ވާހަކަ

އަހަރެންގެ މުސްލިމް ފިރިމީހާ

އަހަރެންގެ ނަމަކީ ސުމައްޔާ މީހާން އެވެ. އަހަރެންގެ މުސްލިމް ފިރިމީހާއާ ކައިވެނި ކުރިތާ މިހާރު 12 އަހަރު ވެދާނެއެވެ. ކައިވެނި ކުރިއިރު އިސްލާމްދީން ޤަބޫލު ކުރުމުގެ ވިސްނުމެއް އަހަރެން އެއްގޮތަކަށްވެސް ނުގެންގުޅެމެވެ. އަހަރެންގެ ފިރިމީހާ އުޅެމުން ދިޔައީ، އަހަރެންނަކީ މުސްލިމަކަށް ނުވާތީ އެކަން ދަނެގެންނެވެ. ދީނީ ބަހުސްތައްކޮށް އޭނާގެ ދީން މޮޅުކޮށް އެފަދައިންނެއް ނޫޅެއެވެ. އޭނާ ބުނިހާވެސް ވާހަކައަކީ މިހެން އުޅުމުގެ ތެރޭގައި ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެއް ކިޔާލުމަށެވެ. އަހަރެން އެކަމަށް އެއްބަސް ވީމެވެ.

ޙަޔާތް ވެއަތުވަމުން ގޮސް، ރަނގަޅު ފުދުންތެރި ދިރިއުޅުމެއް ހޯދުމަށްޓަކައި އަހަރެމެން ކުވެއިތަށް ބަދަލުވީމެވެ. އެއީ އޭރު އެމެރިކާގެ އިޤްތިޞާދީ ޙާލަތު ހުރިގޮތުން ރަނގަޅު އާމްދަނީ އެއް ހޯދުމަށް ދަތިވެފައިވާތީއެވެ. ކުވޭތަށް ގޮސް މަތިންދާ ބޯޓުން ފޭބުމާއެކު އަހަންނަށް ތަފާތު އިޙުސާސް ތަކެއް ކުރިމަތި ވާން ފެށިއެވެ. އަހަރެންގެ ކުރިމަތީގައި ވީ މުސްލިމު މުޖުތަމަޢެކެވެ. މުސްލިމް ޘަޤާފަތެވެ. އަހަރެން ފަރިތަވެފައި ނުވާ ތަފާތު ވިސްނުން ތަކެކެވެ. (މީޑިއާގައި އިސްލާމްދީން ލޭބަލް ވެފައި އޮންނަ ގޮތުގެ ސަބަބުން) އަހަންނަށް ކުއްލި ބިރުވެރި ކަމެއް އިޙުސާސްވާން ފެށިއެވެ. އަލުން މަތިންދާބޯޓަށް އަރައި މި ބީރަށްޓެހި ތަނުން ފުރަން ބޭނުންވިއެވެ.

