''ކަލޭ އަންނަންވީނު ރޭގަނޑު އަހަރުންގެއަށް ކުނި އުކާލަދޭން...''
ނޭންގި ހުއްޓާ ލިބުނު ރަނުގެ ފުރުސަތަށް އަހަރެން ޙަމްދުކުރީމެވެ.
އެރެއިން ފެށިގެން ރޭގަނޑު އަށެއްޖަހާއިރު އެގެއަށް އަހަރެން ކުނި އުކާލަދޭން ދަމެވެ.
ދުވަސްކޮޅަކުން، އަހަރެން އެގޭ މީހުންގެ މެދުގައި މަޝްހޫރުވެއްޖެއެވެ. ސާފްތާހިރުކަމާއި، އުޅުން ރަނގަޅުކަމަށް ބުނެއެވެ. އަހަރެން ވަރަށް އުފާކުރީމެވެ. ވަޒީފާގައި ދިމާވާ ކަންތައްތަކުގައި ބޮސްގެ ނުރުހުމުގެ ބަސްތައް ރައްދުވިކަމުގައި ވިޔަސް، ބޮސްގެ އާއިލާއިން ދޭ އެއްބާރުލުމަށްޓަކާ ހިތުގެ އަޑިން ޝުކުރުކުރީމެވެ.
ރާއްޖޭގައި އުޅޭ އަހަރެމެންގެ ޤައުމުގެމީހުންނާއި އަޅާބަލާއިރު އަހަރެންނަށް މާތް ﷲގެ އިރާދަފުޅުން ލިބިފައިވަނީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ލާނެ އަންނައުނާއި، ކާނެ ތަކެއްޗާއި، މިފަދަ ކަންތަކަށް އަހަރެންނަށް އެއްވެސް ދައްޗެއް ނެތެވެ.
އަހަރެން ބޭނުންކޮށްގެން އިތުރުވާވަރަށް އަންނައުވެސް ލިބެއެވެ. ބައެއް ތަކެތި ރަށަށް ފޮނުވަމެވެ.
ބައެއްތަކެތި އަހަރެން ދެނީ، ހުކުރު ދުވަސްތަކުގައި ދިމާވާ، އަހަރެންގެ ޤައުމުގެ ބައެއް މީހުންނަށެވެ.
ހިތްހަމަ ޖެހެއެވެ. މީހުންނަށް އަހަރެންގެ ފަރާތުން އެހީތެރިކަމެއް ވެދެވޭތީއެވެ. އަދި އަހަރެންގެ މައިންބަފައިންވެސް ތިބީ ވަރަށް އުފަލުންނެވެ. ގޭގެ ޚަރަދު ބަރަދުކުރެވޭތީ ބައްޕަ އަހަންނަށް ގުޅާފައި ކިތަންމެ ދުވަހަކު ޝުކުރުއަދާކޮށްފިއެވެ. އެކަމަކު އަހަރެން އެކަމަށް ލަދުވެތިވަމެވެ. އެއީ އަހަރެންގެ މުޅި އުމުރުގައި މަސައްކަތްކުރި ކަމުގައި ވިޔަސް، މައިންބަފައިން އަހަރެންނަށްޓަކައި އުފުލި ބުރައާއި،ކުރި މަސައްކަތުގެ އަގު އަހަންނަށް އަދާކޮށްނުދެވޭނެތީއެވެ.
''ދަރިފުޅާ...މަންމަ ވަރަށްބަލި...'' ބައްޕަގެ ކޯލެއް އައެވެ. ވަރަށް ހިތްވަރުކޮށްގެންހުރެ އެހެން ބުނިކަން އަޑުން ފާހަގަކުރެވުނަސް، ބައްޕަހުރީ ރޮއެފަކަން އަހަންނަށް އެނގުނެވެ. މަންމަ ބައްޔޭ ބައްޕަ ބުނާނީ، މަންމަގެ ހާލަތު ވަރަށް ދެރަވީމަކަން އަހަންނަށް ވިސްނުނެވެ.
‘’އަހަރެން މަންމަ ބަލިހުންނަނީ....'' އަހަރެންނަށް އެނގޭވަރަކުން، ވީހާވެސް ސާފްކޮށް ދިވެހިބަހުން ބުނެވޭތޯ ބެލީމެވެ.
