ވާހަކަ

އިބްރާހީމްގެފާނު ފަދައިން އަލިފާނުން ސަލާމަތް ކުރެވުނު މީހާ

އަބޫ މުސްލިމް އަލް ޚަވްލާނީ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޒަމާނުގައި އުޅުއްވި ނަމަވެސް ޞަޙާބީއެއްގެ ޝަރަފު ލިބުމުން މަޙްރޫމު ވެފައިވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމް ވެ ވަޑައިގަތީ ޔަމަނުގައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބައްދަލު ކުރެއްވުމަށްޓަކައި އެކަލޭގެފާނު މަދީނާއަށް ދަތުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނަށް، މަދީނާއަށް ވާޞިލްވުމުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞަޙާބީއަކަށް ނުވެވުނީތީ، އެކަމާ ހިތާމަކުރައްވާ އެކަލޭގެފާނު ޅެން ވެސް ހެއްދެވިއެވެ.

އެހެންނަމަވެސް، އޭރު ތިއްބެވި ޞަޙާބީންގެ އަރިހުން، އަބޫ މުސްލިމް އަލް ޚަވްލާނީ ދީން ވަރަށް ބޮޑަށް އުނގެނި ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވެގެންދިޔައީ ތާބިޢީންގެ ތެރެއިންވާ ތަޤުވާވެރި، ޒުހުދުވެރި، އަދި މީސްތަކުންގެ އިޙްތިރާމް ލިބިގެންވީ ތާބިޢީއަކަށެވެ. އެކަލޭގެފާނަށް ﷲ ދެއްވި މި ކަރާމާތުގެ ވާހަކަ ޢުމަރުގެފާނާއި، މުޢާޛު އިބްނު ޖަބަލާއި، އަބޫ ޢުބައިދާ ޢާމިރް އިބްނުލް ޖައްރާޙް ފަދަ ބޮޑެތި ޞަޙާބިންގެ ކިބައިން އަބޫ އިދްރީސް އަލް ޚަވްލާނީ، ޢަޠާ އިބްނު ރަބާޙް އަދި ޝުރައިބީލް އިބްނު މުސްލިމް ފަދަ ބޭބޭކަލުން ވަނީ މި ވާހަކަ ރިވާ ކުރައްވާފައެވެ. މި ވާހަކައަކީ ސައްޙަ، ތެދު ވާހަކައެއްކަމަށް އެތަށް ބޮޑެތި ޢިލްމުވެރިންނެއް ވަނީ ވިދާޅުވެފައެވެ. އަޅުގަނޑު މި ވާހަކަ އަޑުއެހީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޝައިޚެއް ކަމަށްވާ ޢަބްދުއްރަޙްމާން އިބްނު ޢަބްދުލް ޢަޒީޒް އަލް ޢަޤުލްގެ އަރިހުންނެވެ.

ކޮންމެއަކަސް އެކަލޭގެފާނު އެނބުރި ޔަމަނަށް ވަޑައިގަތެވެ. ދުވަސްކޮޅެއް ފަހުން، ޔަމަނުގައި ދޮގުވެރި، ދައްޖާލު، ކައްޛާބެއް ކަމަށްވާ، އަލްއަސްވަދަލް ޢުނަސީ އޭ ކިޔުނު މީހަކު ރަސޫލުކަމަށް ދަޢުވާ ކުރަން ފެށިއެވެ. އޭނާއަށް ތަބާވީ މީހުންގެ އެހީގައި އޭނާ ދިޔައީ އޭނާގެ ރަސޫލުކަމާ ދެކޮޅު ހަދާ މީހުންނަށް އަނިޔާކޮށް ޢަޛާބު ދައްކަމުންނެވެ. އެގޮތުން އޭނާއަށް ތަބާނުވާ މީހުން ވަރަށް ބޮޑު އަލިފާންގަނޑަކަށް ލައި އަންދަމުން ދިޔައީ އެއްވެސް ރަޙުމެއް ޙަމްދަރުދީއެއް ނެތިއެވެ. އަބޫ މުސްލިމް އަލް ޚަވްލާނީ، އަލްއަސްވަދުގެ އެ ދޮގު ދަޢުވާއަށް އިންކާރު ކުރުމުން ބޮޑު އަލިފާންގަނޑެއް އަންދައި އެކަލޭގެފާނު، އެއަލިފާންގަނޑަށް އެއްލާލިއެވެ. ނަމަވެސް ﷲ ޞުބުޙާނަހޫ ވަތަޢާލާގެ އިޛްނަފުޅާއެކު، އެއަލިފާންގަނޑަކުން އަބޫ މުސްލިމަކަށް އެއްވެސް ގެއްލުމެއް ނުލިބުނެވެ. އެއާއެކު އަލްއަސްވަދަށް ތަބަޢަވީ މީހުން އޭނާއަށް ބުންޏެވެ. މީނާ (އަބޫ މުސްލިމް) ޔަމަނުން ފޮނުވާލާށެވެ. އެހެން ނަހަދައިފި ނަމަ ކަލެއަށް ތަބަޢަވީ މީހުންގެ މެދުގައި ބޮޑު ފަސާދަވެރިކަމެއް އުފެދިދާނެއެވެ.

