އާބާދީ ބޮޑުކުރަންޖެހޭ އަނެއްސަބަބަކީ ރާއްޖޭގެ އިޤްތިޞާދީ ފަންވަރުގެ އެންމެ އެކަށޭނެ ބޭނުންހިފުމަށެވެ. މިރާއްޖޭގައި ކުރެވެންއޮތީ ހަމައެކަނި މަސްވެރިކަމާއި ފަތުރުވެރިކަމޭ ބުނާމީހުން ރައްޔިތުންނަށް އޮޅުވާލަނީއެވެ. ރާއްޖެއަކީ ވަޞީލަތްތައް މަދު ، ފަޤީރު ޤައުމެކޭ ބުނާމީހުން އަމުދުން އެހަދަނީ ބުހުތާން ދޮގެވެ. އެހެނީ ފަތުރުވެރިކަމުގެ ޤުދުރަތީ ވަސީލަތްތަކާއި، މަސްވެރިކަމުގެ ޤުދުރަތީ މާހައުލުތަކަކީ މިލިއަން ޑޮލަރުން ހިސާބު ޖަހައިލެވޭ ވަރައްވުރެވެސް އަގުބޮޑެތި ވަސީލަތްތަކެވެ. މީގެއިތުރުން މިޤައުމުގެ ސްޓްރެޓެޖިކް ލޮކޭޝަންވެސް އަގުބޮޑު ވަސީލަތެއްގެ މާނާއިގައި ސިފަކުރެވިދާނެއެވެ. ރާއްޖޭގައި ނުހަނު ތަރުހީބު ލިބޭނެ ޓްރާންސް ޝިޕްމަންޓް ބަނދަރެއް ހެދެން އޮތް ފުރުސަތަކީ ރާއްޖޭގައި އިތުރު މުދާ އުފެއްދުމަށާއި އިތުރު ޚިދުމަތްތަކެއް ގާއިމުކުރުމަށް ހުޅުވިގެންދާނެ ދޮރެކެވެ. މިފަދަ ފުރުސަތުތައް މިޤައުމުގެ ކުރިމަތިން ދަޅައަޅަމުން އަންނައިރު އޭގެ ބޭނުން ހިފޭނީ ކަންކުރާނެ މަސައްކަތްތެރިން ތިބެގެންނެވެ. ބޯގިނަވެގެންނެވެ. މިހާރު ވަޒީފާނުލިބިފައި/ އަދާކުރަން ބޭނުން ނުވެފައި ނުވަތަ ހަލާކުވެފައި ތިބިމީހުން އިސްލާޙްކޮށް ފައްކާކުރި ނަމަވެސް ( މިއީ ވަރަށް ދަތި، ނާދިރުކަމެއް) މިފަދަ މަސައްކަތަކަށް އެންމެ އެކަށޭނެ ވަރަކަށް މީހުން ލިބޭނެކަމަށް ލަފައެއް ނުކުރެވެއެވެ. ހައްލަކީ އާބާދީ އިތުރުކުރުމުގެ ތެރެއިން އައު ޖީލުތަކެއް އުފައްދަން މަސައްކަތްކުރުމެވެ. (މިދަންނަވަނީ މިހާރުގެ ޖީލު ކަނޑަށް ދޫކޮށްލާވާހަކައެއް ނޫނެވެ.)
