ކަން މިހެން އޮތް ނަމަވެސް ފެންނަ ހިތާމަވެރި މަންޒަރަކީ މިރާއްޖޭގައި ކުދި އާއިލާތައް ޚިޔާރު ކުރުމުގެ ޘަޤާފަތެއް އަމާންވަމުން ދާތަނެވެ. މިޘަޤާފަރުގެ ހިތި ރަހަ ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ ގިނަ ޤައުމުތަކަށް ކޮށްފައިވީ ނަމަވެސް އަޅުގަނޑުމެންގެ ކަންފަތްތަކުގައި، ލޯތަކުގައި އެއަޑާއި މަންޒަރު އަދި އެންމެ ރަނގަޅަށް ޖެހިފައި ނުވާކަމަށް މިގައުމުން އިވޭ އަޑާއި ފެންނަ މަންޒަރު ހެކި ދެއެވެ. ޔޫރަޕް އިގްތިސާދުތައް އެވަނީ ހުއްޓުމަކަށް އަރާފައެވެ. ދުނިޔެއަށް އުފަންނުވާ(ނުވި، ނުކުރި) ޒުވާނުން މަސައްކަތްކޮށްގެން ލާރި ހޯދައި، ޓެކްސްތައް ދައްކައި، އެ ލާރިން އެތައް ގިނަ މުސްކުޅިންނަށް ޚަރަދު ކުރަން ޖެހުމުން ދަޢުލަތުގެ ޚަރަދުގެ ތިލަފަތް ނަހަމަވެފައިވަނީ ވަރަށްވެސް ބޮޑަށެވެ. އެއްކަލަ ނެތް ޒުވާނުން ނެތުމުގެ ސަބަބުން މަސައްކަތްތެރިންގެ އާބާދީ ކުޑަވެ ކުރަންވެފައި ހުރި މަސައްކަތް ހުއްޓުމަކަށް އައުމުން ލިބެމުންދާ ގެއްލުން އަދި މާބޮޑެވެ. ތިބާ ނޮހޯދާ ދަރިއެއެއް ތިބާ މުސްކުޅި ވާ ދުވަހު ބަލަންހުންނާނެތޯއެވެ؟ ތިބާ މަރުވުމަށްފަހު ތިބާގެ ޤައުމު އާބާދުކޮށް ތަރައްޤީކުރަން ތިބާ ނުހޯދާ ދަރިއެއް ހުންނާނެ ގޮތަކީ ފަހެ ކޮބައިތޯއެވެ؟ ޖަޕާނުގެ މުސްކުޅިންގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާނެ ބަޔަކު ނެތިގެން އިންޑޮނޭޝިއާއިން މީހުން ގެންނަން ފަށާފައިވެއެވެ. ބައެއް ސްކޫލުތަކުގައި ބައެއް ގްރޭޑްތަކުގައި އެންމެ ކުއްޖެކެވެ. ޗައިނާގެ "އެންމެ ދަރިއެއް" ސިޔާސަތުގެ ސަބަބުން ފިރިހެނުން އަންހެނުންނަށްވުރެ އިތުރުވެ "މޭޑް ނޮޓް އިން ޗައިނާ" އެންހެނުންނާ ކައިވެނި ކުރަން ބައެއް މީހުންނަށް މަޖުބޫރުވެފައިވެއެވެ. އަޅުގަނޑުމެންގެ ބައެއް ސިޔާސީވެރިން އަބަދު މިސާލު ޖަހާ ސިންގަޕޫރުން މިކަމުގައިވެސް ގޯސްހެދުނުކަން ދެނެގަނެ އިސްލާހުވެފައިވާތަން އެބަފެނެއެވެ. އާބާދީ މަދުކުރަން ކުރިން އިނާޔަތްދިން ސަރުކާރުން (ހަމަ އެޕާޓީން) މިއަދު އަލަށްވިހާ ކޮންމެ ކުއްޖަކަށް އެތަން އިނާޔަތެއް އެބަދެއެވެ.
ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ ގައުމުތައް ކަމަށްވާ ތުރުކީ، ބްރެޒިލް، ބަންގްލަދޭޝް، އިންޑިޔާ، ނައިޖީރިއާ ފަދަ ޤައުމުތަކުގެ ކާމިޔާބީގެ އެއް ސިއްރަކީ އާބާދީ އިތުރުވާ ރޭޓް ރަނގަޅުވުމުގެ ސަބަބުން ތާޒާ ލޭހުރި މަސައްކަތް ތެރިންގެ އާބާދީއެއް އޮތުމެވެ. ވަކި ބައެއްގެ މަސްލަހަތު ހިމާޔަތްކުރާ އައިއެމްއެފް ފަދަ ޖަމާއަތްތަކުން ލޯނު ދިނުމުގައި އާބާދީ ކޮންޓްރޯލް ކުރަން ޝަރުތުކޮށް ކިތަންމެ މަޅިއެއް ޖެހިޔަސް އެމަޅިތައް ފަނުފުލުން ދިޔުމުގެ އުފާވެރިކަން މިއަދު އެގައުމުތަކުން އެދަނީ އިހުސާސްކުރަމުންނެވެ. ބޮޑު އާބާދީއަކާ ގުޅުން ހުރި އެހެން ޝައުޤުވެރި ވާހަކައަކީ ތުރުކީ ރައްޔިތުންނަށް އެހެން ގައުމުތަކަށްގޮސް އުޅުމުގައި ހުރި ދަތިތަކުގެ ސަބަބުން އެޤައުމަށް އާދަޔާ ޚިލާފު ޢުމުރާނީ އަދި މާލީ ތަރައްޤީއެއް އައުމެވެ. ޤައުމު ބަންދުގައި ޖެހުނު އެތައް މަސައްކަތްތެރިންނެއްގެ ބޭނުންކޮށްގެން އެތަކެއް ހައިވޭއަކާއި، ބިމުއާޑީ ރޭލުގެ ނިޒާމުތަކާއި، ޓަނަލްތަކާއި، ގެދޮރާއި، ވިޔަފާރި މަރުކަޒު ޤާއިމު ކުރެވުނެވެ. 90 ގެ އަހަރުތަކުގެ ފަހުކޮޅު އިންފްރާ ސްޓްރަކްޗަރ ( މަގު، ރޭލު، ވިޔަފާރި މަރުކަޒުފަދަ ވަޞީލަތް) ނެތުމުގެ ސަބަބުން ޓުއަރިޒަމް ކާރިސާއެއް ކުރިމަތިވި ޤައުމުގައި މިއަދު އެތައް މިލިއަން ޓުއަރިސްޓަކަށް އަހަރަކު ޚިދުމަތް ދެވެއެވެ. އެޤައުމުގެ މާލީ ފުދުންތެރިކަމުގެ ސަބަބަކީވެސް އެއީއެވެ. އެގައުމަށްވެސް އާބާދީ މަދުވުމުގެ ނުރައްކާ ކޮންމެވެސް ވަރަކަށް އޮތުމުން ބޮޑުވަޒީރު އެރްދޮއާން ވަނީ ކޮންމެ އާއިލާއަކުން މަދުވެގެން 3 ދަރިން ހޯދުމަށް ގޮވާލައްވާފައެވެ.
ދިވެހި ރާއްޖޭގެ ސިޔާސީވެރިން މިވާހަކަ ދެއްކުމުގައި ފަހަތު ފަޔަށް ކިތައްމެ ބަރުވީނަމަވެސް ، ހަޤީގަތަކީ މިރާއްޖެއަށް ތަރައްޤީ ގެނައުމަށް އާބާދީ އިތުރުކުރުން މުހިއްމު ކަމެވެ. އިޤްތިޞާދި މައްސަލަތަކުގައި މީޑިއާގައި އެއްމެ ގަދަ އެއްއަޑަކީ ރާއްޖޭގައި އިންވެސްޓްކުރަން ބޭރުގެ އިންވެސްޓަރުން އެހާ ގަޔާނުވާ ވާހަކައެވެ. މައިގަޑު އެއްސަބަބަކީ އާބާދީ ކުޑަވުމެވެ. ބޮޑުހޭދައެއް ކުރަންޖެހޭ ބޮޑު އިންވެސްޓްމަންޓަކަށް ޚަރަދުކުރާ ފައިސާ އަނބުރާ އަތަށް އެރުން ލަސްވާ އެއްސަބަބަކީ ޚަރަދުކުރާ އާބަދީ (މާކެޓް) ކުޑަވުމެވެ. މާކެޓް ކުޑަވުމަކީ ކުރާ ބޮޑު ޚަރަދަށްފަހު ވިޔަފާރީގެ ރިސްކް ބޮޑުވާނެ ސަބަބެކެވެ.
(ނުނިމޭ…)
















ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ފައްކާ ލިޔުމެއް.
މިލިޔުމުގެ ދެން އޮތް ބައި ވަރަށް ކިޔާލާ ހިތްވޭ އެބަ. އަވަހަށް އަޕްލޯޑް ކުރުން އެދެން.
[…] ދެވަނަބައި ވިދާޅުވުމަށް […]