''އެހެންވީމަ؟....'' ބޮސްގެ އަޑުގައި ރަޙުމެއް ނެތެވެ.
''އަހަރެން ޗުއްޓީބޭނުންވަނީ...'' އަހަރެން މަޑުމޮޅިކަމާއިއެކު އެހެންބުނީ ބޮސްގެ ފަރާތުން ކުޑަނަމަވެސް އެއްބާރުލުމެއް ލިބޭނެކަމަށެވެ.
''އެހެން ކިހިނެއް ޗުއްޓީ ދޭނީ.... މިތާ އުޅޭ އެންމެ ރަގަޅު އެކަކުތީ... ކަލޭދިޔައީމަ ދެން ކިހިނެއްވާނީ... މަބޭނުން މިހާރު ހަވާލުވެފަ މިހިރަ މަސައްކަތް ނިންމަންބުނި ދުވަހަށް ނިންމަން... މަސައްކަތްލިބޭނީވެސް ކޮންވެސް ކަހަލަ އިތުބާރެއް އޮތީމަތާ... ކަލޭމެން ތިހެން އިރު އިރުކޮޅާ ގައުމަށް ދިޔަޔަސް، އަހަރެމެން ލައްކަ ކަމެއް މިތާ ކުރަންޖެހެއޭ.. ކާންބޯން ކުރާ މަސައްކަތްވިއްޔަ...''
އަހަރެންގެ ލޮލުން ފެންއައެވެ. އަންހެންކުއްޖެއްހެން ބޮސް ކުރިމަތީ ހުއްޓާ ރޮވުނެވެ.
''ދެން ކަލޭ ރޯންވީވަރުކަމެއްތަ އެއީ... ކިހާ ދުވަހެއް ބޭނުންވަނީ....'' އެންމެ ފަހުން ބޮސް ދެރަވިއެވެ.
''މަންމަ ރަގަޅުވަނީ.. އަހަރެން އަންނަނީ...'' އަހަރެން ބުނީމެވެ.
މާގިނަ ވަގުތެއްނުނަގާ އަހަންނަށް ޓިކެޓްގެ ކަންތައް ބޮސް ހަމަޖައްސާދިނެވެ. ވަރަށް ޝުކުރުއަދާކޮށްފައި އަހަރެން ފުރަން އެއަރޕޯޓަށް ދިޔައީމެވެ.
އަމާން އޮމާންކަމާއިއެކީ ދަތުރުގެ ކަންތައްނިމިއްޖެއެވެ. ޤައުމަށް އާދެވިއްޖެއެވެ.
މަންމަގެ ބައްޔަކީ ޓީބީއެވެ. މިހާރު މަންމަ ވަނީ އެބަލީގެ އެންމެ ސީރިއަސް ހާލަތުގައެވެ.
މިހުރިހާ ދުވަސްވަންދެން މިވާހަކަ މަންމަ ނުބުނެހުރީ މާލީ ތަނަވަސްކަމެއް ނެތީމައެވެ. ބައްޕައަށްވެސް ސިއްރުކޮށްގެންނެވެ.
އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ކުރާނެކަމެއް ނެތްތާ، ބުނާނެ އެއްޗެއްވެސް ނޭންގުނެވެ.
މަޑުމޮޅިކަމާއިއެކު އަވަށާއި ދުރުހިސާބެއްގައިވާ އާދައިގެ ހޮސްޕިޓަލެއްގައި މަންމަ އެޑްމިޓްކޮށްގެން އަހަރެމެން ތިބީމެވެ. ބައްޕަ ރޭގަނޑު ހުރިއްޔާ ދުވާލު، މަންމަ ކައިރީ ހުންނަނީ އަހަރެންނެވެ.
ދުވަސްތައް ދިގުލައިގެންދަނީއެވެ. މަންމަގެ ބަލީގެ އަސަރު އިހުނަށްވުރެ ބޮޑަށް ފެންނަންފެށިއެވެ. ކެއްސާ ކޮންމެފަހަރަކު ލޭ އާދެއެވެ. އެފަކީރު ގައިގައި އެއްވެސްކަހަލަ ހަކަތައެއް ނެތެވެ.
