ނުކުމެވަޑައިގަތެވެ. އެބޭކަލުންގެ ދަތުރުގައި އަލްއަބްވާ އޭ ކިޔުނު ހިސާބަކަށް ދެވުމުން އެމީހުން އެތަނުގައި މަޑުކޮށްލަން ނިންމިއެވެ. އަދި ސުލައިމާނާއި ދެންތިބި އެކުވެރިން އެބޭފުޅުންގެ ޙާޖަތްތަކާއިގެން އެކި ތަންތަނަށް ވަޑައިގަތީއެވެ. އަދި ޢަޠާ، ގިނިކަންޏާ މަޑު ކުރެއްވީ ނަމާދު ކުރެއްވުމަށެވެ. ނަމާދަށް ހުންނަވަނިކޮށް އެތަނަށް އަޢުރާބީންގެ ވަރަށް ރީތި އަންހެނަކު އައެވެ. އެއަންހެންމީހާ ހުރިކަން އެނގުމުން އެއީ ކޮންމެވެސް ބޭނުމަކު އައި މީހެއް ކަމަށް ބަލައި ޢަޠާ، ނަމާދު އަވަހަށް ކުރުކޮށްލުމަށް ފަހު އެއަންހެން މީހާ ކުރެން އެއްވެސް ކަމަކަށް ޙާޖަތަކަށް ޖެހިފައި ވޭތޯ އެއްސެވިއެވެ. އެހިނދު އެ އަންހެން މީހާ ބުންޏެވެ: "އާނއެކެވެ. އަހަރެންގެ ކިބައިގައިވާ ތިބާގެ ހިއްސާ ލިބިގަންނަން އަންނާށެވެ. (އެބަހީ އަހަންނާ އެކީ ޒިނޭ ކުރަން އަންނާށެވެ.) އަހަރެން މިވަނީ ފިރިހުންނަށް ވާ އެދުމުން ފުރިފައެވެ. އަދި އަހަންނަކީ މީހަކާ އިނދެފައިވާ މީހެއް ނޫނެވެ. އެހިނދު ޢަޠާ އެއަންހެން މީހާއަށް ބުންޏެވެ. އަހަރެން ކައިރިން ދުރަށް ދާށެވެ. ތިބާޔާ އެކު ނަރަކައިގައި އަހަރެން އަންދަން ނޫޅޭށެވެ.

މި އަންހެންމީހާ އަނެއްކާވެސް ޢަޠާ ހައްލާލައި އެކަލޭގެފާނާ އެކު މި ނުބައި ގުޅުން ހިނގޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެއާއެކު ޢަޠާއަށް ރޮވެން ފެށިއެވެ. އަދި ރުއިމުގެ ތެރެއިން ކިޔަމުން ދިޔައެވެ. "ކަލެއަށް ހަލާކު ހުއްޓެވެ. އަހަރެން ކައިރިން ދުރަށް ދާށެވެ." އަދި އެހެން ގޮސް ޢަޠާ އަށް ވަރަށް ގަދައަށް ރޮވެން ފެށިއެވެ. މި ރުއިމުގެ އަޑު ގަދަވާން ފެށުމާއެކު އެއަންހެން މީހާއަށް ވެސް އަސަރުކޮށް، އޭނާ އަށްވެސް ރޮވެން ފެށިއެވެ. އިރުކޮޅެއް ތެރޭގައި ސުލައިމާނު، އެނބުރި ވަޑައިގަތެވެ. އެހިނދު އެކަލޭގެފާނަށް ފެނި ވަޑައިގަތީ އެކަލޭގެފާނުގެ ބޭބެ ޢަޠާ އަދި ކޮންމެވެސް އަންހެނެއް ރޯން އިން ތަނެވެ. މި މަންޡަރު ފެނުމައެކު އެކަލޭގެފާނަށް ވެސް ރޮވެން ފެށިއެވެ. ވެގެން އުޅޭ ގޮތެއްވެސް އެނގުމަކާ ނުލައެވެ. އަދި އެތަނުގައި ރުއިމުގެ އަޑު މާގަދަވާން ފެށުމުން، އެއަންހެން މީހާ ނުކުމުގެން ހިނގައްޖެއެވެ.

ދެން ފަހެ އެދެބޭކަލުންނާ އެކު ވީ އެކުވެރިން ވެސް އެބޭކަލުން ކައިރިއަށް އައެވެ. އަދި ސުލައިމާނު އެކަލޭގެފާނުގެ ބޭބެއަށް ކުރައްވާ އިޙްތިރާމުގެ ސަބަބުން، ބޭބެގެ އަރިހުން ވީގޮތެއް ސާފުކޮށް ނަހައްދަވައެވެ. ދެން އެބޭކަލުން، އެބޭކަލުންގެ ބޭނުމަކަށް މިސްރަށް ވަޑައިގަތެވެ. އަދި ﷲ އިރާދަ ކުރެއްވި މުއްދަތަކަށް އެބޭކަލުން މިސްރުގައި ތިއްބެވިއެވެ. އެއްރެއަކު އެދެބޭކަލުން ނިދިކުރައްވާފައި ތިއްބަވަނިކޮށް ޢަޠާ ކުއްލިއަކަށް ހޭފުޅުލައްވައި ވަރަށް ގަދައަށް ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެހިނދު ސުލައިމާނު، އެކަލޭގެފާނުގެ ބޭބެ، ޢަޠާ ކުރެން އެއްސެވިއެވެ. "ބޭބެ ކީރިތި ކުރައްވަނީ ކޮން ކަމަކާ ތޯއެވެ؟" ޢަޠާ، ޖަވާބުގައި ބުންޏެވެ: "އެއީ މިރޭ އަހަންނަށް ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ." ދެން ސުލައިމާނު އެއްސެވިއެވެ: "އެއީ ކޮން ހުވަފެނެއް ހެއްޔެވެ؟"

