ކޮލަމިސްޓް

ބޯ މަދުވުމަކީ ގެއްލުމެއް! (ފުރަތަމަ ބައި)

ލ. ގަމުގެ މަގެއް

އަޅުގަނޑު ހޭޖެހޭ އުމުރަށް އެޅި އިރު ރާއްޖޭގެ އާބާދީއާއި ތަރައްޤީ އާ ގުޅޭ އާދަޔާ ޚިލާފު ދެކަމެއް ފާހަގަވިއެވެ. އެއީ ކުރީގެ ރައީސް މައުމޫނު ދައުރެވެ. ކޮންމެ އަހަރަކު އާބާދީ ކޮންޓްރޯލް ކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ރަށަކަށް ކާމިޔާބީގެ ތައްޓާއި ފިލާ ހަވާލުކުރުން އޮވެއެވެ. އަނެއްކޮޅުން ހުރިހާ ތަރައްގީގެ މަޝްރޫއެއްހެން ހަވާލު ކުރަމުން ދިޔައީ އާބާދީ ބޮޑު ރަށްތަކަށެވެ. އާބާދީ ކުދި ރަށްތަކުގެ އެންމެ އަސާސީ ޚިދުމަތްތައް ވެސް ގުރުބާން ކުރުމާ އެކުގައެވެ. އެހެންކަމުން އޭރު އެތަށި ލިބުނު ރަށްރަށަށް ލިބުނު ތަށިތަކަކީ ކާމިޔާބުގެ ތަށިތަކެއްތޯ ނުވަތަ ޒަހަރުގެ ތަށިތަކެއްތޯ ވިސްނާލާފައި ވަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ؟

ރައީސް މައުމޫނުގެ ސަރުކާރުގެ އެސިޔާސަތުން އަޅުގަނޑުމެން ލިބިގަންނަން ޖެހޭ އެއް ފިލާވަޅަކީ އާބާދީ ކޮންޓްރޯލް ކުރުމުގެ ފިކުރާމެދު ސަމާލުވާން ޖެހޭކަމެވެ. މިރާއްޖެ މަޝްހޫރުވެ ބޮޑު ނަމެއް ލިބިފައިވީނަމަވެސް ރާއްޖޭގެ އާބާދީގެ ތަފާސް ހިސާބަކީ ޝައުގުވެރިކަމާއެކު ސުވާލުކުރާ ބޭރު ގައުމުތަކުގެ މީހުން އަންތަރީސްކޮށްލާ ފަދަ ކުޑަކުޑަ އަދަދެކެވެ. ޚަބަރު މީޑިޔާއާއި ސޯޝަލް މީޑިޔާގެ ބައެއް ފޯރަމް ތަކުގައި އިންޑިޔާފަދަ ބައެއް ގައުމުތަކުގެ މީހުން ރާއްޖޭގެ މީހުންގެ އަދަދަށް ޖޯކުޖަހަން ކެރޭވަރަށް ރާއްޖޭގެ އާބާދީ ކުޑައެވެ. މާލޭގެ ތޮއްޖެހިފައިވާ މާޙައުލުގައި އުޅެމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް މިކަން އިޙްސާސް ނުވަނީ ކަމަށްވެދާނެއެވެ. އަނެއް ކޮޅުން ރާއްޖޭގެ އާބާދީ އިތުރުވާ ރޭޓް އުޅެނީ ގައުމެއް ދިރި އޮތުމަށް ބޭނުންވާ އެންމެ ދަށްރޭޓުގެ މިންގަނޑަށްވުރެ ދަށުގައެވެ. ސީއައިއޭ ފެކްޓްބުކްގައިވާ ގޮތުން 2013 ވަނަ އަހަރު މި ރޭޓް އުޅެނީ 1.78 ގައެވެ. އެކި ގައުމުތަކުގައި މި މިންގަނޑު ތަފާތު ނަމަވެސް ދުނިޔޭގެ އެކި ފެންވަރުގެ ގައުމުތަކަށް ބަލާނަމަ މި ރޭޓް އުޅެނީ 2 އާ 3 އާ ދެމެދުގައެވެ. އެހެން ކަމުން ރާއްޖޭގެ މި މިންގަނޑު ކަނޑައެޅުމަށް ދިރާސާއެއް ކުރެވިފައި ނުވުމާއެކު، ރާއްޖޭގައި މި ރޭޓް 3އަށް ވުރެ މަތީގައި ހުރުމަކީ ރައްކާތެރި ގޮތްކަމުގައި ގަބޫލުކުރެވެއެވެ. މާނައަކީ އާބަދީގެ ކޮންމެ އަންހެނަކަށް( އާއިލާއަކަށް) މަދުވެގެން 3 ކުދިން ހޯދަން ޖެހޭކަމެވެ. އާބާދީއާ ބެހޭ ޚާއްސަ ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ އާބާދީ އިތުރުވާ ރޭޓް ދަށްނަމަ ގައުމު ހިތި ވޭނާއި ކެކުޅުމުގައި އަހަރުތައް ގުނުމަށްފަހު ވޭންދެނިވި މަރަކުން މަރުވުމުގެ ނުރައްކާ ވަރަށްވެސް ބޮޑު ކަމުގައެވެ.