ޤައުމަށް އައިތާ އެއްމަސްވެއްޖެއެވެ.
ބޮސް ގުޅާނުލާތީ އަހަރެން ބޮސްއަށް ގުޅީމެވެ.
''ކަލޭ އަދިވެސް އަންނާކަށްނުވޭތަ...'' ރުޅިވެރިއަޑެކެވެ.
''މަންމަ ވަރަށް ސީރިއަސް ހުންނަނީ...'' އަހަރެންގެ އަޑު ކެނޑިކެނޑިގެން އައެވެ.
''ދެން އަހަރެމެން އެހެންމީހަކު ހޯދަންވީތަ؟...ކަލެއަށް އާދެވޭނެ ދުވަހެއް އެނގިގެންތާ ބޭނުން ދުވަހަކަށް ވަޒީފާ ބޭއްވޭނީ...؟''
''އަހަރެންނަށް ނޭންގެނީ ދެވޭ ދުވަހެއް... މަންމަ ސީރިއަސްވަނީ.. ބައްޕަ އެކަނި ހުންނަނީ.. ބޮޑުމީހުން ނުހުންނަނީ..'' އަހަރެން ބޮސްއަށް ވިސްނުވާދެވޭތޯ މަސައްކަތްކުރީމެވެ.
ނަމަވެސް އަހަރެންގެ ވަޒީފާގެއްލިދާނެކަމުގެ ބިރަށްޓަކާ ދައްކާނެ ވާހަކައަކާއިމެދު ވިސްނަން މަޖުބޫރުވިއެވެ. އެވަޒީފާއަކީ އަހަރެންގެ، އަހަރެމެންގެ ދިރިއުޅުމަށް ވަރަށް މުހިންމު ވަޒީފާއެކެވެ.
މިހާރު ކޮންމެވެސް ވަރަކަށް އަތްމަތި ތަނަވަސްކޮށް އުޅުނުކަމުގައިވިޔަސް، އަދި ކުޑައަށްތިބި އަހަރެންގެ ތިން ކޮއްކޮއަށް ކިޔަވާދޭން އަހަރެން މަސައްކަތްކުރަން އެބަޖެހެއެވެ.
''ޑރ ބުނަނީ މަންމަ ޓީބީ ހުންނަނީ..އަނގައިން ލޭ އަންނަނީ...'' އަހަރެންނަށް ރޮވެން ފެށިއެވެ.
''އަނ..ދެން ނުރޮއި...އެކަމަކު ދެން ބެލޭނީ އެއްމަހަށް އިނގޭ.. ކަލޭ ނެތީމަ އަސްލުވަރަށް އުނދަގޫ.. ބައެއް މަސައްކަތް މަޑުޖެހިފަ އެހެރީ.. އެެއްބަޔަކު ފިލައިފި މިހާރުވެސް... އެހާވެސް ކާމްޗޯރުން މި އުޅެނީ...'' ބޮސް ހުރީ ހިތްހަމަ ނުޖެހިފައެވެ.
ހަޤީޤަތަކީ އަހަރެންވެސް އެ ހާލަތުގައި ވީނަމަ އެހާ ހިތްހަމަ ނުޖެހޭނެކަމެވެ. އަހަރެމެން އެމީހުންގެ މަސައްކަތްކޮށްދީގެން ކާން، ބޯން މަސައްކަތްކުރާގޮތަށް، އެމީހުންވެސް އާމްދަނީ ހޯދަނީ މީހުންގެ މަސައްކަތްކޮށްގެންނެވެ. އަދި ބުނާ ބަހުގެ އިތުބާރުނެތްނަމަ އެއްވެސް ތަނަކުން އެބަޔަކަށް މަސައްކަތްކުރުމުގެ ފުރުސަތު ނުދޭނެކަން އެއީ ހަޤީޤަތެކެވެ.
އަހަރެން ވިސްނަންފެށީމެވެ.
ބައްޕަ އަހަރެންނާއި ވާހަކަދައްކަމުންދާކަންވެސް އަހަންނަށް އޭރަކު ނޭންގެއެވެ.
