ވާހަކަ

ނަޞީބާއި ބުއްދި

ނަޞީބާއި ބުއްދިއަކީ އެންމެ ކުޑައިރުއްސުރެން އެކުގައި އުޅެބޮޑުވި ދެރަޙުމަތްތެރިންނެވެ. ޔުނިވަރސިޓީ ނިންމީވެސް ދެމީހުން އެކުގައެވެ. އަހަރުގެ ފަހު ސިމެސްޓާ ކިޔެވުން ނިމުމާއެކު ދެއެކުވެރިން ގެއިން ނުކުތީ ކާރުބުރެއް ޖަހާލާ ށެވެ.

ބާރު ދުވެލީގައި ކާރުދުއްވަމުން މަޖާކުރަމުން ދިޔައެވެ. މިހެން ދުއްވަމުންގޮސް ކާރުގެ ޕެޓްރޯލް ހުސްވެ ކާރު ހުއްޓުނީ މީހުން ނޫޅޭ ވަރަށް ދުރު، ވަށައިގެން ޖަންގަލި އޮތް ހިސާބަކަށެވެ. އިރުއޮއްސެ އަނދިރިވުމުގެ ކުރިން މީހުން އުޅޭ ހިސާބަކަށް ދެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ހިނގާފައި އެހާދުރަށްދާނެ ހިތްވަރެއް އެކަކުގައިވެސްނެތެވެ. އެންމެފަހުން ދެމީހުން ވާހަކަދައްކާފައި ނިންމީ އެހީތެރިވާނެ ބަޔަކާ ދިމާވަންދެން އެތަނުގައި ތިބުމަށެވެ.

އަނދިރިވީއިރުވެސް އެވެސް ބަޔައެއްގެ ހިލަމެއް ނުވިއެވެ. ރޭވެ މާބޮޑަށް ލަސްވާންފެށުމުން ނިދާނެގޮތަކާމެދު ވިސްނާފައި ބުއްދި ނިންމީ މަގުގެ އެއްފަރާތުގައިހުރި ގަހެއްގެ ދަށުގައި ނިދާށެވެ. ނަޞީބު ނިންމީ އެއޮށްބޮޑު ހައިވޭ މަތީގައި ނިދުމަށެވެ. ބުއްދި، ނަޞީބާ ދިމާލަށް ބުންޏެވެ. "މަގުގެ މެދުގައި ނިދަން ތިއުޅެނީ ނަޞީބު ތިހިރީ މޮޔަވެފައި ހެއްޔެވެ؟ މަގެއްގެ މެދުގައި ނިދުމަކީ އަމިއްލެއަށް މަރަށް ދަޢުވަތު ދިނުން ފަދަ ކަމެކެވެ."

ނަޞީބު ޖަވާބު ދިނެވެ. "ނޫން އެންމެ ރަނގަޅުގޮތަކީ މަގުގެ މެދުގައި ނިދުމެވެ. އެއީ އެތާނގައި އޮއްވާ މީހަކަށް ފެނިއްޖެނަމަ ގޮވާފައި އެތާގައި ނިދަން އޮތް ސަބަބު އޮޅުންފިލުވާނެއެވެ. އަދި އެމީހަކު އަހަރެމެންނަށް އެހީވާނެއެވެ."

މިހެން ބުނުމަށްފަހު ނަޞީބު ނިދަންއޮށޯތީ މަގުގެ މެދުގައެވެ. ބުއްދި އޮށޯތީ މަގުގެ އެއްފަރާތުގައި ހުރި ގަހުގެ ދަށުގައެވެ. ދެމީހުން ނިދިތާ އިރުގަނޑެއްގެ ފަހުން ބޮޑު ޓްރަކެއް ބާރު ދުވެލީގައި ދުއްވަމުން އައިސް އެދެމީހުން ތިބި ހިސާބާ އަރާހަމަވިއެވެ. ކުއްލިއަކަށް ޑްރައިވަރަށް ފެނުނީ މަގުގެމެދުގައި މީހަކު ނިދަން އޮށްވައެވެ. ސިއްސައިގެންގޮސް މަގުގެ މެދުގައި ނިދާފައި އޮތް މީހާގައިން ޓްރަކް ނައްޓަންކުރި މަސައްކަތުން އަރިއަޅާލައިގެން ގޮސް ޖެހުނީ އެތާގައިހުރި ބޮޑުގަހުޖެ ބުޑުގައެވެ. ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ބުއްދި ޓްރަކްގެ ދަށުވެ މަރުވީއެވެ. މަގުގެ މެދުގައި ނިދާފައިއޮތް ނަސީބު ސަލާމަތްވެ މަރުވީ ދުރުގައިއޮތް ބުއްދިއެވެ.