މާޙައުލު އަހަންނަށް ބީރަށްޓެހި ނަމަވެސް އަހަރެންގެ މުސްލިމު ފިރިމީހާ އަބަދުވެސް އަހަރެންގެ ގާތުގައި އަހަންނަށްޓަކައި ހުއްޓެވެ. ފިރިމީޙާގެ މަންމަ ގެ ކެއްކުން އަހަންނަށް ކުޅިވެ ތަފާތު ވުމުގެ ސަބަބުން، އަހަރެން ކާހިޔްވާ ކަހަލަ، އެމެރިކާގައި އަހަރެން ކައި އުޅުނު ކަހަލަ ކާ ތަކެތި އަހަންނަށް ހޯދައި ދިނެވެ. އަހަރެން އުފަން ޤައުމާއި ސިޓީ މަތިން ހަނދާންވާންފެށުމުން އަހަރެންގެ ގާތުގައި މުޅި ރޭ ހޭލައި ހޭދަކުރިއެވެ. އަހަރެންގެ ޙަޔާތުގައި ހިނގައިދިޔަ ކޮންމެ އުފާވެރި، ހިތާމަވެރި އަދި އެކަނިވެރިކަން އިޙުސާސު ކޮށް ދޭ ފަދަ ހިނދުކޮޅުތަކުގައިވެސް އަހަރެންގެ މުސްލިމު ފިރިމީހާ، އަބަދުވެސް އަހަރެންގެ ގާތުގައި ހުއްޓެވެ. މުސްލިމް މުޖުތަމަޢެއްގައި އުޅޭއިރު އިސްލާމްދީން އަހަންނަށް އެނގުން ވަރަށް މުހިންމެވެ. ފިރިމީހާ އަހަންނަށް އިސްލާމްދީނުގެ ހުރިހާ ކަމެއް ދަސްކޮށްދިނެވެ. އެގޮތުން އަހަރެންގެ މުދައްރިސަށް އޭނާ ވެގެންދިޔައެވެ. ނަމާދާއި ރޯދަހިފުންފަދަ ހުރިހާ ކަމެއް އަހަންނަށް ކިޔައިދިނެވެ.

ހުރިހާ ކަމެއްގައިވެސް ފިރިމީހާ ބަރާބަރަށް އަހަންނަށް އެހީތެރިވެއެވެ. އޭނާއަކީ އަހަރެންގެ ދަރިންގެ ބައްޕައެވެ. އަހަންނެކޭ އެއްފަދައިން އޭނާވެސް ދަރިންގެ ނެޕީ ބަދަލު ކުރުމާއި ތަށި ދޮވުން ފަދަ ގޭތެރޭގެ ކަންކަމުގައި އަހަންނާ ބައިވެރިވެއެވެ. އޭނާގެ އާ ޓީޝާޓަށް ދަރިން ހޮޑުލައި ހަދާއިރުވެސް އެއްވެސް ނުރުހުންތެރިކަމެއް ނެތި އަހަންނަށް އަބަދުވެސް އެހީވަމުން ދިޔައީ ނަމޫނާ ފިރިއެއްގެ މިޘާލު ދައްކަމުންނެވެ. ހުޅަނގުގެ މީޑީޔާގައި މުސްލިމު ފިރިން ލޭބަލް ކުރެވިފައި ވަނީ ވަރަށް ނުބައިކޮށެވެ. އެމީހުންގެ އަނބިން، އަޅުންފަދައިން ގެންގުޅޭ ބައެއް ކަމުގައި ދައްކުވައިދެއެވެ. އަދި މަޖުބޫރުން އެމީހުންގެ އަނބިން ބުރުގާ އަޅުވައި އެމީހުން ބޭނުންގޮތަށް ހެދުން އަޅުވައި ހަދާ ކަމަށް ދައްކުވައި މީސްތަކުންގެ ސިކުނޑިއާ ކުޅެމުންދެއެވެ.

އެހެނަސް އަސްލަކީ އެޔެއް ނޫނެވެ. މުސްލިމު ފިރިހެނުންވެސް އަންހެނުންވެސް އެމީހުން ލާ، އިސްލާމީ ހެދުން ލަނީ އަމިއްލަ އިޚްތިޔާރުގައެވެ. އެއީ އެކަމަށް އެމީހުންގެ ފޮތްކަމުގައިވާ ކީރިތި ޤުރްއާނުގައި އެމީހުންގެ ވެރި އިލާހު ހެދުން އެޅުމަށް ކަނޑައަޅުއްވާފައިވާ މިންގަނޑެވެ. އަހަރެން ކުވޭތަށް އައީ ޓީޝާޓަކާއި ޖިންސެއް ލައިގެންނެވެ. އަހަރެންގެ މުސްލިމު ފިރިމީހާ އަދި ފިރިމީހާގެ އާއިލާއިންވެސް އަހަރެން ލާ ހެދުންތަކާ ބެހި، ފާޑުކިޔައެއް ނަހަދައެވެ.