''އެއޮށް އިރު އޮއްސުނީ....ގެއަށްދޭ...ކިހިނެއްވެފަ...'' ބައްޕަ އަހަރެންގެ ކޮނޑުގައި ކޮއްޓާލިއެވެ.
''ބައްޕާ...އަހަރެންގެ ވަޒީފާ ގެއްލިދާނެހެން ހީވަނީ....ބޮސް ހިތްހަމަ ނުޖެހިފަ ހުރީ...'' އަހަރެންނަށް ދައްކާނެ މާގިނަ ވާހަކަތަކެއް ނޭންގުނެވެ.
''މާތް ﷲހާ ވަކީލް...ދަރިފުޅުދާންވީނު.. ދެން މާގިނަ ދުވަހަކު ނޭންގެ މަންމަ އޮންނާނެކަމެއް.. ޑޮކްޓަރު ބުނީ ޓީބީގެ އެންމެ ފަހު ސްޓޭޖްގައޭ މަންމަ އެވަނީ... އަހަރެމެންނަށްވެސް އަދި ޑޮކްޓަރަކަށްވެސް މަންމަ ދެން ސަލާމަތެއްނުކުރެވޭނެ...''ފެންކަޅިވެ އިނދެ ބައްޕަ ވާހަކަދެއްކިއެވެ.
''ދަރިފުޅުގެ ހަނގަށް ތިންކުދިން...ކުޑަ ތިން ކުދިން...ބައްޕައަކަށް ދަރިފުޅުވެސް ބޮޑެއްނޫން.. އެކަމަކު އިތުރުގޮތެއް ނެތިގެން ދަރިފުޅު ފޮނުވަން ޖެހުނީ... ދަރިފުޅު ކުރި މަސައްކަތުން އެ ތިންކުދިންނަށްވެސް ރަގަޅު ސްކޫލަކުން ޖާގަ ލިބުނީ... އެކުދިންގެ ކިޔެވުން އަދި ނިމޭނީ ހަތަރުވަރަކަށް އަހަރުފަހުން.... އެހާދުވަސްވަންދެން ދަރިފުޅު ދިވެހިރާއްޖޭގަ މަސައްކަތްކުރާކަށް ބައްޕަ އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ..'' ބައްޕަ ފުންނޭވާއެއްލާފައި އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
''ބައްޕާ...'' އަހަރެންނަށް ހިފެހެއްޓުމެއް ނެތި ބާރަށް ރޮއިގަނެވުނެވެ.
''ހިތްވަރުކުރޭ ދަރިފުޅާ.. ހިތްވަރުކުރޭ... ބައްޕަވެސް މިހާވަރުވެފަ މިހިރީ ދަރިފުޅުވަރުވެފައެއްނު.. ތިކަހަލަ ކިތަންމެ ކަމެއް ދިމާވި...''
''ދިވެހިރާއްޖެއަށް ގޮސް ދެން މާގިނަ ދުވަހަކު ދަރިފުޅު މަސައްކަތްކުރާކަށް ނުޖެހޭނެ.. ބައްޕަ މިބުނާގޮތަށް ހަދާ...ވީހާވެސް ގިނަ މަސައްކަތެއްކޮށް... ވީހާވެސް ގިނައިން ލާރިލިބޭތޯ މަސައްކަތްކުރޭ.. އޭރުން އެނބުރި ޤައުމަށް އާދެވޭއިރު ބައްޕަ ދުނިޔޭގެ ހުރިއްޔާ ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ފެށޭތޯ ބަލާނަން...''
އަހަރެން އަނެއްކާވެސް ރާއްޖެ ދިޔުމުގެ ވިސްނުން ގެންގުޅެން ފެށީމެވެ. މީގެ ކުރިން އަހަރެން ހުރީ ދެން އެނބުރި ރާއްޖެ ނުދާށެވެ.
އެކަމަކު ބައްޕަގެ އެ ހިތްވަރުގެ ބަސްތަކުން އަހަރެންނަށް އިތުރު އުންމީދުތަކެއް ކުރެވެންފެށިއެވެ. ކޮއްކޮމެންނަށް ކިޔަވާދިނުމަށާއި، ފަހުން އަރާމުކޮށް އުޅެލެވޭނެ ދިރިއުޅުމެއް ހޯދަން އަހަރެން އަތުކުރި އޮޅާލީމެވެ.
