ވާހަކަ

މާމަގެ ދުޢާގެ ޢަޖައިބު ކުރަނިވި ނަތީޖާ

ސަޢޫދީ ޢަރަބިޔާގެ ޝައިޚަކު ދަރުހެއްގައި ވިދާޅުވެދެއްވި ވާހަކައެކެވެ. ޝެއިޚް ވިދާޅުވިއެވެ. ޕާކިސްތާނުގެ ޑޮކްޓަރަކު އޭނާއަށް ދިމާވި ޙާދިޘާއެއްގެ ވާހަކަ ބަޔާން ކޮށްދިނެވެ. އެ ޑޮކްޓަރަކީ ވަރަށް މަޝްހޫރު ނާރުތަކާއި ބެހޭ ޑޮކްޓަރެކެވެ. އެޑޮކްޓަރުގެ ކައިރިން އެޕޮއިންމެންޓެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެޕޮއިންމެންޓް ހެދުމަށްފަހުވެސް ޑޮކްޓަރަށް ދައްކަން ވަރަށް ގިނަދުވަސް ނަގައެވެ. ކިޔޫ ދިގު ކަމުންނެވެ. ޑޮކްޓަރަށް ދިމާވި ޙާދިޘާ ޛިކުރު ކޮށްލާނަމެވެ.

ޑޮކްޓާރު އެއްދުވަހަކު މަތިންދާ ބޯޓުގައި ސިޓީއަކުން އެހެން ސިޓީއަކަށް ދަތުރު ކުރިއެވެ. ދަތުރުކުރަމުން ދަނިކޮށް ކުއްލިއަކަށް ވިލާ ބޯވެ ގުގުރާ ވިދަން ފަށައިފިއެވެ. އަދި ކޮޅިގަނޑުގެ ތެރޭގައި ބޯޓުގެ އެއް އިންޖީނަށް ގެއްލުންވެ އެމެޖެންސީގައި ބޯޑު ޖައްސަން ޖެހިއްޖެއެވެ. ކަންދިމާކުރި ގޮތުން އެތާކައިރީ މީހުން ނޫޅޭ ހިސާބެއްގައި ކުޑަކުޑަ އެއަރޕޯޓެއް އޮތެވެ. އެހެންކަމުން ބޯޓު އެމެޖެންސީގައި އެ އެއަރޕޯޓަށް ޖެއްސިއެވެ.

ޑޮކްޓަރު މަތިންދާ ބޯޓުގެ ޕައިލެޓާ ސުވާލު ކޮށްލިއެވެ: “ބޯޓު ހަދައިގެން އަލުން ފުރަން ކިހާއިރެއް ނަގާނެތޯ؟ އަޅުގަނޑު ކޮންމެހެން ހަދާފަވެސް އެ ސިޓީއަށް ދާން އެބަޖެހޭ.”

ޕައިލެޓް ޖަވާބުގައި ބުންޏެވެ: “އަދި ވަރަށް ގިނައިރުވާނެ. އަޅުގަނޑަށް ފެންނަ އެންމެ ރަނގަޅު ޙައްލަކީ، މަގުމައްޗަށް ގޮސް ކާރެއް ނަގައިގެން އެއްގަމު މަގުން އެސިޓީއަށް ގޮސްލުން. ދެތިން ގަޑިއިރުން ދެވޭނެކަމަށް ބެލެވެނީ.”

ޑޮކްޓަރުވެސް ވިސްނާލާފައި އެއީ ރަނގަޅު ޙިޔާލެއް ކަމަށް ބަލައި ކާރަކަށް އަރައިގެން ސިޓީއަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. ނަމަވެސް ދަތުރު ފެށިތާ މާގިނައިރުތަކެއް ނުވެ އަނެއްކާވެސް ވިލާތައް ބޯވެ، ވިއްސާރަވާން ފަށައިފިއެވެ. ގަދަވަޔާއި ވިދުމާއި ގުގުރުމާއެކު ބޯކޮށްވާރޭ ވެހެންފެށިއެވެ. އަދި މަގުމަތީގައި ޗަކަ ހެދި ކާރުގެ ފުރޮޅު ޗަކަގަނޑު ތެރެއަށް ގަނބައިގެން ދިޔައެވެ. އެއްގޮތަކަށްވެސް ދަތުރު ކުރެވޭގޮތެއް ނުވިއެވެ. އެހިނދު ޑޮކްޓަރަށް އެތާ ކައިރިން ކުޑަ ކުޑަ ގެއެއް ފެނުނެވެ. ދެން ޑޮކްޓަރު ކާރު ދުއްވަން އިން މީހާގާތު ބުންޏެވެ. “މިވިއްސާރާގައި އަހަރެމެންނަށް އެއްވެސް ތާކަށް ދެވޭނެހެނެއް ހިޔެއް ނުވެއެވެ. އެހެރަ ކުޑަ ގެއަށް ގޮސް، މިރެއަށް މެހުމާންދާރީއެއް ލިބޭތޯ ގޮސްލަމާ ހިނގާށެވެ.”