ފިރިމީހާ އަބަދުވެސް ޤުރްއާނުގެ މާނަ ކިޔުމަށް އަހަރެންނަށް ހަނދާން ކޮށްދީ ހަދައެވެ. އެންމެފަހުން އަހަރެން ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ ކިޔަން ފެށީމެވެ. ތަރުޖަމާ ކީ ވަރަކަށް އިސްލާމް ދީނުގެ މަޢުލޫމާތު ހޯދުމަށް އަހަރެން ބޮޑަށް ބޭނުންވެއެވެ. އަހަރެން އަމިއްލައަށްވެސް އެކި އެކި ތަންތަނުން އިސްލާމްދީނުގެ މަޢުލޫމާތު ހޯދަން ފެށީމެވެ. އެންމެ ފަހުން ޤުރްއާނުގެ ތަރުޖަމާގެ ސަފުޙާތަކުގެ ތެއިން އަހަރެން ހޯދަމުން އައި ޙައްޤު ތެދު މަގު އަހަންނަށް ސާފުވެ، އިސްލާމް ދީނަކީ ޙައްޤު ދީން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް އަހަންނަށް އެނގިގެންދިޔައެވެ.

އެހާހިސާބުން މުސްލިމުން ހެދުން އަޅާހެން ހެދުންއަޅާން ބޭނުންވެ، ޙިޖާބު ގަތީމެވެ. މުސްލިމަކަށް ވުމަށްފަހު އަހަރެންގެ މުދައްރިސް ކަމަށް ވާ، އަހަރެންގެ ފިރިމީހާ އަހަންނަށް ދީނުގެ އަޅުކަންތައް އަދާކުރާނެ ގޮތާއި އެނޫންވެސް ދީނީ ހުރިހާ ކަމެއް އަހަންނަށް ދަސްކޮށްދެމުން ދިޔައެވެ. އަހަންނަށް ކުށެއް ކުރެވުނަސް ނުވަތަ ނުބައިކޮށް ކަމެސް ކުރެވުނަށް ރުޅި ނައިސް، ރީތި ކަމާއެކު އަހަންނަށް ނުބައިކޮށް ކުރެވޭ ކަންކަން ރަނގަޅު ކޮށްދެއެވެ. ފިރިމީހާގެ ކެތްތެރިކަމުގެ ސަބަބުން އަހަރެން އާޝޯޚް ކޮށްލިއެވެ. ވަރުބަލި ކަމެއްނެތި އަހަންނަށް އުނގަންނައި ދެމުން ދިޔަ ތަކެތީގެ ސަބަބުން އަހަންނަށް ވަރަށް އަވަހަށް ދީނީ ކަންކަން ސާފު ވާން ފެށިއެވެ.

އިސްލާމް ދީން ވަނީ އަހަރެންގެ ދިރިއުޅުމަށް އާރޯކަމަކާއި ބާއްޖަވެރިކަމެއް ގެނެސްދީފައެވެ. މުސްލިމަކަށް ވުމަށްފަހު، އޭގެ ކުރިން އަހަންނަށް ކުރިމަތިވަމުންއައި ހާސްކަމާއި ނުތަނަވަސްކަމުން އަހަރެންގެ ހިތާއި ސިކުނޑި ސަލާމަތްވެގެން ދިޔަކަން އަހަންނަށް ފާހަގަވިއެވެ. އިސްލާމް ދީނާއި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުން އަހަންނަށް ވަނީ ޙަޔާތުގެ އަސްލުމާނަ ހޯދައި ގަނެވިފައެވެ. އަދި މިޙަޔާތުގެ އިތުރުން އަންނަން އޮތް ޙަޔާޔް ވެސް ބާއްޖަވެރިކުރުމަށްޓަކައި އަހަރެން ދަނީ މަސައްކަތް ކުރަމުންނެވެ.

މަސްދަރު:  www.islamreligion.com އިން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