ލިޔުނީ : އަބޫ ސުމައްޔާ
މިހާރު އަޅުގަނޑުމެންނާއި މިވަނީ 1439 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް ބައްދަލުކޮށްފައެވެ.އަދި އެމަހުން އެއްދުވަސް "ސަރުކާރުގެ ކަލަންޑަރުން" ފާއިތުވެސް ވެއްޖެއެވެ.
" ތަރާވިސްދަމު ސައިބުއިން، ރޯދަ ވީއްލަ ކަރާފަނި ގިރުން، ރޯދަކުރުކުރަށް ގުޑިއެރުވުން މިއީ ހުސް ޘަޤާފީގޮތުން ކުރާ ކަންތައްތައް ދޯ" ރޯދައާއި ބެހޭގޮތުން މީހަކު ބުންޏެވެ.
"ޤުރުއާންކިޔެވުމާއި ، ތަރާވިސްނަމާދު ކުރުމާއި ދަމުނަމާދު ކުރުން އަދި ދުވާލު ރޯދައަށް ހުރުން ފަދަ ކަންތައް އެއީ އަޅުކަމަކީ ރޯދަމަހު ކުރާ. އެހެންނެތް ނޫންތަ . މަ ނުބައިކޮށްތަ މި ބުނީ އަނެއްކާ.." އަނެއްކާވެސް ހަމަ އެމީހާ ބަސްކޮޅެކެވެ.
މިހާރު މިވަނީ އެމީހާގެ ބަހަށް އަޅުގަނޑުމެން "ޙުކުމެއް" ނެރެއްޖެހިފައެވެ. އެއްވެސް ޝައްކެއްނެތެވެ.އެންމެ ފުރަތަމަ ބަޔާންކޮށްފައިވާ ކަންތައްތަކަކީ ޘަޤާފީގޮތުންރޯދަމަހާއި ގުޅިލާމެހިފައިވާ ކަންތަކެވެ. މިކަމާއި އަޅުގަނޑާއި ތިޔަ ކިޔުންތެރިޔާއާއި އެއްބަސްވަމެއްނޫންތޯއެވެ.
ދެން ދެވަނަ ލިސްޓަށް ބަލާލަމާތޯއެވެ. މުޅިންވެސް ހުރީ "އަޅުކަމެވެ". އެއްބަސްވެވަޑައިގަންނަވަމެއްނޫންތޯއެވެ. ދެބަސްވަންޏާ ތިރީގައި މިވާ ލައިނުގައި ޖީބުގައި އިން ގަލަށް ނަގާފަ ލިޔެލަބަލާށެވެ.
................................................................................................................
ކޮންމެއަކަސް އަޅުގަނޑާއި ތިޔަބޭފުޅާއާއި އަދި ކައިރީގައި ތިޔަ އިންނެވި ކުއްޖާވެސް އެއްބަސްވާގޮތުގައި ރޯދަ ހިފުމާއި ޤުރުއާން ކިޔެވުމާއި އަދި ރޭއަޅުކަށް ކުރުން މިއީ ހުސް ﷲ ލައްވާފައިވާ އަދި ދީނުގައި ޝަރުޢުކުރަށްވާފައިވާ އަޅުކަންތަކެވެ. މިއިން ކޮންމެ އަޅުކަމެއްގައި ވަނީ ވަކި މަޤްޞަދެއްލައްވާފައިކަން ކަށަވަރެވެ.
އެގޮތުން ރޯދައަކީ އެއަޅުކަމުގެ މަޤްޞަދު ސީދާ ނައްޞުން([1]) ވަނީ ބަޔާންކުރައްވާފައެވެ. އެއީ "ތިޔަބައިމީހުން ތަޤްވާވެރިވުމަށްށެވެ." ([2])
އެހެންކަމުން ރޯދަ ހިފާނިމޭ އިރު "ތަޤްވާވެރި" ކަން ނުލިބޭނަމަ އެކުރެވުނީ އަޅުކަމެއްތޯ ނުވަތަ ޘަޤާފީ ކަމެއްތޯ ސުވާލު ނުއުފެދޭތޯއެވެ؟
އަޅުގަނޑު ގެ ހިތުގައި ހަމަ އުފެދި އުތުރިއަރަނީ އެވެ. ފަހަރުގައި މިއީ ތިބޭފުޅާއި އަޅުގަނޑާއި ޚިޔާލުތަފާތުވާންޖެހޭ ނުކުތާއަށް ވުން ގާތެވެ. ނަމަވެސް އަޅުގަނޑުގެ ޚިޔާލު ލިޔެލާނަމެވެ.
ރޯދަ ހުފުމަކީ ﷲތަޢާލާ އުއްމަތުގެ މައްޗަށް ކޮންމެ އަހަރަކު ރަމަޟާން މަހުގައި ހިފުމަށް ފަރުޟްކުރައްވާފައިވާ އަޅުކަމެކެވެ. އެއަޅުކަމުގެ މަޤްޞަދަކީ "ﷲއަށް ތަޤްވާވެރިވުމެވެ." އެހެންކަމަށްވާނަމަ ތިރީސްދުވަހު ރޯދަހިފާ ނިމޭއިރު އަޅުގަނޑުމެންގެ ޙަޔާތަށް އިތުރު ހެޔޮ ބަދަލެއް ނާދެއެވެ. ނަމާދުކުރުމަށް ފަރުވާތެރިނުވޭަނަމަ އަދި ބަނގުރާބުއިމުން ދުރުނުވެވޭނަމަ ނުވަތަ ރިބާކެއުން ހުއްޓާނުލެވޭނަމަ ތިރީސް ދުވަހު އަޅުގަނޑުމެންނަށް އެކުރެވުނީ ކޮންކަމެއްތޯއެވެ. ރޯދަހިފީ ނޫންހޭ ތިބޭފުޅާ ވިދާޅުވިޔަސް އަޑަށް ބާރުލާފައި އަޅުގަނޑު ދަންނަވާނީ އެކުރެވުނީ އެހެންކަމެއްކަމަށްށެވެ. ކޮން ކަމެއްކަންވެސް ބުނެފާނަމެވެ.
" ތިރީސް ދުވަހު ނުކައިނުބޮއި ރޯދައަށް ހުރެ އެކަމަކުވެސް އެކަމުން ﷲއަށް ބިރުވެތިވުން އިތުރުނުވެ އަދި ކުރަމުންއައި ފާފަތަކުން ދުރުހެލިނުވޭނަމަ އެދުވަސްތަކުގައި އެކުރެވުނުކަމަކީ ތިރީސްދުވަހު ކާރާފަނި ބޮވުމާއި ތިރީސް "ތަރާވިސްދަމަށް" އެރުމާއި ތިރީސް ގުޑި ޖައްވުގެ ތެރެއަށް އެރުވުމެވެ."
ވީމާ އެހިފުނީ "ޘަޤާފީ ރޯދަ" އެއްނޫންތޯއެވެ؟
[1] ( ނައްޞުގެ މުރާދަކީ: އިތުރު މާނައެއް ކުރުމުގެ ޖާގައެއް ނެތްހާ ސާފުސީދާކޮށް އެއާޔަތެއްގައު ނުވަތަ ޙަދީޘެއްގައި ވާ ވާހަކަތައް ދޭހަވެ އެގުމެވެ.)
[2] ބައްލަވާ: ސޫރަތުލް ބަޤާރާގެ 187 ވަނަ އާޔަތް.

















ޚިޔާލު