ރާޖޫ ދިން ނަސޭހަތާއިމެދު މިފަހަރު ވަރަށް ފުންކޮށް ވިސްނާލީމެވެ.
އެކަމަކު ދެތިން ހަފްތާއަށް މަޑުކުރީ މަންމަކައިރީ ވަގުތު ހޭދަކޮށްލުމަށެވެ.
އެތައް ޒަމާނެއްވަންދެން އެބަލީގައި އޮތުމުގެ ސަބަބުން މަންމަގެ ހަށިގަނޑެކޭ، ދިރިއޮތް ކަށިގަނޑެކޭ އެއްވަރެވެ.
އެނދުމަތީގައި މީހަކު އޮތްކަންވެސް އެނގެނީ މަންމަގެ މޫނުފެންނާތީއެވެ. ގައިމަތީ އަޅާފައިވާ ފޮތިގަނޑުގެ ދަށުގައި އިންސާނެއްގެ ހަށިގަނޑު އޮތްކަމަށް ދައްކަނީ ހަމައެކަނި ކުރެހުމަކުން ފެންނަ ފަދައިންނެވެ.
''ދަރިފުޅު ފުރުމުގެ ކަންތައް ނިމިއްޖެ.. އަންނަ އާދިއްތަ ދުވަހު ފުރަންޖެހެނީ...'' އަހަރެން ހޮސްޕިޓަލަށް އައުމާއި އެކު ބައްޕަ ދިނީ ފުރާ ޚަބަރެވެ.
ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭންގުނެވެ. މަޑުމޮޅިކަމާއި އެކު މަންމައާއި ދިމާލަށް ބަލާލީމެވެ. މަންމަ އެޙާލުގައި އޮއްވާ ފުރަން ހިތްހަމަ ނުޖެހެނީއެވެ.
''މަންމައާއި މެދު ނުވިސްނާ....ހުރިހާކަމެއްވެސް ވާނީ އެންމެ ރަގަޅަކަށް....'' ބައްޕަ އަހަރެންގެ ކޮނޑުގައި ޖަހާލަމުން ހިނގައިގަތެވެ.
ފުރަން އޮތް ދުވަސް ގާތްވާވަރަކަށް ހިތް އަވަސްވަމުންދިޔައެވެ. ހިތައް އަރަނީ ދިވެހިރާއްޖެއަށް އެނބުރި ނުދިޔުމަށެވެ. އަނެއްކޮޅުން ކޮއްކޮމެންނާއި މެދު ވިސްނޭވަރަކަށް މިހާރުން މިހާރަށްވެސް ފުރައިގެން ދާނީ ހިތައް އަރައެވެ.
އަހަރެން ފުރައިގެން މިދަނީ ދިވެހި ރާއްޖެއަށެވެ. ދެވަނަ ފަހަރަށެވެ. ލޯބިވާ މަންމަ މަރުވާން ދޫކޮށްލާފައެވެ.
ޝެޑިއުލް އޮންނަ ގޮތުން އަހަރެމެންނަށް ދިވެހިރާއްޖެ ދެވެން އޮންނަނީ ސްރީލަންކާގައި މަޑުކޮށްފައެވެ.
އެހެންކަމުން ބޯޓު ނައްޓާލަންދެން މަޑުކޮށްލައިގެން އިނީމެވެ. މިތަނުން ވަރަށް ގިނަ ދިވެހިންނާއި ދިމާވިއެވެ. ނުވެސް ދަންނަ މީހުންވެސް އައިސް އަހަންނާއި ވާހަކަދެއްކިއެވެ. އަހަރެން އިނީ އަޖައިބުވެފައެވެ. މިއީ އާންމުކޮށް ވާކަމަށް ނުވާތީއެވެ. އެކަމަކު ރާއްޖެމީހުންނަކީވެސް ހިތްހެޔޮބައެއްކަން އަހަންނަށް އެނގުނެވެ.
''ކޮންނަމެއް ކިޔަނީ....'' މީހަކު އައިސް އަހަރެން ކައިރީ އިށީނެވެ.
