ޢީދު ކައިރިވަމުން އަންނަ ވަރަކަށް އިވެމުންދާ ދެއަޑެއް އިވެއެވެ. އެއް އަޑަކީ ޢީދު ފާހަގަކުރުމަށް މާލެއާއި ރަށްރަށުގައި ރާވަމުންދާ މުންކަރާތްތަކުގެ ވާހަކައެވެ. އަނެއް އަޑަކީ އެމުންކަރާތްތައް ހުއްޓާލުމަށް ގޮވާލާ ޢިލްމުވެރިން ދެއްވަމުންދާ ނަސޭހަތުގެ އަޑެވެ. އަޑުއެހިމީހަކު އެކަން ޤަބޫލުކޮށް އެކަން ހުއްޓާލައެެވެ. އެކަން ޤަބޫލު ނުކުރެވޭ ނުވަތަ އަޑު ނުއިވޭ ފަރާތްތަކުން ޢީދު ފާޙަގަކުރުމުގެ ނަމުގައި ދީނުގައި ކަނޑައަޅާފައިވާ މިންގަނޑު ފަހަނައަޅައި ދަނީއެވެ. މިކަން މިފަހަރުވެސް ރާއްޖޭގެ ރަށްރަށުގައި ޢީދު ފާޙަގަކުރުމުގެ ނަމުގައި ހިންގި ހަރަކާތްތައް ބަލާލުމުން ފެނިގެންދާނެއެވެ.
ހަމައެކަނި ކަމެއް ހުއްޓާލަން ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކަށް އެކަން ހުއްޓައެއް ނުލެވެއެވެ. އޭގެ ބަދަލުގައި އޭގެ އަނެއް ގޮތް ނުވަތަ އޮލްޓަރނޭޓިވް ވަރޝަންއެއް ދެއްކުމުން ހުއްޓުވަން ބޭނުންވާ ކަންތައް ހުއްޓާލަން ފަސޭހަވެގެން ދެއެވެ.
އެގޮތުން ޖަމިއްޔަތުއް ސަލަފްއިން މިވަނީ މިފަހަރުގެ އަޟްހާ ޢީދު ފާޙަގަކުރުމަށް "ބަނޫން އީދު ފެސްޓިވަލް" ނަމުގައި ބޮޑު އިވެންޓެއް ބާއްވާ ދީނީ ހަމަތަކުގެ މަތިން ޢީދު ފާހަގަ ކުރެވޭނެކަން ސާބިތު ކޮށްދީފައެވެ.
ރާއްޖޭގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އެއް އިވެންޓް
ސެޕްޓެމްބަރ 3 އަދި 4 ވަނަ ދުވަހުގެ ހަވީރު 4 ން 6 އަދި ރޭގަނޑު 8 ން 10 ށް ކުރިއަށްދިޔަ މިއިވެންޓަކީ ރާއްޖޭގައި މިފަދައިން ބޭއްވި އެންމެ ބޮޑު އެއް އިވެންޓެވެ. މިކަން މިއިވެންޓުގައި ބައިވެރިކޮށްފައިވާ ކުޅިވަރުތަކުންވެސް އެނގިގެންދެއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖަމިއްޔަތުއް ސަލަފްގެ މެމްބަރެއް ކަމުގައިވާ ހަސަން އަޒްމާން ވިދާޅުވީ މިފަހަރުގެ ބަނޫން ޢީދު ފެސްޓިވަލުގައި 30 ހަކަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެކަމަށާއި އޭގެ ތެރެއިން ގިނަ ކުޅިވަރުތަކަކީ މިފަދަ އިވެންޓެއްގައި ކުރިން ފެނިފައިނުވާ ފަދަ މުޅިން އައު ކުޅިވަރުތައް ކަމަށެވެ.
ރަސްފަންނާއި މާފަންނު މަދަރުސާގެ އިތުރުން ޒުވާނުންގެ މަރުކަޒު ސަރަހައްދު ހިމެނޭގޮތަށް ކުރިއަށް ދިޔަ މިއިވެންޓުގައި ޖެޓްސްކީ ދުއްވުމާއި ޓްރަމްޕޮލިންގ ފަދަ ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުއްޓެވެ.
ތަރުހީބު ވަރަށް ބޮޑު
މިއިވެންޓު ކުރިއަށް ދިޔައިރު ފެނިގެންދިޔައީ އެތަނަށް ޒިޔާރަތްކުރި ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ތަރުހީބު ވަރަށް ބޮޑަށް މިކުޅިވަރުތަކަށް ލިބިގެން ދިޔަތަނެވެ.

އެގޮތުން ކޮންމެ ކުޅިވަރެއްވެސް ހިނގަމުންދިޔަ ސަރަހައްދުގައި އެކުޅިވަރުގައި ބައިވެރިވުމަށް ދިގު ކިއުތައް ހަދާފައޮތެވެ. އަދި މިއިން ކޮންމެ ކުޅިވަރެއްގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހަދިޔާ ދެމުން ގެންދިއުމުގެ ސަބަބުން ކުޑަކުދިންގެ މޫނުމަތިން އިތުރު އުފާވެރިކަމެއް ފެނިގެން ދިޔައެވެ.
"ވަރަށް ފަން މިތާހުރި ހުރިހާ ކުޅިވަރެއްވެސް. ބައިވަރު އިނާމްވެސް ލިބިއްޖެ" ސުވާލުކޮށް ލުމުން އެތަނުގައި ކިއުގައި ހުރި ކުއްޖަކު ކިޔައިދިނެވެ.

އެތަނަށް ދިޔަ ބެލެނިވެރިންވެސް ތިބީ އިވެންޓް ކުރިއަށްދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހިފައެވެ.
"ވަރަށް ސަޅި މިއިވެންޓް. މިކަހަލަ އިވެންޓް ގިނައިން ބާއްވަންވީ. ދަރިފުޅު ކިޔާވަރުން ދެދުވަހުވެސް މިއައީ މިތަނަށް " ޓްރަމްޕޮލިންއަށް ދަރިފުޅު އަރުވަން ކިއުގައި ހުރި އަހުމަދު ރަޝީދު ކިޔައިދިނެވެ.
ކުރިއަށް އޮތްތަނުގައި ރަށްރަށުގައިވެސް އޮންނާނެ
އަޒްމާން ވިދާޅުވީ މިފަހަރުގެ އިވެންޓުން އެނގިގެން މިދިޔައީ ދީނީ ހަމަތަކުގެ މަތިންވެސް ޢީދު ފާހަގަ ކުރެވޭނެ ކަމަށާއި އަދި އެގޮތަށް ފާހަގަ ކުރުމުންވެސް ގިނަ އަދަދެއްގެ ބަޔަކަށް އެކަން ކަމުދާ ކަމަށެވެ. އަޒްމާން ވިދާޅުވި ގޮތުގައި މިފަދަ އިވެންޓްތައް ކުރިއަށް އޮތްތަނުގައި ރަށްރަށުގައިވެސް ކުރިއަށް ގެންދިޔުމުގެ ވިސްނުން އެބަހުރިކަމަށެވެ.
އަޒްމާން އިތުރަށް ވިދާޅުވީ މިފަދަ އިވެންޓްތައް ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކު ކަމަށާއި އެހެން ކަމުން މިފުރުޞަތުގައި އިވެންޓައް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

















ޚިޔާލު