ޑޮކްޓަރު ގޮސް ގޭގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ މުސްކުޅި އަންހެނެކެވެ. ޑޮކްޓަރު އެމީހުންގެ ޙާލަތު ކިޔައިދިނުމުން، ގޭތެރެއަށް ވަދެ އަރާމުކޮށްލުމަށް އެއަންހެން މީހާ ޑޮކްޓަރުކައިރީގައި ބުންޏެވެ. ޑޮކްޓަރަށް އެގެއިން ފެނުނީ ބިންމަތީގައި އަޅާފައިވާ މުސައްލައެކެވެ. އެމުސައްލަ ކައިރީގައި ކުޑަކުޑަ ކުއްޖެއް އޮށޯވެގެން އޮތެވެ. އަދި އެ މުސްކުޅި އަންހެންމީހާ، މުސައްލަ މަތީގައި އިނދެ ދުޢާކުރުން ނޫން ކަމެއް ނުކުރެއެވެ. ﷲގެ ޙަޟްރަތަށް ދެއަތް ނަގައި އެތައް އިރަކު ދުޢާ ކުރުމަށްފަހު އެ ކުޑަކުއްޖާގެ ގާތަށް ގޮސްލާ ކުއްޖާގެ ޙާލު ބަލާލައެވެ. ދެން އަނެއްކާވެސް މުސައްލަ މަތީގައި އިނދެ ދުޢާކުރެއެވެ. ޑޮކްޓަރަށް މިމަންޡަރު ވީ ވަރަށް ޙައިރާން ކުރަނިވި މަންޡަރަކަށެވެ.

އަނެއްދުވަހު، ޑޮކްޓަރު އެއަންހެން މީހާއަށް ޝުކުރު އަދާކުރުމަށްފަހު އެގެއިން ނުކުމެގެން ދިއުމަށް ތައްޔާރުވާން ފެށިއެވެ. ނަމަވެސް ދިއުމުގެ ކުރިން ޑޮކްޓަރު އެއަންހެންމީހާއަށް ބުންޏެވެ. “އަހަރެމެންނަށް މެހުމާން ދާރީވެދީ އެހީވެދިން ކަމަށްޓަކައި ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި އަހަރެން ތިބާޔާ ސުވާލެއް ކޮށްލަން ބޭނުމެވެ. ގޭތެރޭގައި އޮށޯވެގެން އޮތް ކުއްޖާއަށް ކިހިނެއް ވީތޯއެވެ؟”

މުސްކުޅި އަންހެން މީހާ ޖަވާބުގައި ބުންޏެވެ: “އެއީ އަހަރެންގެ މާމަދަރިފުޅެވެ. އޭނާއަކީ ވަރަށް ބަލި ޔަތީމު ކުއްޖެކެވެ. އެކުއްޖާގެ ބަލިޙާލަތު ރަނގަޅު ކުރެވޭތޯ މިހިސާބުގެ ހުރިހާ ޑޮކްޓަރުން ކައިރިއަށް އަހަރެމެންނަށް ދެވިއްޖެއެވެ. ނަމަވެސް ޑޮކްޓަރުންގެ ޖަވާބަކަށް ވަނީ، އެކުއްޖާގެ ބައްޔަށް ފަރުވާއެއްހޯދުމަށް އެމީހުން ނުކުޅެދިފައިވާ ވާހަކައާއި، ފަރުވާއެއް ހޯދުމަށްޓަކައި މިޤައުމުގައި އެކުއްޖާއަށް އެހީ ވެދެވޭނީ އެންމެ ޑޮކްޓަރަކަށް ކަމެވެ. އެހެންބުނުމުން އެޑޮކްޓަރެއްގެ ކައިރިން އެޕޮއިންމެންޓެއް ލިބޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެޕޮއިންމެންޓް ލިބުނީ ހަމަސް ފަހަށެވެ. އަދި އެޑޮކްޓަރު އުޅެނީ ވަރަށް ދުރުގައެވެ. އޭގެ ފަހުން އަހަރެން ﷲ އަށް ދުޢާކުރުން ހުއްޓައެއްނުލަމެވެ. އަހަރެމެންނަށް ފަސޭހަކޮށްދެއްވައިތޯ އަހަރެން ﷲގެ ޙަޟްރަތުގައި ދުޢާ ކުރުމުގައި ދެމީ ހުރީމެވެ. އަދިވެސް ދުޢާކުރުމުގައި އަހަރެން ދެމިހުންނާނަމެވެ.”

