ވާހަކަ

އަހަރެން މަދީނާއަށް އައީ އެތް ބަލާކަށެއް ނޫނެވެ

އިމާމް މާލިކަކީ ދުނިޔެ މިހާތަނަށް ދުށް އެންމެ ވަރުގަދަ ޢިލްމުރިންގެ ތެރެއިން ވާ ބޭކަލެކެވެ. އެކަލޭގެފާނު މަދީނާގައި ޢިލްމު އުނގަންނަވައި ދެއްވަމުން ވަޑައިގަތީ އަހަރެމެންގެ ނަބިއްޔާގެ ރަށުގެ ނަމުން ނަން ދެވިފައިވާ މާތް ވެގެންވާ މަދީނާގައެވެ. އިމާމް މާލިކްގެ އަރިހުން ދީނީ ޢިލްމު ޙާޞިލް ކުރުމަސްޓަކައި ދުނިޔޭގެ އެކި ހިސާބުތަކުން މަދީނާއަށް މީސްތަކުން އައިސް އެކަލޭގެފާނުގެ ޢިލްމީ މަޖްލިސްތަކުގައި ބައިވެރިވެއެވެ.

އެގޮތުން މިއަދު ފާހަގަ ކޮށްލަން ބޭނުންވަނީ އެތަނުން ދަރިވަރެއްގެ ވަރަށް ޙައިރާން ކުރަނިވި ވާހަކައެކެވެ. އެއީ ޢިލްމު އުނގެނުމަށްޓަކައި އަންދަލުސް އިން މަދީނާއަށް ހިޖުރަ ކޮށްފައިވާ، ޢިލްމުގެ ދަރިވަރެކެވެ. ދަރިވަރުގެ ނަމަކީ ޔަޙްޔާ އިބްނު ޔަޙްޔާ އައްލައިޘީއެވެ.

އެއްދުވަހަކު، އިމާމް މާލިކް ގެ ޢިލްމީ މަޖްލީހެއްގައި އެކަލޭގެފާނު ދަރުސް ދެއްވަމުން ވަޑައިގަންނަވަނިކޮށް ބޭރުން އަޑުފައްގަނޑެއް އިވެންފަށައިފިއެވެ. ހީވަނީ ބޭރު ތެރެއަށް ޢީދެއް އައިސްގެން އުޅޭ ހެންނެވެ. ދެން އިވުނީ އެތާ ކައިރިން އެތް ތަކެއް ދާ ކަމަށް ބުނެ، ގޮވާލާ މީހެއްގެ އަޑެވެ. މި އަޑު އިވުމާއެކު ވެގެން އުޅޭގޮތް ސާފު ވެއްޖެއެވެ. އެތަކީ މަދީނާ ހިމެނޭ ޙިޖާޒް ކަރައިގައި ހުންނަ އެއްޗެއް ނޫނެވެ. މަދީނާގަ އުޅޭ މީހުންނަށް އިވެނީ އެތާ ބެހޭ ވާހަކައެވެ. އެއީ މިވެނި ގޮތަކަށް ހުން އެއްޗެކޭ، އޭގަ ބޮޑު ހޮނޑެއް ހުރެޔޭ، އޭގެ އިތުރުން އަބްރަހާ އޭ ކިޔާ މީހަކު ހަބުޝް ކަރައިން ގެނެވުނު އެތްތަކެއް ހިފައިގެން ގެފުޅު ތަޅާލުމަށް އައި ވާހަކައާއި ޤުރްއާނުގައި މިވާހަކަ އައިސްފައި ވާ ވާހަކައެވެ. މިފަދަ ވާހަކަތައް އަޑުއިވި، އެނގިފައި ވީ ނަމަވެސް މީގެއިން އެއްވެސް މީހަކަށް ދުވަހަކުވެސް އެތެއް ނުފެނެއެވެ.  އަހަރެމެންގެ ތެރޭގައި ވެސް ދުވަހަކު އެތެއް ހަމަލޮލުން ފެނިފައި ނުވާ މީހުން ވަރަށް ބައިވަރެވެ. ނަމަވެސް ޓީވީން ނުވަތަ ފޮތަކުން ނަމަމަވެސް، އެތުގެ ފޮޓޯއެއް ނުފެންނަ މީހެއް ވަރަށް މަދުވާނެއެވެ. އެޒަމާނުގެ ގިނަ މީހުންނަކީ މީގެއިން އެއްވެސް ޛަރީޢާ އަކުން އެތެއް ފެނިފައި ވާ ބައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކުން އިމާމް މާލިކް އަރިހަށް ޢިލްމު އުނގެނެން އައިސްފައި ވާ ގިނަ ދަރިވަރުންނަކީ ވެސް އެތެއް ހަމަލޮލުން ފެނިފައި ވާ ބައެއް ނޫނެވެ.