''ޓޮރިކުލް....''
''ދިވެއްސެއް ނޫންދޯ....'' އެއީ އަންހެން މީހެކެވެ. އެމީހާ ހީކުރީ އަހަރެން މިއީ ދިވެއްސެއްކަމަށެވެ.
''އަނ..އެކަމަކު ކުޑަ ދިވެހި ހުންނަނީ..'' އަހަރެންވެސް ދިވެހިން ވާހަކަދެއްކީމެވެ.
އެމީހާ ފެށީ ހޭށެވެ. އަހަރެން ވާހަކަދެއްކިގޮތުންކަމަށްވެސް ވެދާނެއެވެ.
''ކޮން މަސައްކަތެއްކުރަނީ....'' މެދު އުމުރުގެ އެ އަންހެންމީހާ އަހަންނާއި ސުވާލުކުރިއެވެ.
'' ރާނަނީ.... އެހެން މަސައްކަތްވެސް ކުރަން....'' އަހަރެން ހީލާފައި ޖަވާބު ދިނީމެވެ.
އެއަރޕޯޓްގައި ދެކެވުނު ވާހަކަތަކާއި މެދު އަހަންނަށް ވިސްނެނީއެވެ. އެ އަންހެންމީހާ އެދިޔައި އަހަންނަށް ލާރިލިބޭނެ މަގު ތަނަވަސްވެފައިވާކަމަށްބުނެފައެވެ. އެކަމަކު ކިހިނެއްކަމެއް އޭނާ ކިޔައެއް ނުދެއެވެ. ހަމައެކަނި އޭނާގެ ގެއަށް އައުމަށް އެދުނީއެވެ. އެގެ ހުންނަ ތަނާއި، ގުޅާނެ ނަންބަރުވެސް އޭނާ އަހަންނަށް ދިނެވެ.
އަހަންނަށް މިވަގުތު ލާރި ވަރަށް މުހިންމެވެ. މަންމަގެ ބަލި ރަގަޅުނުވިޔަސް، އެ ހޮސްޕިޓަލުގައި އޮތްހާ ދުވަހަކު ދައްކަންޖެހޭ ލާރި އެތައްގުނައަކަށް އަރާނެއެވެ. ބައްޕަ މަސައްކަތްކުރަން ގޮސްފިނަމަ މަންމަ އެކަނިވާނެއެވެ. އެހެންކަމުން ހުރިހާކަމެއްގެ ޒިންމާއަހަރެން ނެގީމެވެ.
މާލެއައިސް އެ އަންހެންމީހާގެ ގެއަށް އަހަރެން ހުކުރު ދުވަހު ދިޔައީމެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއެކެވެ.
އެގޭގައި މީހުން ނޫޅެއެވެ. އޭނާ އަހަންނަށް ހަވާލުކުރީ ގޭތެރެ ކުނިކެހުމާއި، ފޮޅާ ސާފްކުރުމުގެ މަސައްކަތެވެ. އަދި މިއީ ފުރަތަމަ މަޝްރޫޢުއޭ ބުނެލިއެވެ.
އަހަރެންގެ ވަޒީފާއަށްފަހު، ދެން އެންމެ އިސްކަމެއް މިހާރު އަހަރެން ދެނީ އެގެއަށް ދިޔުމަށެވެ.އެގޭގައި ކުޑަ މަސައްކަތެއްކޮށްގެން އަހަންނަށް މަހެއްމައްޗަށް ތިންހާސް ރުފިޔާ ލިބޭތީއެވެ.
ފަހުން ފަހުން އައިސް އަހަރެން ކުރަންޖެހޭ މަސައްކަތްތައް ބޮޑުވިއެވެ. ހުކުރު ދުވަސް ނޫން ދުވަސްދުވަހުވެސް އަހަރެން ރޭގަނޑު އެގެއަށް ދަމެވެ. ރޭގަނޑު އެގޭގައި ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިން ތިބެއެވެ. އެގޭގައި ހުންނަ ދެ ކޮޓަރީގައި އެކުދިން އުޅޭއިރު އަހަރެން ހުންނަނީ ސިޓިންގރޫމްގައެވެ.
