އެހީ!

އަޙްޒަމުގެ ފަޔަށް ބޭސްފަރުވާކުރުމުގައި އެހީތެރިކަމަށް ބޭނުންވެފައި

ނޯޓް: މިއީ އަލިފުށިއޮންލައިން އިން ނަގާގައިވާ ލިޔުމެއް.

ރ.އަލިފުށީ ކަރަންކާގޭ ޙުސައިން އަޙްޒަމަކީ 2004 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތިންވަނަ ދުވަހު އުފަންވި ކުއްޖެކެވެ. އެހެންނަމަވެސް އާންމު އެހެންކުދިންނާއި ވަރަށް ތަފާތެވެ. އަޙްޒަމަކީ އުފަންވި އިރުވެސް ނުކުޅެދުންތެރިކަން ތަހައްމަލުކުރަންޖެހިފައިވާ ކުއްޖެކެވެ. މުޖުތަމައުގެ އެހެން ދަރީންނަށް އަޅާލުން ބޭނުންވާ ވަރަށްވުރެ ހާއްސަ އަޅާލުން ބޭނުންވާ ކުއްޖެކެވެ. އެހެނީ އެއްތަނުން އަނެއްތަނަށްވެސް އެހެންމީހެއްގެ އެހީއާއި ނުލައި ދިއުމަކީ އަޙްޒަމަށް ފަސޭހަކަމަކަށް ނުވާތީއެވެ. އަޙްޒަމުގެ ކަނާތު ފައިގެން އުނިކަމެއް ހުރިކަން އާއިލާއަށް ފާހަގަކުރެވުނު ހިސާބުން ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުގެ ޖަވާބަކަށްވީ ބޮޑު ފަރުވާއެއް ކޮށްގެން މެނުވީ އޭނާއަށް ނުހިނގޭނެކަމެވެ.

މާލެއައިސް ތަފާތު ޑޮކްޓަރުންނަށް ދެއްކުމުން ހުރިހާ ޑޮކްޓަރުންވެސް އިއްތިފާގުވީ ވީހާވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގޮސް އަޙްޒަމްގެ އުނިކަން ލިބިފައިވާ ކަނާތުފަޔަށް ފަރުވާ ކުރުމަށެވެ. 2005 ވަނަ އަހަރުގެ މޭ މަހުގެ ތެރޭ ފުރަތަމަ ފަހަރަށް އަޙްޒަމް ގޮވައިގެން ޢާއިލާއިން އިންޑިއާއަށް ދިޔައީ ނުހަނު ބޮޑު އުންމީދަކާއެކުއެވެ. އަދި އަޙްޒަމްގެ ފައި އޮޕަރެޝަން ކުރުމަށްފަހު 2 މަސް ފަހުން އަލުން ދައްކަންއައުމަށް ބުނުމުން އެނބުރި ރާއްޖެ އައިސް އަނެއްކާވެސް ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ ދެވަނަ ފަހަރަށް އިންޑިއާއަށް ގޮސް ފަރުވާ ހޯދިއެވެ. ނަމަވެސް މިފަހަރުވެސް އެތައް ފަރުވާއެއް ކުރުމަށްފަހު އަނެއްކާވެސް ހަމަސް ފަހުން އައުމަށް ބުނުމުން އެނބުރިއައީއެވެ. އާއިލާއަށް ކުރަންޖެހުނު ޚަރަދުތަކަކީ އެ އާއިލާގެ ކެރިފޯރުންތެރިކަން ހުރިމިންވަރުން އެހާ ފަސޭހަކަމަކަށްނުވިއެވެ.