ކޮންމެއަކަސް އެއްތަކެއް ފެނިގެން އުޅޭ ޚަބަރު ލިބުމާ އެކު، އޭރު މުޅި ދުނިޔޭގެ އެންމެ މަޝްހޫރު ޢިލްމުވެރިޔާ، އިމާމް މާލިކް ގެ ޢިލްމީ މަޖްލިސްގައި ތިބި ދަރިވަރުން ތެދުވެ އެއަޑު އިވުނު ދިމާލަށް ދުވަން ފަށައިފިއެވެ. އެތްތައް ބަލާލުމަށްޓަކައެވެ. އިމާމް އެކަނިކޮށްލައްވާފައި ކުދިން ދިޔައީއެވެ. އިމާމް މާލިކް އެކަލޭގެފާނު އިން ތާނގައި އިންނެވިއެވެ.

ދެން އެކަލޭގެފާނުގެ ލޮލުގައި އަޅައިގަތީ ޤަބޫލު ކުރަން ދަތި މަންޡަރެކެވެ. މަޖްލީހުގައި އަދި އެއްކުއްޖަކު އެބަ އިނެވެ. އޭނާ އެހެންކުދިންނާ އެކު އެތް ބަލާކަށް ނުދެއެވެ. އަޑު އަހާ މީހަކު ހިތަށް އަރާފާނެ އެ ދަރިވަރެއްގެ ރަށުގައި އެތްތައް ހުންނަނީ ކަމަށް ވެދާނެއެވެ. އެހެން ކަމުން އެތް ބަލާލުމުގެ ޙާޖަތް އޭނާއަށް އެވަރަށް ނުޖެހެނީ ކަމަށް ވެދާނެއެވެ. މި ދަރިވަރަކީ ކުރިން ބުނެވި ދިޔަ ދަރިވަރު ކަމުގައިވާ ޔަޙްޔާ އިބްނު ޔަޙްޔާ އައް ލައިޘީއެވެ. އެކަލޭގެފާނު މަދީނާ އަށް އައީ އަންދަލުސް އިންނެވެ. އަންދަލުސްއަކީ އެތް ފަދަ ޖަނަވާރު ހުންނަ ތަނެއް ނޫނެވެ. އިމާމް މާލިކް، މި ދަރިވަރުގެ ގާތު އަހާލިއެވެ. "އެތަކީ އަންދަލުސްގެ ބިމުގައިވެސް އުޅޭ އެއްޗަކަށް ނުވާއިރު، ތިބާ އެތް ބަލަން ނުގޮސް ތިޔަ އިނީ ކީއްވެގެން ހެއްޔެވެ؟"

އެދަރިވަރު އިމާމަށް ދެއްވި ޖަވާބަކީ، ޙަޤީޤީ މާނައިގައި ޢިލްމު ހޯދުމަށް ފެންބޮވައިގަނެފައިވާ ކުއްޖަކު މެނުވީ ނުދޭނޭ ޖަވާބެކެވެ. އެކުއްޖާގެ މި ޖަވާބު ވަނީ ތާރީޚުގައި ރަން އަކުރުން ލިޔެވިފައެވެ. އެޖަވާބަކީ ކޮބައިތޯއެވެ. އެކުއްޖާ އިމާމް މާލިކަށް ބުންޏެވެ. "އަޅުގަނޑު، އަޅުގަނޑުގެ ރަށުން މިތަނަށް މިއައީ ކަލޭގެފާނު ދެކިލުމަށާއި، ކަލޭގެފާނުގެ ކިބައިގައިވާ ޢިލްމު، ކަލޭގެފާނު ކައިރިން އުނގެނުމަށްޓަކައެވެ. އެއްވެސް ޙާލެއްގައި އެތް ބަލާކަށް ނޫނެވެ." މި ޖަވާބާ މެދު އިމާމް މާލިކް ވަރަށް ބޮޑަށް ހިތްހަމަ ޖެހި ވަޑައިގެން އެދަރިވަރަށް "އަލްޢާޤިލް" ގެ ލަޤަބު ދެއްވިއެވެ. އަލް ޢާޤިލަކީ ބުއްދިވެރިޔާ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