އާބާދީގެ މައްސަލައަށް ސީރިއަސްކޮށް ވިސްނައިފިނަމަ އެނގި ސާފުވާނެ އެއްކަމަކީ އާބާދީ ކުޑަވުމަކީ ޤައުމެއްގެ އެންމެ ބޮޑު އެއް ބަލިފަޔަށް ވެދާނެކަމެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަރުމަނުގެ ހިޓްލަރު އަވައްޓެރި ސްވިޓްޒަލެންޑަށް ކުރި ދަތުރެއްގައި އަސްކަރީ ޕެރޭޑެއް ބަލަން އިދެ ސްވިސް އޮފިސަރަކާ ވާހަކަ ދައްކަމުން " ތިބާމެންގެ މިއޮތް ކުޑަ ލަޝްކަރާ ދޮކޮޅަށް މަމެންގެ ބިޔަ ލަޝްކަރު ނުކުމެއްޖެ ނަމަ ހަދަނީ ކިހިނެއް" ތޯ ސުވާލު ކުރުމުން އޮފިސަރު ވަރަށް ހިކުމަތްތެރި ޖަވާބެއް ދިނެވެ. " ސަރއެވެ. އޭރުން އަޅުގަނޑުމެން ތިބާމެން ޖަހާ ކޮންމެ އުންޑަކަށް ދެ އުންޑަ ޖަހާ ހަމަލާ ދޭނަމެވެ." ވަރަށް ހިކުމަތްތެރި ޖަވާބެއް ނޫންތޯއެވެ؟ ނަމަވެސް ވަރަށް ބޮޑު ރިސްކެކެވެ. ބޮޑު ރިސްކަކަށް ވުމުގެ އިތުރަށް ނުވުން ގާތްކަމަކަށްވެސް އެކަން ވަނީ އެކަމަށް ދެޝަރުތެއް އެކު އެކީ ބޭނުންވާތީއެވެ. އަތުގައި ހުރި ހަތިޔާރު، ބިޔަ ބާރުގަދަ ގައުމުގެ ހަތިޔާރަށްވުރެ މޮޅުވުމާއި އެކު އެ ބޭނުން ކުރަން ތިބި ހުރިހާ ސިފައިންނަކީ އެފަދަ އާދަޔާ ޚިލާފު ހުނަރު ހުރި ބަޔަކަށް ވާންޖެހެއެވެ. މިދެޝަރުތު އެކީ ފުރިހަމަވާ މިފަދަ ޤައުމެއް ނުފެންނާނެއޭ ބުނެވެން ނެތަސް މިއީ ވަރަށް ނާދިރު ކަމެކެވެ. ވަރަށް ބޮޑު ނުރައްކަލަކެވެ. އިޒްރޭލް ފަދަ މަސްނުޢީ ގައުމެއް ފަހަރެއްގައި އޮފިސަރު އެބުނި މިސާލަށް ފެތިދާނެއެވެ.

(ނުނިމޭ...)

ގުޅުންހުރި

3 ޚިޔާލު

  1. […]  ފުރަތަމަ ބައި ވިދާޅުވުމަށް […]

  2. […] ފުރަތަމަބައި ވިދާޅުވުމަށް […]

  3. ވަރަށް ބޮޑަށް މާފުކުރައްވާ އަޙުމަދު. ވަރަށް ބުރަކޮށް އުޅެން ޖެހުނީމަ ތިންވަނަ ބައި ފައްކާކުރުން ލަސްވީ.

Your email address will not be published. Required fields are marked *