އަޙްޒަމްއަށް ހިނގޭނެކަމުގެ އުއްމީދެއް ޑޮކްޓަރުން ދީފައިވާތީ އެ ހިސާބަށް ވާސިލްވެވޭތޯ ގިނަ ހުރަސްތަކާއެކު ތިންވަނަ ފަހަރަށް ޢާއިލާއިން އިންޑިއާއަށް ދިއުމަށް މަސައްކަތް ފެށިއެވެ. އެހެންނަމަވެސް އެ ފަހަރު ހުއްޓުންއެރީ އައި.ޖީ.އެމް ހޮސްޕިޓަލާއި ހިސާބުންނެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން ޑޮކްޓަރު ސެޓްފިކެޓެއް ލިބޭ ގޮތެއް ނުވުމުންނެވެ. ސަބަބަކަށްވީ އެ ހޮސްޕިޓަލުން ބޭނުންވީ އެތަނުގައި އޮޕަރޭޝަނެއް ކުރުމަށެވެ. ދެވަނަ އޮޕަރޭޝަނެއް ކުރުމުން އެ ތުއްތު ދަރިފުޅަށް ހިނގުމުގެ ނަޞީބު ލިބޭނޭކަމުގެ އުންމީދެއް ޑޮކްޓަރުންދީފައިވާތީ އެގޮތާއި އާއިލާއިންވެސް އެއްބަސްވިއެވެ.

ރިހޭ ފައިމަށްޗަށް ފޮއެ ވެއްޓުނީ އެ ހިސާބުންނެވެ. ފައިގައި އަޅާފައި އޮތް ޕްލާސްޓަރު ކެފުމުގެ ތެރޭގައި ކުއްޖާގެ ފައިގެ ދެފަރާތުން އެއްކޮށް ކަފައިގެންގޮސް ވަރަށް ބޮޑަށް ކުއްޖާ ޒަޚަމްވިއެވެ. މީގެ ސަބަބުން ކުއްޖާގެ ފަޔަށް ކުރަންޖެހުނު ފަރުވާ ބޮޑުވެ ޚަރަދުވެސް އިތުރު ވެގެން ދިޔައެވެ. އަނެއްކާވެސް ޖެހުނީ އާ ފެށުމަކުން ފަށާށެވެ. ވުމާއެކު ނުކުޅެދުންތެރިކަން ލިބިފައިވާ ދަރިއެއްގެ މައިންބަފައިންނަށް ދެން ކުރާނެ އަސަރު ލިޔުމަކުން ގެނެސްދިނުމަކީ އެހާ ފަސޭހަކަމެއްނޫނެވެ.

މިއަދު އަޙްޒަމްގެ އުމުރުން 8 އަހަރު ފުރިފައި ވާއިރު އަދިވެސް ޢާއިލާއިން ތިބީ އެހެންކުދިންނެކޭ އެއްފަދައިން ހިނގާބިނގާވެ އުޅެވޭނެ ދުވަހެއްގެ ފޮނި އިންތިޒާރުގައެވެ. ސްކޫލަށް ގޮސް އެހެންކުދިންނެކޭ އެއްފަދައިން ކުޅިވަރުކުޅެ، އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވޭނެ ފަދަ ދުވަހަކަށެވެ.

2006 ވަނަ އަހަރު އައި.ޖީ.އެމް ހޮސްޕިޓަލުން ދިމާވި ޙާދިސާއަށްފަހު ކުރެވުނު މަސައްކަތުން އަނެއްކާވެސް ލިބުނު އުއްމީދަކީ ރާއްޖޭން ބޭރަށް ގޮސް ހާއްސަ ޕްލާސްޓިކް ސާޖަރީއެއް ހެދިއްޖެނަމަ އަޙްޒަމްގެ ނުކުޅެދުންތެރިކަމަށް ހައްލެއް ލިބިދާނެކަމުގެ އުއްމީދެވެ. އެހެނަސް އެހެން މީހުންގެ އެހީތެރިކަމާނުލައި ކުރެވޭ ވަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެކަމަކަށްވާތީ މިއަދު އަޒުހަމުގެ އާއިލާއިން ކުރަމުންދާ ހަމައެކަނި މަސައްކަތަކީ އެކަމަށް ބޭނުންވާ ފައިސާ ހޯދުމެވެ. އާއިލާއިން މަޢުލޫމާތުދިން ގޮތުގައި އެ އޮޕަރޭޝަނަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. އެގޮތުން މިކަމަށް އަޒުހަމްގެ އާއިލާއިން ފޭސްބުކް ޕޭޖެއް ވެސް ހަދާފައިވެއެވެ.