ދެން ޑޮކްޓަރު އެ މުސްކުޅި މީހާ ކުރެން އެހިއެވެ: “އެބުނާ ޑޮކްޓަރަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ؟”

މުސްކުޅި އަންހެން މީހާ ޖަވާބުގައި ބުންޏެވެ: “އެއީ ޑޮކްޓަރު އިޝާން އެވެ.”

މުސްކުޅި އަންހެން މީހާގެ ޖަވާބު އިވުމާއެކު ޑޮކްޓަރަށް ކޮންޓްރޯލެއްނެތި ރޮވެން ފެށިއެވެ.

އެހިނދު މުސްކުޅި އަންހެން މީހާ ސުވާލު ކުރއެވެ: “ކޮންކަމަކާ ތޯ ތިޔަ ރޮނީ؟”

ޑޮކްޓަރު ޖަވާބުދިނެވެ: “ތިބާގެ ދުޢާއަށް ﷲ އިޖާބަދެއްވަވައިފިއެވެ. ތިބާގެ ދުޢާގެ ސަބަބުން ވިއްސާރަވެ، ގުގުރައި، އަޅުގަނޑު ދަތުރުކުރަމުން ދިޔަ މަތިންދާ ބޯޓުގެ އިންޖީނު ހަލާކުވެ، ކާރުގައި ދަތުރުކުރަން ޖެހި، ވިއްސާރައިގެ ސަބަބުން ކާރުންވެސް ދަތުރުކުރެވޭގޮތް ނުވެ ﷲ ވަނީ އަޅުގަނޑު، ‘ޑޮކްޓަރ އިޝާން’ ތިބާގެ ގާތަށް މިގެއަށް ގެނެސްދެއްވާފައެވެ. މިހެން ބުނުމާއެކު އަންހެން މީހާއަށްވެސް ރޮވެންފެށިއެވެ.

މިވާހަކަ ކިޔައިދެއްވުމަށްފަހު ޑޮކްޓަރު ވިދާޅުވެފައިވެއެވެ. “ﷲގެ ލަޝްކަރުތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އަދި ﷲ މީހަކަށް ކަމެއް ކޮށްދެއްވަން އިރާދަ ކުރަށްވާހިދު ކޮންމެ ފަދަ ގޮތެއް މެދުވެރި ކުރައްވައިގެން ވެސް އެމީހަކަށް އެކަމެއް ކޮށްދެއްވާހުޓެވެ.”

ވިސްނާލައްވާށެވެ! އެމުސްކުޅި މާމަގެ މެދުކެނޑުމެއްނެތް ދުޢާ ތަކުގެ ސަބަބުން ﷲ ވަނީ އެ ޤައުމުގެ އެންމެ މަޝްހޫރު އެއް ޑޮކްޓަރު ހުރިތަނަކުން ގެނެސްދެއްވައި އެ މުސްކުޅި މާމަގެ ގެއަށް ވާސިލް ކޮށްދެއްވާފައެވެ. ވީމާ އަޚުންނޭ! އުޚްތުންނޭ! ދުވަހަކުވެސް އެއްވެސް ޙާލެއްގައި ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑާނުލާށެވެ! ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރަށްވަނީ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿سورة البقرة ١٨٦﴾

މާނަ: “އަދި ތިމަންއިލާހާމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލު ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންއިލާހު ވަނީ (އެއުރެންނާ) ނުހަނުގާތުގައެވެ. ތިމަންއިލާހުގެ ޙަޟްރަތަށް އަށް ދުޢާ ކޮށްފިނަމަ ދުޢާ ކުރި މީހާގެ ދުޢާ ތިމަންއިލާހު އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންއިޅާހުގެ އަޅުން) ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަންއިލާހަށް އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.”

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