ބައެއް ރޭރޭ އަންހެންމީހާ އެ ކޮޓަރިތަކަށްވަދެއެވެ. ބައެއް ރޭރޭ ހީ ސަކަރާތްޖަހާއަޑުވެސް އަހަންނަށް އިވެއެވެ.
މިހާރު އަހަންނަށް އެގެއަށް ނުގޮސް ކެތްވެސް ނުވަނީއެވެ.
އާއެކެވެ. އަހަރެން މަސްތުވާތަކެއްޗަށް ދެވި ހިފީ ނުވެސް ވިސްނާ ހުއްޓައެވެ. ފުރަތަމަ އަހަރެންގެ އަތަށް އެ އަންހެންމީހާ ހެރީ ސިރިންޖެކެވެ. އޭގެ ފަހުގައި އެގެއަށް ނުގޮސް ކެެތްނުވާވަރުވީއެވެ.
ގައުމަށް ލާރި ނުފޮނުވާތީ ބައްޕަ ގުޅައެެވެ. އެކަމަކު އަހަރެން ފޯނެއް ނުނަގަމެވެ. އެއްދުވަހެއްގެ ހެނދުނު އަހަރެން ހޭލިއިރު ބޮޑުމީހާ އަހަރެން އުޅޭގެއަށް އައިސް ހުއްޓެވެ.
''ކަލޭ މިހާރު ތިއުޅެނީ ކޮންފާޑަކަށްތަ.... އެނގޭތަ ކަލެއަށް މަސައްކަތަށް ނުކުމެވުނީ ކިތައް ދުވަހުކަމެއް... އަހަރެން މިއައީ ކަލޭގެ ބައްޕަ ގުޅާފަ..ކަލޭގެ މަންމަ މަރުވިވާހަކަ ބުނީމަ....ގުޅާ ގުޅާ ފޯނެއް ނުނަގާ ވިއްޔަ...ދެން ހެޔޮ ކަލޭ ނަޔަސް... މިއަދުން ފެށިގެން ވަޒީފާއިން ވަކިކޮށްފަ ތިހިރީ.. ދާނެ ތަނަކަށް ދާންވީ....'' ބޮސް ހުރީ ހިތްހަމަ ނުޖެހިފައެވެ.
އަހަރެންނަށް ރޯންވެސް ނޭންގުނެވެ. ރާއްޖެއައިތާ ދެތިން މަސްތެރޭ އަހަންނަށް އަހަރެންގެ އަޤީދާ އޮޅުނީއެވެ.
އެކަމަކުވެސް، ކަރުހިއްކައިގަނެފައިވާ މީހެއްފަދައިން އަހަރެން މަސްތުވާތަކެއްޗަށް ފެންބޮވައެވެ. އެއާއި ނުލާ އަހަންނަށް ނޭވާވެސް ނުލެވޭނެއެވެ.
ވަޒީފާއިން ވަކިކުރިޔަސް ދެރައެއްނުވެއެވެ. އަހަރެންގެ މިހާރު ޕާޓު، ވައްޑޭއާއި އެކު އަހަރެން ވަގުތު ހޭދަކުރަން ފެށީމެވެ.
އެކި ދުވަހު އެކި މަޖަލުގައި އުޅެމުންދިޔައީމެވެ. ނަމަވެސް އަހަރެމެން ކުރަމުން އައި ނުބައިކަންތަކުގެ ނަތީޖާއަކަށްވީ ހިންގި މާރާމާރީއެއްގައި އަހަރެން އަތުލައިގަތުމެވެ.
އަހަރެންނަށް މި މަގު ދައްކައިދިން އަންހެންމީހާ، ވައްޑޭއަށް ބަޔަކު ހަމަލާދިނީއެވެ. އެތަން ބަލަން އަހަރެން ހުންނާނީ ކިހިނެއް ހެއްޔެވެ.
ކުރީގެ ހަސަދަވެރިކަންވެސް އަހަރެން ބޭރުކޮށްލީއެވެ.