އެހެންކަމުން، ޔަމަނު ދޫކޮށް އެހެން ތާކަށް ދިއުމަށް އަބޫ މުސްލިމަށް، އަލްއަސްވަދު އަމުރުކުރިއެވެ. ﷲ އެކަލޭގެފާނަށް ދެއްކެވި ކަރާމާތާއެކު ބޮޑާވެގަތުމުގެ ބަދަލުގައި ޒުހުދުވެރިކަމާއެކު ޔަމަނުން ނުކުމެ، އެކަލޭގެފާނު، މަދީނާއަށް ވަޑައިގަތެވެ. މަދީނާއަށް ވަދެ ވަޑައިގަތުމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މިސްކިތަށް ވަދެވަޑައިގެން، ދެރަކުޢަތް ނަމާދެއް ކުރެއްވިއެވެ. އެވަގުތު ޢުމަރުގެފާނަށް ފެނިވަޑައިގަތީ އާންމުކޮށް މިސްކިތުން ނުފެންނަމީހެއް (އަބޫ މުސްލިމް) މިސްކިތުގައި ނަމާދު ކުރައްވަން ހުންނަވަނިކޮށެވެ. އެހެންކަމުން އެއީ މަދީނާ އަށް އައިސް ހުރި ދަތުރުވެރިއެއް ކަމަށް ބަލައި ޢުމަރުގެފާނު އެކަލޭގެފާނާ ސުވާލު ކޮށްލެއްވިއެވެ: "ތިބާ ތިޔައީ ކޮން ތަނެއްގެ މީހެއް ހެއްޔެވެ؟" ޖަވާބުގައި އަބޫ މުސްލިމް އަލް ޚަވްލާނީ ބުންޏެވެ: "އަޅުގަނޑަކީ ޔަމަނު މީހަކީމެވެ." އެއީ ޔަމަނުން އައި މީހެއްކަން އެނގުމުން ޢުމަރުގެފާނު އަނެއްކާވެސް ސުވާލު ކޮށްލެއްވިއެވެ: "އެދޮގުވެރިޔާ (އަލްއަސްވަދު) އަލިފާނަށް އެއްލާލި މީހާގެ ޚަބަރަކީ ކޮބައިތޯ؟" ކޮންމެއަކަސް އާދަޔާ ޚިލާފު ކަމަކަށް ވުމުން މި ޚަބަރު ވަނީ އެކި މީސް މީހުން ގެ ދޫމަތިން މަދީނާއާހަމައަށް ފޮރާފައެވެ. އެހެން ނަމަވެސް މިސްކިތުން ފެނުނު މީހަކީ އަލިފާން ގަނޑަށް އެއްލާލެވުނު މީހާ ކަމެއް ޢުމަރުގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އަބޫ މުސްލިމް އަލްޚަވްލާނީ އަކީ އެކަލޭގެފާނުގެ ކުންނިއްޔާއެވެ. މީސްތަކުން އެކަލޭގެފާނު ދަންނަނީ ކުންނިއްޔާއިންނެވެ. ގިނަ މީހުންނަކަށް އެކަލޭގެފާނުގެ އަސްލު ނަމެއް ނޭގެއެވެ. އެހެންކަމުން އެމީހަކީ ތިމަންނައޭ ނުވަތަ އަބޫ މުސްލިމް އަލް ޚަވަލާނީ އޭ ބުނުމުގެ ބަދަލުގައި އެކަލޭގެފާނު ޖަވާބުގައި އެކަލޭގެފާނުގެ އަސްލު ނަން ބުންޏެވެ: "އެމީހަކީ ޢަބްދުﷲ އިބްނު ޘުވަބް" މިހެން ވިދާޅުވި ވަގުތު އަބޫ މުސްލިމަކީ އަލިފާނަށް އެއްލާލެވުނު މީހާ ހެން ޢުމަރުގެފާނަށް ހީވެ ވަޑައިގަތެވެ. އެކަން އެނގިވަޑައިގަތީ އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ޢިލްމެއް ކަމަށްވާ ޢިލްމުލް ފަރާސާގެ އެހީގައެވެ. ޢިލްމުލް ފަރާސާ އަކީ މީހުންނަށް ބަލާފައި، ނުވަތަ އުޅޭގޮތުން ނުވަތަ ވާހަކަދައްކާ ގޮތުން ނުވަތަ އެމީހެއްގެ ޢަމަލު ތަކަށް ބަލާފައި، އެމީހަކާ ބެހޭ ބައެއް ކަންކަން ދެނެގަތުން ހިމެނޭ އިލްމެކެވެ. ޢުމުރުގެފާނު ދެން އަބޫ މުސްލިމަށް ބުންޏެވެ. "އެމީހަކީ ތިބާއެވެ." ޖަވާބުގައި އަބޫ މުސްލިމް ބުންޏެވެ. "އާނއެކެވެ."

އެހެން ބުނުމާއެކު ޢުމަރުގެފާނަށް ކީރިތި ކުރެއްވެން ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއި އަބޫބަކުރުގެފާނާ ދެމެދު އަބޫ މުސްލިމް ބައިންދަވައި ވަރަށް މާތް ކޮށް ހިތުމަށްފަހު ވިދާޅުވިއެވެ. الحمد لله الذي لم يمتني حتى أراني في أمة محمد صلى الله عليه وسلم من صنع به كما صُنع بإبراهيم الخليل. "އަހަރެން މަރުވުމުގެ ކުރިން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުންމަތުން، އިބްރާހީމް ގެފާނާމެދު ކަންތައް ވީ ފަދައިން ކަންތައް ވީ މީހަކު ދެއްކެވި ﷲ އަށް ޙަމްދު ކުރަމެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