މި މައުޟޫއުގައި އައި އެމް އެފް ފަދަ ޖަމްއިޔާތަކާއި ބައެއް ދޭސީ ޖަމްޢިއްޔާތަކުން ފަތުރާ އެއްބިރަކީ އާބަދީ އިތުރުކުރުމުން ތިމާވެށިހަލާކުވާނެ ކަމުގައި ބުނާ ވަހަކައެވެ. ނަމަވެސް ހަޤީގަތަކީ މިދުނިޔެމަތީގައި އިންސާނުންނަށް އެކަށޭނެ މިންވަރަކަށް ވަޞީލަތްތައް ލައްވާފައިވާކަމެވެ. އެމީހުން ބަޔާންނުކުރާ، އެހެނަސް ހަޤީގަތަކީ ތިމާވެށިގެ މައްސަލަތަކާއި ބަނޑުހައިހޫނުކަމުގެ ކާރިސާތަކުގެ ހަޤީޤީ ސަބަބަކީ އިސްރާފްކުރުމެވެ. މުދަލުގައިވާ ފަގީރުންގެ ހައްގުތައް އަދާނުކުރުމެވެ. ހަފިންޓަން ޕޯސްޓްގައި 2012 ވަނަ އަހަރު ޝާއިއު ކޮށްފައިވާ އެރިކް ހިމެނެޒްގެ ލިޔުއްވުމެއްގައި ވާގޮތުން ދުނިޔޭގެ އާބާދީއަކީ 7 ބިލިއަން ނަމަވެސް 10 ބިލިއަނަށް ފުދޭވަރަށް ކާބޯތަކެތި އުފައްދައެވެ. ބޭނުންވާ މިންވަރަށްވުރެ 1.5 ގުނަ އިތުރަށް ކާބޯތަކެތި އުފައްދާފައިވެއެވެ. މިއާއެކުވެސް ބަނޑުހައިހޫނުކަމުގައި އެތައް މިލިއަން ބަޔަކު މަރުވަމުން ދަނީ އިސްރާފުގެ ސަބަބުންކަން އެބަ ހާމަވެއެވެ.
އެހެން ނަމަވެސް، އެއްވެސް ހާލެއްގައި މިދަންނަވަނީ ރޭވުންތެރިކަމެއް ނެތި ކުއްލިއަކަށް ޤައުމު ތޮއްޖެހޭވަރަށް މީހުން އިތުރުކުރާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެއަށް ތޮއްޖެހިފައި ވުމާއި، ބިންބޮޑު، ފަސްގަނޑު ރަނގަޅު، ކަނޑުފަރު މުއްސަދި ރަށްތަކުގެ ބަދަލުގައި ކުދި، ވަސީލަތުގެ ގޮތުން ދެރަ ރަށްތަކުގައި މީހުން އާބާދުވެފައިވުމާއި މިފަދަ އިތުރު ނުކުތާތައް ހިމަނައިގެން ދިރާސާއެއް ކޮށްގެން މެނުވީ ރާއްޖެއަށް އެންމެ ހެޔޮވަރު އާބާދީ ކަނޑައެޅިގެން މިވެނި ވަރެކޭ ބުނުން ރަނގަޅެއް ނޫނެވެ. މިފަދަ ދިރާސާއެއް ރާއްޖޭގެ އަދި ބޭރުގެ މުއައްސަސާއަކުންވެސް ކޮށްފައިވާކަމަށް ފާހަގައެއް ނުކުރެވެއެވެ. އާބާދީ މަދުވުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން އާބާދީ ބޮޑު ކުރުމަށް މަސައްކަތް ކުރަންޖެހޭނީ މިފަދަ ދިރާސާއަކަށް ފަހު ކަމުގައި ގަބޫލު ކުރެވެއެވެ. އަދި މިކަމުގައި ދުރާލައި ރާވާއިގެން، ރައްޔިތުން ހޭލުންތެރިކޮށް، އަދުލުވެރި ވެރިންބިނާކުރަން މަސައްކަތްކޮށްގެން މެނުވީ މިކަމުންވެސް މަންފާއެއް ނެތެވެ. ކޮންމެ ކަމެއްގައިހެން ،ނުކިއްސަރުކޮށް ގޮސްފިނަމަ ބޭނުންތެރި، ކަރާކޮށާ ވަޅި ކުއްވެރިއެއްގެ އަތަށް ދިނުމުން ކަރުކޮށާ ވަޅިއަކަށްވާ ފަދައިންމިކަމުގައިވެސް ކަންވެދާނެކަމީ އެއްވެސް ވަސްވާހެއް އޮތްކަމެއް ނޫނެވެ.
ލިޔުނީ : ސިނާން ޢަބުދުލް ޤައްޔޫމް
















ޚިޔާލު