ޙަޤީޤީ ދިރިއުޅުމުގައި ބައެއްފަހަރު ކަންކަން ދިމާވަނީ މިކަހަލަ ގޮތަކަށެވެ. މީހުންގެ ދިރިއުޅުން ނަޞީބުން ކިހާ އުސްމިނަކަށް އެބަދޭހެއްޔެވެ. ބައެއްފަހަރު މާރަނގަޅު ވިސްނުމަކާއި ބުއްދިއެއްނެތް މީހަކުވެސް ކޮށްލާކަމަކުން ވަރަށް ކުރިއަރައިގެން ހިނގައިދާނެއެވެ. އެއީ އެކަމެއް ކުރަން އެންމެ ރަނގަޅު ދަނޑިވަޅާއި ސާޢަތާ ދިމާވުމުންނެވެ.

- ކުރަން އުޅޭ ދަތުރެއް ބައެއްފަހަރު ބޭނުންވާ ދުވަހަށް ނުކުރެވި ލަސްވުން އެއީ ރަނގަޅަށްވާ ކަމަކަށް ވެދެއެވެ.
- ކުރަންއުޅޭ ކައިވެނި ލަސްވުމަކީ ބަރަކާތަކަށްވެސް ވެއެވެ.
- ވަޒީފާއިން ވަކިކޮށްލުންވެސް އެއީ ފުޅާ ވިޔަފާރިއެއްގެ ތެރެއަށް މީހާ ވަދެވުމަށް މެދުވެރިވާ ސަބަބަކަށް ވެސް ވެދެއެވެ.
- ދަރިން ނުލިބުންވެސް އެއީ އެކަމުގައި ކޮންމެވެސް މަޞްލަހަތެއް އެކުލެވިގެންވާ ކަމަކަށްވެއެވެ.
- ދަރިފުޅު ޅައުރުގައި މަރުވުން އެކަމުގައި ޙިކުމަތެއް އެކުލެވިގެންވާ ކަމަކަށްވެސް ވެގެންދެއެވެ.

މޫސާ ޢަލައިހިއްސަލާމް، ޙިޟުރު ޢަލައިހިއްސަލާމާއެކު ކުރެއްވި ދަތުރުފުޅުގައި ކުޑަކުއްޖަކާ ދިމާވިހިނދު އެކުއްޖާ ޤަތުލުކުރެއްވިއެވެ. އެކުއްޖާ ޤަތުލުކުރެވުނު ސަބަބާމެދު މޫސާގެފާނު ސުވާލުކުރެއްވުމުން ޙިޟުރުޢަލައިހިއްސަލާމް ދެއްވި ޖަވާބު ބަޔާންކުރައްވައި މާތްﷲ ވަޙީކުރެއްވިއެވެ. "އަދި އެފިރިހެންކުއްޖާ އާއި މެދު ދަންނާށެވެ! ފަހެ، އޭނާގެ މައިންބަފައިންވީ ( ހެޔޮލަފާ ) މުއުމިނުން ކަމުގައެވެ. ފަހެ، އެ ދެމީހުން އުރެދި ކާފިރުވާ ދަރަޖައަށް އެދެމީހުންނަށް އެކުއްޖާ އުނދަގޫކޮށް، އަނިޔާދީފާނެކަމަށް ތިމަންކަލޭގެފާނު ބިރުގަތީއެވެ." ( ކަހަފު ސޫރަތުގެ 80 ވަނަ އާޔަތް ) ޙިޟުރު ޢަލައިހިއްސަލާމް އެކުއްޖާ ޤަތުދު ކުރެއްވީ އެކުއްޖާގެ މައިންބަފައިންގެ މަޞްލަހަތައްޓަކައެވެ. އޭގެފަހުން މާތްﷲ އެދެމީހުންނަށް ޞާލިޙުވެގެންވާ އެހެން ދަރިއަކު ދެއްވިއެވެ.

ޙިޟުރުޢަލައިހިއްސަލާމް ކަންކުރެއްވީ މާﷲ ގެ އެންގެވުމާ އެއްގޮތަށެވެ. ބައެއްފަހަރު އަހަރެމެން ވަރަށް ހިތްއެދޭކަމެއް އަހަރެމެންނަށް ވަރަށް ބޮޑު ނުރައްކަލަކަށްވެސް ވެދެއެވެ. އަދި ހިތްނޭދޭ ކަންތައްވެފައި އޮންނަނީ ދެދުނިޔޭގެ ބާއްޖަވެރިކަމަކަށެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
މާތްﷲ ވަހީކުރެއްވިއެވެ. "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެއެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށްވެދާނެއެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައި މީހުންނަކަށް ނޭނގެއެވެ." (ބަޤަރާސޫރަތުގެ: 216 ވަނަ އާޔަތް )

އަހަރެމެން ވިސްނަންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތެވެ. "ނަސީބަކީ ކަތީބަކުދޭ އެއްޗެއްނޫނެވެ." ނަސީބު ލައްވާލަނީ އެކަމަކަށްޓަކައި މަސައްކަތްވެސް ކުރުމުންނެވެ. އެނޫންގޮތަކަށް ނަސީބު ލައްވާލަނީ ވަރަށް މަދުފަހަރަކުއެވެ.
( ނިމުނީ )

ގުޅުންހުރި

1 ޚިޔާލު

  1. Varah iburahtheri vaahaka eh.. maasha allah

Your email address will not be published. Required fields are marked *

More in ވާހަކަ