ވާހަކަ

ފާޠުމަގެ ރެނދުލީ ފުފޭ

ދުވަހަކީ މޫސުން ރީތި ދުވަހަކަށްވުމުން ހަވީރު ޖެހެމުން އައި މަޑުމަޑު ރޯޅިއާއެކު ހިތަށްވެރިވަމުން ދަނީ ވަރަށް އުފާވެރި އިޙުސާސްތަކެކެވެ. ރަށުގެ ބައު މިސްކިތަށް ދާން އޮންނަ މަގާ ދިމާލަށް ފާޠުމަ ބަލަހައްޓައިގެން ހުރީ ވަރަށް އުފާވެރި ނަލަ ހިނިތުންވުމަކާއެކުގައެވެ. ހުންނަ ހުރުމުން ލޯބިވެރިޔަކަށް އިންތިޒާރު ކުރާ ކަހަލަ އެވެ.

އާދައިގެމަތިން ފާޠުމަ މިހާރު ތައްޔާރުވަމުން އެދަނީ ކޮންމެ ދުވަހެއްގެވެސް އިރުއޮއްސުމުމުގެ ކުރިން ގެއަށްގެންނަށްޖެހޭ 4 ފުފޭގެ ފެންގެނައުމަށެވެ. ފާޠުމަ ފެންގެންނަނީ ދަނޑިގަނޑެއްގެ ދެކޮޅުގައި ދެ ފުފޭ ވާގަނޑަކުން އައްސައި، އެއަށް ފެންއެޅުމަށްފަހު ދަނޑިގަނޑުގައި ކޮނޑު އަޅައިގެންނެވެ. ދެފުފޭގެ ތެރެއިން އެއްފުފޭހުންނަނީ ފުލުން ކުޑަ ތަންކޮޅެއްރެނދުލައި ތަޅައިގެންގޮސްފައެވެ. ކިތައްމެ ދުވަހެއްވެފައި ހުރި ފުފޭތަކެއްކަމުގައިވިޔަސް އަނެއްފުފޭގެ ހާލަތު ވަރަށް ރަނގަޅެވެ.

ފެން ގެންނަ ކޮންމެފަހަރަކު ރެނދުލާފައިހުންނަ ފުފޭން ފޭންފޭބުމުގެ ސަބަބުން ގެއާހަމައަށް އަންނައިރު އޭގައި ހުންނަނީ ދެބައިކުޅައެއްބައިފެނެވެ. އަނެއްބައި އޮހެގެންދަނީ މަގުމައްޗަށެވެ.

ނުތެޅެހުރި ފުފޭ އޭގެ ސާހިބާއަށްޓަކައި ކޮށްދެވޭ މަސައްކަތާމެދުވަނީ ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ. ނަމަވެސް ރެނދުލީ ފުފޭ އޭގެ މަސައްތަކަތާމެދު ވަނީވަރަށްބޮޑަށް މާޔޫސްވެފައެވެ. އަދި ކިއެއްތަ އެފުފޭ އަމިއްލަ ނަފުސަށް ނަފުރަތުވެސް ކުރަންފަށައިފިއެވެ. އެއީ އޭގެން ލިބިގަތުމަށް ސާހިބުމީހާ އުއްމީދުކުރަމުން ދިޔަ ޚިދުމަތް ފުރިހަމަ ގޮތުގައި ނުދެވޭތީއެވެ.

މިހެން ދެއަހަރު ވޭތުވެދިއުމަށްފަހު އެއްދުވަހަކު ތެޅެފައިހުރި ފުފޭ ވަރަށް ދެރަވެލާފައި އަސަރާއެކު ފާޠުމައަށް ބުންޏެވެ. "އެހާ ދުރުން އެހާބުރަކޮށް އަހަންނަށް ފެންއަޅައިގެން ގެއަށްއަންނައިރު ދެބައިކުޅައެއްބައި ދަނީ މަގަށްއެޅިގެންނެވެ. އަހަރެންގެ މިޢުޒުރުވެރިކަމަށްޓަކައި އަހަރެން ލަދުވެތިވަމެވެ."

ހީނލާފައި ފާޠުމަ އެ ފުފޭއަށް ޖަވާބުދިނެވެ. " ކޮނޑުގައި ދަނޑިބުރި އަޅުވާލައިގެ އަންނައިރު ކަލޭ އައްސާފައިވާ ފަރާތުން ފައިބާފެނުން ފަޅާފައިވާ ރީތި މާގަސްތަށް ދުށިންހެއްޔެވެ. އަނެއްފަރާތުގައި އެފަދަ އެއްވެސް ގަހެއްހެދިފައެއްނެތެވެ."