މިއަދާއި ހަމައަށްވެސް ދަރިފުޅު އޮޕަރޭޝަންކުރަން ނުދެވި ތިބެން ޖެހުނީ މާލީ ގޮތުން އެފަދަ ބޮޑު ހޭދައެއް މިވަގުތު ކުރެވޭނޭ ފެންވަރު ޢާއިލާގައި ނެތުމުންނެވެ. ފާއިތުވީ 7 އަހަރެއްހާދުވަހު ކުރެވުނު މަސައްކަތުން އަދި އަލިމަގެއް ނުފެނުންކަމަށްވިޔަސް އަދިވެސް އާއިލާއިން ތިބީ އެ ދަރިފުޅަށް ފަރުވާކުރެވޭނޭ މަގެއް ދެއްކެވުމަށް އެދި ﷲ އަށް ދުޢާ ކުރުމުގައެވެ. އެގޮތުން ކުރުމަށް ގަސްދުކޮށްފައިވާ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ހޯދުމުގައި އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމެއްގެ އިންތިޒާރުގައެވެ.

ޙުސައިން އަޙްޒަމަކީވެސް މި މުޖުތަމައުގެ ދަރިއެކެވެ. އަޅުގަނޑުމެންގެ ދަރީން ފަދައިން ފޮނި ހުވަފެން ދެކޭނެ ކުއްޖެކެވެ. އެހީގެ އަތެއް ފޯރުކޮށްދެއްވާ އަޙްޒަމްގެ ފަޔަށް ފަރުވާކުރެވޭނެ މަގެއް ތަނަވެސް ކޮށްދިނުމަށް ހަމަ ތިޔައިން ކޮންމެ ފަރާތެއްގެ ދީލަތި އެހީ މިއަދު އެ ޢާއިލާއަށް ވަނީ ބޭނުންވެފައެވެ. އެހެންކަމުން އަޙްޒަމްގެ ނުކުޅެދުންތެރިކަމަށް އަލިމަގެއް ހޯދުމަށް ފަރުވާ ކުރުމުގައި އެހީތެރިވެ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތުވެސް އެބައޮތެވެ. ތިރީގައި އެވަނީ އަޙްޒަމްގެ މަންމަ ސުދުނާ ޢަބްދުﷲގެ ފޯން ނަންބަރާއި ސުދުނާ ޢަބްދުﷲގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ނަންބަރެވެ.
އަޙްޒަމްގެ އިތުރު ފޮޓޯ

ފޯން ނަމްބަރު: 7525446، 7747678

އެކަންއުންޓް ނަންބަރ: 7717333730101

ގުޅުންހުރި

2 ޚިޔާލު

  1. ސުބުހާނަﷲ. ހޮސްޕިޓަލުގެ އިހުމާލުން ކުއްޖެއްގެ ޙަޔާތްބަރުބާދު ކޮށްލުމުން އެޅުނު ފިޔަވަޅަކީ ކޮބާ؟ އެކުއްޖާ އަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްނުދީ އޭރު ވެރިކަމުގަ ހުރި މައުމޫނު މަޚްލޫފު މެންނަށް ތީމުގޭ ބަޖެޓުން ޚަރަދު ކޮށްގެން ސިންގަޕޫރުގެ މައުންޓް އެލިޒަބަތުން ފަރުވާ ކުރި އިރު މި ނިކަމެތި ކުއްޖަގެ ޙައްޤު ކޮބާ؟

  2. ޤައުމަށްޓަކާ ދީނާށްޓަކާ ވަތޮނަށްޓަކާ ރައްޔިތުންގެ އަޑުއަހާނެކަމަށް ވައުދުވާ ބޭބޭފުޅުންގެ ކަންފަތްޕުޅަށް މިއަޑުވެސް އިވެންވާނެއެވެ. އޮޕަރޭޝަނަށް އެހީ ފޯރުކޮއްދެއްވާ ބޭފުޅަކަށް ﷲ އިރާދަ ކުރެއްވިއްޔާ އިތުރު 500 ވޯޓު ކަށަވަރުވީއެވެ. އިޚްލާސްތެރިކަމެއް ހުރިއްޔާ އެނގިދާނެތާއެވެ!

Your email address will not be published. Required fields are marked *

More in އެހީ!