ދެން ޢަޠާ ވިދާޅުވިއެވެ: "އަހަރެން ދުނިޔޭގައި ހުއްޓައި އެއްވެސް މީހަކަށް މިވާހަކައިން ޚަބަރު ނުދޭށެވެ. އަހަންނަށް ހުވަފެނުގައި ފެނުނީ ޔޫސުފް ގެފާނެވެ. އަދި އެކަލޭގެފާނަށް ބަލަން ތިބި މީހުންނާ އެކު އަހަރެން ވެސް އެކަލޭގެފާނަށް ބަލައިލީމެވެ. އެއާ އެކު އަހަންނަށް އެކަލޭގެފާނުގެ ރީތި މޫނު ފެނި ރޮވެން ފެށިއެވެ. ދެން އެކަލޭގެފާނު، އެއެންމެންގެ ތެރެއިން އަހަންނާ ދިމާލަށް ބަލާލުމަށްފަހު ސުވާލު ކޮށްލެއްވިއެވެ: "ތިބާ ތިޔަ ރޮނީ ކޮން ކަމަކާ ހެއްޔެވެ؟" އަހަރެން އެކަލޭގެފާނަށް ޖަވާބު ދެމުން ބުނީމެވެ: "އަހަރެންގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ދޭ ހުށީމެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. (ކަލޭގެފާނަށް ބަލައިލުމާއެކު) އަހަރެންގެ ހަނދާނަށް އައީ އަޒީޒުގެ އަނބިކަނބަލުން މެދުވެރިކުރައްވައި ﷲ ކަލޭގެފާނު އިމްތިޙާނު ކުރެއްވި ޙާދިޘާއެވެ. އަދި ދިގުމުއްދަތަކަށް ކަލޭގެފާނު ޖަލުގައި ހުންނަވަން ޖެހުނު ކަމާއި، ކަލޭގެފާނުގެ ބައްޕަ ޔަޢުޤޫބު ޢަލައިހިއްސަލާމާއި ވަކިވެވަޑައިގެން އުޅުއްވަން ޖެހުނު ކަމެވެ. މި ކަންތައްތައް ހަނދާނަށް އައިސް އެކަންތައްތަކާ އަޖާއިބުވެ ރޮވުނީއެވެ. އެހިނދު އަހަންނާ ދިމާލަށް ޔޫސުފްގެފާނު ވިދާޅުވިއެވެ. "ފަހެ، އަލްއަބްވާގައި، ރީތި އަޢުރާބީ އަންހެނާ އާއެކު ވީ މީހާގެ ވާހަކައިން ތިބާ އަދި މާބޮޑަށް އަޖާއިބު ވާނޭ ނޫންހެއްޔެވެ!" އެކަލޭގެފާނު އެވިދާޅުވީ ކާކުގެ ވާހަކަކަން އަހަންނަށް ވަގުތުން ވިސްނުނެވެ. (އެބަހީ އެއީ އަހަރެންގެ ވާހަކައެވެ.) އަދި އޭގެސަބަބުން އަހަންނަށް އަނެއްކާވެސް ރޮވެން ފެށިއެވެ. އަދި އެވަގުތު ނިދިން ހޭލެވި ވެސް ރޮވެން ފެށުނެވެ.

އެހިނދު ސުލައިމާނު ޢަޠާގެ އަރިހުން އެއްސެވިއެވެ. "ބޭބޭއެވެ. ތިބާ އެއަންހެން މީހާޔާއެކުވީ ކޮން ޙާލެއްގައިތޯއެވެ؟" އެހިނދު ޢަޠާ، އެކަލޭގެފާނުގެ ކޮއްކޯފުޅަށް އެވާހަކަ ކިޔައިދެއްވިއެވެ. އަދި ޢަޠާ މަރުވުމުގެ ކުރިން ސުލައިމާނު، މިވާހަކަ އެއްވެސް މީހަކަށް ކިޔައެއް ނުދެއެވެ. ޢަޠާ ނިޔާވީ ފަހުން ސުލައިމާނު މިވާހަކަ އެކަލޭގެފާނުގެ ޢާއިލާގެ އަންހެނަކަށް ކިޔައިދެއްވިއެވެ. އަދި އެއަންހެންމީހާ ބުނެފައިވެއެވެ. ސުލައިމާނު މަރުވި ފަހުން މެނުވީ މިވާހަކަ މަދީނާއަށް ފެތުރިފައި ނުވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