''އަހަރެމެންގެ ޤައުމުގެ މީހުންނަށް ކަލޭމެން ހަދަނީ ކިހިނެއް... ހަދާނެ އެއްޗެއް ހަދަނީ.... ފޭރެނީ....ވަޅިހަރަނީ....އަހަރުންލައްވާ މަސައްކަތްކުރުވާފަ ކަލޭމެން އަރާމުގަ....'' އަހަރެންނަށް މިހާރު ރީތިކޮށް ދިވެހިބަހުން ވާހަކަދައްކަން އެނގެއެވެ.
''.... މަށް ކޮން ރުޅިއެއްތަ ބާލަންވީ..... .... ތިއީ ވަކި ރަނގަޅުމީހެއްތަ.....'' ޒުވާބު ހޫނުވެގެން ދިޔައިރު ދިވެހި މީހާވެސް އަހަންނާއި ދިމާލަށް ހިތަށް އެރިއެއްޗެއް ކިޔެއެވެ.
''މަށަށް އެނގޭ... ..... ވައްޑޭއާއި ހެދި އުޅޭކަން.... .... ފެންވަރުން އުޅެބަލަ... ކަލޯ މިއީ ރާއްޖެއޭ....'' އޭނާ އަހަރެންގެ ބުރަކައްޓަށް ވަޅިހެރީ އެހީސާބުންނެވެ.އަހަރެންވެސް ފަހަތުން ވަޅިހެރީމެވެ.
މިއަދު އަހަރެންނާއި ވައްޑޭވެސް މިދަނީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންނެވެ.
އަހަރެންނަށް މިތަނުން ސަލާމަތްވާނެގޮތެއް ނެތެވެ. ސަބަބަކީ އަހަރެންގެ އަތުން މަސްތުވާތަކެތި ފެނިފައިވުމާއި، މީހަކު މަރާރިކަމުގެ ކުށް އަހަރެންގެ މައްޗަށް ސާބިތުވެފައިވީމައެވެ.
އަހަންނަށް މިހިސާބުން ވިސްނިއްޖެއެކޭ ނުބުނާނަމެވެ. ވިސްނުނަސް ކުރާނެ މާބޮޑުކަމެއް ނެތެވެ. ރާއްޖޭގެ ޖަލެއްގައި ދުވަސްތައް މިހޭދަވަނީ އަހަރެންގެ ނަސީބުންނެވެ. އެހެންތަނެއްގައިނަމަ މަރަށް މަރުވެސް ހިފީހެވެ.
އަހަރެންގެ ކުށަށް އަހަރެން މާފަށް އެދެމެވެ. އަހަރެންނަށްވިޔަސް މިކުރެވުނީ ރަގަޅުކަމެއް ނޫންކަން އަހަރެން ޤަބޫލުކުރަމެވެ. ހަމަ އެކަނި ބުނެލަން އޮތީ، ރާއްޖެއަކީ އުޅެން ރަނގަޅުތަނެއް، އަމާންތަނެއް ނޫންކަމެވެ.
އަދި ބަޔަކު ގޮތަކަށް އުޅުނަސް އަހަރެމެން ކޮންމެހެން އެބަޔަކު ކުރާކަމެއް ކޮޕީކުރާކަށް ނުޖެހޭކަމެވެ. އެކަމަކު އެއީ ރަގަޅުކަމެއްނަމަ މައްސަލައެއްނެތެވެ.
ތިވެސް އަހަރެންފަދަ އިންސާނުންނެވެ. އަދި އަހަންނަކީވެސް ތިފަދަ މީހަކީމެވެ. މިކަން ޤަބޫލުކުރާށެވެ.
-ނިމުނީ-















ހާދަ އަވަހަކަށް ތި ނިންމާލީ!! ވަރަށް ރީތި އިނގޭ އެކަމު… (؛
ވަރަށް ސަޅި ވާހަކައެއް (ޝުކުރިއްޔާ)
ވާހަކަ ވަރަށް ރީތި، ޢިބްރަތްތެރި. އެންމެފަހުން ޓޮރިކުލް ވެސް ފަތްބޮއިގެން މީހަކު މަރައިގެންދީ މި ނިމުނީ. ކީއްކުރާނީ ރާއްޖޭގަ އުޅެންޏާ އެކަހަލަ ކަންތައްވެސް ވާނެ.
ވަރަށް ރިތި ވަަހަކެއް