ވާހަކަ

އަބޫބަކުރު އަދި ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ދެމެދުގައި ހިނގި އަރާރުން

މިއީ ނަބިއްޔުންނަށް ފަހު ދުނިޔެ ދުށް އެންމެ ހެޔޮ ދެމީހުންގެ ތެރޭގައި ހިނގި ކަމެއްގެ ވާހަކައެކެވެ. އެއީ ކޮން ދެބޭކަލެއް ތޯއެވެ. އާދެ އަބޫބަކުރު އައް ސިއްދީޤު ރަޟިޔަﷲ ޢަންހު އަދި ޢުމަރު ބުން އަލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެވެ. މި ވާހަކަ ރިވާ ކުރައްވާފައި ވަނީ އަބުއްދަރްދާ ރަޟިޔަﷲ ޢަންހު އެވެ. އަދި އިމާމް ބުޚާރީ ވަނީ އެކަލޭގެފާނުގެ ސަޙީޙު ގައި ރިވާޔަތް ހިމަނުއްވާފައެވެ. އެއްދުވަހަކު އަބޫބަކުރު އަދި ޢުމަރު ރަޟިޔަﷲ ޢަންހުމާގެ މެދުގައި ދެބަސް ވުމެއް އުފެދި އަބޫބަކުރުގެފާނަށް، ރުޅިވެރިކަމާއެކު ޢުމަރުގެފާނާ ދިމާލަށް އެއްޗިހިތަކެއް ކިޔުނެވެ. އަދި މިހެން ބުނެވުމެން އެކަމާ ދެރަވެ ވަޑައިގަތެވެ. އަދި ޢުމަރުގެފާނު އަރިހުން އެކަލޭގެފާނަށް މަޢާފް ކޮށްދެއްވުމަށް އެދުނެވެ. ނަމަވެސް އެވަގުތު ޢުމަރުގެފާނު ވެސް ހުންނެވީ ކޯފާވެފައެވެ. އެއާއެކު ޢުމަރުގެފާނު، ގެއަށް ވަޑައިގަތުމަށްޓަކައި އެތަނުން ހިންގަވާ ވަޑައިގަތެވެ. އެކަލޭގެފާނު ހުންނެވީ އަބޫބަކުރުގެފާނަށް މަޢާފް ކޮށްދެއްވާ ގޮތަކަށް ނޫނެވެ. އަބޫބަކުރުގެފާނު، ޢުމަރުގެފާނުގެ ފަހަތުން ވަޑައިގެން،  ތަކުރާރުކޮށް މަޢާފަށް އެދުމުންވެސް ޢުމަރުގެފާނު އަބޫބަކުރުގެފާނަށް މަޢާފެއް ނުކޮށްދެއްވިއެވެ. އެންމެ ފަހުން ޢުމަރުގެފާނު، އަބޫބަކުރުގެފާނު ބޭރުގަ ބަހައްޓަވާ، ގެއަށް ވަދެ ވަޑައިގެން ދޮރު ލެއްޕެވިއެވެ. މިކަމާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ހިތާމަ ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގަތުމަށް މިސްރާބު ޖެއްސެވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ފެނިވަޑައިގަތީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ހެދުންކޮޅުގެ ތިރީ ބައި މައްޗަށް ހިއްލަވައި ގަނެގެން، ފިކުރު ބޮޑު ގޮތަކަށް މިސްކިތް ތެރެއަށް ވަދެ ވަޑައިގަތް ތަނެވެ. މިމަންޡަރު ފެނުމާއެކު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިބާގެ އެކުވެރިޔާ (އަބޫބަކުރު ރަޟިޔަﷲ ޢަންހު) ވަނީ (މީހަކާ) އަރާރުން ވެފައެވެ." އަބޫބަކުރުގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ވިދާޅުވިއެވެ. " يا رسول الله! އަޅުގަނޑާއި ޚައްޠާބްގެ ދަރި (ޢުމަރުގެފާނާ) ދެމެދު ދެބަސްވުމެއް ހިނގައި، އަޅުގަނޑަށް، އެކަލޭގެފާނާ ދިމާލަށް އެއްޗިހިތަކެއް ކިއިއްޖެއެވެ. މިފަދައިން ކިޔުނީތީ ފަހުން ދެރަވެގެން، އެކަލޭގެފާނުގެ އަރިހުން މަޢާފް ކޮށްދެއްވަން އެދުމުން އަޅުގަނޑަކަށް މަޢާފެއް ނުކޮށްދެއްވިއެވެ. ކަލޭގެފާނުގެ އަރިހަށް މިއައީ މިކަމާއެވެ." މިހެން ވިދާޅުވުމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އަބޫބަކުރުގެފާނުގެ ފާފަ ފުއްސެވުމަށް އެދި ﷲގެ ޙަޟްރަތުގައި ތިން ފަހަރު ދުޢާ ކުރެއްވިއެވެ.

އަބޫބަކުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރިހުގައި މިފަދައިން މަޖްލިސް ކުރަށްވާފައި ވީއިރު، ޢުމަރުގެފާނުވަނީ، އަބޫބަކުރުގެފާނާމެދު އެކަލޭގެފާނަށް ކަންތައް ކުރެއްވުނު ގޮތާމެދު ހިތާމަ ކުރައްވާ ޙާލުގައެވެ. އެކަލޭގެފާނަށް މަޢާފް ނުކުރެއްވުނީތީ ޢުމަރުގެފާނު ދެރަފުޅު ވާން ފެށީއެވެ. އެއާއެކު އަބޫބަކުރުގެފާނު ހޯއްދަވަން، އަބޫބަކުރުގެފާނުގެ ގެއަށް ވަޑައިގަތެވެ. އެހެންނަމަވެސް އަބޫބަކުރުގެފާނު ގޭގައި ނޫޅުއްވާކަން އެނގި ވަޑައިގަތުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގަތެވެ.

ޢުމަރުގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ވަޑައިގަތް ހިނދު އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މާތް މޫނުފުޅުން ނުރުހުމުގެ ޢަލާމާތްތައް ފެނިވަޑައިގަތެވެ. މިތަން ފެނުމާއެކު އަބޫބަކުރުގެފާނު، ޢުމަރުގެފާނަށް ޙަމްދަރުދީ ވެވަޑައިގެން، ކަކޫމައްޗަށް ތިރިވެ ވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ދެންނެވިއެވެ. "ﷲ ގަންދީ ބުނަމެވެ. އަޅުގަނޑު (ޢުމަރުގެފާނަށް) އަނިޔާ ވެރިވީ މިންވަރު ދެގުނަ ބޮޑެވެ." އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ﷲ، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ފޮނުއްވިއެވެ. އަދި ތިޔަބައިމީހުން ބުނީމުއެވެ. ކަލޭގެފާނު ތިޔަ ހައްދަވަނީ ދޮގެވެ. އެހެނަސް އަބޫބަކުރު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ހައްދަވަނީ ތެދެވެ. އެކަލޭގެފާނުވަނީ އެކަލޭގެފާނުގެ ހަށިކޮޅުންނާއި މުދަލުން ތިމަންކަލޭގެފާނަށް ހިތްހަމަޖެހުން ގެނުވާފައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އެކުވެރިޔާ، ތިމަންކަލޭގެފާނަށް ދޫ ނުރާނަން ހެއްޔެވެ. އޭގެފަހުން އެއްވެސް މީހެއް އަބޫބަކުރުގެފާނު ހިތްހަމަ ނުޖެހޭ ފަދަ ކަމެއް ނުކުރައްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