"ކަލޭގެފުލުގައިވާ ރެނދުން ފެންފައިބާކަން އަހަނަށްނަށް އެނގެއެވެ. މިސްކިތު ވަޅުކައިރިން ގެއާހަމަޔަށް މަގުގެ އެފަރާތުގައި މާމެލާމެލީގެ އޮށްތައް އަހަރެން އިންދީ އެހެންވެގެންނެވެ. ކޮންމެދުވަހަކު އަހަރެން ފެންހިފައިގެން އަންނައިރު ކަލޭގެ ރެނދުން ފައިބަ ފެންތަކުން އެގަސްތަކަށް ފެންލިބެއެވެ. ވޭތުވެ މިދިޔަ ދެއަހަރު ތެރޭގައި އެތައްފަހަރަކު އެތަނުން މާބިނދެގެން އަހަރެންގެ ކޮޓަރި އާއި ގޭތެރެ ޒީނަތްތެރިކޮށްފީމެވެ. ކަލޭ އަހަރެންގެ އަތުގައި ނުވާނަމަ ބަގީޗާއެއްފަދަ މިރީތި ގަސްތައް އަހަންނަކަށް ނުލިބޭނެއެވެ. އަދި މިފަދަ ހިތްގައިމު މަންޒަރެއް ނުވެސްފެންނާނެއެވެ. މިހިތްގައިމު މަންޒަރު އަހަންނަށް މިފެންނަނީ ހަމަ ކަލޭގެ ސަބަބުންނެވެ."

ކުޑަދޮރު ކައިރީގައި ހުއްޓެލައިގެންހުރެ ކޮންމެ ދުވަހަކު ފާޠުމަ ބަލަމުން އެދަނީ އެފުފޭގެ ސަބަބުން ފާޠުމައަށް ލިބުނު ބަގިޗާއާ ދިމާލަށެވެ. ތެޅެފައިވާ ފުފޭން ފާޠުމައަށް ލިއްބައިދޭ އުފަލަކީ ވަރަށްބޮޑު އުފަލެކެވެ. ފާޠުމަގެ ނަޒަރުގައި ދެފުފޭވެސް ފާޠުމައަށްހަމަ އެއްފަދައެވެ.

އަހަރެމެންގެ ތެރެއިން އެމީހެއްގައި އުނިކަމެއްނުވާ މީހަކީ ކޮބައިތޯއެވެ؟ ނަމަވެސް މިފަދަ އުނިކަންތަކާއި، ޢުޒުރުތަކާއި، މިޒާޖުގައިވާ ރެނދުތަކުގެ ސަބަބުން މީހުން ނަފުރަތުކޮށް ދެމީހުންގެ ގުޅުމުގައި ރެނދުލައެވެ. ޚާއްޞަކޮށް ދެމަފިރިންނެވެ. މިވާހަކާގައި ވާފަދައިން ކޮންމެ މީހެއްގައިވާ އުނިކަންތައްތަކާއެކު އެމީހަކު ބަލައިގަތުމަކީ އަހަރެމެން ކޮންމެހެންވެސް ކުރަންޖެހެނޭކަމެކެވެ. ކޮންމެ މީހެއްގެގައިގާވެސް ރަނގަޅު ކަންތައްތަކެއްވާނެއެވެ. އެކަމެއް ކުރިޔަށްނެރެ ތަރައްޤީކުރަމުންގޮސް އެމީހެއްގައިވާ އުނިކަންތައްތައް ފޮރުވޭވަރު ކުރަންވާނެއެވެ. ކޮންމެ މީހަކީ ހުރިހާ ކަމެއްކުރެވޭނޭމީހެއްވެސް ނޫނެވެ. ބައެއްކަންކަމަށް ފަސްޖެހި ޢުޒުރުވެރިވާނެއެވެ. އެފަދަމީހުންނަކީވެސް މުޖުތަމަޢުގެ އެއްބައެވެ.

އަހަރެމެންގެ ކޮންމެމީހެއްގައިވެސް ޢައިބު ( އުނިކަމެއް ) ވާކަން ކަށަވަރެވެ. އެހެންވުމުން ވަކިމީހަކަށް އިނިގިލި ދިއްކުރުމުގެ ބަދަލުގައި އެމީހެއްގައިވާ އުނިކަންތަކާއި ރަނގަޅު ކަންތައްތަކާއެކު އެއްކޮށްލައިގެން ދިރިއުޅުންތައް އުފާވެރިކޮށްލަމާތޯއެވެ. ކޮންމެމީހެއްގެވެސް ޙަޔާތުގެ ބައިވެރިޔާ ބަލައިގަންނަންވީ އެމީހެއްގެ ޢައިބުތައް ފޮރުވާލާހާވެސް ލޯބިންނެވެ. އަދިއެކުވެރިންވެސް ބަލައިގަންނަންވީ އެމީހުންގެ އެޢައިބުތައް ފަރުދާކޮށް އެކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައެވެ.

އެމީހުންގެ އެވާ އުނިކަންތައްތަކާއެކުވެސް މުޖުތަމަޢަށް ފައިދާކުރާނެ އެތައްކަމެއް އެމީހުންގެ ފުށުން ލިބިގަނެވިދާނެއެވެ. ރެނދުލާފައިވާ ފުފޭގެ ބޭނުން ފާޠުމަ ހިފި ފަދައިން އަހަރެމެންނަށްވެސް އެކަން ކުރެވިދާނެއެވެ.

ކުޑަރަދީފު:
********
- ފުފޭ : ކެއްކުމާއި، ހަނޑޫ ދޮވުންފަދަ ކަންތަކަށް ބޭނުންކުރާ ކަންވާރެއް. މި ހަދާފައި ހުންނަނީ މުށީންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ސަޅި!!!!!!!

Your email address will not be published. Required fields are marked *

More in ވާހަކަ