ވާހަކަ

ޢައިބެއްނުވާ ތަޞްވީރު

ބުނެވޭ ގޮތުގައި ރަސްކަލަކީ އިންސާފަށް ލޯބި ކުރައްވާ ޢާންމު ރައްޔިތުންގެ އިޙުސާސްތަކަށް ޤަދަރުކުރައްވާ ރަސްކަލެކެވެ. ނަމަވެސް އެމަނިކުފާނަކީ ކޮރު އަދި އެއްލޯ ކަނު ބޭފުޅެކެވެ.

އެއްދުވަހަކު އެސަހަރުގެ މޮޅު ކުރެހުންތެރިން އެއްކުރެއްވީ އެމަނިކުފާނުގެ ފޮޓޯ އެއްކުރެއްސެވު މަށެވެ.
އަދި އެމަނިކުފާނުގެ އެއްވެސް ޢައިބެއް ނުފެންނާނެހެން ކުރެހުމަށް ކުރެހުންތެރިނަށް އެމަނިކުފާނު ޝަރުޠު ކުރެއްވިއެވެ.

ނަމަވެސް ހުރިހާ ކުރެހުންތެރިންވެސް އެފަދަ ފޮޓޯއެއްކުރެހުމަށް އިންކާރު ކުރިއެވެ.

އެފަދަ ފޮޓޯއެއް ކުރަހާނީވެސް ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ އެއްލޯ ކަނު ބޭފުޅެއްވިއްޔާއެވެ.
އަދި ދެފައި މައްޗަށް ކޮޅަށް ހުންނަ ގޮތަށްވެސް ދައްކުވައި ދޭނީ ކިހިނަކުން ހެއްޔެވެ. އެމަނިކުފާނަކީ ކޮރު ބޭފުޅެކެވެ.

ނަމަވެސް އެޖަމާޢަތުގެ ތެރެއިން އެއް ކުރެހުންތެރިޔަކު ދެންނެވިއެވެ. "މަނިކުފާނުގެ ފޮޓޯ އަޅުގަނޑު ކުރަހާނަމެވެ."

އަދި އެތަސްވީރު ކުރަހައި ނިމުނުއިރު އެމަނިކުފާނުގެ ރީތިކަން މިސާލެއްނެއްފަދައިން ފުރިހަމަކަން ދައްކުވައިދިނެވެ.

ފޮޓޯ ކުރެހިއިރު ރަސްގެފާނު ހުންނެވީ ބަޑި ހިއްޕަވައިގެން ޝިކާރަކުރެއްވުމަށް ނިޝާން ބަރާބަރު ކޮށްލައިގެންނެވެ. އެކަމަށްޓަކައި ހުންނެވީ އެއްލޯ މަރުއްވައިގެންނެވެ.

އަދި ކޮރުފައި ބިންމަތީ ކަކޫ ޖައްސަވައިގެން އިށީދެ އިންނެވިގޮތަށް ކުރެއްސެވުމަށްފަހު އެފައިގެ ޢައިބުވެސް ކުރެހުންތެރިޔާ ފޮރުއްވިއެވެ.

އަދި ވަރަށްފަސޭހަކަމާއެކު ކުރެހުންތެރިޔާ އެރަސްގެފާނުގެ އެޢައިބުތައް މިފަދައިން ފޮރުވާލިއެވެ.

އެހެންމީހުންގެ ޢައިބުތައް މިފަދައިން އަހަރެމެންވެސް ފޮރުވަމާހިނގާށެވެ.
އެހެނީ އެހެންމީހުންގެ ޢައިބުތައް ކިތަންމެ ހާމަކަން ބޮޑުކޮށްހުރި ނަމަވެސްމެއެވެ!
އަދި މީހުންގެ ކުރިމަތީގައި އެހެން މީހުންގެ ވާހަކަދެކެވޭހިނދު އެމީހުންގެ ޢައިބުތައް ފޮރުވަމާ ހިނގާށެވެ!
އެހެނީ އެއްވެސް އިންސާނަކީ ޢައިބުތަކުން ޠާހިރުވެގެންވާ މީހެއްނޫނެވެ.
އެހެންމީހުންގެ ރަނގަޅު ސިފަތައް ބަޔާންކޮށް އެންމެންގެ އުފަލަށްޓަކައި ދެކޮޅުވެރިކަން ދޫކޮށްލަމާ ހިނގާށެވެ!
އިބުނުޢުމަރު رضیﷲ ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ.
"އެހެންމުސްލިމުންގެ ޢައިބުތައް ފަރުދާކުރާ މީހުންގެ ޢައިބުތައް ޤިޔާމަތް ދުވަހުން މާތްﷲ އެމީހެއްގެ ޢައިބުތައް ފަރުދާ ކުރައްވާނެއެވެ. "

ގުޅުންހުރި

1 ޚިޔާލު

  1. މާޝާ ﷲ! ވަރަށް ޢިބްރަތްތެރި ވާހަކައެއް

Your email address will not be published. Required fields are marked *

More in ވާހަކަ